މުޙައްމަދު ޝަމްޢޫން
ކުޅިވަރުގެ އެންމެ ބޮޑު އިވެންޓާއެކު މިހާރު ހުރިހާ ފޯކަހެއް ހުއްޓިފައި ހުރީ ގަތަރަށެވެ. ގަތަރު ވޯލްޑް ކަޕްގެ އިންތިޒާމަށެވެ. މުބާރާތުގެ ޓީމުތަކަށެވެ. ކުޅުންތެރީންނަށެވެ. އޭގެ ތެރެއިންވެސް ހާއްސަ ބަޔަކަށް ގިނަ ބައެއްގެ ވިސްނުން ހިންގަމުން އަންނަނީ ރެފްރީންނަށެވެ. މެޗު އޮފިޝަލުންނަށެވެ. އޮފްސައިޑް ސިސްޓަމަށާއި ވީއޭއާރަށެވެ.
ޒަމާނީ ތަރައްގީ ރެފްރީންގެ މައްޗަށްވެސް ފޯރަމުން ގޮސް، 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕްވީ ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުންކުރި ވޯލްޑް ކަޕަށެވެ. ގޯލް ލައިން ޓެކްނޮލިޖީއާއެކު ވީއޭއާރްވެސް މިދިޔަ ވޯލްޑް ކަޕްގައި ބޭނުންކުރުމުގެ ބޭނުމަކީ ގޯސްތައް މަދުކޮށް ނަތީޖާ އިންސާފުކުރުމެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ތައާރަފުވާނީ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމެކެވެ. އެވެސް އިންގިލާބީ ބަދަލެކެވެ.
ޖުމުލަ 129 އޮފިޝަލުންގެ ޓީމެއް ފީފާއިން އިއުލާނު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 36 ރެފްރީންނާއި 69 އެސިސްޓަންޓް ރެފްރީންނާއި 24 ވީއޭއާރް އޮފިޝަލުންނެވެ. ރެފްރީންގެ އިތުރުން އެސިސްޓެންޓް ރެފްރީންގެ ލިސްޓްގައި މިފަހަރު ފީފާއިން ވަނީ އަންހެން ރެފްރީންނާއި އެސިސްޓެންޓް ރެފްރީން ހިމަނައިފައެވެ. މިންތީގެ ހަމަހަމަކަމަށް ލިބުނު ހެޔޮ ބަދަލެއް ކަމަށް ބެލެވިދާނެއެވެ.
ފީފާގެ ރެފްރީންނާ ހަވާލުވެ ހުރީ އިޓަލީގެ ކުރީގެ މަޝްހޫރު ރެފްރީ ޕިއެރްލުއިޖި ކޮލީނާއެވެ. އޭނާގެ ސްކައުޓިންގައި ހުރިހާ ބައްރަކުން ރެފްރީން ހޮވާފައިވާ އިރު، ރެފްރީންނަށް ހާއްސަ ތަމްރީނުތައް ވަނީ ދީފައެވެ. ކްލަބު ފުޓުބޯޅައިގެ ތެރެއިން އަންނަ ވޯލްޑް ކަޕަކަށްވުމުން ހާއްސަ ސެޝަންތައް ރެފްރީންނަށް މަދު ނަމަވެސް، ކޮލީނާގެ ނަޒަރުގައި ރެފްރީންގެ ފިޓްނެސްއަށް މިފަހަރު ވަގުތު ލިބިފައިވެއެވެ.