މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ނެދަލެންޑްސް އާއި އެކުއެޑޯ އެއްވަރުވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.
'90 - އެކުއެޑޯ އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން ކެޕްޓަން އެނާ ވެލެންސިއާގެ ބަދަލުގައި ކެވިން ރޮޑްރިގޭޒް، އަދި ޕްލާޓާގެ ބަދަލުގައި ކުޅެން ނުކުތީ ރޮމާރިއޯ އިބާރާ.
'79 - ނެދަލެންޑްސް އިން ދެ ބަދަލެއް. ގެކްޕޯގެ ބަދަލުގައި ވޫޓް ވެގްހޯސްޓް، އަދި ކޫޕްމައިނާސްގެ ބަދަލުގައި ކުޅެން ނުކުތީ މާޓެން ޑި ރޫން.
'74 - އެކުއެޑޯ އިން ބަދަލެއް. އެސްޓްރާޑާގެ ބަދަލުގައި ކުޅެން ނުކުތީ ޖެރެމީ ސަރްމިއެންޓޯ.
'69 - ނެދަލެންޑްސް އިން ބަދަލެއް. ޑޭވީ ކްލާސަންގެ ބަދަލުގައި ކުޅެން ނުކުތީ ސްޓީވަން ބާގްހައުސް.
'64 - އެކުއެޑޯއަށް ފުރުސަތެއް. އެނާ ވެލެންސިއާ ދިން ބޯޅައަކުން އެސްޓްރާޑާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް. އޭނާއަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނީ ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭ ހުރަސް އެޅުމުން.
'60 - އެކުއެޑޯގެ ނުރައްކާތެރި ހަމަލާއެއް. އެނާ ވެލެންސިއާ ފޮނުވާލި ހަމަލާ ނެދަލެންޑްސް ކެޕްޓަން ވެން ޑައިކް ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ގޮންޒާލޯ ޕްލާޓާ ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސް ގޯލުގެ ހުރަސް ދަނޑިއަށް.
'47 - ޑިޕާއީއަށް ކުރި ފައުލަކާ ގުޅިގެން އެކުއެޑޯގެ ޖެގްސަން މެންޑޭޒަށް ރީނދޫ ކާޑެއް. ސަސްޕެންޝަނާ ގުޅިގެން އޭނާއަށް ސެނެގާލާ ދެކޮޅަށް އެކުއެޑޯ ނުކުންނަ މެޗުގައި ނުކުޅެވޭނެ. މެންޑޭޒަށް ފުރަތަމަ ކާޑު ދައްކާފައިވަނީ ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައި.
'49 - އެކުއެޑޯ އިން ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފި. އެކުއެޑޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އެނާ ވެލެންސިއާ. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރެއިން އެސްޓުޕިނިއާން ފޮނުވާލި ބާރު ހަމަލާއެއް، ނެދަލެންޑްސް ކީޕަރު ނާޕާޓް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ތިންވަނަ ގޯލު.
ދެވަނަ ހާފަށް ނެދަލެންޑްސް ނުކުތީ ބަދަލަކާއެކު. ބާގްވައިންގެ ބަދަލުގައި ކުޅެން ނުކުތީ މެމްފިސް ޑިޕާއީ.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމުނު އިރު، 1-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ ނެދަލެންޑްސް.
'45+3 - އެކުއެޑޯއަށް ލިބުނު ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ބޭރުން ޕްލާޓާ ފޮނުވާލި ހަމަލާ އެސްޓުޕިނިއާން، ފައިގައި ޖެހި ނެދަލެންޑްސްގެ ގޯލުގެ ތެރެއަށް ބޯޅަ ވަން ނަމަވެސް، އޮފްސައިޑް މަގާމެއްގައި ހުރި އެކުއެޑޯގެ ޕޮރޯޒޯ، ކީޕަރު ނޮޕާޓް ކުރިމަތީގައި ހުރުމުން، ރެފްރީ ނިންމީ އޮފްސައިޑް ކަމަށް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'42 - އެޓޭކުގައި ނުރައްކާކޮށް ފެންނަނީ އެކުއެޑޯ. ނެދަލެންޑްސް އިން ވެސް އަންނަނީ ލީޑު ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުން. ނަމަވެސް ލީޑު ހޯދި ގޯލަށްފަހު ނެދަލެންޑްސްއަށް ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
'32 - އެކުއެޑޯގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އެކުއެޑޯ ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު އެންދްރިއެސް ނޮޕާޓް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'28 - އެކުއެޑޯގެ ނުރައްކަލެއް. އެސްޓްރާޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެންޖެލޯ ޕްރެސިއާޑާ ފޮނުވާލި ހަމަލާ، ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭ ވަނީ ދިފާއުކޮށްފައި.
