ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: މޮރޮކޯ 1-0 ޕޯޗުގަލް (ފުލްޓައިމް)

11 Dec 03:25

މެޗުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ހަމަހަމަ ކުޅުމެއް
  • ބްރޫނޯ ކުރީކޮޅުގައި ޖެހި ބޯޅަ ބޯނޯ މަތަކުރި، އަނެއްކޮޅުން ނަސީރީ ޖެހި ބޯޅަ ދިޔައީ ބޭރަށް
  • ދެޓީމުންވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދަމުން ގޮސް ހާފު ނިމެން ދަނިކޮށް މޮރޮކޯ ލީޑު ނެގި
  • ނެސީރީ ޖެހި އެ ގޯލަކީ ޕޯޗުގަލްގެ ގޯލްކީޕަރުގެ ގޯހަކުން ޖެހި ގޯލެއް
  • ޕޯޗުގަލްގެ އިތުރު ހަމަލާތައް ފީލިކްސްއާއި ރަފޭލް ގޮރޭރޯގެ ފަރާތުން ފެނުނު ނަމަވެސް ކާމިޔާބެއް ނުވި
  • ދެވަނަ ހާފްގެ ކުރީކޮޅުގައި ޕޯޗުގަލުން ނުރައްކާތައް ކުރިމަތި ކުރިވި، ރާމޯސްއާއި ފެނާންޑޭސްގެ ހަމަލާ ދިޔައީ ބޭރަށް
  • ފީލިކްސްގެ ބާރު ހަމަލާއަކާއި ރޮނާލްޑޯގެ ހަމަލާތައްވެސް މަތަކުރީ މޮރޮކޯގެ ކީޕަރު ބޯނޯ
  • މޮރޮކޯއަށް ލީޑު ފުޅާކުރަން ލިބުނު ހުސް ފުރުސަތު އަބޫކްލާލް ފޮނުވާލި ނަމަވެސް ދިޔައީ ޕޯޗުގަލް ކީޕަރު ކޮސްޓާ އަތަށް
  • މެޗުގެ އިތުރު ވަގުތުގައި ޗެޑީރާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކި
  • މޮރޮކޯއިން ރަނގަޅަށް ޑިފެންސްކޮށް ސެމީއަށް ދިޔަ
  • އެޓީމު ވެފައި ވަނީ ވޯލްޑް ކަޕްގެ ސެމީއަށް ދިޔަ އެފްރިކާގެ ފުރަތަމަ ގައުމަށް
11 Dec 02:58

މެޗުގެ ކުޅުން ނިންމާލައިފި. ޕޯޗުގަލްގެ މައްޗަށް މޮރޮކޯ އިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުން. ވޯލްޑް ކަޕްގެ ތާރީހުގައި ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަކަށް މޮރޮކޯ. ރޮނާލްޑޯ އާއި ޕޯޗުގަލްގެ ވޯލްޑް ކަޕް ދަތުރު ނިމުމަކަށް.

11 Dec 02:56

'90+7 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ރަފައެލް ލިއާއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޕެޕޭ ބޮލުން ފޮނުވާލި މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Dec 02:55

'90+6 - މޮރޮކޯއަށް ހުސް ފުރުސަތެއް. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އަބޫކްލާލް ފޮނުވާލި ހަމަލާ، ޕޯޗުގަލުގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި.

11 Dec 02:52

'90+3 - މޮރޮކޯގެ ޗެޑީރާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފި. އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދައްކާފައި މިވަނީ ފުރަތަމަ ރީނދޫ ކާޑު ދެއްކިތާ ދެ މިނެޓުގެ ތެރޭގައި.

11 Dec 02:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނެޓުގެ ކުޅުން ދައްކައިފި.

11 Dec 02:49

'90 - ޕޯޗުގަލަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ހަމަލާ، މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފައި.

11 Dec 02:42

'83 - ޕޯޗުގަލްގެ ނުރައްކާތެރި ހަމަލާއެއް. ރޮނާލްޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖޮއާ ފީލިކްސް ފޮނުވާލި ހަމަލާ، މޮރޮކޯ ގޯލުގެ މަތީ ކަނަކަށް އަމާޒުވާން ދަނިކޮށް ކީޕަރު ބޯނޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

11 Dec 02:41

'82 - މޮރޮކޯ އިން ދެ ބަދަލެއް. ބޫފާލް އާއި ޒިޔެޗްގެ ބަދަލުގައި ކުޅެން ނުކުތީ ޒަކަރިއާ އަބޫކްލާލް އާއި ޔަހްޔާ ޖަބްރޭން.

