ކޮރެއާއަށް ގަދަ 16 ގެ ޖާގަ ކަށަވަރުވެއްޖެ.
އުރުގުއާއީ އާއި ގާނާ ބައްދަލުކުރާ މެޗު އަދި ނުނިމޭ. މެޗުގައި އުރުގުއާއީ ކުރީގައި އޮތީ 2-0 ގެ ނަތީޖާއަކުން. އެ ނަތީޖާއިން މެޗު ނިމިއްޖެ ނަމަ، ކޮރެއާ ގަދަ 16 އަށް ދާނެ.
މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކޮރެއާ ކުރީގައި އޮވެގެން. ކޮރެއާއަށް އޮތީ އުރުގުއާއީ އާއި ގާނާ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރުން.
90+1 - ދެކުނު ކޮރެއާ އިން ގޯލެއް ޖަހައި، ލީޑު ހޯދައިފި. ކައުންޓާ އެޓޭކެއްގައި ސޮން ހިއުން މިން ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހުވަންގް ހީ ޗާން.
ދެވަނަ ހާފުުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.
'82 - ޕޯޗުގަލުން ދެ ބަދަލެއް. ވިޓީނިއާ އާއި ޖޮއާ މާރިއޯގެ ބަދަލުގައި ކުޅެން ނުކުތީ ބެނާޑޯ ސިލްވާ އާއި ވިލިއަމް ކަވާލިއޯ.
'81 - ކޮރެއާ އިން ދެ ބަދަލެއް. ކިމް ޔަންގް ގުވޮން އާއ ލީ ކަންގް އިންގެ ބަދަލުގައި ކުޅެން ނުކުތީ ސޮން ޖުން ހޯ އާއި ހުވަންގް ޔޫ ޖޯ.
'71 - ކޮރެއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ސޮން ހިއުން މިން ފޮނުވާލި ބާރު ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ޖޮއާ ކެންސެލޯ ވަނީ ބްލޮކްކޮށްފައި.
'67 - ކޮރެއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހުވަންގް އިން ބިއޮމް ފޮނުވާލި ބާރު ހަމަލާ، ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'65 - ޕޯޗުގަލުން ތިން ބަދަލެއް. ރޮނާލްޑޯ އާއި ރުބެން ނެވޭސް އާއި މެތެއުސް ނުނޭސްގެ ބަދަލުގައި ކުޅެން ނުކުތީ އަންދްރޭ ސިލްވާ އާއި ރަފައެލް ލޭއޯ އަދި ޖޮއޯ ޕަލްހީނިއޯ.
'56 - ކޮރެއާގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ޗޯ ގޫ ސުންގް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ކެޕްޓަން ސޮން ހިއުން މިން ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ޑިފެންޑަރު ރިކާޑޯ ސިލްވާ ވަނީ ބްލޮކްކޮށްފައި.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'42 - ރޮނާލްޑޯއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ވިޓީނިއާ ފޮނުވާލި ބާރު ހަމަލާ، ކޮރެއާގެ ކީޕަރު ކިމް ސޫންގް ގިޔޫ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ، ގޯލާ އަމާޒުފައެއް ނުވޭ.
'40 - ކޮރެއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ސޮން ހިއުން މިން ފޮނުވާލި ހަމަލާ އަމާޒުވީ ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާއާ ދިމާއަށް.
'26 - ވިޓީނިއާއަށް ކުރި ފައުލަކާ ގުޅިގެން ކޮރެއާގެ ލީ ކަންގް އިން އަށް ރީނދޫ ކާޑެއް.
'34 - ޕޯޗުގަލްގެ ނުރައްކަލެއް. ރީތިކޮށް ބޯޅަ ކޮންޓްރޯލުކޮށްލުމަށްފަހު، ޕެނަލްޓީ އޭރިއާ ބޭރުން ހޯޓާ ފޮނުވާލި ހަމަލާ، ކޮރެއާގެ ކީޕަރު ކިމް ސޫން ގިޔޫ ވަނީ މަތަކޮށްފައި.
