ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: އިރާން 0-1 އެމެރިކާ (ފުލް ޓައިމް)

30 Nov 07:10

މެޗުގެ އުސްއަލިތައް

  • މެޗުގެ ފުރަތަމަ ހާފް އެއްކޮށް ކޮންޓްރޯލް ކުރީ އެމެރިކާ
  • އެމެރިކާއިން އަރިމަތިން ނުރައްކާކޮށް، އެޓޭކިން ރީތި މެޗެއް ފެނިގެން ގޮސްފައިވޭ
  • އިރާނުން ކަަައުންޓާއަށް ވިސްނި އިރު، އެޓީމަށް ހާފުގެ ބޮޑުބައެއްގައި ޖެހުނީ ޑިފެންސްކުރަން
  • ކުރީކޮޅުގައި ޓިމޮތީ ވެއާއަށް ލިބުނު ދެ ފުރުސަތެއް އޭނާ ނަގާލި
  • އެމެރިކާއިން ޕްރެޝަރުކޮށް ގޯލު ޖެހީ ހާފުގެ ފަހު ކޮޅުގައި، އެ ގޯލް ޖެހީ ޕުލިސިޗް
  • ޕުލިސިޗަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕުލިސިޗް
  • ދެވަނަ ހާފުގައިވެސް ކުޅުން ކޮންޓްރޯލް ކުރީ އެމެރިކާއިން
  • އެޓީމަށް ލީޑު ފުޅާކުރަން ފުރުސަތުވެސް ލިބި ބޭކާރުވި
  • އިރާނުގެ ނުރައްކާ ފެނުނީ ފަހު މިނެޓް ކޮޅުގައި، ހާއްސަކޮށް ހިލޭ ޖެހުންތަކުން ނުރައްކާ ފެނުނު
  • އުރަލިންގާންޖީ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރނިން ބޭރަށް
  • މެޗުގެ ފަހު މިނެޓްގައި އިރާނުން ޕެނަލްޓީއަކަށް ޝަކުވާކުރި، ރެފްރީ ވީއޭއާރް ބަލައި ނިންމީ ޕެނަލްޓީއެއް ނޫން ކަމަށް
  • މެޗުގެ ނަތީޖާއާއެކު އެމެރިކާއިން ވަނީ ގަދަ 16 ޔަގީން ކޮށްފައި
30 Nov 07:07

މެޗުގެ ކުޅުން ނިންމާލައިފި. އެމެރިކާއިން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން. އެ ނަތީޖާއާއެކު އެމެރިކާއިން ވަނީ ގަދަ 16 ޔަގީން ކޮށްފައި.

30 Nov 07:06

'90+9 - އިރާން ކުޅުންތެރިން ރެފްރީ ވަށާލި ނަމަވެސް ރެފްރީ ވީއޭއާރް ބަލައި ނިންމީ ޕެނަލްޓީއެއްް ނޫން ކަމަށް.

30 Nov 07:06

'90+8 - އިރާންގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް އައި ބޯޅައެއްގައި ތެރާމީއާއި ކާޓާ-ވިކާސް ބޯޅައަށް ކުރި މަސައްކަތުގައި ކުރިއަށް ދިޔަ ބޯޅަ ސާފުކޮށްލީ ޒިމަމެން. އެ ނުރައްކަލުގައި ކާޓާ ތެރާމީއަށް ފައުލް ކުރިތޯ ވީއޭއާރް ބެލި. ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށް.

30 Nov 07:00

'90+6 - އިރާންގެ ޖަލާލީއަށް ރީނދޫ ކާޑު. އޭނާއަށް ރެފްރީ ކާޑު ދެއްކީ މުސާއަށް ކުރި ފައުލަކުން.

30 Nov 06:58

'90+3 - އިރާނުގެ ނުރައްކާތެރި ހަމަލާއެއް. އިރާނުގެ ހިލޭ ޖެހުމަކުން ޕޮއުރަލިންގާންޖީ ބޮލުން ޖެހި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ކިރިޔާ.

