މެޗުގެ ކުޅުން ނިންމާލައިފި. މެކްސިކޯއިން 2-1 އިން މެޗު ކާމިޔާބުކުރި ނަމަވެސް، ދެޓީމަށް ވަނީ ގްރޫޕް ސްޓޭޖުން އަލްވަދާއުކިޔަން ޖެހިފައި.
މެކްސިކޯއަށް މާޔޫސީ ގޯލެއް. ސައުދީން ގޯލު ޖެހީ ކައުންޓާ އެޓޭކެގައި.
'90+6 ' ސައުދީން ގޯލު ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފި. ގޯލު ޖެހީ އަލް ދައުސާރީ.
'90+1 - އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓް ދައްކައިފި.
'88 - މެކްސިކޯން އަނެއްކާވެސް ބޯޅަ ގޯލަށް ވައްދާލައިފި. އަންޓޫނާ ކުރިއަށް ޖެހި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެ ބޯޅަށް މަސައްކަތް ކުރި އިރު، އަންޓޫނާ ސައިޑް ކަމަށް.
މި ގްރޫޕުގައި ކުޅޭ އަނެއް މެޗުގައި ބައްދަލުކުރަނީ އާޖެންޓީނާއާއި ޕޮލެންޑް. އެ މެޗުގައި 2-0 ގެ ނަތީޖާއަކުން މިވަގުތު ކުރީގައި އޮތީ އާޖެންޓީނާ. މިހާރު އޮތް ގޮތުން އަދިވެސް ގަދަ 16 ގެ ފުރުސަތު އޮތީ ޕޮލެންޑަށް. ޕޮއިންޓް ތާވަލުގައި ހުރިހާ ގޮތަކުން ޕޮލެންޑާއި މެކްސިކޯ އެއްވަރު. ޕޮލެންޑް ދެވަނައިގައި އޮތީ ފެއާ ޕްލޭ ރެކޯޑަށް ބަލައިގެން. މެކްސިކޯއަށް ބޭނުންވަނީ ގޯލެއް.
'78 - އަނެއްކާވެސް މެކްސިކޯއަށް ފުރުސަތެއް. އަންޓޫނާ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ބްލޮކް ވެގެން.
'77 - މެކްސިކޯއަށް ރަނގަޅު ފުރުސަތެއް. ޕިނޭޑާ މެދުތެރެއިން ގޯލުގެ ކަނަށް އަމާޒުކޮށްލަން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށް.
'74 - އަނެއްކަވެސް ޗާވޭޒްގެ ނުރައްކާތެރި ހިލޭ ޖެހުމެއް. މިފަހަރު އޭނާ ފޮނުވާލި ބޯޅަ މަތަކުރީ ސައުދީ ކީޕަރު އޮވައިސް.
'70 - މެކްސިކޯއަށް ހުސް ފުރުސަތެއް. މާޓިންއަށް ހުސްކޮށް ފޮނުވާލަން ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ މާ މަތިން ބޭރަށް. ބަލާލާފައި ގޯލު ތެރެއަށް މަޑުމަޑުން އަމާޒުކޮށްލުމަށްވެސް ފުރުސަތު އޮތް.
'56 - މެކްސިކޯން އަނެއްކާވެސް ބޯޅަ ގޯލު ތެރެއަށް ވައްދާލައިފި. އެކަމަކު ރެފްރީ ނިންމީ އޮފްސައިޑް ކަމަށް. ލޮޒާނޯ ވަން ޓު ވަންއެއް ހަދައި ޖެހި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ލައިންސްމަން އޮތީ އޮފްސައިޑަށް ދިދަ ނަގާފައި.
'52- މެކްސިކޯން ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. އެ ގޯލަކީ ޗާވޭސް ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމަކުން ވައްދާލި ގޯލެއް. މިހާތަނަށް ވޯލްޑް ކަޕްގައި ފެނިގެން ދިޔަ އެންމެ ރީތި އެއް ގޯލު.
މެކްސިކޯ ގޯލު ޖެހީ ކޯނަރަކުން މޮންޓޭސް ބޮލުގައި ޖެހިފައި ދިޔަ ބޯޅައަށް އަރައި، މާޓިން ފައިން ގޯލަށް ވައްދާލި ބޯޅައިން.
'46 - މެކްސިކޯ ގޯލު ޖަހައި ލީޑު ނަގައިފި. ގޯލު ޖަހައިދިނީ ހެންރީ މާޓިން.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފްގެ ކުޅުން ނިންމާލައިފި.
'45 - ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓް ދައްކައިފި.
މެކްސިކޯއިން މެޗުގެ ކޮންޓްރޯލް ހޯދައި ކުޅެމުންދާ އިރު، މި ހާފްގައި ސައުދީން ވަނީ ވަރުގަދައަށް ޑިފެންސް ކޮށްފައި. ހާއްސަކޮށް ގޯލްކީޕަރުގެ ރަނގަޅު ކުޅުމެއް ފެނިގެން ދޭ.
