ޕެނަލްޓީގައި ބްރެޒިލް ބަލިކޮށް، ކްރޮއޭޝިއާ ސެމީ ފައިނަލަށް.
'120 - ބްރެޒިލްގެ މާކީނިއޯސްގެ ޕެނަލްޓީ، ގޯލުގެ އަރިމަތީ ދަނޑިއަށް.
'120 - ކްްރޮއޭޝިއާގެ އޯސިޗްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
'120 - ބްރެޒިލްގެ ޕެޑްރޯގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
'120 - ކްރޮއޭޝިއާ ކެޕްޓަން މޮޑްރިޗްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
'120 - ބްރެޒިލްގެ ކަސެމީރޯގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
'120 - ކްރޮއޭޝިއާގެ ލޮވްރޯ މަޔާގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
'120 - ބްރެޒިލްގެ ރޮޑްރީގޯ ފޮނުވާލި ޕެނަލްޓީ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް މަތަކޮށްފި.
'120 - ކްރޮއޭޝިއާގެ ނިކޮލާ ވްލަސިޗް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފި.
އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ނިންމާލައިފި. 1-1 ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން، ދެން ނަތީޖާ ނެރެން ޖެހޭނީ ޕެނަލްޓީ ޝޫޓްއައުޓްގައި.
'120+2 - ބްރެޒިލަށް ރަނގަޅު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކަސެމީރޯ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.
'117 - ކްރޮއޭޝިއާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަމަކޮށްފި. ކައުންޓާ އެޓޭކެއްގައި މިސްލާވް އޯސިޗް ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރޫނޯ ޕެޓްކޮވިޗް. އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ބްރެޒިލް ޑިފެންޑަރު މާކީނިއޯސް ފައިގައި ޖެހިފައި.
އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ފަށައިފި.
ބްރެޒިލުން ދެ ބަދަލެއް. އެޑާ މިލިޓާއޯގެ ބަދަލުގައި އެލެކްސް ސެންޑްރޯ، އަދި ލޫކަސް ޕަކެޓާގެ ބަދަލުގައި ކުޅެން ނުކުތީ ފްރެޑް.
އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިންމާލައިފި.
'105+1 - ބްރެޒިލުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ރީތި ކުޅުމާއެކު ލޫކަސް ޕަކެޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކީޕަރު ލިވާކޮވިޗް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނޭމާ. އެ ގޯލާއެކު ބްރެޒިލަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ލެޖެންޑް ޕެލޭގެ ރެކޯޑާ ނޭމާ ވަނީ އަރައި ހަމަކޮށްފައި.
'103 - ކްރޮއޭޝިއާގެ ނުރައްކަލެއް. ބްރެޒިލްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެޓްކޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކްރޮއޭޝިއާގެ ބްރޮޒޮވިޗް ފޮނުވާލި ހަމަލާ، ބްރެޒިލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'98 - ބްރެޒިލުން ކުރިއަށް ޖެހި، ނުރައްކާކުރުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، ކްރޮއޭޝިއާގެ ޑިފެންސް ފެންނަނީ ވަރުގަދަކޮށް.
އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ދައްކައިފި.
ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ބްރެޒިލް އަދި ކްރޮއޭޝިއާއަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން. ނަތީޖާ ނެރުމަށް ދެން ކުޅޭނީ އިތުރު ވަގުތުގެ ދެ ހާފު.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'86 - ބްރެޒިލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެޑާ މިލިޓާއޯ ފޮނުވާލި ބާރު ހަމަލާ، ކްރޮއޭޝިއާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'84 - ބްރެޒިލުން ބަދަލެއް. ރިޗާލިސަންގެ ބަދަލުގައި ކުޅެން ނުކުތީ ޕެޑްރޯ.
'80 - ބްރެޒިލަށް އިތުރު ފުރުސަތެއް. ރޮޑްރީގޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލޫކަސް ޕަކެޓާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.
'77 - ބްރެޒިލަށް ހުސް ފުރުސަތެއް. ރިޗާލިސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ނޭމާ ފޮނުވާލި ހަމަލާ، މިފަހަރުވެސް ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ ކުރިއަށް ނުކުމެ މަތަކޮށްފައި.
