ރައީސް ޔާމީން މިގޮތަށް ބޮޑާ ހާކާ ނަމަ މައިތިރިކުރަން ދުނިޔެ އޮތީ ތައްޔާރަށް ކަމަށާއި ވަރުގަދަ ފިލާވަޅެއް ދޭނެ ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. ޖަމީލް މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ ނިންމުން ބާތިލުކުރެވޭނެ އެއްވެސް ހުއްޖަތެއް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ އެއްވެސް ޝަކުވާ އަކަށް ޖާގައެެއް ނެތް ގޮތަށް." ޑރ. ޖަމީލުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ޑރ. ޖަމީލް މިމޭރުމުން ޓްވީޓުކުރައްވާފައިވާ އިރު، ރައީސް ޔާމީން ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ފުރަތަމަ ގަބޫލުކުރެއްވުމަށް ފަހު، ފަހުން އޭގެ އަނެއް ކޮޅަށް ވާހަަކަފުޅު ދައްކަވައި އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިޚާބު ބާތިލުކުރުމަށް އެމަނިކުފާނު ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ.