މެޗުގެ ކުޅުން ނިންމާލައިފި. 2-0 ގެ ނަތީޖާއަކުން ވަރުގަދަ ބެލްޖިއަމް ބަލިކޮށް، މޮރޮކޯ އިން ވަނީ ގަދަ 16 ގެ އުންމީދު ބޮޑުކޮށްފައި.
'90+5 - ވާޓޮންގަންއަށް ކުރި ފައުލަކާ ގުޅިގެން މޮރޮކޯގެ ސަބީރީއަށް ރީނދޫ ކާޑެއް.
'90+2 - މޮރޮކޯ އިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ހަކީމް ޒިޔެޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މޮރޮކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ޒަކަރިއާ އަބޫކްލާލް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'90 - މޮރޮކޯއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ހަމްދަﷲ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި.
'82 - ބެލްޖިއަމަށް ފުރުސަތެއް. މާޓެންސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވާޓޮންގަން ބޮލުން ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'81 - ބެލްޖިއަމުން އިތުރު ބަދަލެއް. މުނިއޭގެ ބަދަލުގައި ކުޅެން ނުކުތީ ރޮމެލޫ ލުކާކޫ.
'78 - މޮރޮކޯ އިން އިތުރު ބަދަލެއް. އޯނާހީގެ ބަދަލުގައި ކުޅެން ނުކުތީ އެލް ޔާމިގް.
'75 - ބެލްޖިއަމުން ދެ ބަދަލެއް. ތޯގަން ހަޒާޑާއި ބަޓްޝުއާއީގެ ބަދަލުގައި ކުޅެން ލިއާންޑްރޯ ޓްރޮސާޑް އަދި ޗާލްސް ޑި ކެޓެލާރާ.
'73 - މޮރޮކޯ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ބޭރުން، އަރިމަތިން ފޮނުވާލި ހިލޭ ޖެހުމަކުން މޮރޮކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އަބްދުލްހާމިދު ސަބީރީ. އޭނާ އެެ ގޯލު ޖެހީ ކުޅެން ނުކުުތްތާ ފަސް މިނެޓުގެ ތެރޭގައި.
'72 - މޮރޮކޯ އިން އިތުރު ދެ ބަދަލު. ބޫފާލް އާއި އެން ނަސީރީގެ ބަދަލުގައި ކުޅެން ނުކުތީ އަބޫކްލާލް އާއި ހަމްދަﷲ.
'68 - މޮރޮކޯ އިން ދެ ބަދަލެއް. އާމަލާ އާއި ހަކީމީގެ ބަދަލުގައި ކުޅެން ނުކުތީ ޔަހިއާ އަތިއަތަﷲ އަދި އަބްދުލްހާމިދު ސަބީރީ.
'65 - ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މާޓެންސް ފޮނުވާލި ބާރު ހަމަލާ، މޮރޮކޯގެ ކީޕަރު މުނީރު މުހައްމަދީ ވަނީ މަތަކޮށްފައި.
'60 - ބެލްޖިއަމުން ދެ ބަދަލެއް. އޮނާނާގެ ބަދަލުގައި ކުޅެން ނުކުތީ ޔޫރީ ޓިއެލެމަންސް، އަދި ކެޕްޓަން އެޑެން ހަޒާޑްގެ ބަދަލުގައި ކުޅެން ނުކުތީ ޑްރީސް މާޓެންސް.
'57 - މޮރޮކޯގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސޮފިއާން ބޫފާލް ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'51 - ބެލްޖިއަމްގެ ނުރައްކަލެއް. މޮރޮކޯގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާގެ އަރިމަތިން އެޑެން ހަޒާޑް ފޮނުވާލި ހަމަލާ، މޮރޮކޯގެ ކީޕަރު މުނީރު މުހައްމަދީ ވަނީ މަތަކޮށްފައި.
'49 - މޮރޮކޯގެ ހަމަލާއެއް. ބެލްޖިއަމްގެ އެކްސެލް ވިޓްސެލް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ބޭރުން ޒިޔެޗް ފޮނުވާލި ހަމަލާ އަމާޒުވީ ބެލްޖިއަމް ކީޕަރު ކޯޓުވާގެ އަތަށް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ބެލްޖިއަމް އަދި މޮރޮކޯއަށް ވެސް ގޯލެއް ނުޖެހި ދެ ޓީމު އެއްވަރުވެގެން،
'45+2 - ޒިޔެޗްގެ ހިލޭ ޖެހުން ބެލްޖިއަމްގެ ގޯލުގެ ތެރެއަށް ވަން ނަމަވެސް، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތްކުރި މޮރޮކޯގެ ރޯމަން ސައިސް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.
'45 - ޒިޔެޗްއަށް ބެލްޖިއަމްގެ ތޯގަން ހަޒާޑް ކުރި ފައުލަކާ ގުޅިގެން މޮރޮކޯއަށް ހިލޭ ޖެހުމެއް.
'40 - ބެލްޖިއަމްގެ ނުރައްކަލެއް. ޑި ބްރޭނާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ މޮރޮކޯ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'35 - މޮރޮކޯގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ހަކީމީ ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'33 - ބެލްޖިއަމަށް ފުރުސަތެއް. ޑި ބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މުނިއޭ ފޮނުވާލި ހަމަލާ، އުނދަގުލެއް ނެތި މޮރޮކޯގެ ކީޕަރު މުނީރު މުހައްމަދީ ވަނީ ހޯދާފައި.
'29 - މޮރޮކޯގެ އޫނާހީއަށް ކުރި ފައުލަކާ ގުޅިގެން ބެލްޖިއަމްގެ އޮނާނާއަށް ރީނދޫ ކާޑެއް.
