ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕްގައި އިރާން ބަލިކޮށް، އެމެރިކާއިން ގަދަ 16 ޔަގީންކޮށްފިއެވެ.
މިރޭގެ މެޗުން އެމެރިކާ މޮޅުވުމާއެކު އެޓީމަށް ވަނީ ގްރޫޕް ބީގެ ދެވަނަ ލިބިފައެވެ. އެމެރިކާ ތިން މެޗުން ފަސް ޕޮއިންޓް ހޯދި އިރު، ގްރޫޕްގެ އެއްވަނަ ނެގީ މިރޭ ވޭލްސް ބަލިކުރި އިންގްލެންޑެވެ. އިރާނުން ނިންމާލީ ތިން ޕޮއިންޓާއެކު ތިން ވަނައިގައެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް އެމެރިކާ ނުކުތީ މިދިޔަ 2018 ވަނަ އަހަރު ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައި އޮތުމަށްފަހުއެވެ. އޭގެ ކުރިން 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ގަދަ 16 ގައިވެސް އެމެރިކާ ކުޅެފައިވާ އިރު، މިއީ ޒުވާން ޖީލަކަށް ލިބުނު ކާމިޔާބީއެކެވެ.
މިރޭގެ މެޗަށް އޮތީ އެކިއެކި ގޮތްގޮތުން ދުނިޔޭގެ ލޯތައް އަމާޒުވެފައެވެ. ހާއްސަކޮށް އިރާނާއި އެމެރިކާގެ ޒަމާންވީ ދާހިލީ ރުޅިވެރިކަމުގެ ހިޔަނި މެޗަށް އެކިއެކި ގޮތްގޮތުން އެޅިފައިވެއެވެ. އެގޮތުން 1998 ވަނަ އަހަރު މި ދެ ޓީމުން ވޯލްޑް ކަޕްގައި ކުޅުނު ތާރީހީ މެޗުގެ ސަބަބުން އެ ހަނދާންތައް މިރޭގެ މެޗާ ގުޅިފައި އޮތެވެ. އެ މެޗުގައި އިރާނުން އެމެރިކާ ރޮއްވާލީ 2-1 އިން މޮޅުވެގެންނެވެ. އެ ހަނދާންތަކަށް މިރޭ އެމެރިކާއިން ވަނީ ބަދަލު ހިފައިފައެވެ.
އެ ހަނދާންތަކުގެ ތެރެއިން މިފަހަރު މެޗުގެ ކުރިންވެސް ދެޓީމަށް ވަނީ އެފަދަ ބައެއް ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާ ޓީމުން ސޯޝަަލް މީޑިއާ ޕޯސްޓެއްގައި އިރާން ދިދައިގެ ﷲގެ ކަލިމަފުޅު ނެގުމުން އެކަން ހޫނުވެފައިވާ އިރު، ފަހުން އެމެރިކާއިން އެ ޕޯސްޓު ބަދަލުކުރެއެވެ. އެހެންނަމަވެސް އިރާނުން ފީފާއަށް އެ މައްސަލަ ޖައްސާފައިވެއެވެ. ހަބަރުތައް ބުނީ އިރާނުން ބޭނުންވީ އެމެރިކާއަށް ހަރުކަށި ފިޔަވަޅު އެޅުމަށެވެ.
ދަނޑުމަތީގެ ހާލަތަށް ބަލާ އިރު، އިރާނަށް ގަދަ 16 އަށް ބޭނުންވެފައި އޮތީ ޕޮއިންޓެކެވެ. އެމެރިކާއަށް ގަދަ 16 ހޯދެން އޮތީ މެޗުން މޮޅުވެގެންނެވެ. މެޗާ ހަމައަށް އައި އިރު، އިރާނުން އޮތީ ފުރަތަމަ ދެ މެޗުން ތިން ޕޮއިންޓް ހޯދައިފައެވެ. އިރާނުން ވޭލްސް 2-0 އިން ބަލިކޮށްފައިވާ އިރު، ފުރަތަމަ މެޗުގައި އިންގްލެންޑް ކައިރިން ބަލިވީ 6-2 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން އެމެރިކާ އަތުގައި އޮތީ ދެ ޕޮއިންޓެވެ. އެއީ ވޭލްސްއާއި އިންގްލެންޑް މެޗުން ހޯދި ދެ ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ހާފު މުޅިންހެން ކޮންޓްރޯލުކޮށްގެން ކުޅުނީ އެމެރިކާއިންނެވެ. އެޓީމުގެ ރީތި ޕާސިން ސްޓައިލުގައި ކުޅުނު ތަން ފެނިގެން ގޮސްފައިވާ އިރު، އަރިމަތިން ޑިފެންޑަރުންނާއެކު މުޅި ޓީމުވެސް ދިޔައީ އެޓޭކްގައި ބައިވެރިވަމުންނެވެ. އިރާނަށް ޑިފެންސްކުރަން މަޖުބޫރުވިއެވެ. ކައުންޓާ އެޓޭކް ކުރުން ނޫން އިތުރު ގޮތަކަށް މެޗުގައި ޓެކްޓިކްސް ގެންގުޅެވެންވެސް އިރާނަށް ނެތެވެ.
މެޗުގެ ކުރީކޮޅުގައި ރޮބިންސަން އަރިމަތިން ނެގި ހުރަސް، އޭރިއާ ބޭރުގައި ހުރި މުސާ ކޮންޓްރޯލުކޮށް ފޮނުވާލި ވޮލީ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އަދި އޭގެ ދެ މިނެޓް ފަހުން މެޗުގެ 12 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލްކީޕަރު އިރާންގެ ގޯލްކީޕަރު އަލީރެޒާ ބެއިރަންވާންޑް އަތަށެވެ.