'72 - ކްރޮއޭޝިއާ އިން ދެ ބަދަލު. ކްރަމަރިޗްގެ ބަދަލުގައި ބްރޫނޯ ޕެޓްކޮވިޗް، އަދި ޕަސަލިޗްގެ ބަދަލުގައި ކުޅެން ނުކުތީ ނިކޮލާ ވްލާސިޗް.
'68 - ކްރަމަރިޗްއަށް ކުރި ފައުލަކާ ގުޅިގެން ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯއަށް ރީނދޫ ކާޑެއް.
'66 - ބްރެޒިލަށް ހުސް ފުރުސަތެއް. ނޭމާގެ ބޯޅަ، ކްރޮއޭޝިއާގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ލިބުނު ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލޫކަސް ޕަކެޓާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.
'64 - ބްރެޒިލުން އިތުރު ބަދަލެއް. ވިނީޝިއަސް ޖޫނިއާގެ ބަދަލުގައި ކުޅެން ނުކުތީ ރޮޑްރީގޯ.
'56 - ބްރެޒިލުން ބަދަލެއް. ރަފީނިއާގެ ބަދަލުގައި ކުޅެން ނުކުތީ އެންޓޮނީ.
'55 - ބްރެޒިލަށް ހުސް ފުރުސަތެއް. ރިޗާލިސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނޭމާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.
'50 - ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާ ޑިފެންޑަރު ޔުރަނޮވިޗްގެ އަތުގައި ބޯޅަ ޖެހި، ބްރެޒިލަށް ޕެނަލްޓީއެއް ދޭން ޖެހޭތޯ ރެފްރީ، ވީއޭއާރްގެ އެހީ ހޯދައިފި. ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށް.
'49 - ބްރެޒިލްގެ އިތުރު ނުރައްކަލެއް. ނޭމާގެ ބޯޅައެއް ކްރޮއޭޝިއާގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.
'48 - ބްރެޒިލްގެ ނުރައްކަލެއް. އެޑާ މިލިޓާއޯ ނަގައިދިން ހުރަސް، ކްރޮއޭޝިއާ ޑިފެންޑަރު ގުވާޑިއޯލް ފައިގައި ޖެހި ގޯލަށް ވަންނަން ދަނިކޮށް، ކީޕަރު ލިވަކޮވިޗް ވަނީ ދިފާއުކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ބްރެޒިލް އަދި ކްރޮއޭޝިއާއަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.
'42 - ނޭމާ ފޮނުވާލި ހިލޭ ޖެހުން، ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗްއާ ދިމާއަށް.
'31 - ނޭމާއަށް ކުރި ފައުލަކާ ގުޅިގެން ކްރޮއޭޝިއާގެ ބްރޮޒޮވިޗްއަށް ރީނދޫ ކާޑެއް.
'25 - ޔުރަނޮވޮޗްއަށް ކުރި ފައުލަކާ ގުޅިގެން ބްރެޒިލް ޑިފެންޑަރު ޑެނީލޯއަށް ރީނދޫ ކާޑެއް.
'21 - ބްރެޒިލްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ނޭމާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
'20 - ބްރެޒިލަށް ފުރުސަތެއް. ރީތި ކުޅުމަކަށްފަހު ރިޗާލިސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް ވަނީ ދިފާއުކޮށްފައި.
'13 - ކްރޮއޭޝިއާގެ ނުރައްކަލެއް. ބްރެޒިލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް މާރިއޯ ޕަސަލިޗް ނަގައިދިން ބޯޅަ، ޖޯސިފް ޔުރަނޮވިޗް އަދި އިވާން ޕެރިސިޗްގެ ފައިގައި ވެސް ލައްވާލައިފައެއް ނުވޭ.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމުގެ ފަރާތުން ވެސް ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް. ބްރެޒިލުން ހަމަލާއެއް ފޮނުވާލި ނަމަވެސް، ކްރޮއޭޝިއާއަށް އަދި ނުރައްކަލެއް ކުރެވިފައެއް ނުވޭ. ދެ ޓީމުން ވެސް ޑިފެންސަށް ވެސް ވިސްނައިގެން ކުޅެމުންދާކަން ފާހަގަކޮށްލެވޭ.
'5 - ބްރެޒިލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ކްރޮއޭޝިއާ އިން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އާއި ބްރެޒިލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!