މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 7-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.
'90+3 - ސްޕެއިނަށް ހަތް ވަނަ ގޯލެއް. އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އަލްވާރޯ މަރާޓާ. އޭނާގެ ހަމަލާ އަމާޒުވީ ކޮސްޓަ ރީކާ ގޯލުގެ ތިރީ ކަނަކަށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނެޓުގެ ކުޅުން ދައްކައިފި.
'90 - ސްޕެއިނުން އެޓީމުގެ ހަ ވަނަ ގޯލު ޖަހައިފި. ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ކާލޮސް ސޮލާ. އޭނާ އެ ގޯލު ޖެހީ ނިކޯ ވިލިއަމްސް ޕެނަލްޓީ އޭރިއާ ނަގައިދިން ބޯޅައެއް ކޮސްޓަ ރީކާގެ ކީޕަރު ކޭލާ ނަވާސް ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން.
'82 - ކޮސްޓަ ރީކާގެ ބަދަލެއް. އޮވިއޭޑޯގެ ބަދަލުގައި ކުޅެން ނުކުތީ ރޮނަލްޑް މަތަރިޓާ.
'75 - ސްޕެއިނުން ފަސް ގޯލުގެ ލީޑެއް. ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގަވީ. މޮރާޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގަވީ ވަނީ ވަރަށް ރީތިކޮށް ކޮސްޓަ ރީކާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި. އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.
'72 - ކޮސްޓަ ރީކާ އިން ބަދަލެއް. ބޯގޭސްގެ ބަދަލުގައި ކުޅެން ނުކުތީ ބްރެންޑަން އަގިލޭރާ.
'69 - ސްޕެއިނުން އިތުރު ބަދަލެއް. އަސެންސިއޯގެ ބަދަލުގައި ކުޅެން ނުކުތީ ނިކޯ ވިލިއަމްސް.
'68 - ކާލޮސް ސޮލާއަށް ކުރި ފައުލަކާ ގުޅިގެން ކޮސްޓަ ރީކާގެ ކަލްވޯއަށް ރީނދޫ ކާޑެއް.
'64 - ސްޕެއިނުން އިތުރު ދެ ބަދަލު. ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސްގެ ބަދަލުގައި ކުޅެން ނުކުތީ އަލެހެންޑްރޯ ބަލްޑޭ އާއި ކޮކޭ.
'61 - ކޮސްޓަ ރީކާ އިން ދެ ބަދަލެއް. ކޮންޓްރެރާސް އާއި ބެނެޓްގެ ބަދަލުގައި ކުޅެން ނުކުތީ އަލްވާރޯ ޒަމޯރާ އާއި ބްރަޔަން ރުއިޒް.
'57 - ސްޕެއިނުން ދެ ބަދަލެއް. ފެރާން ޓޮރޭސް އާއި ޕެޑްރީގެ ބަދަލުގައި ކުޅެން ނުކުތީ މޮރާޓާ އަދި ކޯލޮސް ސޮލާ.
'54 - ސްޕެއިނުން ހަތަރު ގޯލުގެ ލީޑެއް ހޯދައިފި. ގަވީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ފެރާން ޓޮރޭސް. އެ ގޯލު ޖެހި އިރު، ކޮސްޓަ ރީކާގެ ޑިފެންޑަރުންނާއި ކީޕަރު ކޭލާ ނަވާސްގެ ގޯސް ފާހަގަވި.
ކޮސްޓަ ރީކާ އިން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. މާޓިނޭޒްގެ ބަދަލުގައި ކުޅެން ނުކުތީ ވޮޓްސަން.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.
'45+6 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. ޕެޑްރީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަސެންސިއޯ ފޮނުވާލި ހަމަލާ، ކޮސްޓަ ރީކާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
ކޮސްޓަ ރީކާ އިން ބޯޅަ ހިފެހެއްޓުމަށް މަސައްކަތްކޮށް، ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްތަކެއް ނެގި ނަމަވެސް، އެ ބޯޅަތައް ކޮސްޓަ ރީކާގެ ކުޅުންތެރިންނަށް ލިބޭ ގޮތެއް ނުވޭ.
'33 - ކޭމްޕްބަލްއަށް އޮލްމޯ ކުރި ފައުލަކާ ގުޅިގެން ސްޕެއިންގެ އޭރިއާ ތެރެއިން ކޮސްޓަ ރީކާއަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުމުގެ ބޭނުމެއް ނުހިފުނު.
'31 - ޕެނަލްޓީ ކާމިޔާބުކޮށް، ސްޕެއިނުން ތިން ގޯލުގެ ލީޑެއް ހޯދައިފި. ސްޕެއިންގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް.
'29 - ޕެނަލްޓީ އޭރިއާ ތެރެއިން ޖޯޑީ އަލްބާއަށް ޑުއާޓޭ ކުރި ފައުލަކާ ގުޅިގެން ސްޕެއިނަށް ޕެނަލްޓީއެއް.
ކޮސްޓަ ރީކާއަށް އަދިވެސް ގޯލެއް ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިއެއް ނުވޭ. ސްޕެއިން ކުޅުންތެރިން އަތުން ބޯޅަ ހޯދުމަށް ކޮސްޓަ ރީކާއަށް އުނދަގޫތަކަކާ ކުރިމަތިވާކަން ފާހަގަކުރެވޭ. ދެ ގޯލަށް ފަހު ވެސް ނުރައްކާކޮށް ފެންނަނީ ސްޕެއިން.
'21 - ސްޕެއިނުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ޖޯޑީ އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ.
