މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްވިޒަލެންޑް ކުރީގައި އޮވެގެން.
'90+5 - ސްވިޒަލެންޑަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސެފެރޮވިޗް ފޮނުވާލި ހަމަލާ، ކެމަރޫންގެ ކަސްޓެލެޓޯ ވަނީ ބްލޮކްކޮށްފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.
'90 - ސްވިޒަލެންޑުން އިތުރު ބަދަލެއް. ރޮޑްރިގޭޒްގެ ބަދަލުގައި ކުޅެން ނުކުތީ ކޮމާޓް.
'88 - ސްވިޒަލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ގްރެނިޓް ޖަކާ ފޮނުވާލި ހަމަލާ، ކެމަރޫންގެ ކީޕަރު އޮނާނާ ވަނީ މަތަކޮށްފައި.
'81 - ކެމަރޫނުން ވެސް ބަދަލެއް. އެމްބޫމޯގެ ބަދަލުގައި ކުޅެން ނުކުތީ އެންގަމަލޫ.
'81 - ސްވިޒަލެންޑުން އިތުރު ބަދަލެއް. ވާގަސްގެ ބަދަލުގައި ކުޅެން ނުކުތީ ފަބިއަން ރިއެޑާ.
'74 - ކެމަރޫނުން އިތުރު ދެ ބަދަލު. ޗޫޕޫ މޯޓިންގްގެ ބަދަލުގައި ނުކުތީ އަބޫބަކަރް. އަދި ޓޮކޯ އެކާމްބީގެ ބަދަލުގައި ކުޅެން ނުކުތީ އެންކޫޑޫ.
'72 - ސްވިޒަލެންޑުން ތިން ބަދަލެއް. ސޯ އާއި ޝަގީރީ އަދި އެމްބޯލޯގެ ބަދަލުގައި ކުޅެން ނުކުތީ ހަރިސް ސެފެރޮވިޗް އާއި ނޮއާ އޮކޮފޯ އަދި ފަބިއަން ފްރޭ.
'68 - ކެމަރޫނުން ބަދަލެއް. ހޮންގްލާގެ ބަދަލުގައި ކުޅެން ނުކުތީ ގޭލް އޮންޑޫއާ.
'66 - ކެމަރޫން ކީޕަރު އޮނާނާގެ މޮޅު ސޭވްއެއް. ޝަގީރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސްވިޒަލެންޑްގެ ވާގަސް ފޮނުވާލި ބާރު ހަމަލާ، ކީޕަރު އޮނާނާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'64 - ޗޫޕޯ މޯޓިންގްއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑް ޑިފެންޑަރު އެލްވެޑީއަށް ރީނދޫ ކާޑެއް.
'57 - ކެމަރޫންގެ ހަމަލާއެއް. އަކާންޖީ ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން އަރިމަތިން ޗޫޕޯ މޮޓިން ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ކީޕަރު ސޮމާ ވަނީ މަތަކޮށްފައި.
'48 - ސްވިޒަލެންޑުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޝަގީރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯ. އެމްބޯލޯ އަކީ ކެމަރޫނަށް އުފަން ކުޅުންތެރިއެއް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
'45+1 - ސްވިޒަލެންޑަށް ރަނގަޅު ފުރުސަތެއް. ވާގަސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަކާންޖީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ކެމަރޫން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'45 - ވިޑްމާ ނަގައިދިން ހުރަސް، ކެމަރޫން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބޯލޯއަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވޮ.
'41 - ކެމަރޫންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޗޫޕޯ މޮޓިންގް ފޮނުވާލި ބާރު ހަމަލާ، ސްވިޒަލެންޑް ޑިފެންޑަރު އެލްވެޑީ ވަނީ ބްލޮކްކޮށްފައި.
'37 - ސްވިޒަލެންޑަށް ފުރުސަތެއް. ސޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބޯލޯ ނުރައްކާކުރުމުގެ ކުރިން ކެމަރޫން ޑިފެންޑަރު ލަސްޓެލެޓޯ ވަނީ ޓެކަލްކޮށް ދިފާއުކޮށްފައި.
'36 - އެލްވެޑީއަށް ކުރި ފައުލަކާ ގުޅިގެން ކެމަރޫންގެ ފައިއަށް ރީނދޫ ކާޑެއް.
'35 - ފައި ދިން ބޯޅަ، ގޯލު ކުރިމަތިން އެކާމްބީއަށް ލިބުމުގެ ކުރިން ސްވިޒަލެންޑްގެ ޑިފެންޑަރު އެލްވެޑީ ދިފާއުކޮށްފި.
'30 - ކެމަރޫންގެ ނުރައްކަލެއް. އެމްބޫމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފައި ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ މަތަކޮށްފައި.
'26 - ކެމަރޫންގެ ފައި ދުރުން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒެއް ނުވި.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްވިޒަލެންޑުން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް، ކެމަރޫނުން އަންނަނީ ލިބޭ މަދު ފުރުސަތުތަކުގައި ސްވިޒަލެންޑްގެ ގޯލަށް ނުރައްކާކުރަމުން. ސްވިޒަލެންޑަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް އަދި ތަނަވަސްކުރެވިފައެއް ނުވޭ.
