މުޙައްމަދު ޝަމްޢޫން
އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ސޯޝަލް މީޑިއާ ކުރި ޕޯސްޓްތަކުގައި، އީރާންގެ ދިދައިން ﷲގެ ޢިސްމަފުޅު އުނިކޮށްފައިވާތީ އީރާނުން ރުޅިގަދަވެފައި ވަނިކޮށް، އެކަމުގައި އެމެރިކާ ކޯޗު މައާފަށް އެދިއްޖެއެވެ.
މީގެ އެތައް އަހަރެއް ކުރިން 1980 ވަނަ އަހަރު ދާހިލީ ގުޅުން ކަނޑާލާފައިވާ ދެގައުމު ކަމަށްވާ އިރާނީ އެމެރިކާ، ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅޭނެއެވެ. އެ ކުރިމަތިލުން ވެގެންދާނީ ތާރީހީ ކުރިމަތިލުމަކަށެވެ. ސަބަބަކީ ދެގައުމަކީ ހަނގުރާމައިގައި ވާދަވެރިކަން ބޮޑު ދެގައުމަށްވާތީއެވެ. ހާއްސަކޮށް ދުނިޔޭގެ ވަރުގަދަ ކޯޅުންތަކުގައި ދެގައުމަކީ އެންމެ ތަޅާފޮޅުން ބޮޑުވެސް ދެގައުމެވެ.
ވޯލްޑް ކަޕްގައި މިދެ ގައުމުން 1998 ވަނަ އަހަރު ކުރިމަތިލާފައިވާ އިރު، އެމެޗުވެސް ވީ ތާރީހީ މެޗަކަށެވެ. އެ މެޗުގެ ކުރިން އެމެރިކާގެ ކުޅުންތެރިން ސުލްހައިގެ ރަމްޒެއްގެ ގޮތުގައި އީރާންގެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކު އެމެރިކާ ގުޅުންތެރީންނަށް ހުދު ފިނިފެންމަލެއް ހަދިޔާކޮށްފައިވެއެވެ.
މެޗަށް ނުކުންނަ އިރު، އިރާނު އަދި އެމެރިކާއަށްވެސް ގަދަ 16 ޔަގީން ކުރުމަށް ބޭނުންވަނީ މޮޅެކެވެ. މެޗުގެ ފޯރި ގަދަވުމުގެ އިތުރުން އިރާނާއި އެމެރިކާގެ މެޗަށް އިތުރު ކަންތައްތަކެއްވެސް ވަނީ ވަދެފައެވެ. އެގޮތުން އެމެރިކާ ފުޓްބޯޅާ ފެޑަރޭޝަނުން ސޯޝަލް މީޑިއާއަށް ލާފައިވާ ޕޯސްޓްތަކުގައި، އީރާންގެ ދިދައިގެ މެދުގައި ލިޔެފައިވާ ﷲގެ ޢިސްމަފުޅު ވަނީ އުނިކޮށްފައެވެ. އެމެރިކާއިން ބުނީ އެކަން ކުރީ އެގައުމުގައި މުޒާހަރާ ކުރާ ފާރާތްތަކަށް ހިތްވަރު ދޭން ކަމަށެވެ.
އެ މައްސަލައިގައި އިރާންގެ އެފްއޭއިން ވަނީ ފީފާގައި ރަސްމީކޮށް މައްސަލަވެސް ޖައްސާފައެވެ.
ހަބަރުތައް ބުނާ ގޮތުގައި އިރާނުން އެދުނީ އެމެރިކާއަށް ހަރުކަށި އަދަބު ދިނުމަށެވެ. އެ ހަބަރުތައް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އިރާނުން އެދުނީ އެމެރިކާ ވޯލްޑް ކަޕުންވެސް ބޭރު ކޮށްލާށެވެ. އެވާހަކަތަކަށް ސަމާލުކަން ހުއްޓިފައި ވަނިކޮށް އިއްޔެގެ ޕްރީ މެޗު ޕްރެސްގައި އެމެރިކާގެ ކޯޗު، ގްރެގް ބާހާލްޓާ ވަނީ އިރާނުގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެފައެވެ.
އެ މައްސަލަ ހޫނުވެ، އެމެރިކާއިން ވަނީ ޕޯސްޓްތައް ނަގައި، ﷲގެ އިސްމަފުޅާއެކު ޕޯސްޓްތަކުގެ ދިދަތައް ބަދަލުކޮށްފައެވެ.
"ބައެއް ފަހަރު، ބައެއް ކަންކަމަކީ އަހަރެންގެ އަތުގައި ކޮންޓްރޯލް އޮންނަ ކަމެއް ނޫން. އެކަހަލަ ކަންކަމަށް ފޯކަސް ނުކޮށް ޓީމު އޮތް ނަމަވެސް، މައާފަށް އެދުން އެއީ އަހަރެމެން ކުރަން ޖެހޭ ކަމެއް. ކޯޗިން ޓީމާއި ކުޅުންތެރިންގެ ފަރާތުންވެސް އަހަރެން އެކަމަށް މައާފަށް އެދެން. އެކަމަކު އެއީ އަހަރެމެންގެ ބައިވެރިވުން އޮތް ކަމެއް ނޫން،" ބާހާލްޓާ ބުންޏެވެ.
"އެމެރިކާގެ ފުޓުބޯޅަ ޕޭޖުގައި ޖެހި ޕޯސްޓް އަހަރެމެންނަކަށް ނުވެސް އެނގޭ. އަހަރެމެންގެ ފޯކަސް ހުރީ މެޗަށް. އިރާނުގެ ކަންތައްތަކުގައި އަހަރެމެންވެސް ހަމްދަރުދީވާކަމަށް އަހަރެން ބުނެލަން ބޭނުން،" އެމެރިކާގެ ކޯޗު ބާހާލްޓާ އިތުރަށް ބުންޏެވެ.
އިރާނާއި އެމެރިކާ ވާދަކުރާ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.