'25 - އެސްޓުޕިނާންގެ ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ނެދަލެންޑްސް ކެޕްޓަން ވެން ޑައިކް ދިފާއުކޮށްފި.
'22 - ނެދަލެންޑްސް އިން ނަތީޖާގެ ގޮތުން ކުރީގައި އޮތް ނަމަވެސް، ދެ ޓީމުގެ ފަރާތުން ވެސް ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް. ގެކްޕޯ ގޯލު ޖަހާފައިވަނީ ނެދަލެންޑްސްގެ ފުރަތަމަ ހަމަލާ އިން. އޭގެ ފަހުން ނެދަލެންޑްސްއަށް ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
ނެދަލެންޑްސް އިން ޖެހި ގޯލާއެކު އެކުއެޑޯ އިން އަންނަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރަމުން.
'11 - އެކުއެޑޯގެ ހަމަލާއެއް. އެސްޓުޕިނާން ދިން ބޯޅައަކުން ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
ގެކްޕޯގެ ގޯލަކީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލު.
'6 - ނެދަލެންޑްސް އިން ގޯލު ޖަހައި، ލީޑު ހޯދައިފި. ޑޭވީ ކްލާސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކޯޑީ ގެކްޕޯ. އޭނާގެ ހަމަލާ އަމާޒުވީ އެކުއެޑޯ ގޯލުގެ ތިރީ ކަނަކަށް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އެކުއެޑޯ އިން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ހަތަރު ވަަނަ މެޗުގައި ނެދަލޭންޑްސް އާއި އެކުއެޑޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މި ދެޓީމުންވެސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން އޮތީ މޮޅުވެފައި. ނެދަލޭންޑްސްއިން ފުރަތަމަ މެޗުގައި ސެނެގާލް ބަލިކުރީ 2-0 ގެ ނަތީޖާއަކުން. އެ މެޗުގައި ނެދަލޭންޑްސްގެ ގޯލުތައް ފަހުވަގުތު ޖަހައިދިނީ ކޯޑީ ގަޕްކޯއާއި ޑޭވީ ކްލާސެން. އެކުއެޑޯ ވަނީ މުބާރާތް ހުޅުވި މެޗުގައި ހޯސްޓް ގަތަރު ބަލިކޮށްފައި. އެ މެޗުގައި އެކުއެޑޯވެސް މޮޅުވީ 2-0 އިން. މެޗުގައި ދެ ގޯލުވެސް ޖެހީ ކެޕްޓަން އެނަ ވެލެންސިއާ.
"އެކުއެޑޯގައި އެބަތިބި ނަތީޖާ ބަދަލުރަން އެނގޭ، ސްމާޓް ކުޅުންތެރިން. އެހެންވީމާ ސެނެގާލަށް ވުރެ އުނދަގޫވާނެ ކަމަށް ބަލައިގެން ފޯކަސް ރަނގަޅުކޮށްގެން މި ނުކުންނަނީ. މިއީ ޗެލެންޖެއް މެޗެއް ނަމަވެސް އުންމީދު އެބައޮތް"
"ގަތަރު ކައިރިން މޮޅެއް ހޯދުނު ނަމަވެސް، ޓީމުން އެބަޖެހޭ ކުޅުން ރަނގަޅުކުރަން. ވޯލްޑް ކަޕް ދަތުރު ކުރިއަށްގެންދަން މެޗު މުހިއްމު. އެހެންވީމަ ކުޅުން ރަނގަޅުކޮށް މޮޅަކަށް ނުކުންނާނީ. މެޗުގައި ގޯލު ޖެހީ ވެލެންސިއާ އެރޭގެ މެޗުން ބޭލީ އަނިޔާވެގެން ނަމަވެސް މި މެޗަށް ނުކުންނާނީ ފިޓްކޮށް. އެއީ ކޮލިޓީ ކުޅުންތެރިއެއް، އެ ކޮލިޓީ މިރޭވެސް ފެންނާނެކަމަށް އުންމީދުކުރަނީ،"