މެޗުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން. ފްރާންސް ކުއާޓާއަށް.
'90+9 - ޕޮލެންޑުގެ ޕެނަލްޓީ ލެވަންޑޯސްކީ ކާމިޔާބުކޮށްފި. އޭނާ މިފަހަރު ބޯޅަ އަމާޒުކޮށްލީ ފްރާންސް ގޯލުގެ ތިރީ ކަނަކަށް.
'90+8 - ލެވަންޑޯސްކީގެ ޕެނަލްޓީ ލޮރިސް މަތަކުރި ނަމަވެސް، އަލުން ޕެނަލްޓީ ފޮނުވާލަން ފުރުސަތު ދީފި. ލަވަންޑޯސްކީ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ފްރާންސްގެ ކުޅުންތެރިން ވަނީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެފައި.
'90+7 - ޕޮލެންޑަށް ޕެނަލްޓީއެއް. ޕެނަލްޓީ ފޮނުވާލަނީ ކެޕްޓަން ލެވަންޑޯސްކީ.
ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ޑިފެންޑަރު އުޕަމެކާނޯގެ އަތުގައި ބޯޅަ ޖެހުނުތޯ ބެލުމަށް ވީއޭއާރު ބަލަނީ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ފަސް މިނެޓުގެ ކުޅުން.
'90+1 - ފްރާންސް ފޯވަޑް އެމްބާޕޭގެ ރީތި ގޯލެއް. ތުރާމް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ އަމާޒުކޮށްލީ ޕޮލެންޑް ގޯލުގެ މަތީ ކަނަކަށް. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ގޯލު. މިވަގުތު މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުގައި ވެސް އޮތީ އޭނާ.
'88 - ތުރާމްއަށް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑްގެ މެޓީ ކޭޝްއަށް ރީނދޫ ކާޑެއް.
'76 - ފްރާންސުން ދެ ބަދަލެއް. ޑެމްބެލޭ އާއި ޖިރޫގެ ބަދަލުގައި ކުޅެން ނުކުތީ މާކަސް ތުރާމް އާއި ކިންގްސްކީ ކޮމާން.
'74 - ފްރާންސުން އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފި. އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކިލިއާން އެމްބާޕޭ.
'71 - ޕޮލެންޑުން ދެ ބަދަލެއް. ކަމިންސްކީ އާއި ކްރިކޮވިއާކްގެ ބަދަލުގައި ކުޅެން ނުކުތީ ބިއެލިކް އާއި ޒަލެވްސްކީ.
'66 - ފްރާންސުން ބަދަލެއް. ޗުއަމެނީގެ ބަދަލުގައި ކުޅެން ނުކުތީ ޔޫސުފް ފޮފާނާ.
'64 - ޕޮލެންޑުން ބަދަލެއް. ޝިމާންސްކީގެ ބަދަލުގައި ކުޅެން ނުކުތީ އާކަޑިއުޒް މިލިކް.
'58 - ޕެނަލްޓީ އޭރިއާ ތެރެއިން އޯވަހެޑަކުން ޕޮލެންޑްގެ ގޯލުގެ ތެރެއަށް ޖިރޫ ބޯޅަ ފޮނުވާލި ނަމަވެސް، އޭގެ ކުރިން ފްރާންސް ޑިފެންޑަރު ވަރާން ވަނީ ފައުލްކޮށްފައި.
'57 - ފްރާންސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އެމްބާޕޭ ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ގާޒެގޯޒް ކްރިކޮވިއާކް ވަނީ ބްލޮކްކޮށްފައި.
'48 - ފްރާންސްގެ ނުރައްކަލެއް. އެންޓޮއިން ގްރީޒްމަން ފޮނުވާލި ހިލޭ ޖެހުން، ޕޮލެންޑް ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައި.
'47 - ޑެމްބެލޭއަށް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑްގެ ބެރެޒިންސްކީއަށް ރީނދޫ ކާޑެއް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'44 - ފްރާންސުން ގޯލެއް ޖަހައި ލީޑު ހޯދައިފި. އެމްބާޕޭ ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އޮލިވިއާ ޖިރޫ. އެ ގޯލާއެކު އޭނާ ވަނީ ފްރާންސްގެ ލެޖެންޑް ތިއަރީ އޮންރީގެ ރެކޯޑު މުގުރާލާފައި. މިހާރު 52 ގޯލާއެކު ފްރާންސަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ ޖިރޫ.
