ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ސްޕެއިން 1-1 ޖަރުމަނު (ފުލްޓައިމް)

28 Nov 07:06

މެޗުގެ އުސްއަލިތައް:

  • ދެ ޗެމްޕިއަނުންގެ ކުރިމަތިލުން ފެށީވެސް ފޯރިގަދަކޮށް
  • ދެޓީމުންވެސް އެޓޭކިން ކުޅުމަކަށް މަސައްކަތް ކުރަމުން ދިޔަ
  • ފުރަތަމަ ހަމަލާ ފެނުނީ ސްޕެއިންގެ އޮލްމޯ ފަރާތުން
  • އެ ހަމަލާ ކީޕަރު ނޯޔާ އަތުގައި ޖެހިފައި ގޮސް އަމާޒުވީ ދަނޑިއަށް
  • ޖަރުމަނުން ބޮޑަށް ކައުންޓާގައި ހަމަލާތަކަށް މަސައްކަތް ކުރި އިރު، ނާބްރީގެ ހަމަލާ ދިޔައީ ބޭރަށް
  • ސްޕެއިންގެ ޓޮރެސްއަށް ލިބުނު ހުސް ފުރުސަތު އޭނާ ނަގާލި
  • ހިލޭ ޖެހުމަކަށް އަރައި ރުޑިގާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަން ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށް
  • އޭގެ ފަހުން ރުޑިގާ ޖެހި ބޯޅަ އަމާޒުވީ ސްޕެއިން ކީޕަރު ސިމޮން އަތަށް
  • ދެވަނަ ހާފުވެސް ފެނުނީ ވަރުގަދަކޮށް، ހާފު ވަރުގަދަކޮށް ފެށީ ޖަރުމަނު
  • ކިމިޗްގެ ހަމަލާއެއްގެ އިތުރުން މުސިއާލާގެ ބާރު ހަމަލާއެއްވެސް މަތަކުރީ ސިމޮން
  • ޖަރުމަނުން ބަދަލެއް ގެނެސް ނުރައްކާ ކޮށް ގޯލު ޖެހި، އެޓީމަށް ގޯލު ޖަހައިދިނީ ފުލްކްރުގް
  • ސާނޭއަށް ނިންމާލަން ލިބުނު ބޯޅަ އޭނާއަށް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނު
  • ނަތީޖާއާއެކު ގްރޫޕް ފޯރިގަދަވެއްޖެ، ފަހު މެޗަށްދާ އިރު، ހަތަރު ޓީމަށްވެސް ގަދަ 16 އުންމީދު އެބައޮތް
28 Nov 06:54

މެޗުގެ ކުޅުން ނިންމާލައިފި. ސްޕެއިނާއި ޖަރުމަނުގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

28 Nov 06:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

28 Nov 06:47

'90 - ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިން ފޯވަޑް މޮރާޓާ ނުރައްކާކުރުމުގެ ކުރިން ޖަރުމަން ޑިފެންޑަރު ޝްލޮޓާބެކް ދިފާއުކޮށްފި.

28 Nov 06:45

'87 - ޖަރުމަނުން އިތުރު ބަދަލެއް. ރާމްގެ ބަދަލުގައި ކުޅެން ނުކުތީ ނިކޯ ޝްލޮޓާބެކް.

28 Nov 06:44

'85 - ޖަރުމަނުން ބަދަލެއް. ގްނާބްރީގެ ބަދަލުގައި ކުޅެން ނުކުތީ ހޮފްމަން.

28 Nov 06:41

'83 - ޖަރުމަނުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. މުސިއާލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ފުލްކްރުގް.

28 Nov 06:40

'82 - ސްޕެއިނުން ބަދަލެއް. އަލްބާގެ ބަދަލުގައި ކުޅެން ނުކުތީ އަލަހެންޑްރޯ ބަލްޑޭ.

28 Nov 06:32
28 Nov 06:31

'73 - ޖަރުމަނަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ، މުސިއާލާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލްކީޕަރު ސިމޮން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

28 Nov 06:31

'72 - ޖަރުމަނަށް ފުރުސަތެއް. މުސިއާލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަންގެ ފުލްކްރިގަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި.

28 Nov 06:28

'70 - ޖަރުމަނުން ތިން ބަދަލެއް. ގުންޑޮގަން އާއި ކޭހްރާ އަދި މުލާގެ ބަދަލުގައި ކުޅެން ނުކުތީ ލެރޯއީ ސާނޭ އާއި ނިކްލަސް ފުލްކްރުގް އަދި ލެރޯއީ ސާނޭ.