30 Nov 06:54

'90+1 - ފަހު ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ނުވަ މިނެޓް ދައްކައިފި.

30 Nov 06:49

'82 - އިރާންގެ ނުރައްކަލެއް. ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ފުރުސަތުގައި އިރާނުން ހުރަސްކުރި ބޯޅަ ދިފާއުކުރަން އެމެރިކާއަށް އުނދަގޫތަކަކާ ކުރިމަތިވި. އެ ބޯޅަ ޓާނާ ދިފާއުކުރީ ގޯލުގެ ރޮނގުމަތިން ކަހަލަ ގޮތަކަށް. ޓާނާ އަތުގައި ބޯޅަ ޖެހުނު ކަމަށް އިރާން ކުޅުންތެރިން ޝަކުވާކުރި.

ބެންޗުން މާ ބޮޑަށް ޝަކުވާކުރުމުން ބެންޗްގައި ހުރި ކަނާނިޒަދެގެންއަށް ރެފްރީ ރީނދޫ ކާޑުވެސް ދެއްކި.

30 Nov 06:47

'82 - އަނެއްކާވެސް އެމެރިކާގެ ދެބަދަލެއް. ޒިމަމަންއާއި މޯ ކުޅެން ނުކުތީ ވެއާއާއި ޑެސްޓްގެ ބަދަލުގައި. އެމެރިކާއިން މަސައްކަތް ކުރަނީ ލީޑް ދަމަހައްޓަން.

30 Nov 06:45

'79 - އިރާނަށްވެސް ބަދަލެއް. ހޮލިޒާދޭގެ ބަދަލުގައި ކުޅެން ނުކުތީ އަންސަރީފާޑް.

30 Nov 06:42

'78 - އެމެރިކާގެ ބަދަލެއް. ސާޖަންޓް ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ބާލައިފި، ބަދަލުގައި ކުޅެން ނުކުތީ ރައިޓް.

30 Nov 06:41

''77 - އިރާންގެ ހޮސައިނީއަށް ރީނދޫ ކާޑު. އޭނާއަށް ރެފްރި ކާޑު ދެއްކީ އާރޮންސަންއަށް ކުރި ފައުލަކަށް.

30 Nov 06:31

'65 - އިރާންގެ ނުރައްކަލެއް. އެމެރިކާގެ ޑިފެންސް ވަރަށް ބޮޑަށް ހުޅުވިގެން ދިޔަ ގަޑީގައި އަރިމަތިން ނެގި ބޯޅައަށް ތެރާމީ ކުރިއަށް އެރި އިރު، އޭނާ ފައިގައި ބޯޅަ ލައްވައެއް ނުލި. އެ ބޯޅަ ފަހުން ގޮއްޑޯސްއަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލީ ބޭރަށް.

30 Nov 06:19

'52 - އިރާނަށް ފުރުސަތެއް. އަރިމަތިން ހުރަސްކުރި ބޯޅައަށް ގޮއްޑޯސް ފުއްމައިގެން އަރައި ބޮލުން ޖެހި ނަމަވެސް ގޯލަށް ސީދާކޮށްލެވޭ ގޮތެއް ނުވި.

30 Nov 06:14

'48 - އެމެރިކާގެ ހަމަލާއެއް. އާރޮންސަން ދެ ޑިފެންޑަރުން ކައިރިން ނައްޓާލައި، ފޮނުވާލި ބޯޅަ ދިޔައީ އިރާން ކީޕަރު އަތަށް.

30 Nov 06:12
30 Nov 06:08

ދެވަނަ ހާފަށް އެމެރިކާއާއި އިރާނުންވެސް ބަދަލެއް. އެމެރިކާގެ ޕުލިސިޗްގެ ބަދަލުގައި ކުޅެން ނުކުތީ އާރޯންސޮން. އިރާނުންގެ ސަރްދާރު އަޒުމޫންގެ ބަދަލުގައި ކުޅެން ނެރުނީ ސަމާން ގޮއްޑޯސް.

