މެޗުގެ ކުޅުން ނިންމާލައިފި. ވޭލްސް އަތުން 2-0 ގެ ނަތީޖާއަކުން އީރާނަށް މޮޅެއް.
'90+11 - އީރާނުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ވޭލްސްގެ ގިނަ ކުޅުންތެރިންތަކެއް ކުރީގައި އޮއްވައި، ކައުންޓާ އެޓޭކެއްގައި އީރާނުން ކުރިއަށް ޖެހި ގޯލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އީރާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަމިން ރެޒެއާން.
90+9 - އީރާނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އީރާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރޫޒްބޭހް ޗެޝްމީ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ވޭލްސް ގޯލުގެ ތިރީ ކަނަކަށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ނުވަ މިނެޓުގެ ކުޅުން ދައްކައިފި.
'89 - އީރާންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޓޮރާބީ ފޮނުވާލި ބާރު ހަމަލާ، ވޭލްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ކީޕަރު ހެނެސީއަށް ރަތް ކާޑު ދެއްކުމުން މިހާރު ވޭލްސް އިން ކުޅެމުންދަނީ ދިހަ ކުޅުންތެރިންނާއެކު.
'87 - ވޭލްސްގެ ބަދަލެއް. އާރޮން ރަސްމީގެ ބަދަލުގައި ކުޅެން ނުކުތީ ކީޕަރު ޑެނީ ވޯޑް.
'87 - ކުރިއަށް ނުކުމެ އީރާންގެ ތަރޭމީއަށް ކުރި ފައުލަކާ ގުޅިގެން ވޭލްސް ކީޕަރު ހެނެސީއަށް ރީނދޫ ކާޑެއް ދެއްކުމަށްފަހު، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ އެ ކާޑު ރަތް ކާޑަކަށް ބަދަލުކޮށްފި.
'84 - ވޭލްސްގެ ނުރައްކަލެއް. ކީފާ މޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ބެން ޑޭވިސް ފޮނުވާލި ހަމަލާއަކުން އީރާންގެ ކީޕަރު ހޮސެއިން ހޮސެއިނީ ވަނީ މަތޔަކޮށްފައި.
'77 - ވޭލްސްގެ ބަދަލެއް. އެމަޕަޑޫގެ ބަދަލުގައި ކުޅެން ނުކުތީ ޖޯ އެލަން.
'77 - އީރާނުން ތިން ބަދަލެއް. ހަޖިސާފީ އާއި ގޮލިޒަޑޭ އާއި ނޫރައްލާހިގެ ބަދަލުގައި ކުޅެން ނުކުތީ މެހްދީ ޓޮރާބީ އާއި އަލީރެޒާ ޖަހަންބަކްޝް އަދި ރޫޒްބޭހް ޗެޝްމީ.
'73 - އީރާނަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން އެޒަޓޮލާހީ ފޮނުވާލި ބޯޅަ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް، ވޭލްސް ކީޕަރު ވޭން ހެނެސީ ވަނީ މަތަކޮށްފައި.
'72 - އީރާންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ޕޫރަލިޖާންޖީ ފޮނުވާލި ހަމަލާ، ވޭލްސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'68 - އީރާނުން ބަދަލެއް. ސަރްދާރް އަޒްމޫންގެ ބަދަލުގައި ކުޅެން ނުކުތީ ކަރިމް އަންސަރިފާދް.
'67 - ވޭލްސްއަށް ފުރުސަތެއް. ބްރެނަން ޖޯންސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޭލް ފޮނުވާލި ހަމަލާ، އީރާންގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
އީރާންގެ އެޓޭކް ފެންނަނީ ވަރަށް ނުރައްކާކޮށް. ވަރަށް ބޮޑަށް ކުރިއަށް ޖެހި، އެޓީމުން އަންނަނީ ވޭލްސްގެ ގޯލަށް ނުރައްކާކުރުމަށް އިތުރު ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރަމުން.
'58 - ވޭލްސް އިން ދެ ބަދަލެއް. ރޮބާޓްސްގެ ބަދަލުގައި ބްރެނަން ޖޯންސަން. އަދި ވިލްސަންގެ ބަދަލުގައި ކުޅެން ނުކުތީ ޑެނިއަލް ޖޭމްސް.
