ރިޔާސީ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމަށް އެދި ރައީސް ޔާމީންގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލް ވުމުގެ ފުރުސަތު ސުޕްރީމް ކޯޓުން އިދިކޮޅު ފަރާތްތަކަށް ދީފި އެވެ.
އިދިކޮޅު އިއްތިހާދަށް ނިސްބަތްވެވަޑައިފަންނަވާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަރާތްތަކުން އެދިވަޑައިގެންނެވި ގޮތުގެ މަތީން މި މައްސަލައިގެ ތެރެއަށް ތަދައްޚުލް ވުމުގެ ފުރުސަތު ދެއްވައި ސުޕްރީމް ކޯޓުން އެކަން މިހާރު އަންގަވައިފައިވާ ކަމަށެވެ.
"އެހެން ކަމުން އަޅުގަނޑުމެންގެ ގާނޫނީ ޓީމުން ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވާނެ،" އޮފިޝަލު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސައިފައި ވަނީ މިއަދު މެންދުރު 1:00 ގަ އެވެ.