30 Nov 06:06

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކުޅުން ފެށީ އެމެރިކާއިން.

30 Nov 05:57

ފުރަތަމަ ހާފްގެ އުސްއަލިތައް

  • މެޗުގެ ފުރަތަމަ ހާފް އެއްކޮށް ކޮންޓްރޯލް ކުރީ އެމެރިކާ
  • އެމެރިކާއިން އަރިމަތިން ނުރައްކާކޮށް، އެޓޭކިން ރީތި މެޗެއް ފެނިގެން ގޮސްފައިވޭ
  • އިރާނުން ކަަައުންޓާއަށް ވިސްނި އިރު، އެޓީމަށް ހާފުގެ ބޮޑުބައެއްގައި ޖެހުނީ ޑިފެންސްކުރަން
  • ކުރީކޮޅުގައި ޓިމޮތީ ވެއާއަށް ލިބުނު ދެ ފުރުސަތެއް އޭނާ ނަގާލި
  • އެމެރިކާއިން ޕްރެޝަރުކޮށް ގޯލު ޖެހީ ހާފުގެ ފަހު ކޮޅުގައި، އެ ގޯލް ޖެހީ ޕުލިސިޗް
  • ޕުލިސިޗަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕުލިސިޗް
30 Nov 05:54

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ.

30 Nov 05:54

' 45+7 - އެމެރިކާއިން ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށް. ކުރިއަށް ދުއްވާލި ބޯޅައަށް ބާރު ދުވެލީގައި ގޮސް ވެއާ ނިންމާލީ ގޯލްގެ ކަނަށް. ވީއޭއާރް ބެލުމުގެ ކުރިންވެސް ލައިންސްމަން ވަނީ އޮފްސައިޑަށް ދިދަ ނަގާފައި.

30 Nov 05:49

45+2 - އިރާނުގެ ބަދަލެއް. މުހައްމަދީއަށް އަނިޔާވެ، އޭނާގެ ބަދަލުގައި ކަރިމީ ކުޅެން ނުކުމެއްޖެ.

30 Nov 05:49
30 Nov 05:47

'45+1 - ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓް ދައްކައިފި.

30 Nov 05:45

ގޯލު ޖަހަން އުޅުމުގެ ތެރޭގައި އަނިޔާވެ ޕުލިސިޗަށް ފަރުވާ ދޭން ޖެހިފައިވޭ. މިހާރު އޭނާ ވަނީ އަނބުރާ ކުޅެން ނުކުމެފައި.

30 Nov 05:44

ޕުލިސިޗްގެ ގޯލުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ވިންގް ބެކް ޑެސްޓް. ފަހަތުން ކުރިއަށް ވައްޓާލި ބޯޅައަށް އޭރިއާ ތެރެއަށް ވަދެ ޑެސްޓް ބޮލުން ޖައްސާލި ބޯޅަ ޕުލިސިޗަށް ލިބުނީ އޭރިއާ ތެރެއިން. އޭނާ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލި.

30 Nov 05:38

'38 - އެމެރިކާއިން ގޯލް ޖަހައި ލީޑު ނަގައިފި. އެމެރިކާއަށް ގޯލު ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗް.

30 Nov 05:35

'33 - އެމެރިކާއަށް އިތުރު ފުރުސަތެއް. ސާޖަންޓް އޭރިއާ ތެރެއިން ބޯޅަ ކޮންޓްރޯލްކޮށްލައި، ޖައްސާލި ޕާހުގައި ވެއާއަށް ހުސްކޮށް ގޯލަށް ފޮނުވާލަން ލިބުނު. އޭނާގެ ބާރު ހަމަލާ ދިޔައީ މަތިން ބޭރަށް.