11 Dec 02:40

'79 - ޕޯޗުގަލުން ބަދަލެއް. ޑިއޯގޯ ޑަލޮޓްގެ ބަދަލުގައި ކުޅެން ނުކުތީ ރިކާޑޯ ހޯޓާ.

11 Dec 02:28

'70 - ރަފައެލް ލެއާއޯއަށް ކުރި ފައުލަކާ ގުޅިގެން މޮރޮކޯގެ އަޝްރަފް ޑާރީއަށް ރީނދޫ ކާޑެއް.

11 Dec 02:27

'69 - ޕޯޗުގަލުން ދެ ބަދަލެއް. ގޮންސާލޯ ރާމޯސް އާއި އޮޓާވިއޯގެ ބަދަލުގައި ކުޅެން ނުކުތީ ރަފައެލް ލެއާއޯ އާއި ވިޓީނީއާ.

11 Dec 02:23

'65 - މޮރޮކޯ އިން ދެ ބަދަލެއް. އަމާލާ އާއި އެން ނެސީރީގެ ބަދަލުގައި ކުޅެން ނުކުތީ ވާލިދް ޗެޑީރާ އާއި ބަދްރު ބެނޫން.

11 Dec 02:22

'64 - ޕޯޗުގަލްގެ އިތުރު ނުރައްކަލެއް. ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

11 Dec 02:17

'58 - ޕޯޗުގަލްގެ ނުރައްކަލެއް. އޮޓާވިއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގޮންސާލޯ ރާމޯސް ބޮލުން ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Dec 02:16

'57 - މޮރޮކޯ އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން ކެޕްޓަން ރޯމަން ސައިސްގެ ބަދަލުގައި ކުޅެން ނުކުތީ އަޝްރަފް ޑާރީ.

11 Dec 02:14

'56 - މޮރޮކޯގެ ހަމަލާއެއް. އެން ނެސީރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަޒެއްދިން އޫނާހީ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Dec 02:11

'52 - ޕޯޗުގަލުން ދެ ބަދަލެއް. ގެރޭރޯގެ ބަދަލުގައި ޖޮއާ ކަންސެލޯ، އަދި ރުބެން ނެވޭސްގެ ބަދަލުގައި ކުޅެން ނުކުތީ ކްރިސްޓިއާނޯ ރޮނާލްޑޯ.

11 Dec 02:06

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

11 Dec 01:55

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަމަ ހާފްގައި ފެނުނީ ހަމަހަމަ ކުޅުމެއް
  • ބްރޫނޯ ކުރީކޮޅުގައި ޖެހި ބޯޅަ ބޯނޯ މަތަކުރި، އަނެއްކޮޅުން ނަސީރީ ޖެހި ބޯޅަ ދިޔައީ ބޭރަށް
  • ދެޓީމުންވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދަމުން ގޮސް ހާފު ނިމެން ދަނިކޮށް މޮރޮކޯ ލީޑު ނެގި
  • ނެސީރީ ޖެހި އެ ގޯލަކީ ޕޯޗުގަލްގެ ގޯލްކީޕަރުގެ ގޯހަކުން ޖެހި ގޯލެއް
  • ޕޯޗުގަލްގެ އިތުރު ހަމަލާތައް ފީލިކްސްއާއި ރަފޭލް ގޮރޭރޯގެ ފަރާތުން ފެނުނު ނަމަވެސް ކާމިޔާބެއް ނުވި
11 Dec 01:49

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މޮރޮކޯ ކުރީގައި އޮވެގެން.

11 Dec 01:48
11 Dec 01:48

'45+3 - މޮރޮކޯއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަތިއަތަﷲ ފޮނުވާލި ބާރު ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Dec 01:47

'44 - ޕޯޗުގަލްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާގެ އަރިމަތިން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.

11 Dec 01:44
11 Dec 01:44

'42 - މޮރޮކޯ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޔަހްޔާ އަތިއަތަﷲ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން މޮރޮކޯއަށް އެ ގޯލު ޔޫސުފް އެން ނެސީރީ. އެ ގޯލު ޖެހި އިރު، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާގެ ގޯސް ފާހަގަކުރެވުނު.

