ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ ބަހެއް ނެތި، ސީދާ މަޖިލީހުން އިތުބާރުނެތް ކަމުގެ މައްސަލަތައް ނިންމޭގޮތަށް މާދަމާ ވޯޓަށް އަހަނީ

އިބްރާހިމް ޒަކީ

ދައުލަތުގެ ވަޒީރުންނާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ނިންމުން ނިންމުމަށް ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރު ކަނޑުވާލައި އެ ބާރު ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަށް ވޯޓަށް އެހުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާ ކޮށްފިއެވެ.

އެ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގައި ބަހުސް ކުރުމަށްފަހު މަޖިލީހަށް ތަޅުމަށް ހުށަަހަޅާފައިވާ އިސްލާހެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އާއްްމު ކޮމިޓީން ގެންނަން ނިންމާފައިވާ އިސްލާހުގައި ވަނީ، ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅައި މަޖިލީހުގެ އަޣުލަބިއްޔަތުން އިތުބާތު ނެތް ކަމަށް ފާސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ މީހަކު ވަގުތުން މަގާމުން ވަކިވާނެ އެވެ.

ނަމަވެސް ފަނޑިޔާރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިއްޖެނަމަ އެމީހަކު މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރަން ޖެހޭކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ގަވާއިދަށް މި އިސްލާހުތައް ގެނައީ، ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓާގުޅިގެން 2017 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިނަމަވެސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށް އެ ހުކުމްގައި ބުނެފައިވެއެވެ

ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ނެރެފައިވާ އެ ހުކުމްގައި ކަނޑައަޅާފައިވާ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށްވެސް ހުކުމުގައި ވެއެވެ.

މަޖިލީހުގެ ގަވާއިދަށް ކޮމިޓީން ގެނައި އިސްލާހުގައި، އިތުބާރު ނެތް މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް، އެބޭފުޅަކަށް ނުވަތަ ގާނޫނީ ވަކީލުން ބޭނުންވެއްޖެ ނަމަ އެ ފުރުސަތު ދޭން ޖެހޭނެއެވެ. އެގޮތަށް ބޭނުން ކުރެވޭނީ ގިނަ ވެގެން ދެ ވަކީލުން ކަމަށް ބުނެފައިވެއެވެ.

އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ތަޅުމަށް އެ މައްސަލައެއް އިއްވުމަށްފަހު، ސިޔާސީ ޕާޓީއަކުން މަދުވެގެން އެއް މެންބަރަކާއި އަމިއްލަ އެއް މެންބަރުގެ މައްޗަށް އެކުލެވޭ ވަގުތީ ކޮމެޓީއަކަށް މައްސަލަ ފޮނުވަންޖެހެއެވެ.

ކޮމިޓީއަށް އިތުބާރު ނެތްކަމުގެ މައްސަލަ ފޮނުވާތާ 10 ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމައި، މެންބަރުންގެ ބަހުސްއަށް ފުރުސަތު ދިނުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވަން ޖެހެއެވެ.

މަޖިލީހުގެ ގަވާއިދަށް މި އިސްލާހް ގެނައުމަށް ކޮމިޓީގައި އޮއްވައި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުނެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނަސްގެން ނޫނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެ މައްސަލަ މަޑުޖައްސާލައިފައެވެ.