'29 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރޮނާލްޑޯ ފޮނުވާލި ހަމަލާ، ކޮރެއާގެ ކީޕަރު ކިމް ސޫންގް ގިޔޫ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'27 - ދެކުނު ކޮރެއާ އިން ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފި. ކޯނަރެއްގެ ތެރެއިން ޕޯޗުގަލް ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކިމް ޔަންގް ގުވޮން. އޭނާއަކީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2018 ގެ ގްރޫޕު ސްޓޭޖުން ޖަރުމަން ކަޓުވާލި މެޗުގައި ގޯލު ޖެހި ކުޅުންތެރިއެއް.
ގާނާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނު ވަގުތު، ކޮރެއާގެ ކޯޗު ޕައުލޯ ބެންޓޯއަށް ރަތް ކާޑެއް ދެއްކުމުން މިއަދުގެ މެޗުގައި ޓީމަށް އިރުޝާދުދިނުމަށް އޭނާ ބެންޗުގައި ނެތް. ބެންޓޯއަކީ 2010 އިން ފެށިގެން 2014 އަށް ޕޯޗުގަލަށް އިރުޝާދު ދިން ކޯޗެއް. ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް ކުޅެފައި.
'17 - ކޮރެއާގެ ނުރައްކާތެރި ހަމަލާއެއް. ކެޕްޓަން ސޮން ހިއުން މިން ނަގައިދިން ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޗޯ ގޫ ސުންގް ބޮލުން ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި. ރީބައުންސް ބޯޅަ، ކޮރެއާގެ ކިމް ޖިން ސޫ، ޕޯޗުގަލްގެ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.
'15 - ޕޯޗުގަލްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޖޮއާއޯ ކެންސެލޯ ފޮނުވާލި ހަމަލާ، ކޮރެއާގެ ކީޕަރު ކިމް ސޫންގް ގިޔޫ ވަނީ މަތަކޮށްފައި. އެ ބޯޅައަށް ޕެނަލްޓީ އޭރިއާ ތެރޭ ރޮނާލްޑޯ ވެސް ހުރީ ތައްޔާރަށް.
މި މެޗުގެ ފުރަތަމަ 11 ގައި ހިމެނުނު ޑިފެންޑަރު އެންޓޯނިއޯ ސިލްވާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕް މެޗެއްގައި ފެނުނު ޕޯޗުގަލްގެ އެންމެ ހަގު ކުޅުންތެރިޔާއަށް. އަދި އޭނާއަކީ ވޯލްޑް ކަޕް މެޗެއްގައި ކުޅޭ ޕޯޗުގަލްގެ ފުރަތަމަ ޓީނޭޖް ކުޅުންތެރިޔާ. ސިލްވާގެ އުމުރަކީ 19 އަހަރާއި 33 ދުވަސް.
'5 - ޕޯޗުގަލުން ލީޑު ހޯދައިފި. ޑިއޭގޯ ޑަލޮޓް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ދިން ބޯޅައަކުން ޕޯޗުގަަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރިކާޑޯ ހޯޓާ.
މިއަދުގެ މެޗަށް ޕޯޗުގަލުން ވަނީ ބަދަލުތަކެއް ގެނެސްފައި. ބްރޫނޯ ފެނާންޑޭޒާއި ޖޮއާއޯ ފީލިކްސް އާއި ބެނާޑޯ ސިލްވާ އަދި ރުބެން ޑިއާޒް ފެށީ ބެންޗުން.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ދެކުނު ކޮރެއާ އިން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގެ ފަސްވަނަ މެޗުގައި ދެކުނު ކޮރެއާއާއި ޕޯޗުގަލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މެޗަށް ނުކުންނަ އިރު ޕޯޗުގަލް އޮތީ މިހާރުވެސް ގަދަ 16 އަށް ކޮލިފައިވެފައި. އެޓީމަށް އެއްވަނަ ހޯދަން ބޭނުންވަނީ ޕޮއިންޓެއް. ދެކުނު ކޮރެއާއަށް ގަދަ 16 އަށް އޮތީ އުނދަގޫ މަގެއް. އެޓީމުން ޕޯޗުގަލް ބަލިކުރި ނަމަވެސް ގަދަ 16 ހޯދުމަށް އަނެއް މެޗުގެ ނަތީޖާއަށް ބަރޯސާ ވާން ޖެހޭ. އަނެއް މެޗުގައި މި މެޗުގެ ވަގުތުގައި ކުޅޭނީ އުރުގުއާއީ އާއި ގާނާ. އެ ދެޓީމަށްވެސް ގަދަ 16 އަށް ފުރުސަތު އެބައޮތް.