'56 - އީރާނަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ހަޖިސާފީ ފޮނުވާލި ބާރު ހަމަލާ، ވޭލްސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'51 - ކައިރިކައިރީގައި އީރާންގެ ނުރައްކާތެރި ތިން ހަމަލާއެއް. ސަރްދާރް އަޒްމޫން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުވީ ވޭލްސް ގޯލުގެ އަރިމަތީ ދަނޑިއަށް. ވޭލްސްއަށް އެ ބޯޅަ ދިފާއުނުކުރެވި ލިބުނު ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން އަލީ ގޮލިޒަޑޭ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް. ރީބައުންސް ބޯޅައިން ސަރްދާރް އަޒްމޫން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާ، ވޭލްސް ކީޕަރު ވޭން ހެނެސީ ވަނީ މަތަކޮށްފައި.
'46 - މުހައްމަދީ ނަގައިދިން ހުރަސް، ވޭލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސަރްދާރް އަޒްމޫނަށް ލިބޭ ގޮތެއް ނުވި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
'45+4 - އީރާނަށް ފުރުސަތެއް. ހަޖިސާފީ ނަގައިދިން ހިލޭ ޖެހުމުން ތަރޭމީ ފޮނުވާލި ހަމަލާ، ވޭލްސް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'45+3 - ނޫރައްލާހިއަށް ކުރި ފައުލަކާ ގުޅިގެން ވޭލްސް ޑިފެންޑަރު ރޮޑޮންއަށް ރީނދޫ ކާޑެއް.
'45+2 - އީރާނަށް ފުރުސަތެއް. ނޫރައްލާހި ނަގައިދިން ބޯޅައިގައި ވޭލްސްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރި ސަރްދާރް އަޒްމޫންގެ ފައިގައި ރަނގަށް ލައްވާލެވޭ ގޮތެއް ނުވި.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'42 - ވޭލްސްގެ ހަމަލާއެއް. ކީފާ މޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވިލްސަން ފޮނުވާލި ހަމަލާ، އީރާންގެ އެޒަތޮލާހީ ވަނީ ބްލޮކްކޮށްފައި.
'34 - މެޕަމް ދިން ބޯޅަ، އީރާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ވޭލްސް ފޯވަޑް ކީފާ މޯއަށް ނުލިބި، ބޯޅަ ބޭރަށް.
'29 - ކީފާ މޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ވޭލްސް ކެޕްޓަން ބޭލް ފޮނުވާލި ހަމަލާގައި ބާރެއް ނެތް. އީރާންގެ ކީޕަރު ހޮސެއިން ހޮސެއިނީ ވަނީ އެ ބޯޅަ ފަސޭހަކާއެކު ހޯދާފައި.
'23 - އީރާނަށް ފުރުސަތެއް. ރެޒިއާން ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސަރްދާރް އަޒްމޫން ބޮލުން ފޮނުވާލި ހަމަލާ، ވޭލްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
19' ވޭލްސްގެ ނުރައްކަލެއް. އިރާން ޕެނަލްޓީ އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ވިލްސަން ނަގައިދިން ހުރަސް ރީތި. ޕަންޗުކޮށް ބޭރުކޮށްލީ ގޯލްކީޕަރު ހޮސައިނީ.
'15 - ސަރްދާރް އަޒްމޫން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އީރާންގެ އަލީ ގޮލީޒާޑާ، ވޭލްސްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރުން ދެއްކީ އޭނާ އޮފްސައިޑު މަގާމެއްގައި ހުރި ކަމަށް.
'12 - ވޭލްސްއަށް ރަނގަޅު ފުރުސަތެއް. ރޮބާޓްސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކީފާ މޯ ފޮނުވާލި ހަމަލާ، އީރާންގެ ކީޕަރު ހޮސެއިން ހޮސެއިނީ ވަނީ މަތަކޮށްފައި.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ ވޭލްސް އިން. ނަމަވެސް ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
'10 - ރަމްސީ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން އީރާންގެ ޑިފެންޑަރުން ދިފާއުކޮށްފި.
