މުޙައްމަދު ޝަމްޢޫން
ރަޝިއާ ވޯލްޑް ކަޕުން ފެނުނު އެންމެ ކާމިޔާބު ނިޒާމަކީ "ފޭން އައިޑީ"ގެ ނިޒާމެކެވެ. އެއީ ވޯލްޑް ކަޕަށް އެއާޕޯޓުން އެތެރެވާ ވިސާއެވެ. އެއީ ޕަބްލިކް ހިދުމަތްތައް ހޯދުމަށްވެސް ލުޔެކެވެ. ގަތަރު ވޯލްޑް ކަޕްގެ ފޭން އައިޑީއަކީ "ހައްޔާ ކާޑް"އެވެ. މުބާރާތުގެ ދުވަސްވަރު ފޭނުންނަށް ޕަބްލިކް ދަތުރުތައް ހިލޭ ކުރެވޭނެއެވެ. މެޓްރޯވެސް ހިލޭ ވާނެއެވެ. އެ އިންތިޒާމާއެކު އެގައުމުން ވޯލްޑް ކަޕްގެ އީދަށް ރާވާފައިވާ ފެސްޓިވަލްތަކާއި، ބޮޑެތި އެތައް އިވެންޓަކަށް ދިޔުމަށް ފަސޭހަވެ، އެތެރެވުންވެސް ފަސޭހަވީއެވެ.
ޓިކެޓަކާއެކު ހައްޔާ ކާޑު ހެއްދޭނެ ގޮތަށް ގަތަރުން އުސޫލު ކަނޑައަޅާފައި އޮތް އިރު، ހައްޔާ ކާޑަށް ގަތަރުގެ އިތުރުން ސައުދީ އަރަބިއާ، އޮމާން އަދި ޔޫއޭއީގެވެސް ވިސާ ފްރީ ވެގެން ދެއެވެ. އަދި ގަތަރުން ވޯލްޑް ކަޕަށް އެކުލަވާލި އުސޫލުގައި ޓިކެޓާއެކު ޓިކެޓް ނަގާ މީހާއަށް ހެއްދޭ ހައްޔާ ކާޑުގެ އިތުރުން، އިތުރު ތިން މީހަކަށް ހައްޔާ ކާޑު، އެޓިކެޓަށް ހެއްދުމުގެ ފުރުސަތު އޮވެއެވެ. އެ އުސޫލުގެ ދަށުން އަގުހެޔޮކޮށް އުމްރާ ކޮށްލުމުގެ އިތުރުން ވޯލްޑް ކަޕް މެޗު ބަލައިލުމަށް ގަތަރަށް ދާ މުސްލިމުން ވަނީ ގިނަވެފައެވެ.
"އަހަރެންގެ ޓާގެޓަކަށް ވީ ސައުދީއަށް ދާން. ގަތަރުން ސައުދީއަށް. ހައްޔާ ކާޑާއެކު ސައުދީގެ އޮންނަ އުސޫލުން މައްކާއަށް ގޮސް އުމްރާވެސް ކުރަން ދެވޭނެ،" އަލްޖީރިއާއިން ވޯލްޑް ކަޕަށް ދިޔަ އުމުރުން 29 އަހަރުގެ މުހައްމަދު އަބްދުﷲ ޓީއާރްޓީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
އަބްދުﷲ ބުނެފައި ވަނީ މާލީ ހާލަތު ހުރި ގޮތުން އޭނާއަށް ކުރިން އުމްރާއަށް ދިޔުން އޮތީ ތަންކޮޅެއް ދަތިކޮށް ނަމަވެސް ވޯލްޑް ކަޕްގެ ހައްޔާ ކާޑުގެ އެހީގައި އެކަން ފަސޭހަވި ކަމަށެވެ. އެކުގައި އިތުރު ރަހުމަތްތެރިޔަކުވެސް ގޮވައިގެން އަބްދުﷲ ގަތަރަށް ގޮސް، ގަތަރު މަގުން ސައުދީއަށް އެތެރެވެ، އުމްރާ ކުރީ އޭނާ ބުނާ ގޮތުގައި ގާތްގަނޑަކަށް އެންމެ 500 ޑޮލަރު ހަރަދު ކޮށްގެންނެވެ. އަލްޖީރިއާއިން އާންމުކޮށް އުމްރާ ކުރުމަށް ދާން 1000 ޑޮލަރު ހަރަދުވެއެވެ.
އަބްދުﷲ ގަތަރަށް ގޮސް ރަހުމަތްތެރިއެއްގެ ގޭގައި މަޑުކޮށް، ސައުދީއަށް އޭނާ ދިޔަ އިރު، އަބްދުﷲގެ ނަޒަރުގައި އޭނާ ސައުދީއަށް ސީދާ ނުދިޔައީ ގަތަރުގެ ޓިކެޓް އަގުހެޔޮވުމުންނެވެ. ގަތަރުގެ ސަލްވާ ރޯޑުން އަބްދުﷲ 590 ކިލޯމީޓަރު ދުއްވާފައި ސައުދީއަށް ދިޔައީ އޭނާގެ ރައްޓެއްސަކާއެކު ވެހިކަލްގައި ކަމަށްވެސް އޭނާ ބުންޏެވެ.
