މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެން. ބްރެޒިލް ކުއާޓާއަށް. ކުއާޓާގައި ބްރެޒިލް ނުކުންނަން ޖެހޭނީ ކްރޮއޭޝިއާއާ ދެކޮޅަށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'89 - ބްރެޒިލަށް ހުސް ފުރުސަތެއް. ގެބްރިއަލް މާޓިނެލީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޑެނީ އަލްވޭސް ފޮނުވާލި "ވޮލީ ކިކް"، ކޮރެއާގެ ހޮންގް ޗުލް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'80 - ބްރެޒިލުން ދެ ބަދަލެއް. އެޑަސަންގެ ބަދަލުގައި ވެލްވާޓަން، އަދި ނޭމާގެ ބަދަލުގައި ކުޅެން ނުކުތީ ރޮޑްރީގޯ.
'76 - ކޮރެއާގެ ހިތްގައިމު ގޯލެއް. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕައިކް ސޫންގް ހޯ.
'72 - ބްރެޒިލުން ދެ ބަދަލެއް. ޑެނީލޯ އާއި ވިނީޝިއަސްގެ ބަދަލުގައި ކުޅެން ނުކުތީ ބްރޭމާ އާއި ގެބްރިއަލް މާޓިނެލީ.
'68 - ކޮރެއާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ހުވަންގް ހީ ޗޭން ފޮނުވާލި ހަމަލާ، ބްރެޒިލް ކީޕަރު އެލިސަން ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅަ، ސޮން ހިއުން މިންއަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ، ބްރެޒިލް ޑިފެންޑަރު މާކީނިއޯސް ވަނީ ބްލޮކްކޮށްފައި.
'65 - ކޮރެއާ އިން ބަދަލެއް. ހުވަންގް އިން ބިއޮމްގެ ބަދަލުގައި ކުޅެން ނުކުތީ ޕައިކް ސޫންގް ހޯ.
'63 - ބްރެޒިލުން ބަދަލެއް. މިލިޓާއޯގެ ބަދަލުގައި ކުޅެން ނުކުތީ ޑެނީ އަލްވޭސް.
'62 - ބްރެޒިލަށް އިތުރު ފުރުސަތެއް. ނޭމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަފީނިއާ ފޮނުވާލި ހަމަލާ، މިފަހަރު ވެސް ކޮރެއާ ކީޕަރު ސޫންގް ޖިޔޫ ވަނީ މަތަކޮށްފައި.
'55 - ބްރެޒިލްގެ ނުރައްކަލެއް. ޕަކެޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަފީނިއާ ފޮނުވާލި ހަމަލާ، ކޮރެއާގެ ކީޕަރު ކިން ސޫންގް ޖިޔޫ ވަނީ މަތަކޮށްފައި.
ކޮރެއާ އިން ދެވަނަ ހާފަށް ނުކުމެފައިވަނީ ދެ ބަދަލަކާއެކު. ކިން ޖިން ސޫގެ ބަދަލުގައި ހޮންގް ޗުލް، އަދި ޖުންގް ވޫ ޔަންގްގެ ބަދަލުގައި ކުޅެން ނުކުތީ ސޮން ޖުން ހޯ.
'48 - ކޮރެއާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން މާކީނިއޯސް ކައިރިން ނައްޓާލުމަށްފަހު، ކޮރެއާ ކެޕްޓަން ސޮން ހިއުން މިން ފޮނުވާލި ހަމަލާ، ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެން.
'45+4 - ބްރެޒިލަށް އިތުރު ފުރުސަތެއް. މެދު ރޮނގުން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ރިޗާލިސަން ފޮނުވާލި ހަމަލާ، ކޮރެއާގެ ކީޕަރު ކިމް ސޫންގް ޖިޔޫ ވަނީ މަތަކޮށްފައި.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ފަސް މިނެޓު.
'45+1 - ބްރެޒިލަށް ފުރުސަތެއް. ނޭމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕަކެޓާ ފޮނުވާލި ހަމަލާ، ކޮރެއާގެ ކީޕަރު ކިމް ސޫންގް ޖިޔޫ ވަނީ މަތަކޮށްފައި.
'44 - ރަފީނިއާއަށް ކުރި ފައުލަކާ ގުޅިގެން ކޮރެއާގެ ޖުންގް ވޫ ޔަންގްއަށް ރީނދޫ ކާޑެއް.
'35 - ބްރެޒިލުން އިތުރު ގޯލެއް ޖަހައި، ހަތަރު ގޯލުގެ ލީޑެއް ހޯދައިފި. ވިނީޝިއަސް ޖޫނިއާ ދިން ރީތި ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ޕަކެޓާ.
'34 - ބްރެޒިލްގެ ހަމަލާއެއް. ލޫކަސް ޕަކެޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކަސެމީރޯ ފޮނުވާލި ހަމަލާ، ކޮރެއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'32 - ކޮރެއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ހުވަންގް ހީ ޗޭން ފޮނުވާލި ހަމަލާ، ބްރެޒިލް ކީޕަރު އެލިސަން ވަނީ މަތަކޮށްފައި.
'29 - ބްރެޒިލުން ތިން ގޯލުގެ ލީޑެއް ހޯދައިފި. ރީތި ކުޅުމަކާއެކު ތިއާގޯ ސިލްވާ ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރިޗާލިސަން.
'17 - ކޮރެއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހުވަންގް ހީ ޗޭން ފޮނުވާލި ހަމަލާ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް، ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ މަތަކޮށްފައި.
'13 - ބްރެޒިލުން ލީޑު ފުޅާކޮށްފި. ބްރެޒިލްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނޭމާ. އޭނާ ކޮރެއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ވަރަށް ހަމަޖެހިލައިގެން ހުރެ.
'11 - ރިޗާލިސަންއަށް ކޮރެއާގެ ޖުންގް ވޫ ޔަންގް ކުރި ފައުލަކާ ގުޅިގެން ބްރެޒިލަށް ޕެނަލްޓީއެއް.
'7 - ބްރެޒިލުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ރަފީނިއާ ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާ.
އަނިޔާއާ ގުޅިގެން ގްރޫޕު ސްޓޭޖުގެ ފަހު ދެ މެޗުގައި ނުފެނުނު ބްރެޒިލް ތަރި ނޭމާ، މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ވަނީ ނަގާފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ކޮރެއާ އިން.
ގަތަރު ވޯލްޑް ކަޕް 2022ގެ ގަދަ 16ގެ ހަވަނަ މެޗުގައި ދެކުނު ކޮރެއާއާއި ބްރެޒިލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!