ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ކެމަރޫން 3-3 ސާބިއާ (ފުލްޓައިމް)

28 Nov 22:10

މެޗުގެ އުސްއަލިތައް:

  • މެޗު ރަނގަޅަށް ފެށީ ސާބިއާއިން، އެޓީމުން ކުރީކޮޅުގައި ހަމަލާތައްވެސް އުފެއްދި
  • މިޓްރޮވިޗަށް ލިބުނު ހުސް ދެފުރުސަތެއް އޭނާ ނަގާލި
  • ރަނގަޅު ހަމަލާތަކަށް މަސައްކަތް ކުރީ ސާބިއާ ނަމަވެސް ކެމަރޫނުންވެސް ނުރައްކާ ކުރި
  • ކޫންޑޭގެ ބާރު ދެ ހަމަލާ ސާބިއާ ގޯލްކީޕަރު މިލިންކޮވިޗް މަތަކުރި
  • ލީޑު ނެގީ ކެމަރޫނުން، އެ ގޯލު ޖެހީ ކޯނަރެއްގައި ޖީން ޗާލްސް ކަސްޓެލެޓޯ
  • ރަނގަޅަށް ކުޅެމުން ދިޔަ ސާބިއާ ނަތީޖާ އަނބުރާލީ ހާފު ނިމެން މިނެޓް ކޮޅެއް ހުއްޓައި
  • ގޯލުތައް ޖެހީ ސްޓްރަހީނިއާ ޕަވްލޮވިޗާއި މިލިންކޮވިޗް ސަވިޗް
  • ދެވަނަ ހާފުވެސް ސާބިއާ ފެށީ ރަނގަޅަށް، ކުރީކޮޅުގައި ތިންވަނަ ގޯލެއްވެސް ޖެހި
  • އެއީ ރަނގަޅު ޕާސްތަކަކާއެކު ޖެހި ހިތްގައިމު ގޯލެއް، ގޯލު ޖެހީ މިޓްރޮވިޗް
  • ކެމަރޫނުން ފަހަތުން އަރާ އެއްވަރުކުރީ ބެންޗުން ނުކުތް އަބޫބަކާރްގެ ތަފާތާއެކު
  • އޭނާ ދެވަނަ ގޯލު ޖަހައި، ތިންވަނަ ގޯލަށް ފުރުސަތުވެސް ތަނަވަސްކޮށްދިން
  • ތިންވަނަ ގޯލު ޖެހީ ބަޔާންގެ ފޯވަޑް ޗުޕަމޮޓިން
  • އޭގެފަހުންވެސް ހަމަލާތައް ފެނުނު، ސާބިއާގެ މިޓްރޮވިޗަށް ލިބުނު ހުސް ފުރުސަތުވީ ބޭކާރު
  • ފަހު މެޗުތަކަށްދާއިރު، ސާބިއާއާއި ކެމަރޫނަނަށްވެސް ފުރުސަތު އެބައޮތް
28 Nov 22:01

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ކެމަރޫން އަދި ސާބިއާ އެއްވަރުވެގެން.

28 Nov 21:58

'90+4 - އެންކޫޑޫއަށް ކުރި ފައުލަކާ ގުޅިގެން ސާބިއާގެ މިލެންކޮވިޗްއަށް ރީނދޫ ކާޑެއް.

28 Nov 21:55

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

28 Nov 21:53

'89 - ސާބިއާގެ ނުރައްކަލެއް. ޓަޑިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެލެކްސެންޑާ މިޓްރޮވިޗް ފޮނުވާލި ހަމަލާ، ކެމަރޫންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Nov 21:51

'87 - ކެމަރޫންގެ ހަމަލާއެއް. އަބޫބަކާ ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސާބިއާ ކީޕަރު މިލިންކޮވިޗް ސަވިޗްއާ ދިމާއަށް.

28 Nov 21:46

'81 - ކެމަރޫނުން އިތުރު ދެ ބަދަލު. ޒަމްބީ އަންގީސާ އާއި އެމްބޫމޯގެ ބަދަލުގައި ކުޅެން ނުކުތީ ސެމުއެލް އޫމް ގޫޓް އަދި ޖޯޖް އެންކޫޑޫ.