'38 - ޕޮލެންޑްގެ ނުރައްކަލެއް. ބާޓޯޒް ބެރެޒީންސްކީ ދިން ބޯޅައިން، ޕެނަލްޓީ އޭރިއާ ތެރެއިން ޕިއޮޓާ ޒީލިންސްކީ ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ޔަކުބް ކަމިންސްކީ ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ވަނީ ދިފާއުކޮށްފައި.
'35 - ފްރާންސްގެ ނުރައްކާތެރި ހަމަލާއެއް. މެޓީ ކޭޝް ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ކިލިއާން އެމްބާޕޭ ފޮނުވާލި ހަމަލާ، ޕޮލެންޑް ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައި.
'34 - ޕޮލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޕޮލެންޑް ފުލްބެކް މެޓީ ކޭޝް ފޮނުވާލި ބާރު ހަމަލާ ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'33 - ޕޮލެންޑް ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ހިލޭ ޖެހުން، ފްރާންސް ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ބްލޮކްވެއްޖެ.
'32 - ފްރެންކޯވްސްކީއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސް މިޑްފީލްޑަރު ޗުއަމެނީއަށް ރީނދޫ ކާޑެއް، ނުރައްކާ ހިސާބަކުން ޕޮލެންޑަށް ހިލޭ ޖެހުމެއް.
'29 - ފްރާންސަށް ހުސް ފުރުސަތެއް. ޕޮލެންޑުން މެދު ތެރެއިން ގެއްލުވާލި ބޯޅައިގެ ބޭނުންކޮށް ފްރާންސުން އުފެއްދި ހަމަލާގައި ޑެމްބެލޭ ހުރަސް ކޮށްލި ބޯޅަ ޖިރޫއަށް ލިބުނީ ހުސްކޮށް. އޭނާ ޓެކުލްކޮށް ބޯޅަ ގޯލަ ވައްދާލަން މަސައްކަތް ކުރި ނަމަވެސް ދިޔައީ ބޭރަށް.
'22- އަނެއްކާވެސް ފްރާންސްގެ ހަމަލާއެއް. އަރިމަތިން ކުރިއަށް ޖެހި ޖޫލްސް ކޫންޑޭ ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރް ޝެޒްނީ އަަތަށް.
'22- އަނެއްކާވެސް ފްޜާންސްގެ ހަމަލާއެއް. އަރިމަތިން ކުރިއަށް ޖެހި ޖޫލްސް ކޫންޑޭ ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރް ޝެޒްނީ އަަތަށް.
'21 - ޕޮލެންޑްގެ ޝޮޓެއް. ފަހަތުން ކުރިއަށް ވައްޓާލި ބޯޅައެއް ފްރާންސް ޑިފެންޑަރު ކައިރިން ހޯދައި، ލެވަންޑޯސްކީ ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ އަރިމަތިން ބޭރަށް.
'16 - ފްރާންސްގެ ހަމަލާއެއް. މެދުތެރެއިން ހޯޅަ ބޯޅައެއްގައި ކުރިއަށް ޖެހި ޑެމްބެލޭ ފޮނުވާލި ހަމަލާ އަމާޒުވީ ޕޮލެންޑް ކީޕަރު ޝެޒްނީ އަތަށް.
'12 - ފްރާންސްގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން އޯރެލިއަން ޗުއަމެނީ ފޮނުވާލި ބާރު ހަމަލާ، ޕޮލެންޑްގެ ކީޕަރު ވޮޖްސިއެޗް ޝެޒްނީ ވަނީ މަތަކޮށްފައި.
'10 - ފްރާންސްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ބާޓޯޒް ބެރެޒީންސްކީ ވަނީ ބްލޮކްކޮށްފައި.
'9 - އެމްބާޕޭ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ޕޮލެންޑްގެ ބާޓޯޒް ބެރެޒީންސްކީ ދިފާއުކޮށްފި.
'4 - ފްރާންސަށް ރަނގަޅު ފުރުސަތެއް. އެންޓޮއިން ގްރީޒްމަން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ފްރާންސުން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 ގެ ތިންވަނަ މެޗުގައި ފްރާންސާއި ޕޮލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!