28 Nov 06:23

'66 - ސްޕެއިނުން ދެ ބަދަލެއް. އަސެންސިއޯ އާއި ގަވީގެ ބަދަލުގައި ކުޅެން ނުކުތީ ކޮކޭ އަދި ނީކޯ ވިލިއަމްސް.

28 Nov 06:23

'65 - ސްޕެއިނަށް އިތުރު ފުރުސަތެއް. އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަސެންސިއޯ ފޮނުވާލި ހަމަލާ، ޖަރުމަންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Nov 06:20

'62 - ސްޕެއިނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޖޯޑީ އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އަލްވާރޯ މޮރާޓާ.

28 Nov 06:18

'60 - އޮލްމޯއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަންގެ ކިމިކްއަށް ރީނދޫ ކާޑެއް.

28 Nov 06:16

'59 - ސްޕެއިންގެ ހަމަލާއެއް. އޮލްމޯ ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ޖަރުމަން ކީޕަރު ނޯޔާއާ ދިމާއަށް.

28 Nov 06:15

'56 - ޖަރުމަނަށް ހުސް ފުރުސަތެއް. ސްޕެއިންގެ ކީޕަރު ސިމޮންއަށް ހެދުނު ގޯހަކުން، ގުންޑޮގަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަންގެ ޖޯޝުއާ ކިމިކް ފޮނުވާލި ހަމަލާ، ކީޕަރު ސިމޮން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

28 Nov 06:10

ޖަރުމަނުން ދެވަނަ ހާފު ފެށީ ވަރުގަދަކޮށް. ނަމަވެސް ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޖަރުމަނަށް ސްޕެއިންގެ ގޯލަށް ނުރައްކާކުރެވިފައެއް ނުވޭ.

28 Nov 06:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

28 Nov 05:49

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ދެ ޗެމްޕިއަނުންގެ ކުރިމަތިލުން ފެށީވެސް ފޯރިގަދަކޮށް
  • ދެޓީމުންވެސް އެޓޭކިން ކުޅުމަކަށް މަސައްކަތް ކުރަމުން ދިޔަ
  • ފުރަތަމަ ހަމަލާ ފެނުނީ ސްޕެއިންގެ އޮލްމޯ ފަރާތުން
  • އެ ހަމަލާ ކީޕަރު ނޯޔާ އަތުގައި ޖެހިފައި ގޮސް އަމާޒުވީ ދަނޑިއަށް
  • ޖަރުމަނުން ބޮޑަށް ކައުންޓާގައި ހަމަލާތަކަށް މަސައްކަތް ކުރި އިރު، ނާބްރީގެ ހަމަލާ ދިޔައީ ބޭރަށް
  • ސްޕެއިންގެ ޓޮރެސްއަށް ލިބުނު ހުސް ފުރުސަތު އޭނާ ނަގާލި
  • ހިލޭ ޖެހުމަކަށް އަރައި ރުޑިގާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަން ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށް
  • އޭގެ ފަހުން ރުޑިގާ ޖެހި ބޯޅަ އަމާޒުވީ ސްޕެއިން ކީޕަރު ސިމޮން އަތަށް
28 Nov 05:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ސްޕެއިން އަދި ޖަރުމަނަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.

28 Nov 05:47

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

28 Nov 05:46

'44 - ޖަރުމަނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޖަރުމަން ޑިފެންޑަރު ރުޑިގާ ފޮނުވާލި ބާރު ހަމަލާ، ސްޕެއިންގެ ކީޕަރު އުނައީ ސިމޮން ވަނީ މަތަކޮށްފައި.

28 Nov 05:45

'44 - މުސިއާލާއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިންގެ ކެޕްޓަން ބުސްކެޓްސްއަށް ރީނދޫ ކާޑެއް. މެޗުގައި ޖަރުމަންގެ ޒުވާން މިޑްފީލްޑަރު މުސިއާލާގެ ފަރާތުން ރަނގަޅު ކުޅުމެއް އަދި ނުފެނޭ.

28 Nov 05:40

'40 - ޖޯޝުއާ ކިމިޗް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އެރިއާ ތެރޭ ހުރެ، ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ފޮނުވާލި ހަމަލާ ސްޕެއިންގެ ގޯލުގެ ތެރެއަށް ވަން ނަމަވެސް، ވީއޭއާރުން ދެއްކީ ރުޑިގާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.

28 Nov 05:38
28 Nov 05:37

'37 - ފެރާން ޓޮރޭސްއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަންގެ ކެހްރާއަށް ރީނދޫ ކާޑެއް.