'25 - ސައުދީގެ އަލް ހަސަނަށް ރީނދޫ ކާޑު. އޭނާއަށް ކާޑު ދެއްކީ ޗާވޭޒްއަށް ކުރި ފައުލަކަށް. މެކްސިކޯ ދަނީ ބޯޅަ ހިފަހައްޓައިގެން ހަމަލާއަށް މަސައްކަތް ކުރަމުން.
'27 - މެކްސިކޯއަށް ފުލުފުލުގައި ދެ ފުރުސަތެއް. ފުރަތަމަ ހަމަލާގައި ޕިނޭޑާ އޭރިއާ ތެރެއިން ޖެހި ބޯޅަ ކީޕަރު އަލް އޮވައިސް އަތަށް ދިޔައީ އަލް އަމްރީއާއި ޓަމްބަކްޓީ ވެއްޓިގަނެ އެޅި ބްލޮކްގައި ޖެހިފައި. އޭގެ ދެމިނެޓް ފަހުން ހުރަސްވި ބޯޅައެއްގައި ޕިނޭޑާ ބޮލުން ޖެހުމުން ބޭރަށް ދިޔައީ ޑިފެންޑަރު ފައިގައި ޖެހިފައި.
'15 - މެކްސިކޯގެ އަލްވަރޭޒަށް ރީނދޫ ކާޑު. ރެފްރީ އޭނާއަށް ކާޑު ދެއްކީ ސައުދީގެ ޓަމްބަކްޓީއަށް ކުރި ފައުލަކަށް.
'8 - ސައުދީގެ ފުރަތަމަ ހަމަލާ. ކުރިއަށް ޖެހި ސައުދީން ތަނަވަސްކުރި ފުރުސަތުގައި ކަނޯ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށް.
'7 - މެކްސިކޯގެ ހަމަލާއެއް. ގަލާޑޯ އަރިމަތިން ނެގި ހުރަސް މާޓިން ފައިގައި ޖައްސާ ގޯލަށް ފޮނުވާލުން ސައުދީ ކީޕަރު އަލް އޮވައިސް ވަނީ މަތަކޮށް ބޭރުކޮށްލާފައި.
'6 - ސައުދީގެ އަލް ދައުސޭއީއަށް އަނިޔާވެ ފަރުވާ ދެނީ. އޭނާއަށް އަނިޔާވީ މަތިން އައި ބޯޅައަކަށް ފުއްމައިގެން އަރާ ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި ދަނޑުމަތީގައި ބާރަށް ޖެހުމުން.
މެޗަށް ލުސައިލް އައިކަނިސް ސްޓޭޑިއަމް ފުރިފައި އޮތް އިރު، ގިނައީ ސައުދީ ސަޕޯޓަރުން. ހަބަރުތައް ބުނެފައިވާ ގޮތުން އެގައުމުގެ 50،000 އަށްވުރެ ގިނަ ސަޕޯޓަރުން ދަނޑަށް ވަން.
3' - ސައުދީ ގޯލްކީޕަރު އަލް އޮވައިސްގެ މޮޅު ސޭވެއް. ކުރިއަށް ދުއްވާލި ބޯޅައިގައި މެކްސިކޯގެ ވޭގާ ހުސްކޮށް އަރައި ފޮނުވާލި ބޯޅައަށް ނުކުމެ މަތަކުރީ އަލް އޮވައިސް.
'2 - މެކްސިކޯގެ ނުރައްކާތެރި ހަމަލާއެއް. ޗާވޭސް ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށް.
މެޗުގެ ކުޅުން ފަށައިފި.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ހަވަނަ މެޗުގައި ސައުދީ އަރަބިއާއާއި މެކްސިކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މެޗަށް ނުކުންނަ އިރު ދެޓީމަށްވެސް ފުރުސަތު އެބައޮތް. ސައުދީއަށް ފުރުސަތު ބޮޑު. ސައުދީ ޖެހެނީ މޮޅެއް ހޯދަން. އަނެއްކޮޅުން މެކްސިކޯއަށް އޮތީ އުނދަގޫ މަގެއް. ގަދަ 16 އަށް ޔަގީންކަމާއެކު ދާންވެސް މެކްސިކޯއަށް ހަތަރު ގޯލަށްވުރެ ބޮޑު ފަރަގަކުން މޮޅުވާން ޖެހޭ. އެ ހާލަތަށް މާޓިނޯ ބުނީ އެއީ އެއްވެސް ޝަކުވާއެއް ކުރެވެން ނެތް ހާލަތެއް ކަމަށާއި، ކޮންމެހެންވެސް އޮތީ މޮޅުވުން ކަމަށް.