28 Nov 21:44
28 Nov 21:44

'79 - ސާބިއާ އިން ތިން ބަދަލެއް. މިލިންކޮވިޗް ސަވިޗް އާއި ޒިވްކޮވިޗް އަދި ވެޖްކޮވިޗްގެ ބަދަލުގައި ކުޅެން ނުކުތީ ސާޑާން ބަބިޗް އާއި ނަމެންޔާ ރަޑޮނިޗް އަދި މާކޯ ގްރުޖިޗް.

28 Nov 21:41

'76 - ސާބިއާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެލެކްސެންޑާ މިޓްރޮވިޗް ފޮނުވާލި ހަމަލާ، ކެމަރޫންގެ ކީޕަރު ޑެވިސް އެޕަސީ ވަނީ މަތަކޮށްފައި.

28 Nov 21:40
28 Nov 21:38

'73 - ނަމެންޔާ މަކްސިމޮވިޗަށް ކެމަރޫންގެ އަބޫބަކާއަށް ކުރި ފައުލަކާ ގުޅިގެން ސާބިއާއަށް ހިލޭ ޖެހުމެއް.

28 Nov 21:34

'68 - ކެމަރޫނުން ދެ ބަދަލެއް. އެކާމްބީގެ ބަދަލުގައި ބަސޮގޯގް. އަދި ކުންޑޭގެ ބަދަލުގައި ކުޅެން ނުކުތީ ގޭލް އޮންޑޫއާ.

28 Nov 21:32

'66 - ކެމަރޫނުން އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ކައުންޓާ އެޓޭކެއްގައި ވިންސެންޓް އަބޫބަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކެމަރޫނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އެރިކް ޗޫޕޯ މޯޓިން.

28 Nov 21:30

'64 - ކެމަރޫންގެ ރީތި ގޯލެއް. ކަސްޓަލެޓޯ ދިން ބޯޅައަކުން ކެމަރޫނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ވިންސެންޓް އަބޫބަކާ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ސާބިއާގެ ގޯލްކީޕަރު މިލިންކޮވިޗް ސަވިޗްގެ ބޯމަތިން. ރެފްރީ ގޯލެއް ކަމަށް ނިންމީ އަބޫބަކާ އޮފްސައިޑް މަގާމެއްގައި ހުރިތޯ ވީއޭއާރުން ބެލުމަށްފަހު.

28 Nov 21:28

'62 - ކެމަރޫންގެ ހަމަލާއެއް. ޗޫޕޯ މޯޓިން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިކާމްބީ ފޮނުވާލި ހަމަލާ އަމާޒުވީ ސާބިއާގެ ކީޕަރު މިލިންކޮވިޗް ސަވިޗްއާ ދިމާއަށް.

28 Nov 21:26

'61 - ކެމަރޫނުގެ ނުރައްކަލެއް. ސާބިއާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ކެމަރޫންގެ ވިންސެންޓް އަބޫބަކާ ފޮނުވާލި ހަމަލާ، ސާބިއާ ޑިފެންޑަރު މިލޮސް ވެޖްކޮވިޗް ވަނީ ބްލޮކްކޮށްފައި.

28 Nov 21:22

'56 - ސާބިއާ އިން ވެސް ބަދަލެއް. ޕަވްލޮވިޗްގެ ބަދަލުގައި ކުޅެން ނުކުތީ ސްޓެފަން މިޓްރޮވިޗް.

28 Nov 21:21

'55 - ކެމަރޫނުން ބަދަލެއް. ހޮންގްލާގެ ބަދަލުގައި ކުޅެން ނުކުތީ ވިންސެންޓް އަބޫބަކަރް.

28 Nov 21:19

'53 - ސާބިއާ އިން އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފި. ރީތި ކުޅުމަކާއެކު އަންދްރިޔާ ޒިވްކޮވިޗް ދިން ބޯޅައަކުން ކެމަރޫން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސާބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސެންޑާ މިޓްރޮވިޗް.

28 Nov 21:17

ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ވެސް ނުރައްކާކޮށް ފެނިފައިވަނީ ސާބިއާ. އެޓީމުން އަންނަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި، ކެމަރޫންގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން. ހާއްސަކޮށް ކެޕްޓަން ޓަޖިޗް، މިލިންކޮވިޗް ސަވިޗް އަދި މިޓްރޮވިޗްގެ ނުރައްކާ ބޮޑު.