30 Nov 05:33
30 Nov 05:31

'28 - އެމެރިކާއަށް ހުސް ފުރުސަތެއް. އަރިމަތިން ޕުލިސިޗް ހުރަސްކުރަން މަސައްކަތް ކުރި ބޯޅަ އިރާން ޑިފެންޑަރު ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ލިބުނީ ޓިމޮތީ ވެއާއަށް. އިރާން ކީޕަރު އެކަނި އޮއްވާ ވެއާ ބޮލުން ޖެހި ބޯޅައިގައި މާ ބޮޑު ބާރެއް ނެތް.

30 Nov 05:23

'21 - އިރާންގެ ކައުންޓާ އެޓޭކް ހަމަލާއެއް. ފަހަތުން ކުރިއަށް ވައްޓާލި ބޯޅައެއް ތެރާމީ ހޯދައި އޭރިއާ ތެރެއަށް ވަދެ ސަރުދާރު އަޒްމޫނަށް ޖައްސާލަން މަސައްކަތް ކުރި. އެ ބޯޅަ ދިފާއުކުރީ އެމެރިކާ ޑިފެންޑަރު ރީމް.

30 Nov 05:21
30 Nov 05:20

'18 - އެމެރިކާގެ ނުރައްކާތެރި ހުރަހެއް. ޑެސްޓް އަރިމަތިން ނަގައިދިން ހުރަސް ޕަންޗުކޮށްލީ ކީޕަރު ބެއިރަންވާންޑް. އެމެރިކާ ކުރިއަށް ޖެހި ކުޅެމުންދާ އިރު، އިރާން ވިސްނަނީ ކައުންޓާ އެޓޭކަށް.

30 Nov 05:16

މިރޭގެ މެޗަށް އިރާންގެ ގޯލްކީޕަރު ބެއިރަންވާންޑް ނުކުމެފައި ވަނީ އެންމެފަހުން ކުޅުނު މެޗުގައި ރެސްޓް ކުރުމަށްފަހު. އޭނާ ރެސްޓް ކުރަން ޖެހުނީ އިރާނުން ފުރަތަމަ ކުޅުނު މެޗުގައި މޫނަށް އަނިޔާވުމުން. ބެއިރަންވާންޑަށް ލިބުނު އަނިޔާއަކީ ބޮލުގެ އަނިޔާއަކަށްވުމުން ފީފާގެ އުސޫލު ދަށުން އެއް މެޗު ބެންޗުގައި މަޑުކުރަން ޖެހުނު.

30 Nov 05:14

'12 - އެމެރިކާއަށް ފުރުސަތެއް. މުސާ އޭރިއާ ތެރެއަށް ހުރަސްކޮޅި ބޯޅައަށް އަރައި، ޕުލިސިޗް ބޮލުން ޖެހި ބޯޅަ އަމާޒުވީ ސީދާ ކީޕަރު އަތަށް.

30 Nov 05:09

'10 - އެމެރިކާގެ ހަމަލާއެއް. ރޮބިންސަން އަރިމަތިން ނެގި ހުރަސް، އޭރިއާ ބޭރުގައި ހުރި މުސާ ކޮންޓްރޯލްކޮށް ފޮނުވާލި ވޮލީ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށް.

30 Nov 05:07

މެޗުގެ ފުރަތަމަ ފަސްވަރަކަށް މިނެޓްގައި ފެންނަނީ އެމެރިކާއިން ގިނަ ވަގުތު ބޯޅަ ގެންގުޅެގެން ކުޅެމުންދާ މަންޒަރު. މެޗު ފެންނަނީ ޕްރެޝަރު މެޗެއްގެ ގޮތުގައި. އިރާންގެ ސަޕޯޓަރުން ސްޓޭޑިއަމްގައި ގިނަކޮށް ފާހަގަވެގެންދާ އިރު، މިހާތަނަށް ސަޕޯޓަރުންގެ އަޑު ވަރަށް ބާރުކަން ފާހަގަވޭ.

