މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ސެނެގާލް ކުރީގައި އޮވެގެން. މުބާރާތުގައި ކުރިއަށްދިއުމަށް ގަތަރަށް ދެން އޮތީ ވަރަށް ހަނި ފުރުސަތެއް،
'90+4 - ގަތަރުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އަލްމޮއެޒް އަލީ ފޮނުވާލި ހަމަލާ، ސެނެގާލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.
'90 - ބަމްބާ ޑިއެންގްއަށް ކުރި ފައުލަކާ ގުޅިގެން ގަތަރުގެ އާސިމް މަޑިބޯއަށް ރީނދޫ ކާޑެއް.
'88 - ގަތަރުގެ ނުރައްކާތެރި ހަމަލާއެއް. ހިލޭ ޖެހުމުން އަބްދުލްއަޒީޒް ހާތެމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަބްދުލްކާރިމް ހަސަން ފޮނުވާލި ބާރު ހަމަލާ ދިޔައީ ސެނެގާލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'87 - އިސްމާއިލް މުހައްމަދަށް ކުރި ފައުލަކާ ގުޅިގެން ސެނެގާލްގެ ޕަތޭ ސީސްއަށް ރީނދޫ ކާޑެއް، ނުރައްކާ ހިސާބަކުން ގަތަރަށް ހިލޭ ޖެހުމެއް.
'84 - ސެނެގާލުން ގޯލެއް ޖަހައި، އަނެއްކާވެސް ލީޑު ފުޅާކޮށްފި. އިލިމަން އެންޑިއާޔޭ ދިން ބޯޅައަކުން ގަތަރު ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސެނެގާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބަމްބާ ޑިއެންގް.
'83 - ގަތަރުން އިތުރު ދެ ބަދަލު. ހޮމާމް އަހުމަދުގެ ބަދަލުގައި ތާރެކް ސަލްމާން އަދި ޕެޑްރޯ މިގެލްގެ ބަދަލުގައި މުހައްމަދު ވާދް.
'77 - ގަތަރުން ގޯލެއް ޖަހައި، ފަރަގު ކުޑަކޮށްފި. އިސްމާއިލް މުހައްމަދު ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ގަތަރަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް މުހައްމަދު މުންތާރީ.
'75 - ސެނެގާލުން ދެ ބަދަލެއް. އިސްމާއިލާ ސާގެ ބަދަލުގައި އިލިމަން އެންޑިއާޔޭ، އަދި ޑިއެދިއޫގެ ބަދަލުގައި ކުޅެން ނުކުތީ ބަމްބާ ޑިއެންގް.
'75 - ގަތަރުން ބަދަލެއް. ކެޕްޓަން ހަސަން އަލް ހޭޑޯސްގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު މުންތާރީ.
'69 - ގަތަރުން ބަދަލެއް. ކަރިމް ބުޑިއާފްގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުލްއަޒީޒް ހާތެމް.
'67 - ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީގެ މޮޅު ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ގަތަރުގެ އިސްމާއިލް މުހައްމަދު ފޮނުވާލި ހަމަލާ، މެންޑީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'65 - ސެނެގާލުން ބަދަލެއް. ޑިއާޓާގެ ބަދަލުގައި ކުޅެން ނުކުތީ ޕަތޭ ސީސް.
'64 - ގަތަރަށް އިތުރު ފުރުސަތެއް. އަލްމޮއެޒް އަލީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕެޑްރޯ މިގޭލް ފޮނުވާލި ހަމަލާ، ސެނެގާލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'63 - ގަތަރަށް ރަނގަޅު ފުރުސަތެއް. އަކްރަމް އަފީފް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަލްމޮއެޒް އަލީ ފޮނުވާލި ހަމަލާ، ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ވަނީ މަތަކޮށްފައި.
'61 - ގަތަރުގެ ނުރައްކަލެއް. އަބްދުލްކާރިމް ހަސަން ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ސެނެގާލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'55 - ގަތަރަށް ފުރުސަތެއް. އަކްރަމް އަފީފް ނަގައިދިން ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރެއިން އަބްދުލްކާރިމް ހަސަން ފޮނުވާލި ހަމަލާ ބްލޮކްވެފައިވަނީ ސެނެގާލް ގޯލު ކުރިމަތީ ހުރި ގަތަރުގެ އަލްމޮއެޒް އަލީގެ ގައިގައި ޖެހި.
'54 - އިސްމާއިލް މުހައްމަދަށް ސެނެގާލްގެ އިސްމާއިލް ޖެކޮބްސް ކުރި އިތުރު ފައުލަކާ ގުޅިގެން ގަތަރަށް ހިލޭ ޖެހުމެއް.