'11 - ރީތި ކުޅުމަކާއެކު ސްޕެއިނުން ލީޑު ހޯދައިފި. ޕެޑްރީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެނީ އޮލްމޯ.
'9 - ސްޕެއިނަށް އިތުރު ފުރުސަތެއް. ޕެޑްރީ ދިން ބޯޅައަކުން މާކޯ އަސެންސިއޯ ފޮނުވާލި ހަމަލާ ވެސް ދިޔައީ ކޮސްޓަ ރީކާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
ސްޕެއިނުން ކުޅެމުންދަނީ އެޓީމުގެ ރަސްމީ ކުޅުން. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން އަންނަ ސްޕެއިން އެޓޭކު ވެސް ފެންނަނީ ނުރައްކާކޮށް.
'5 - ސްޕެއިނަށް ހުސް ފުރުސަތެއް. ޕެޑްރީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ ދިޔައީ ކޮސްޓަ ރީކާގެ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްޕެއިނުން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ދެވަނަ މެޗުގައި ސްޕެއިނާއި ކޮސްޓަ ރީކާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ސްޕެއިނަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި ނެގި ޓީމް. އެޓީމުގައި އޭރު އޮތް ރަން ޖީލުގެ ނިމުން އައިސް މިހާރު މަސައްކަތް ކުރަމުންދަނީ އާ ޖީލެއް އުފެއްދުމަށް. 2014 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުން ސްޕެއިން ލަދުވެތި ގޮތަކަށް ކެޓި އިރު، 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕުން ކެޓީ ގަދަ 16 އިން، ރަޝިޔާ އަތުން. ޔޫރޯ 2020ގެ ސެމީގައި ކުޅުނު ސްޕެއިން މިފަހަރު ނުކުންނާނީ އާ ޖީލެއްގެ ފެންވަރު ސާބިތުކޮށްދޭން.
މިފަހަރުގެ ވޯލްޑް ކަޕަށް އިންޓަ ކޮންޓިނެންޓަލް ކޮލިފިކޭޝަނުން ކޮސްޓަ ރީކާ ކޮލިފައިވި އިރު، އޭގެ ކުރިން ކުޅުނީ 1990، 2002ގެ އިތުރުން 2006އަކާއި 2014 އަދި 2018 ވަނަ އަހަރު ވޯލްޑް ކަޕް. ވޯލްޑް ކަޕް 2014 ގައި ކޮސްޓަ ރިކާ އިން މުޅި ދުނިޔެ ހައިރާންކޮށްލި. އިންގްލެންޑާއި އުރުގުއާއީ އަދި އިޓަލީއާ އޮތް ގްރޫޕުގައި ހިމެނި ގްރޫޕް އެއްވަނަވެސް އެފަހަރު ކޮސްޓަ ރީކާ ހޯދި. ގަދަ 16 ގައި ކޮސްޓަ ރިކާ އިން ގްރީސް ބަލިކޮށް, ކުއާޓާ ފައިނަލުގައި ބަލިވީ ނެދަލެންޑްސް އަތުން.
އުމުރު: 35 އަހަރު
ކްލަބު: ޕީއެސްޖީ
ތަޖުރިބާކާރު ގޯލްކީޕަރު، ޕީއެސްޖީގެ ކޭލޯ ނަވާސްއަކީ ކޮސްޓަ ރީކާ ފުޓުބޯޅައިގެ ހީރޯއެއް. ނަވާސްގެ ނަން ދުނިޔެއަށް އެންމެ ބޮޑަށް ވިދާލީ 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ދެއްކި ތަފާތުން. އެފަހަރު ކޮސްޓަ ރީކާ ކުއާޓާ ފައިނަލަށް ގެންގޮސްދިނުމުގައި ނަވާސްގެ ރޯލު ބޮޑު. ގަދަ 16 ގައި ގްރީސް ބަލިކުރި މެޗުގައި ނަވާސް 15 ސޭވްކޮށް އެތައް ބަޔަކު ހައިރާން ކޮށްލި. ވޯލްޑް ކަޕްގައި ވިދާލައި، ނަވާސް ރެއާލް މެޑްރިޑަށް ބަދަލުވެ، އެ ކްލަބާއެކު ލަލީގާގެ އިތުރުން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި. ގައުމީ ޓީމަށް ނަވާސް ވަނީ 100 އަށްވުރެ ގިނަ މެޗު ކުޅެފައި.
އުމުރު: 19 އަހަރު
ކްލަބު: ބާސެލޯނާ
އުމުރުން އެންމެ 19 އަހަރު ނަމަވެސް ޕެޑްރީއަކީ ސްޕެއިން ޓީމުގެ އިންޖީނު. މިދިޔަ އަހަރުގެ ޔޫރޯގެ ސްކޮޑުގައި ޕެޑްރީ ހިމެނުމުން ގިނަ ބަޔަކު ސުވާލު އުފެއްދި. އެސުވާލަށް މުބާރާތުން ޕެޑްރީ ޖަވާބުދިނީ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައިގެން. ޕެޑްރީއަކީ 2021 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑްސްގައިވެސް އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި މިޑްފީލަޑަރު. މިދިޔަ ސީޒަނުން ފެށިގެން ބާސެލޯނާގެވެސް އެންމެ މުހިއްމު ކުޅުންތެރިޔާ ޕެޑްރީއަކީ ލާސް ޕާމާސްގެ އުފެއްދުއް. އޭނާ 2020 ވަނަ އަހަރު ބާސާއަށް ކުޅެން ފަށައި 2021 ވަނަ އަހަރު ސްޕެއިން ޓީމަށް އަރަން ފެށި.