11 Dec 01:39

'39 - ޕޯޗުގަލުން ހަމަލާއެއް. ގެރޭރޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފީލިކްސް ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Dec 01:36

'34 - މޮރޮކޯއަށް ރަނގަޅު ފުރުސަތެއް. ޔަހްޔާ އަތިއަތަﷲ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސެލީމް އާމަލާ ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

11 Dec 01:31

'31 - ޕޯޗުގަލްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖޮއާ ފީލިކްސް ފޮނުވާލި ބާރު ހަމަލާ، މޮރޮކޯގެ ޑިފެންޑަރު ޖަވާދް އެލް ޔާމިގް ވަނީ ބްލޮކްކޮށްފައި.

11 Dec 01:26

'26 - މޮރޮކޯގެ ހަމަލާއެއް. ޒިޔެޗް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އެން ނެސީރީ ބޮލުން ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Dec 01:18

'18 - މޮރޮކޯގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހަކީމް ޒިިޔެޗް ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Dec 01:14

'13 - ޕޯޗުގަލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ރަފައެލް ގެރޭރޯ ފޮނުވާލި ބާރު ހަމަލާ، މޮރޮކޯގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.

11 Dec 01:09

މިއަދުގެ މެޗު ވެސް ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފެށީ ބެންޗުން. އޭނާގެ ބަދަލުގައި ފުރަތަމަ 11 އިން ފެންނަނީ ގަދަ 16 ގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކެއް ފުރިހަމަކުރި ގޮންސާލޯ ރާމޯސް.

11 Dec 01:07

'7 - މޮރޮކޯގެ ނުރައްކަލެއް. ހަކީމް ޒިޔެޗް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޔޫސުފް އެން ނަސީރީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

11 Dec 01:05

'5 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖޮއާ ފީލިކްސް ބޮލުން ފޮނުވާލި ހަމަލާ، މޮރޮކޯ ކީޕަރު ޔަސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

11 Dec 01:03

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޕޯޗުގަލުން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ޕޯޗުގަލްއާއި މޮރޮކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިހާތަނަށް ދެ ޓީމުގެ ނަތީޖާތައް

މޮރޮކޯ
  • މޮރޮކޯއަކީ މިފަހަރު ވޯލްޑް ކަޕްގައި ގިނަ ބަޔަކު ހައިރާން ކޮށްލި ޓީމެއް
  • ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ އެއްވަރުކުރި
  • އަދި ބެލްޖިއަމް 2-0 އިން ބަލިކޮށް، މޮރޮކޯ ގަދަ 16 ޔަގީން ކުރީ ކެނެޑާ ބަލިކޮށްފައި
  • އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި
  • މޮރޮކޯ ގަދަ 16 ގައި ޕެނަލްޓީގައި ސްޕެއިން ކަޓުވާލި
  • މިއީ މޮރޮކޯގެ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕް ކުއާޓާ ފައިނަލް
ޕޯޗުގަލް
  • ޕޯޗުގަލްއިން ގްރޫޕް ސްޓޭޖުގައި ފުރަތަމަ މެޗުގައި ގާނާ ބަލިކުރި
  • ދެން ކުޅުނު މެޗުގައި އުރުގުއާނީ 2-0 އިން ބަލިކޮށް، ގަދަ 16 ޔަގީންވެސް ކުރި
  • ޕޯޗުގަލް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެއާ އަތުން ބަލިވި
  • ގަދަ 16 ގައި ޕޯޗުގަލް ސްވިޒަލޭންޑް ކައިރިން މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން

ދެޓީމުގެ ކުރިމަތިލުންތައް

  • މޮރޮކޯއާއި ޕޯޗުގަލް މީގެ ކުރިން ދެ މެޗެއް ކުޅުނު
  • އެ ދެ މެޗަކީވެސް ވޯލްޑް ކަޕްގެ މެޗުތައް
  • ފުރަތަމަ ކުޅުނު މެޗަކީ 1986 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗެއް
  • އެ މެޗުން މޮޅުވީ މޮރޮކޯ، އެއީ 3-1 ގެ ނަތީޖާއަކުން
  • އެންމެފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ދެޓީމު ކުޅުނު މެޗުން ޕޯޗުލް މޮޅުވީ 1-0 އިން