28 Nov 05:37

'36 - ސްޕެއިންގެ ނުރައްކަލެއް. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރި ސްޕެއިންގެ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ، ޖަރުމަންގެ ޖަމާލް މުސިއާލާ ވަނީ ބްލޮކްކޮށްފައި.

28 Nov 05:35

'35 - ލަޕޯޓް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ނުރައްކާކުރުމުގެ ޖަރުމަންގެ ސޫލޭ ދިފާއުކޮށްފި.

28 Nov 05:34

'33 - ކައުންޓާ އެޓޭކެއްގައި އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ސްޕެއިންގެ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ، ޖަރުމަން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް. އޮލްމޯ ހުރީ ވެސް އޮފްސައިޑް މަގާމެއްގައި.

28 Nov 05:32
28 Nov 05:32

'32 - ޖަރުމަނުން އަންނަނީ މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ސްޕެއިންގެ ގޯލަށް ނުރައްކާކުރުމަށް ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރަމުން.

28 Nov 05:28

'26 - ޖަރުމަން ކީޕަރު މެނުއެލް ނޯޔާގެ ގޯހެއް. އޭނާގެ މިސް ޕާހުން ލިބުނު ފުރުސަތަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ، ޖަރުމަން ޑިފެންޑަރު ރާމް ވަނީ ބްލޮކްކޮށްފައި.

28 Nov 05:26

'25 - ޖަރުމަނުގެ ހަމަލާއެއް. ސްޕެއިންގެ ކީޕަރު އުނައީ ސިމޮންގެ މިސް ޕާހަކުން، ޕެނަލްޓީ އޭރިއާ ބޭރުން ޖަރުމަނުގެ ސާޖް ނާބްރީ ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

28 Nov 05:24

'23 - ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ދެ މިޑްފީލްޑަރުން، ގަވީ އާއި ޕެޑްރީގެ ކޮމްބިނޭޝަން ރަނގަޅު. އެ ދެ ކުޅުންތެރިން އަތުން ބޯޅަ ހޯދުމަށް ޖަރުމަނަށް އުނދަގޫތަކަކާ ކުރިމަތިވޭ.

28 Nov 05:22

'22 - ސްޕެއިންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖޯޑީ އަލްބާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

28 Nov 05:21
28 Nov 05:20

މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ރަނގަޅަށް ކުޅެ، ނުރައްކާކޮށް ފެނިފައިވަނީ ސްޕެއިން. ޖަރުމަންގެ ފަރާތުން އަދި ހަމަލާއެއް ނުފެނޭ. ސްޕެއިނުން އަވަސްކޮށް ޕްރެސް ކުރާތީ ޖަރުމަނަށް ބޯޅަ ހިފަހައްޓައިގެން ކުޅުމަށް އުނދަގޫތަކެއް ކުރިމަތިވޭ.

28 Nov 05:16
28 Nov 05:11

ސްޕެއިންގެ ފަރާތުން ފެންނަނީ ކޮސްޓަ ރީކާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފެނުނު އެޓީމުގެ ރަސްމީ ކުޅުން. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ ސްޕެއިން ފެންނަނީ ނުރައްކާކޮށް.

28 Nov 05:08

'7 - ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. ރީތި ކުޅުމަކާއެކު، ޕެނަލްޓީ އޭރިއާ ބޭރުން ޑެނީ އޮލްމޯ ފޮނުވާލި ބާރު ހަމަލާ، ޖަރުމަން ކީޕަރު މެނުއެލް ނޯޔާ ވަނީ މަތަކޮށްފައި. އެ ބޯޅަ، ޖަރުމަން ގޯލުގެ ހުރަސްދަނޑީގައި ވެސް ޖެހުނު.

28 Nov 05:05

'5 - ގަވީ ދިން ބޯޅަ، ޖަރުމަން ޕެނަލްޓީ އޭރިއާ ބޭރުން ސްޕެއިންގެ މާކޯ އަސެންސިއޯއަށް ރަނގަޅަށް ކޮންޓްރޯލު ކުރެވޭ ގޮތެއް ނުވި.

28 Nov 05:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްޕެއިނުން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ހަތަރު ވަނަ މެޗުގައި ސްޕެއިނާއި ޖަރުމަނު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މި މެޗަކީ ދުނިޔޭގެ ޗެމްޕިއަނުންގެ ކުރިމަތިލުމެއް. ޔޫރަޕުގެ ގަދަ ދެ ބާރުގެ ވާދަވެރި މެޗެއް. ފުޓުބޯޅައިގެ ތާރީހެއް އޮތް ވާދަވެރި ދެ ގައުމެއްގެ ކުރިމަތިލުމެއްވެސްމެ. މިވަގުތު ވޯލްޑް ކަޕްގެ ނަތީޖާއަށް ބަލާ އިރު، ދެޓީމު އޮތީ ތަފާތު ދެ ހާލަތެއްގައި. ސްޕެއިނުން މި ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 7-0 އިން ކޮސްޓަ ރީކާ ބަލިކުރި. ފުރަތަމަ މެޗުގައި ޖަރުމުން ޖަޕާނު އަތްދަށުވީ 2-1ގެ ނަތީޖާއަކުން.

