މެޗުގެ ކުޅުން ނިމިއްޖެ. މިއީ މޮރޮކޯން ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކުރި ދެވަނަ ފަހަރު. މީގެ ކުރިން އެޓީމުން ގަދަ 16 ހޯދީ 1986 ވަނަ އަހަރު. މިއީ ތާރީހީ ނަތީޖާއެއް. އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މޮރޮކޯ ދިޔަ އިރު، ދެވަނަ ޓީމަކީ ކްރޮއޭޝިއާ.
ދެވަނަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓް ދައްކައިފި.
'85 - މޮރޮކޯއިން ހަކީމީގެ ބަދަލުގައި ޖަބްރޭން ކުޅެން ނެރެފި. ހަކީމީ ފައިބައިގެން ދިޔަ ވަގުތު ސަޕޯޓަރުން ވަނީ އޭނާއަށް ތައުރީފް ކުރުމަށް ތެދުވެ އަތްތިލަބަޑި ޖަހާފައި.
'79 - މޮރޮކޯގެ ނުރައްކަލެއް. ކައުންޓާ އެޓޭގްގައި އަމްރަބަޓް ދުއްވާލި ބޯޅަ ހަމްދަﷲއަށް ލިބުނު ނަމަވެސް، އޭނާއަށް ރަނގަޅަށް ކޮންޓްރޯލެއް ނުވި. ހަމްދަﷲ ރަނގަޅަށް ކޮންޓްރޯލްކޮށްލި ނަމަ، އޭނާއަށް ގޯލަށް ފޮނުވާލަން ފަހި ފުރުސަތެއް އޮތް.
'75 - ދެޓީމުންވެސް ބަދަލުތަކެއް. ކެނެޑާއިން ހޮއިލެޓްގެ ބަދަލުގައި ކުޅެން އެރުވީ ވޯތާސްޕޫން. މޮރޮކޯއިން ޒިޔެޗާއި އޮއުނާހީ ބާލައި، ކުޅެން އެރުވީ ހަމަދަﷲ އާއި އެލް ޔަގީގް.
'69 - ކެނެޑާއިން ނުރައްކާތެރި ހަމަލާއެއް. ހޮއިލެޓްގެ ކޯނަރު ހަޗިންސަން ބޮލުން ޖެހުމުން ގޮސް ޖެހުނީ މަތީ ދަނޑީގައި. އެ ބޯޅަ ބޭރުވީ ގޯލް ރޮނގުމަތީގައިވެސް ޖެހިފައި.
'66 - މޮރޮކޯގެ ދެބަލެއް. އަބޫޚްލާލާއި އަމައްލާ ކުޅެން ނުކުތީ ބޫފަލްއާއި ސަބީރީގެ ބަދަލުގައި.
'60 - ކެނެޑާގެ ތިން ބަދަލެއް. ކާޔޭ، ލެރިން އަދި އަޑެކޫބޭގެ ބަދަލުގައި ކުޅެން ނުކުތީ ކޯނޭ، ޑޭވިޑް އަދި ހެޗިންސަން.
'58 - ކެނެޑާއަށް ފުރުސަތެއް. ހޮއިލެޓްގެ ހުރަސް ޑޭވީސް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށް. އެންމެފަހުން ކެނެޑާ ކުޅުނު މެޗުގައި ގޯލު ޖެހީ ޑޭވީސްގެ ފަރާތުން މި މެޗުގައި ފެނުނު ފުރަތަމަ ނުރައްކާ.
ހާފްގެ ކުރީކޮޅުގައިވެސް ބޮޑަށް ނުރައްކާކޮށް ފެންނަނީ މޮރޮކޯ. ހާއްސަކޮށް ހަކީމް ޒިޔެޗްގެ ހުރަސްތައް ފެންނަނީ ނުރައްކާކޮށް.
މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ކުރީގައި އޮތީ 2-1 އިން މޮރޮކޯ.
'45+4 - މޮރޮކޯގެ ތިންވަނަ ގޯލެއް ޖެހި ކަމަށް ބެލެވުނި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށް. އެން-ނެސީރީ ފޮނުވާލި ބޯޅަ ގޯލަށް ވަނުމުން އޭނާ އުފާފާޅުކުރި ނަމަވެސް ލައިންސްމަން އޮތީ އޮފްސައިޑް ކަމަށް ދިދަ ނަގާފައި.
'45 - ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓް ދައްކައިފި.
ކެނެޑާގެ ގޯލަކީ އެޓީމުގެ އަޑެކޫބޭ ޖެހި ބޯޅަ، މޮރޮކޯގެ އަގުއޭޑް ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލް ތެރެއަށް ވަން ބޯޅައެއް. މޮރޮކޯގެ ގޯލްކީޕަރު ބޯނޯ ބޯޅައަށް މަސައްކަތް ކުރި ނަމަވެސް އަތުގައި ނުޖެހުނު.