'52 - އިސްމާއިލް މުހައްމަދަށް ކުރި ފައުލަކާ ގުޅިގެން ސެނެގާލްގެ އިސްމާއިލް ޖެކޮބްސްއަށް ރީނދޫ ކާޑެއް.
'48 - ސެނެގާލުން އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފި. އިސްމާއިލް ޖެކޮބްސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސެނެގާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފަމަރާ ދިއެދިއޫ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސެނެގާލް ކުރީގައި އޮވެގެން.
'45+2 - ޔޫސުފް ސަބާލީއަށް ކުރި ފައުލަކާ ގުޅިގެން ހޮމާމް އަހުމަދަށް ރީނދޫ ކާޑެއް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ކުޅުން ދައްކައިފި.
'41 - ސެނެގާލުން ގޯލު ޖަހައި، ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ތެރެއިން ގަތަރުގެ ބޫލެމް ކޫކީއަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމުން ލިބުނު ފުރުސަތުން ސެނެގާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބޫލާ ޑިއާ.
'34 - ސެނެގާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ގަތަރުގެ އަކްރަމް އަފީފަށް ރަނގަޅު ބޯޅައެއް ލިބުނު ނަމަވެސް، ހަމަލާއެއް ފޮނުވާލުމުގެ ކުރިން ސެނެގާލްގެ އިސްމާއިލާ ސާ ވަނީ އޭނާއަށް ހުރަސް އަޅާފައި. އަކްރަމް އަފީފަށް ޕެނަލްޓީ އޭރިއާ ތެރެއިން އިސްމާއިލާ ސާ ފައުލުކުރި ކަމަށްބުނެ ގަތަރު ކުޅުންތެރިން އެޕީލް ވެސް ކުރި. ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށް.
'31 - ގަތަރުގެ ހޮމާމް އަހުމަދަށް ކުރި ފައުލަކާ ގުޅިގެން ސެނެގާލްގެ ބޫލާ ޑިއާއަށް ރީނދޫ ކާޑެއް.
'30 - ސެނެގާލް ކީޕަރު މެންޑީ ދިން ރީތި ބޯޅަ، އިސްމާއިލާ ސާއަށް ލިބުމުގެ ކުރިން ގަތަރުގެ ކީޕަރު މެޝާލް ބާޝަމް ކުރިއަށް ނުކުމެ ދިފާއުކޮށްފި.
'30 - ސެނެގާލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސަބަލީ ފޮނުވާލި ހަމަލާ ދިޔައީ ގަތަރު ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'26 - ގަތަރުގެ އަބްދުލްކާރިމް ހަސަން ފޮނުވާލި ހަމަލާ ސެނެގާލްގެ އިސްމާއިލާ ގޭގެ ފައިގައި ޖެހި ބޭރުވި ނަމަވެސް، ރެފްރީ ގަތަރަށް ކޯނަރެއް ނުދިން.
'23 - ސެނެގާލްގެ ނުރައްކަލެއް. ކްރެޕިން ޑިއާޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އިދްރީސާ ގޭ ފޮނުވާލި ހަމަލާ ދިޔައީ ގަތަރު ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'20 - ބޫލާ ޑިއާއަށް ކުރި ފައުލަކާ ގުޅިގެން ގަތަރުގެ އިސްމާއިލް މުހައްމަދަށް ރީނދޫ ކާޑެއް.
'17 - ސެނެގާލްގެ ނުރައްކަލެއް. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޫލާ ޑިއާ ބޮލުން ފޮނުވާލި ހަމަލާ، ގަތަރުގެ ގޯލާ އަމާޒުވެފައެއް ނުވޭ. އެ ބޯޅައަށް ގަތަރުގެ ކީޕަރު މެޝާލް ބާޝަމް ވެސް މަސައްކަތްކުރި.
'16 - ސެނެގާލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޑިއާޓާ ފޮނުވާލި ހަމަލާ، ގަތަރުގެ ކީޕަރު މެޝާލް ބާޝަމް ވަނީ މަތަކޮށްފައި.
'15 - ގަތަރުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އަކްރަމް އަފީފް ފޮނުވާލި ހަމަލާ، ސެނެގާލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'14 - އަލްމޮއެޒް އަލީއަށް ސެނެގާލް ކެޕްޓަން ކުލިބަލީ ކުރި ފައުލަކާ ގުޅިގެން ގަތަަރަށް ހިލޭ ޖެހުމެއް.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެނީ ސެނެގާލުން. އެޓޭކުގައި ވެސް ނުރައްކާކޮށް ފެންނަނީ ސެނެގާލް.
