ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަމަނާއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިނިސްޓަރު ސުޝްމީތާ ރާއްޖެ ވަޑައިންނެވީ މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ކަމަށާއި މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާވެސް އެކަމަނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރުގެ ދަތުރުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެއްބަސްވެވުނު ކަންތައްތައް ހިނގަމުން އަންނަ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އޭގެއިތުރުން ތަރައްގީގެ މަޝްރޫއުތަކާއި ސިއްހީ ދާއިރާއާ މެދު ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށަ ފޮރިން މިނިސްޓްރީން ބުނެ އެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ ސުޝްމާ ސުވަރާޖްގެ މިދަތުރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ބަދަހި އަދި އެކުވެރި ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.