ގަތަރު ވޯލްޑް ކަޕް 2022

އަނިޔާގެ ސަބަބުން ޖީސަސްއާއި ޓެލެސްއަށްވެސް ވޯލްޑް ކަޕް ނިމިއްޖެ

އަނިޔާގެ ސަބަބުން ބްރެޒިލްގެ އެލެކްސް ޓެލެސްއާއި ފޯވަޑް ގެބްރިއަލް ޖީސަސްއަށްވެސް ވޯލްޑް ކަޕްގެ ބާކީ ބައިގައި ދެން ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ކެމަރޫނާ ދެކޮޅަށް ރޭ ބްރެޒިލުން ކުޅުނު މެޗުގައި ކެމަރޫން އަތުން 1-0 އިން ބަލިވެފައިވާ އިރު، އެ މެޗުގައި ދެ ކުޅުންތެރިންގެވެސް ކަނާތު ކަކުލަށް ވަނީ އަނިޔާވެފައެވެ. ކަކުލަށް ލިބުނު އަނިޔާގެ ތަފުސީލު ހޯދުމަށް ހެދި އެމްއާރުއައި ސްކޭނަށްފަހު ބްރެޒިލްގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ދެ ކުޅުންތެރިންވެސް ގަތަރު ވޯލްޑް ކަޕްގެ ބާކީ ބައިގައި ދެން ނުފެންނާނެ ކަމަށެވެ.

ޖީސަސްއާއި ޓެލެސްއަށް އަނިޔާވި ނަމަވެސް، އެ ދެކުޅުންތެރިން ސްކޮޑުގެ ކޭމްޕުގައި މަޑުކުރާނެ ކަމަަށް ބެލެވެއެވެ. ނަމަވެސް އެކަމަށް އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޖީސަސް މިފަހަރުގެ ވޯލްޑް ކަޕަށް ދިޔައީ އާސެނަަލްއާއެކު ސީޒަންގެ ކުރީކޮޅުގައި މޮޅަށް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި އާސެނަލަށް ކުޅުނު 13 މެޗުން ފަސް ގޯލު ޖަހައިފައެވެ. ބްރެޒިލްގެ ޑިފެންޑަރު ޓެލެސް ކުރިން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުމަށްފަހު މިހާރު ކުޅެމުން ދަނީ ސްޕެއިން ސެވިއްޔާއަށެވެ.

ވޯލްޑް ކަޕްގައި ބްރެޒިލަށް އިތުރު އަނިޔާތަކަކާވެސް ވަނީ ކުރިމަތިލާން ޖެހިފައިވެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ނޭމާއާއި ޑެނީލޯއަށް އަނިޔާވެ، ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި އެ ދެކުޅުންތެރިން ފެނިފައެއް ނުވެއެވެ. ނަމަވެސް ދެ ކުޅުންތެރިންވެސް ގަދަ 16ގެ މެޗަށް އެނބުރި އަންނާނެ ކަމަށް ބެލެވެއެވެ.

ބްރެޒިލުން ގަދަ 16ގައި ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ މެންދަމުއެވެ.