'28 - މޮރޮކޯގެ ނުރައްކަލެއް. ހަކީމީ ދިން ބޯޅައަކުން ޕެނަަލްޓީ އޭރިއާ ތެރެއިން އަމާލާ، ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'21 - މޮރޮކޯގެ ޒިޔެޗް ދުރުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒެއް ނުވި.
'19 - ބެލްޖިއަމަށް ފުރުސަތެއް. އަމާލާ އަތުން ގެއްލުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މުނިއޭ ފޮނުވާލި ހަމަލާ، މޮރޮކޯގެ ކީޕަރު މުނީރު މުހައްމަދީ ވަނީ މަތަކޮށްފައި.
'16 - ބެލްޖިއަމްގެ ހަމަލާއެއް. އެޑެން ހަޒާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑި ބްރޭނާ ފޮނުވާލި ބާރު ހަމަލާ، މޮރޮކޯގެ އެން ނަސީރީ ވަނީ ބްލޮކްކޮށްފައި.
'5 - ބެލްޖިއަމަށް ހުސް ފުރުސަތެއް. ތޯގަން ހަޒާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މިޗީ ބަޓްޝުއާއީ ފޮނުވާލި ހަމަލާ، މޮރޮކޯ ކީޕަރު މުނީރު މުހައްމަދީ ކުރިއަށް ނުކުމެ ވަނީ މަތަކޮށްފައި.
'5 - ޒިޔެޗް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ބެލްޖިއަމް ޑިފެންޑަރު ވާޓޮންގަން ދިފާއުކޮށްފި.
'1 - މޮރޮކޯގެ ކައުންޓާ އެޓޭކެއް. ބޯޅަ ހިފައިގެން ކުރިއަށް ގޮސް، ޒިޔެޗް ދިން ބޯޅަ، ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން މޮރޮކޯ ފޯވަޑް އެން ނަސީރީއަށް ލިބޭ ގެތޮއް ނުވި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބެލްޖިއަމުން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ތިންވަނަ މެޗުގައި ބެލްޖިއަމްއާއި މޮރޮކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ބެލްޖިއަމުން ނުކުންނަނީ ފުރަތަމަ މެޗުގައި 1-0 އިން ކެނެޑާ ކައިރިން މޮޅުވެފައި އޮވެގެން. އެމެޗުން ބެލްޖިއަމް މޮޅުވި ނަމަވެސް، އެއީ އުނދަގޫ މޮޅެއް. ހާއްސަކޮށް މެޗުގައި ގިނަ ހަމަލާތައް އުފައްދައި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކެނެޑާ. އަނެއްކޮޅުން ނުކުންނަ މޮރޮކޯ ވަނީ ފުރަތަމަ މެޗުގައި 0-0 އިން އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ ކައިރީ އެއްވަރު ކޮށްފައި.
"ތެދަށް ބުނަންޏާ މީގެ ހަތަރު އަހަރު ކުރިން ބެލްޖިއަމްއަށް ވޯލްޑް ކަޕް ނެގުމުގެ މާބޮޑު ފުރުސަތެއް އޮތް. އެހެންވިޔަސް، އަހަރެމެންގެ ޓީމުގައި މިހާރުވެސް ކޮލިޓީ އެބަހުރި މެޗުތަކުން މޮޅުވެ މުބާރާތް ނަގަންވެސް. އެހެންވިޔަސް ބައެއް ކުޅުންތެރިން އެބަތިބި މިހާރު މާބޮޑަށް އުމުރުން ދުވަސްވަމުންދާ. އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ، އަހަރެންގެ ޓީމުގައި އެބަހުރި ދުނިޔޭގެ އެއްވަނަ ގޯލްކީޕަރާއި އެއްވަނަ މިޑްފީލްޑަރުވެސް. އަދި މޮޅެތި ފޯވަޑުންނާއެކު އެ ކުޅުންތެރިން މޮޅަށް ބޭނުންވާ ވަރު ބޮޑު. ފޯމު ރަނގަޅު ކޮށްގެން ބެލްޖިއަމްއަށް ވޯލްޑް ކަޕް ނެގިދާނެ. އެކަމަކު އެ ނޫން ގޮތަކަށް ވޯލްޑް ކަޕް ނަގަން އުނދަގޫވާނެ. ފުރަތަމަ މެޗުވީމަ އެ މެޗުގައި އުނދަގޫތަކެއް ދިމާވި. ބިރުގަންނަހެން ހީވި މުހިންމު ޕާސްތައް ޖަހަންވެސް،"
"އެފްރިކާ ފުޓުބޯޅައިގެ ވިސްނުން ކޮންމެވެސް ވަރަކަށް ބަދަލުކުރަންވީ. އެފްރިކާ ޓީމުތަކުން ކުރިން އައީ ހިތްގައިމު މެޗުތަކެއް ކުޅެމުން. އެކަމަކު އެ ހުރިހާ ގައުމެއްވެސް ފުރަތަމަ ބުރުން ކަޓައިގެންދާނީ. އެކަމަކު އެއީއެއް ނޫން ވޯލްޑް ކަޕަށް ނުކުންނަ ސަބަބަކީ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖަށް ނުކުންނާނީ ދެވަނަ ބުރަކަށް ދާން. ބައެއް މީހުން މި ވާހަކައަށް ހިތްހަމަވެސް ނުޖެހިދާނެ. އެއީ މީހުން ބޭނުންވާނީ ޝޯއެއް. އެންމެ މުހިންމު ކަމަކީ އެފްރިކާގެ ޝަރަފަށް އެފްރިކާ ޓީމެއް ގަދަ 16 އަށް ގެންދިއުން. ބޭނުންވަނީ ޔޫރަޕުގެ ވިސްނުމެއް. އެއީ ގަދަ 16 ހައްގުވާ ކަމަށް ގަބޫލުކުރާ ވިސްނުމެއް."