'39 - ކެނެޑާއިން ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފި. ކެނެޑާއިން ޖެހި ގޯލަކީ މޮރޮކޯގެ އަގުއޭޑް އަތުން ބައިކޮޅަށް ވަން ގޯލެއް.
'32 - މޮރޮކޯއަށް ފުރުސަތެއް. އެޓީމުގެ ފަރާތުން ފެނުނު ހިތްގައިމު ޕާސިން ފުޓުބޯޅައެއްގައި ތަނަވަސްކުރި ފުރުސަތުގައި ސަބީރީއަށް ރަނގަޅަށް ހިސާބަކުން ބޯޅަ ލިބުނު ނަމަވެސް ކެނެޑާ ޑިފެންސުން ވަނީ ބޯޅަ ހޯދައި ސާފުކޮށްލައިފާ.
'28 - ކެނެޑާގެ އޮސޯރިއޯއަށް ރީނދޫ ކާޑު. ކެނެޑާ މިވަގުތު ފެންނަނީ ވަރަށް ބޮޑަށްވެެސް ކުޅުން ދަށްކޮށް. މޮރޮކޯ ދަނީ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެމުން.
މޮރޮކޯގެ ފަހަތުން ކުރިއަށް ޖައްސާލި ބޯޅަ އެޓީމުގެ ކުޅުންތެރިއަކަށް ނުލިބޭނެ ކަމަށް ބެލެވުނު ނަމަވެސް ކެނެޑާ ޑިފެންސް ކައިރިން ސަލާމަތްވެ އެން-ނެސީރީ ވަނީ ބޯޅަ ހިފައިގެން ކުރިއަށް ޖެހި، ގޯލްގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ގޯލު ޖަހައިފައި.
'23 - މޮރޮކޯން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ގޯލު ޖަހައިދިނީ އެން-ނެސީރީ.
'15 - ކެނެޑާގެ ނުރައްކަލެއް. ބުޗަނަން ބޯޅައާއެކު ކުރިއަށް ޖެހި ނަގައިދިން ހިތްގައިމު ބޯޅަ ލަރިން ބޮލުގައި ލައްވާނުލައި ދިޔައީ ކިރިޔާ. އޭނާ އޮތީ ގޯލަށް ބޯޅަ ފޮނުވާލެވޭނެ ރަނގަޅު މަގާމަކަށް އަރައި.
މިވަގުތު ގްރޫޕް އެފްގައި ކުޅެވެމުންދާ އަނެއް މެޗު މިވަގުތު އޮތީ 0-0 ގެ ނަތީޖާއެއްގައި. އެހެންކަމުން މި ނަތީޖާގައި މޮރޮކޯ އޮތީ ގްރޫޕްގެ އެއްވަނަ މަގާމުގައި. އެއީ ތިން މެޗުން ހަތް ޕޮއިންޓާ އެކުގައި.
ޒިޔެޗް ގޯލު ޖެހީ ކެނެޑާގެ ގޯލްކީޕަރު ބޯޖާންގެ ބޮޑު ގޯހަކުން. ގޯލްކީޕަރު އޭރިއާ ބޭރަށް ނުކުމެ ސާފުކޮށްލަން ޖެހި ބޯޅަ ލިބުނީ ޒިޔެޗަށް. އޭނާ ހާފުގެ މެދެއްހާ ހިސާބުން ދުރުން ގޯލަށް ބޯޅަ ވައްދާލީ ބަލާލައިފައި ފަސޭހަ ކަމާއެކު.
'4- މޮރޮކޯއިން ލީޑު ނަގައިފި. ގޯލް ޖަހައިދިނީ ހަކީމް ޒިޔެޗް.
މެޗުގެ ކުޅުން ފަށައިފި.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ހަވަނަ މެޗުގައި ކެނެޑާއާއި މޮރޮކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މޮރޮކޯއިން ވޯލްޑް ކަޕްގެ ގަދަ 16 ހޯދަން މިރޭ ނުކުންނާނީ ކަޓާފައިވާ ކެނެޑާއާ ދެކޮޅަށް. މޮޅަކާއެކު އަމިއްލަ ބާރުގައި މޮރޮކޯއަށް ގަދަ 16 ހޯދެން އޮތް އިރު، މޮރޮކޯގެ ވޯލްޑް ކަޕް ތާރީހުގައި އެޓީމުން މިހާތަނަށް ވޯލްޑް ކަޕްގެ ގަދަ 16 ހޯދާފައިވަނީ އެންމެ ފަހަރަކު. އެއީ 1986 ވަނަ އަހަރު މެކްސިކޯ ވޯލްޑް ކަޕްގައި އެކަނި. ކެނެޑާއަށް ދެން މި ވޯލްޑް ކަޕުން ހޯދެން އޮތް ޝަރަފަކީ އެގައުމުގެ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕްގެ މޮޅު ހޯދުން.