30 Nov 05:01

މެޗުގެ ކުޅުން ފަށައިފި. މެޗު ފެށީ އިރާނުން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ހަވަނަ މެޗުގައި އިރާނާއި އެމެރިކާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މެޗަށް ނުކުންނަ އިރު، އިރާނަށް ބޭނުންވަނީ ޕޮއިންޓެއް. އެމެރިކާއަށް ގަދަ 16 ހޯދެން އޮތީ މެޗުން މޮޅުވެގެން. މެޗާ ހަމައަށް އައި އިރު، އިރާނުން އޮތީ ފުރަތަމަ ދެ މެޗުން ތިން ޕޮއިންޓް ހޯދާފައި. އިރާނުން ވޭލްސް 2-0 އިން ބަލިކުރި. ފުރަތަމަ މެޗުގައި އިންގްލެންޑް ކައިރިން ބަލިވީ 6-2 ގެ ނަތީޖާއަކުން. އަނެއްކޮޅުން އެމެރިކާ އަތުގައި އޮތީ ދެ ޕޮއިންޓް. އެއީ ވޭލްސްއާއި އިންގްލެންޑް މެޗުން ހޯދި ދެ ޕޮއިންޓް.

މެޗަކީ ތާރީހީ މެޗެއް، މިހާރުވެސް ސިޔާސީ ކަންކަމުގެ ވާހަކަ

  • އިރާނާއި އެމެރިކާ ވަނީ 1980 ވަނަ އަހަރު ދާހިލީ ގުޅުން ކަނޑާލާފައި
  • އެމެެރިކާއާއި އިރާނަކީ ދުނިޔޭގެ ސިޔާސީ ކަންކަމުގައި ބޮޑު ދެ ވާދަވެރިން، ހާއްސަކޮށް ދާހިލީ ދެ ހަތުރުން
  • ހާއްސަކޮށް 1900 ގެ އަހަރުތަކުގައި އިރާނާއި އެމެރިކާ މައްސަލަ ބޮޑު
  • މައްސަލަ ބޮޑުކަން 1998 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އިރާނާއި އެމެރިކާ ކުޅުނު މެޗުންވެސް ސާފުވި
  • ފްރާންސްގައި ބޭއްވި 1998 ވަނަ އަހަރު ވޯލްޑް ކަޕްގައި ދެޓީމު ކުޅުނު މެޗުގެ ކުރިން އެތަކެއް ވާހަކަތަކެއް ދެކެވުނު
  • އިރާން ކުޅުންތެރިންނަށް އެމެރިކާ ކުޅުންތެރިންނާ ސަލާމް ކުރަން ނުދާން ސަރުކާރުން ފަހު މިނެޓު އެދުނު
  • މެޗު ފެށީ ދެޓީމު އެއްކޮށް ފޮޓޯއެއް ނަގައިގެން، އެ މެޗުގައި އިރާނުން އެމެރިކާ ކުޅުންތެރިންނަށް ހުދު ފިނިފެންމާ ދިން
  • އެއީ ސުލްހަވެރިކަމުގެ ރަމްޒެއްގެ ގޮތުގައި
  • މެޗު ކުޅުނީ 150 އަށްވުރެ ގިނަ ސިފައިން ހަތިޔާރާއެކު ދަނޑުގައި ތިބެގެން
  • މި ފަހަރު މެޗަށްވެސް މައްސަލަ ހޫނު، އެމެރިކާ ޓީމް ސޯޝަަލް މީޑިއާ ޕޯސްޓެއްގައި އިރާން ދިދައިގެ ﷲގެ ކަލިމަފުޅު ނެގުމުން އެކަން ހޫނުވި
  • ފަހު އެމެރިކާއިން އެ ޕޯސްޓް ބަދަލުކުރި، އެހެންނަމަވެސް އެ މައްސަލަ އިރާނުން ފީފާއަށް ޖެއްސި
  • މައްސަލައިގައި އެމެރިކާ ކޯޗު މައާފަށްވެސް އެދެން