28 Nov 21:09

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

28 Nov 20:55

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗު ރަނގަޅަށް ފެށީ ސާބިއާއިން، އެޓީމުން ކުރީކޮޅުގައި ހަމަލާތައްވެސް އުފެއްދި
  • މިޓްރޮވިޗަށް ލިބުނު ހުސް ދެފުރުސަތެއް އޭނާ ނަގާލި
  • ރަނގަޅު ހަމަލާތަކަށް މަސައްކަތް ކުރީ ސާބިއާ ނަމަވެސް ކެމަރޫނުންވެސް ނުރައްކާ ކުރި
  • ކޫންޑޭގެ ބާރު ދެ ހަމަލާ ސާބިއާ ގޯލްކީޕަރު މިލިންކޮވިޗް މަތަކުރި
  • ލީޑު ނެގީ ކެމަރޫނުން، އެ ގޯލު ޖެހީ ކޯނަރެއްގައި ޖީން ޗާލްސް ކަސްޓެލެޓޯ
  • ރަނގަޅަށް ކުޅެމުން ދިޔަ ސާބިއާ ނަތީޖާ އަނބުރާލީ ހާފު ނިމެން މިނެޓް ކޮޅެއް ހުއްޓައި
  • ގޯލުތައް ޖެހީ ސްޓްރަހީނިއާ ޕަވްލޮވިޗާއި މިލިންކޮވިޗް ސަވިޗް
28 Nov 20:54

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސާބިއާ ކުރީގައި އޮވެގެން. ސާބިއާ އިން ދެ ގޯލު ޖަހާފައިވަނީ ކެމަރޫން ގޯލެއް ޖަހާފައިވަނިކޮށް.

28 Nov 20:52
28 Nov 20:52

'45+6 - ސާބިއާއަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން މިޓްރޮވިޗް ފޮނުވާލި ހަމަލާ، ކެމަރޫން ޑިފެންޑަރު ނޫހޫ ޓޯލޯ ވަނީ ދިފާއުކޮށްފައި.

28 Nov 20:50

'45+4 - ސާބިއާ އިން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. ކެމަރޫން ޑިފެންސަށް ހެދުނު ގޯހަކުން، އަންދްރިޔާ ޒިވްކޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސާބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސާގޭ މިލިންކޮވިޗް ސަވިޗް.

28 Nov 20:47

'45+1 - ސާބިއާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ކެޕްޓަން ޑުސާން ޓަޖިޗް ނަގައިދިން ހިލޭ ޖެހުމަކުން ކެމަރޫން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސާބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސްޓްރަހީނިއާ ޕަވްލޮވިޗް.

28 Nov 20:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

28 Nov 20:45

'43 - ކެމަރޫނަށް ރަނގަޅު ފުރުސަތެއް. ސާބިއާ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ކުންޑޭ ފޮނުވާލި ހަމަލާ، ސާބިއާގެ ކީޕަރު މިލިންކޮވިޗް ސަވިޗް ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ކުންޑޭ ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

28 Nov 20:43
28 Nov 20:43

'41 - ކްރޮސްޓިޗް ރީތި ބޯޅައެއް ދިން ނަމަވެސް، ކެމަރޫން އޭރިއާ ތެރެއިން ސާބިއާ ފޯވަޑް މިޑްރިވިޗް އެ ބޯޅައަށް މަސައްކަތްކޮށްފައެއް ނުވޭ.

28 Nov 20:34
28 Nov 20:33

'33 - ބެންޗުގައި އިން ކެމަރޫން ކުޅުންތެރިޔާ ކްރިސްޓިއަން ބަސޮގޯގްއަށް ރީނދޫ ކާޑެއް.

28 Nov 20:30

'29 - ކެމަރޫނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕިއެރޭ ކުންޑޭ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކެމަރޫނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖީން ޗާލްސް ކަސްޓެލެޓޯ.

28 Nov 20:27
28 Nov 20:26
28 Nov 20:25

'24 - ޒިވްކޮވިޗްއަށް ކުރި ފައުލަކާ ގުޅިގެން ކެމަރޫންގެ އެންކޫލޫއަށް ރީނދޫ ކާޑެއް.

