ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުން ފަށަން ކުޑަތަން ވެފައި ވަނިކޮށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ އަޑުއުފުލަން ފަށައިފައެވެ.
އެ މައްސަލައިގެ އަޑުއެހުން މިއަދު މެންދުރުފަހު 1:00ގައި ތާވަލުކުރި ނަމަވެސް، މިއަދު ހެނދުނުން ފެށިގެން އަޑުއެހުމަށް ވަނުމަށް މީހުން ވަނީ ސުޕްރީމް ކޯޓު ކައިރީ ކިޔޫ ހަދަން ފަށައިފައެވެ. އޭގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުން ހިމެނެއެވެ. އެ ސަރަހައްދުގައި ތިބި އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވަމުންދާ އިރު، ޕީޕީއެމްގެ ސަޕޯޓަރުން ގޮވަމުންދަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ސަރަހައްދުގައި ތިބި މީހުންގެ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވެއެވެ. އެހެންވުމުން ފުލުހުންނާއި ސިފައިން ވަނީ ކޯޓު ކައިރީ އެއްވެ ތިބި މީހުން ދުރަށް ޖައްސައިފައެވެ. އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުން ދުރަށް ޖައްސައި، އެމީހުން މިހާރު ތިބީ ބެރިކޭޑް ފަހަތުގައި ބައިތިއްބައިފައެވެ. އެ ސަރަހައްދުގައި އެސްއޯ ފުލުހުންނާއި ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ މައްސަލައިގެ އަޑުއެހުމަށް ޕީޕީއެމްގެ އިސް ބޭފުޅުންނާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވަނީ ވަދެފައެވެ. އެ މައްސަލައިގެ އަޑުއެހުމަށް ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ޕާލެމަންޓަރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވަދެފައެވެ.
އެ މައްސަލައިގެ އަޑުއެހުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ގާނޫނީ ވަކީލު ހިސާން ހަސަން ވަދެފައިވާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަނީ ވަދެފައެވެ.
ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ދައުވާ ފޯމް ވަނީ ދާދިފަހުން ލީކުވެފައެވެ. އެ ދައުވާ ފޯމުގައި ރައީސް ޔާމީން ވަނީ ގިނަ މައްސަލަތަކެއް ފާހަގަކުރައްވައިފައެވެ.
އޭގެ ތެރޭގައި ނަތީޖާ އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރެއް ޗައިނާއިން އަނގޮޓިތަކެއް ގެނެސް، ވޯޓު ކަރުދާސްތައް ބަދަލުކުރި ކަމާއި، ދެލި ފުހެވޭ ގަލަމެއް ބޭނުންކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ. ވޯޓުލައި ނިމުމަށްފަހު ވޯޓު ކަރުދާސްތައް ތަރުތީބު ކުރުމާއި ބައިބަޔަށް އަޅަމުންދިޔަ ވަގުތު ފޮހެވޭ ގަލަމުން ފާހަގަޖެހި ވޯޓު ކަރުދާސްތަކުގައި އެހެން މީހުންނަށް ނޭނގޭ ގޮތަށް އަނގޮޓި ބޭނުންކޮށްގެން ބޭނުން ފާހަގައެއް ލާފައިވާ ކަމަށް އެ ދައުވާ ފޯމުގައި ބުނެފައިވެއެވެ.
ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރި އެމް ސެވަން ޕްރިންޓާސްގެ ހިއްސާދާރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެ ދަރިން ކަމަށްވާ ޚަދީޖާ ސަނާއާއި އިބްރާހިމް ސިޔާދު ގާސިމް ހިމެނޭ ކަމާއި ގާސިމްގެ ވިލާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ 999 ހިއްސާ އޮންނަ ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރަން ހުޅުވާލި ބިޑިން ޕްރޮސެސްގައި ވެސް މައްސަލަތަކެއް އުޅާކަން ފާހަގަކޮށްފައިވެއެވެ.
ދައުވާ ފޯމުގައި ގައުމީ ކޮމްޕްލެއިންޓް ބިއުރޯގެ މައްސަލަތަކާއި ވޯޓިން ބޫތުގެ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ވޯޓުލާ މަރުކަޒަށް ވެއްދުން މަނާތަކެތި ކަމުގައިވާ އަތްދަބަހާއި ފޯނުފަދަ ތަކެތި ވޯޓުލާ ގިނަ މަރުކަޒުތަކުގައި ގެންގުޅެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވޯޓުލުމަށް ހަވާލުކުރެވޭ ކަރުދާސް މަރުކަޒުން ބޭރަށް ގެންދިޔުމާއި އަދި މަރުކަޒުން ބޭރުން ގެނެސްފައިވާ ކަރުދާސް ވޯޓު ފޮއްޓަށް އެޅުމުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބަޔާންކޮށްފައެވެ.
އަނގޮޓީގެ މައްސަލަ އާއި އަދި އެނޫން ވެސް މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެއެވެ.
އިންތިޚާބުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އަމުރު ކުރުމުގެ އިތުރުން އެ އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، މިނިވަންކަން ކަށަވަރު ކުރެވޭ ގޮތެއްގެމަތިން ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ވަނީ އެދިފައެވެ.