މިރޭގެ މެޗަށް އިރާންގެ ގޯލްކީޕަރު ބެއިރަންވާންޑް ނުކުމެފައިވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ރެސްޓް ކުރުމަށްފަހުއެވެ. އޭނާ ރެސްޓް ކުރަން ޖެހުނީ އިރާނުން ފުރަތަމަ ކުޅުނު މެޗުގައި މޫނަށް އަނިޔާވުމުންނެވެ. ބެއިރަންވާންޑަށް ލިބުނު އަނިޔާއަކީ ބޮލުގެ އަނިޔާއަކަށްވުމުން ފީފާގެ އުސޫލުގެ ދަށުން އެއް މެޗު ބެންޗުގައި މަޑުކުރަން ޖެހުނެވެ.
އެމެރިކާގެ ހަމަލާތައް އިތުރަށް ނުރައްކާވަމުން ދިޔަ އިރު، ޓިމޮތީ ވެއާއަށް ހުސް ދެ ފުރުސަތު ލިބި ބޭކާރުވިއެވެ. މެޗުގެ 28 ވަނަ މިނެޓުގައި ޕުލިސިޗް ނަގައިދިން ބޯޅައިގައި ބޮލުން ޖެހި ހަމަލާގެ އިތުރުން އޭގެ އިރުކޮޅެއް ފަހުން ސާޖަންޓް ޖައްސާލި ބޯޅައިގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާވެސް ވެއާގެ ފަރާތުންވީ ނާކާމިޔާބެވެ.
އެމެރިކާއިން މެޗުގެ ލީޑު ނެގީ 38 ވަނަ މިނެޓުގައެވެ. ޕުލިސިޗް ޖެހި އެ ގޯލުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ވިންގް ބެކް ޑެސްޓެވެ. ފަހަތުން ކުރިއަށް ވައްޓާލި ބޯޅައަށް އޭރިއާ ތެރެއަށް ވަދެ ޑެސްޓް ބޮލުން ޖައްސާލި ބޯޅަ ޕުލިސިޗް އަރައި ގޯލަށް ފޮނުވާލީ އިރާން ޑިފެންސް ތެރެއިން ކަހަލަ ގޮތަކަށެވެ. ގޯލު ޖަހަން އުޅުމުގެ ތެރޭގައި އަނިޔާވެ ޕުލިސިޗަށް ފަރުވާވެސް ދީފައިވެއެވެ.
ދެވަނަ ހާފަށް އެމެރިކާއިން ނުކުތީ ބަދަލަކާއެކުގައެވެ. އަނިޔާވި ޕުލިސިޗްގެ ބަދަލުގައި އާރޮންސަން ކުޅެން ނުކުތް އިރު، އިރާނުން ސަރުދާރު އަޒްމޫންގެ ބަދަލުގައި ނުކުތީ ސަމަމް ގުއްޑޯސްއެވެ.
ދެވަނަ ހާފުވެސް ރަނގަޅަށް ފެށީ އެމެރިކާއިންނެވެ. މަދުން ނޫނީ އިރާނުގެ ނުރައްކަލެއް މެޗުގައި ފެނިފައެއް ނުވެއެވެ. އިރާންގެ އެންމެ ރަނގަޅު ފުރުސަތު ފެނިގެން ދިޔައީ 65 ވަނަ މިނެޓުގައެވެ. އެމެރިކާގެ ޑިފެންސް ވަރަށް ބޮޑަށް ހުޅުވިގެން ދިޔަ ގަޑީގައި އަރިމަތިން ނެގި ބޯޅައަށް މެހްދީ ތެރާމީ ކުރިއަށް އެރި އިރު، އޭނާ ފައިގައި ބޯޅަ ލައްވައެއް ނުލިއެވެ. އެ ބޯޅަ ފަހުން ގޮއްޑޯސްއަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލީ ބޭރަށެވެ.
އިރާނުން ފަހު ކޮޅުގައިވެސް ޕޮއިންޓަކަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ އިރު، ސެޓް ޕީސްތަކުގައި ހަމަލާތަކަށް ފަހިކުރިއެވެ. އެގޮތުން 85 ވަނަ މިނެޓުގައި އިރާންގެ ނުރައްކަލެއް ފާހަގަވިއެވެ. ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ފުރުސަތުގައި އިރާނުން ހުރަސްކުރި ބޯޅަ ދިފާއުކުރަން އެމެރިކާއަށް އުނދަގޫތަކަކާ ކުރިމަތިވެފައިވާ އިރު، އެ ބޯޅަ އެމެރިކާ ޑިފެންޑަރު ޓާނާ ދިފާއުކުރީ ގޯލުގެ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ. އެ ބޯޅަ ޓާނާ އަތުގައި ޖެހުނު ކަމަށް އިރާން ކުޅުންތެރިން ޝަކުވާކޮށްފައިވެސްވެއެވެ. ހާއްސަކޮށް ބެންޗުން މާ ބޮޑަށް ޝަކުވާކުރުމުން ބެންޗުގައި ހުރި ކަނާނިޒަދެގެންއަށް ރެފްރީ ރީނދޫ ކާޑުވެސް ދެއްކާފައިވެއެވެ.
މެޗުގެ ފަހު ފަސްވަރަކަށް މިނެޓް ޕްރެޝަރުގައި ފެނުނު އިރު، އެމެރިކާއިން ވަނީ ފަހަތަށް ޖެހި ޓީމު އެއްކޮށް ޑިފެންސްކޮށް ގަދަ 16 ގެ ފުރުސަތު ހޯދައިފައެވެ.