28 Nov 20:20

17' ސާބިއާއަށް ހުސް ފުރުސަތެއް. ކެމަރޫނުގެ ފަހަތުން ހެދި ބޮޑު ގޯހަކުން ގޯލު ކުރިމައްޗަށް ވެއްޓުނު ބޯޅަ، ހުސްކޮށް ހުރެ ފޮނުވާލަން ލިބުނީ މިޓްރޮވިޗަށް. އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ބޭރަށް.

28 Nov 20:12

'11 - ސާބިއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ނިކޮލަސް އެންކޫލޫ ކައިރިން ނައްޓާލުމަށްފަހު، އަރިމަތިން މިޓްރޮވިޗް ފޮނުވާލި ހަމަލާ އަމާޒުވީ ކެމަރޫން ގޯލުގެ އަރިމަތީ ދަނޑިއަށް.

28 Nov 20:08

'6 - ސާބިއާގެ ހަމަލާއެއް. މަކްސިމޮވިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ސާބިއާ ފޯވަޑް އެލެކްސެންޑާ މިޓްރޮވިޗް ފޮނުވާލި ހަމަލާ ދިޔައީ ކެމަރޫން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

28 Nov 20:01

މެޗުގެ ކުޅުން ފަށައިފި.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ތިންވަނަ މެޗުގައި ކެމަރޫނާއި ސާބިއާ ވާދަކުރާ މެޗުގެ ލައިވް ބްލިގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއަދުގެ މެޗަށް ސާބިއާ ނުކުންނަނީ ފުރަތަމަ މެޗުގައި އެ ގްރޫޕްގެ ފެވަރިޓް، ބްރެޒިލް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައި އޮވެގެން. އަދި ކެމަރޫނުން ފުރަތަމަ މެޗުގައި ބަލިވީ ސްވިޒަލޭންޑް އަތުން 1-0 ގެ ނަތީޖާއަކުން. އެހެންކަމުން ގަދަ 16 ގެ އުންމީދަށް ދެޓީމަށްވެސް މެޗު މުހިއްމު. ތިން ޕޮއިންޓް މި މެޗުން ހޯދައިގެން ނޫން ގޮތަކަށް ގަދަ 16 އަށް ދިޔުން ވެގެންދާނީ އުނދަގޫ ކަމަކަށް.

ދެޓީމުވެސް ބޭނުންވާ ޕްރެޝަރެއްގައި؟

މިވަގުތު ސާބިއާއާއި ކެމަރޫންނަށްވެސް ދަނޑު ބޭރުގެ ޕްރެޝަރު އެބައޮތް. ސާބިއާއިން ފުރަތަމަ މެޗުގައި ކޮސޯވޯ ހިމެނޭނެހެން ލޯގޯ ޖަހާފައިވާ ދިދައެއް ބޭނުން ކުރި މައްސަލަ ފީފާއިން ދަނީ މިހާރުވެސް ބަލަމުން. މެޗުގެ ކުރިން ސާބިއާގެ ކޯޗާއި ގޯލްކީޕަރު މިލިންކޮވިޗް ސަވިޗް ވެސް ވަނީ އެކަމަށް ބަހެއް ބުނަން ދެކޮޅު ހަދާފައި.

އަނެއްކޮޅުން ކެމަރޫނަށް އޮތީ އެގައުމުގެ އެފްއޭ ރައީސް، އަދި ކުރީގެ ކުޅުންތެރިޔާ ސެމިއުލް އެޓޫ ކުރި އަންދާޒާއެއްގެ ޕްރެޝަރު. އެޓޫ އަންދާޒާ ކުރީ ކެމަރޫން އެއްކޮޅުން ފައިނަލް ކުޅޭނެ ކަމަށް. އެއީ ޕްރެޝަރެއް ނޫން ކަމަށް ކޯޗު ރިގޮބާޓް ސޯންގް ބުނި ނަމަވެސް، ކޮންމެ ބައްޔަކާއެކު އެގައުމުގެ މީޑިއާއިން އެޓޯގެ ބަހާ ވިއްދައިގެން ޓީމަށް ފާޑު ކިޔުމަކީ ވެދާނެ ކަމެއް.