އިރާނުގެ ފުރަތަމަ 11 އިން އާންމުކޮށް ފެންނަ ގޯލްކީޕަރު އަލީރެޒާ ބެއިރަންވާންޑް މި މެޗުގައި ނުކުޅޭ ސަބަބަކީ އެންމެފަހުން އިރާނުން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން. ބެއިރަންވާންޑް މި މެޗު ރެސްޓް ކުރަން ޖެހުނީ ފީފާގެ ޕްރޮޓޮކޯލްގެ ސަބަބުން. އެއީ ބޮލަށް ލިބުނު އަނިޔާއެއް ސަބަބުން.
މި މެޗުގައި އީރާންގެ ގޯލު ބަލަހައްޓަމުންދަނީ އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ އެއް ނަމްބަރު ކީޕަރު އަލީރެޒާ ބެއިރަންވާންޑަށް ލިބުނު އަނިޔާއާ ގުޅިގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހޮސެއިން ހޮސެއިނީ.
މެޗުގެ ކުޅުން ފަށައިފި.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގެ ތިންވަނަ މެޗުގައި ވޭލްސްއާއި އިރާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ދެ ޓީމުންވެސް މި ވޯލްޑް ކަޕްގައި ކުޅޭ ދެވަނަ މެޗު. ފުރަތަމަ މެޗުގައި ވޭލްސް އޮތީ އެމެރިކާއާ އެއްވަރުކޮށްފައި. އެއީ 1-1 ގެ ނަތީޖާއަކުން. އިރާންގެ ފުރަތަމަ މެޗުގައި ކުރިމަތިލާން ޖެހުނީ 6-2 ބައްޔަކާ. އެއީ އިންގްލެންޑް ކައިރިންވި ބައްޔެއް. ދެ ޓީމުންވެސް މޮޅަކަށް ބޭނުންވެފައިވާ އިރު، މިއަދުގެ މެޗު ދެ ޓީމަށްވެސް ވަރަށް މުހިއްމު.
މިއަދުގެ މެޗަށް ނުކުންނަ އިރު، ވޭލްސްގެ ކެޕްޓަން ބޭލްއަށް ހާއްސަ ޝަރަފެއް އެބައޮތް. އެއީ ގައުމީ ޖާޒީގައި 110 ވަނަ މެޗު ކުޅެ، އެގައުމުގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށްވުމުގެ ރެކޯޑު ހޯދުމުގެ ޝަރަފު. ކުރިން އެ ރެކޯޑު އޮތީ 109 މެޗު ގައުމީ ޓީމަށް ކުޅެފައިވާ ކްރިސް ގަންތާ އަތުގައި.
އިރާނުގެ ދާހިލީ މައްސަލަ އޮތީ ގޯސްކޮށް. ވޯލްޑް ކަޕަށް ދިޔަ ގައުމީ ޓީމަށްވެސް އެކަމުގެ ހިޔަނި އޮތީ އެޅިފައި. އެންމެފަހުން އިންގްލެންޑާ ދެކޮޅަށް އެގައުމުން ކުޅުނު މެޗުގެ ކުރިން ކެޕްޓަން އެހުސާން ހަޖްސާފީ ނޫސްވެރިންނާ ވާހަކަ ދައްކަމުންވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވޭ. އިރާނުގައި މުޒާހަރާ ކުރަމުން ދަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓައި މަރުވި އަންހެނެއް ކަމަށްވާ، ކުރުދިސްތާނަށް ނިސްބަތްވާ މާޝާ އަމީނީގެ މަރާ ގުޅިގެން. ގައުމުގައި މުޒާހަރާ ކުރަމުންދާ އެތައްހާސް ރައްޔިތުންނަކާ އެކު ގައުމީ ޓީމު ތިބިކަން ދެއްކުމަށް، ސަރުކާރުގެ ސަމާލުކަމަށްވެސް އެކަން ގެނައުމަށް އިރާން ޓީމުން، އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގައުމީ ސަލާމް ކިޔަން އިންކާރު ކުރި. މި މެޗު ކުރިންވެސް ކޯޗަށް އެ ސުވާލުތައް އަމާޒުވުމުން ހިތްހަމަ ނުޖެހުނު.