'9 - ސެނެގާލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ނަމްޕަލީސް މެންޑީ ފޮނުވާލި ހަމަލާ، ގަތަރުގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'4 - ސެނެގާލަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިސްމާއިލާ ސާ ފޮނުވާލި ހަމަލާ، ގަތަރުގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ގަތަރުން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ތިންވަނަ މެޗުގައި ހޯސްޓް ގަތަރާއި ސެނެގާލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މި މެޗަށް ނުކުންނަ އިރު، ގްރޫޕް ސްޓޭޖުގައި ދެޓީމުންވެސް ފުރަތަމަ ކުޅުނު މެޗުން އޮތީ ބަލިވެފައި. އެހެންކަމުން ގަދަ 16 ގެ އުންމީދު ދަމަހައްޓަން ދެޓީމަށްވެސް މޮޅެއް މަޖުބޫރު. ގަތަރުން މުބާރާތް ހުޅުވި މެޗުގައި އެކުއެޑޯ އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުން. ސެނެގާލުން ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބަލިވީ ނެދަލޭންޑްސް އަތުން. ސެނެގާލަކީ އެންމެފަހުގެ އެފްރިކާ ޗެމްޕިއަނުން، އަދި ގަތަރަކީ މިވަގުތު އޭޝިއާގެ ޗެމްޕިއަނުންވެސްމެ. މިއީ ޗެމްޕިއަނުންގެ ކުރިމަތިލުމެއް.
ނެދާލޭންޑްސްއާއި ސެނެގާލް ވާދަކުރި މެޗުގައި ނެދަލޭންޑްސްގެ ގޯލުތައް ޖެހީ ކޯޑީ ގަކްޕޯ އާއި ޑޭވީ ކްލާސަން. އެ ދެ ގޯލުގައިވެސް ޗެލްސީގެ ގޯލްކީޕަރު މެންޑީގެ ގޯސްތައް ފާހަގަވި.
މެންޑީ މިފަހަރު ވޯލްޑް ކަޕާ ކުރިމަތިލީވެސް ކްލަބު ފުޓުބޯޅައިގައި މާޔޫސްވެފައި ހުރެގެން. ޗެލްސީއާއެކު ސީޒަން ފެށީވެސް ދަށް ފޯމެއްގައި. އެއާއެކު ޗެލްސީއަށް އަލަށް ގެންދިޔަ ކޯޗު، ގްރަހަމް ޕޮޓާ ވަނީ އެއް ނަންބަރު ގޯލްކީޕަރެއްގެ ގޮތުގައި ސްޕެއިންގެ ކެޕާ އަރީޒާބަލާގާ ގޯލުގައި ބޭނުންކުރަން ފަށާފައި. މެންޑީގެ ފޯމު މިހާރު ދަށްކޮށް ފެނުނު ނަމަވެސް އޭނާއަކީ 2021 ވަނަ އަހަރު ޗެލްސީން ޗެމްޕިއަންސް ލީގު އުފުލައިލުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ގޯލްކީޕަރު. ސެނެގާލުން އެފްކޯން ނެގި އިރުވެސް މެންޑީގެ ފުރިހަމަ ކުޅުން ފެނިގެން ދިޔަ.
އެހެންކަމުން ކޯޗު އަލިއޯ ސީސޭ ބުނެފައި ވަނީ މަޖުބޫރު މެޗަށްވެސް މެންޑީއަށް އިތުބާރުކުރާނެ ކަމަށް.
ގަތަރުން ވޯލްޑް ކަޕަށް ތައްޔާރުކުރީ ހާއްސަ ޓީމެއް. އެއީ ބޮޑު ފުޓުބޯޅަ ޕްރޮޖެކްޓެއް. އެ ޓީމުން އޭޝިއަން ކަޕް ނެގީވެސް އުންމީދު ގެނެސްދެމުން. އެކި ގައުމުތަކަށް އުފަން ކުޅުންތެރިންނާވެސް އެކު، ގިނަ ދުވަސްތަކެއް ވަންދެން ވޯލްޑް ކަޕަށް ތައްޔާރުކުރި ޓީމަށް ސަޕޯޓަރުންގެ އުންމީދުތައް އޮތީ ބޮޑުކޮށް. އެހެންކަމުން ފުރަތަމަ ދެމެޗުން ބަލިވެ ކަޓައިގެން ދިޔުމަކީ މާޔޫސް ކަމަކަށް ވާނެ.
ފުރަތަމަ މެޗުގައި ގަތަރު ބަލިވެގެން ދިޔަ އިރު، ސަޕޯޓަރުން މެޗު ނުނިމެނީސް ސްޓޭޑިއަމް ދޫކޮށް ދިޔަތަން ފެނިފައިވޭ. ކޯޗު ފެލިކްސް ސަންޗޭޒް ބުނީ ޓީމުން އެނބުރި އަންނަން ޖެހޭ ކަމަށާއި، މިއަދުގެ މެޗުގައި އެކަން ފެންނާނެ ކަމަށް.