"ރައްޓެއްސަކާއެކު ވަކި ހިސާބަކަށް ގޮސްފައި ބަހެއްގައި އަލް ހުފޫފްއިން މައްކާއަށް ދިޔައީ. އަހަރެންނަށް ވަރުބަލިކަމެއް އިހުސާސެއް ނުކުރެވޭ، އެއީ ކައުބާގެ މަންޒަރު ބަލައިލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން،" އަބްދުﷲ ބުނެފައިވެއެވެ.
އަބްދުﷲ މައްކާއަށް ދިޔައީ ގަތަރުން 8 ގަޑިއިރުގެ ދަތުރެއް ކޮށްފައެވެ. އެ ދަތުރު ފަސޭހަ ނުވި ނަމަވެސް އެއީ ޖީބަށް ލުއި ގޮތެކެވެ. އެއީ ހައްޔާ ކާޑުން އޭނާ ނެގި ބޮޑު ފައިދާއެކެވެ. އަބްދުﷲ ބުނީ އޭނާ މެޗު ބަލަން ނެގި ޓިކެޓަށް މެޗު ނުބަލައި، ރަހުމަތްތެރިޔާއަށް ޓިކެޓްވެސް ދިނީ ކަމަށެވެ.
އޭގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަހުޝަނުއްޒަމަން ޝުޖާންވެސް ވޯލްޑް ކަޕަށް ގަތަރަށް ގޮސް އުމްރާ ކުރަން ސައުދީއަށް ގޮސްފައިވެއެވެ. އޭނާ ވަނީ ސައުދީގެ އިތުރުން ޑުބާއީއަށްވެސް ހައްޔާ ކާޑުގައި އެތެރެވެފައެވެ.
"އަހަރެން ޓިކެޓް ގަތީ ނޮވެމްބަރު 28 އަދި ޑިސެންބަރު 2 ވަނަ ދުވަހުގެ މެޗުތަކަށް. އެ ދެމެޗު ދޭތެރެއިން އަހަންނަށް ތިން ދުވަސް ލިބުމުން ސައުދީއަށް ވައިގެ މަގުން ދިޔައީ. އެއީ އުމްރާ ކުރުމަށް،" ޝުޖާން ބުނެފައިވެއެވެ.
ގަތަރުން ސައުދީއަށް ވައިގެ މަގުން ދާން ގާތް ގަނޑަކަށް ދެގަޑިއިރު ނަގާ އިރު، އެއްގަމުމަގުން ދުއްވާފައި ދިޔުމަށް 14 ވަރަކަށް ގަޑިއިރު ނަގާނެއެވެ. ބަންގްލަދޭޝްގައި ހުރެ، އާންމުކޮށް އުމްރާއަށް ދާން 2،400 ޑޮލަރު ހޭދަވާ ކަމަށް ޝުޖާން ބުނެފައިވާ އިރު، އޭނާ ބުނީ ޓިކެޓްތައް ނުލައި، އުމްރާގެ ކަންކަމަށް އޭނާ އަތުން ހޭދަވީ 150 ޑޮލަރު ކަމަށެވެ. ވައިގެ މަގުން ގަތަރުން ސައުދީގެ ޖިއްދާ އެއާޕޯޓަށް ދާން ހޭދަވީ 200 އެއްހާ ޑޮލަރު ކަމަށްވެސް އޭނާ ބުންޏެވެ.
"މިއީ އަހަންނަށް ވަރަށް އުފާވެރި ދަތުރެއް. އަހަންނަށް ވޯލްޑް ކަޕް ބަލަން ދެވި، އިތުރު ގައުމުތަކަށް ދެވުނު. ހާއްސަކޮށް ވަރަށް ބޮޑަށް ހަރަދު ކުޑަކޮށް އުމްރާކޮށްލަން ފުރުސަތު ލިބުމަކީ ދަތުރުގެ އެންމެ ހާއްސަކަން. މިއީ ހަޔާތުގައި މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް،" ޝުޖާން އާރްޓީއާރަށް ބުނެފައިވެއެވެ.
ވޯލްޑް ކަޕް ނިމެންދެން ހައްޔާ ކާޑުގެ ފަސޭހަތައް ގަލްފްގެ ގައުމުތަކުން ފަހިކޮށްދޭން ގަތަރާއި ޖީއެސްސީގެ ގައުމުތަކުން ވަނީ ނިންމާފައެވެ. އެހެންކަމުން މިއީ މުސްލިމުންނަށް ވޯލްޑް ކަޕްގެ ތެރެއިން ފަހިވެގެންދާ މުހިއްމު ފުރުސަތެކެވެ.