މެޗު ކުރިން ކޯޗުން ބުނީ ކީކޭ؟

ހާންސީ ފްލިކް - ޖަރުމަނު

"އެންމެފަހުގެ ދެ މުބާރާތްވެސް ޖަރުމަނަށް ދިޔައީ ގޯސްކޮށް، އެކަން ތަކުރާރު ނުކޮށް ވާނެ ގޮތެއް ހޯދަން މި ނުކުންނަނީ. މިއީ ވޯލްޑް ކަޕްގައި ޖަރުމަނަށް މި ފަހަރު ކުރިމަތިވާ އެންމެ ފުރަތަމަ ފައިނަލް. މި ފައިނަލަށް ނުކުންނަން މި ޖެހެނީ ފަހުގެ ތާރީހުގެ ބަދު ނަސީބު ބަދަލުކުރަން،"

ލުއިސް އެންރީކޭ - ސްޕެއިން

"ކުޅުމުގެ ގޮތަށް، ބޯޅަ ގެންގުޅުމާއި ބޯޅަ ކޮންޓްރޯލުކުރުމުގެ ގޮތްތަކަށް ބަލައި އިރު، ޖަރުމަނާ އެންމެ ހަމަހަމަ، ވައްތަރު ޓީމަކީ ސްޕެއިން. އެހެންވީމަ މެޗު ވާނީ ސްޕެއިނަށް ވަރަށް ގަޔާވާ ޗެލެންޖަކަށް. މެޗު ވަރަށް ބޮޑަށް ހުޅުވިފައި އޮންނާނީ، މުބާރާތެއް ފަށައި އިރު، އުންމީދު ކުރާނީ ރަނގަޅު ފެށުމަކަށް. އެކަމަކު އެހާ ވަރުގަދަ ސްޕެއިނަކަށް އަހަރެންވެސް އުންމީދެއް ނުކުރަން. ބެލުންތެރިންވެސް ގަޔާވާނެ ސްޕެއިނެއް އެއީ. އެކަމަކު އަހަންނަށް އަބަދުވެސް ފެންނާނީ މައްސަލަ. އެ މައްސަލަ ނުފެންނަ ކަމަށްވާ ނަމަ، އަހަރެން ވާނީ މޮޔައަކަށް ދޯ،"

ޖަރުމަނާއި ސްޕެއިންގެ ތާރީހީ ކުރިމަތިލުންތަކަށް ކަޅިއެއް

  • ސްޕެއިނާއި ޖަރުމަނު މީގެ ކުރިން 25 މެޗެއްގައި ވާދަކުރި
  • އެ މެޗުތަކުގެ ތާރީހު ދެވަނަ ބޮޑު ހަނގުރާމައަށްވުރެ ކުރިއަށްވެސް ޖެހިލައި
  • 1942 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިންވެސް ޖަރުމަނާއި ސްޕެއިން މެޗެއް ކުޅުނު
  • ވޯލްޑް ކަޕްގައި ޖަރުމަނާއި ސްޕެއިން އެންމެ ފުރަތަމަ ވާދަކުރީ 1966 ވަނަ އަހަރު، އެމެޗުން މޮޅުވީ ޖަރުމަނު
  • އޭގެފަހުން ޖަރުމަނާއި ސްޕެއިން، ޔޫރޯއާއި ވޯލްޑް ކަޕްގައި އެތައް ފަހަރަކު ކުޅުނު
  • 1994 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗުގައި، ސްޕެއިން ކޯޗު އެންރީކޭވެސް ކުޅުނު
  • 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައިވެސް ޖަރުމަނާއި ސްޕެއިން ވާދަކުރި
  • އެމެޗު ކާމިޔާބުކޮށް ސްޕެއިން ޔޫރޯ ނެގީ 1-0ގެ ނަތީޖާއަކުން
  • އޭގެ ފަހުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައިވެސް ސްޕެއިނުން ޖަރުމަނު ކަޓުވާލި
  • އެންމެފަހުން ދެޓީމު ކުޅުނީ 2020 ވަނަ އަހަރު، ނޭޝަންސް ލީގުގެ އެ މެޗު ސްޕެއިން ކާމިޔާބުކުރީ 6-0 އިން