'14 - ކެމަރޫނަށް އިތުރު ހުސް ފުރުސަތެއް. ސްވިޒަލެންޑް އަތުން ގެއްލުނު ބޯޅައަކުން ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޗޫޕޯ މޮޓިން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ޔޭން ސޮމާ ވަނީ މަތަކޮށްފައި.
'10 - ކެމަރޫނަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެމްބޫމޯ ފޮނުވާލި ހަމަލާ ސްވިޒަލެންޑްގެ ކީޕަރު ޔޭން ސޮމާ ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޓޮކޯ އެކާމްބީ ފޮނުވާލި ހަމަލާ ދިޔައީ ސްވިޒަލެންޑް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
'5 - ޝަގީރީ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކެމެރޫން ޑިފެންޑަރު ކަސްޓެލެޓޯ ދިފާއުކޮށްފި.
މެޗުގެ ކުޅުން ފަށައިފި.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑާއި ކެމަރޫން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ކެމަރޫނަކީ އެފްރިކާގެ އެންމެ ކާމިޔާބު އެއް ޓީމު. އެގައުމުން ވަނީ މީގެ ކުރިން ހަތް ވޯލްޑް ކަޕެއްގައި ކުޅެފައި. ކެމަރޫނަކީ އެފްރިކާ ގައުމަކަށް، އެންމެ ގިނަ ވޯލްޑް ކަޕްގައި ކުޅުނު ގައުމު. 1982 ވަނަ އަހަރު ކެމަރޫނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކޮށް، އޭގެފަހުން 1990، 1994، 1998، 2002 ގެ އިތުރުން 2010 އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ވެސް ކުޅުނު.
އަނެއްކޮޅުން ސްވިޒަލޭންޑަކީ ފަސޭހަ ޓީމެއްގެ ގޮތުގައި އެއްވެސް މުބާރާތެއްގައި ނުބަލާނެ. އެގައުމުން 11 ވޯލްޑް ކަޕެއްގައި ކުޅުނު އިރު، އެޓީމުން ވަނީ 1934، 1938 އަދި 1954 ގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފައި.
އުމުރު: 46 އަހަރު
ކެމަރޫނަށް އުފަން ރިގޮބާޓް ސޯންގަކީ ގައުމީ ފުޓުބޯޅަ ލެޖެންޑެއް. ލިވަޕޫލާއި ވެސްޓް ހަމްގެ އިތުރުން ތުރުކީގެ ގަލަޓަސަރާއީއަށްވެސް ކުޅެފައިވާ ޑިފެންޑަރު ސޯންގް ގައުމީ ޓީމަށް ރެކޯޑު 137 މެޗު ކުޅުނު. ރެކޯޑު އަށް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގައުމު ތަމްސީލުކުރި ސޯންގް، އޭގެ ތެރެއިން ފަސް މުބާރާތަށް ނުކުތީ ކެޕްޓަން ކަމުގައި. ހަތަރު ވޯލްޑް ކަޕެއްގައިވެސް ގައުމީ ޖާޒީގައި ކުޅުނު ސޯންގް، ގައުމީ ޓީމާ ހަވާލުވީ މިއަހަރު. އެއީ ކުރިން ގައުމީ ޖޫނިއާ ޓީމުތަކަށް ކޯޗުކޮށްދިނުމަށްފަހު.
އުމުރު: 48 އަހަރު
މުރާތު ޔަކިންއަކީ ސްވިޒަލޭންޑްގެ ފުޓުބޯޅަ ލެޖެންޑެއް. ގައުމީ ޓީމުގެ ސެންޓަ ބެކް މަގާމަށް 49 މެޗެއް ކުޅެދިން ޔަކިންގެ ކްލަބު ކެރިއަރުގެ ބޮޑުބައެއްވެސް ހޭދަކުރީ ސްވިޒަލޭންޑްގެ ކްލަބެއް ކަމަށްވާ ބާސެލްގައި. އޭނާ ވަނީ ބާސެލްއަށް 100 އަށްވުރެ ގިނަ މެޗު ކުޅެފައި. އޭގެ އިތުރުން ކުޅުންތެރިއެއްގެ ގޮތުގައި ޔަކިން ވަނީ ޖަރުމަނުގެ ސްޓަޓްގާޓާއި ތުރުކީގެ ފެނަބާޗޭއަށްވެސް ކުޅެފައި. ޔަކިން ވަނީ ގައުމީ ޓީމާއެކު 2004 ވަނަ އަހަރު ޔޫރޯގައިވެސް ކުޅެފައި.
ޔަކިންގެ ކޯޗިން ކެރިއަރު ފެށީ ޖަރުމަނުގައި ކޯޗިންގެ ތަޖުރިބާތަކެއް ކުރުމަށްފަހު ސްވިޒަލޭންޑްގެ ތޫންއިން. އޭގެ ފަހުން ބާސެލްއާ، ރަޝިއާ ސްޕާޓަކް މޮސްކޯގެ އިތުރުން ޖަރުމަނު ޓީމުތަކަށް ކޯޗުކަން ކޮށްދީ ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރު.