ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ޖަރުމަނު 1-2 ޖަޕާން (ފުލްޓައިމް)

24 Nov 01:02

މެޗުގެ އުސްއަލިތައް:

  • ޖަރުމަނުން މެޗު ފެށީ ވަރުގަދަކޮށް
  • އެޓީމުން ކުރިއަށް ޖެހި އެޓޭކް ކުރީ ޑިފެންސް ވެސް ވަރަށް ބޮޑަށް ކުރިއަށް ޖައްސައިގެން
  • ހާފުގެ ހަމައެކަނި ގޯލު ފެނުނީ ގުންޑޮގަންގެ ޕެނަލްޓީއަކުން
  • އެ ޕެނަލްޓީއަކީ ރާމްއަށް ޖަޕާން ކީޕަރު ގޮންޑާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެއް
  • ޕެނަލްޓީ ޖަހައިދިނީ ގުންޑޮގަން
  • މުސިއާލާއާއި ހަވާޓްސްއަށް އިތުރު ފުރުސަތައް ލިބި ކާމިޔާބެއް ނުވި
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަރުމަނުން ފުލުފުލުގައި ހަމަލާ އުފެއްދި
  • ނަބެރީގެ ފަސް ހަމަލާއެއް ފާހަގަވި، އޭގެ ތެރެއިން އެއް ހަމަލާ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައި
  • އަނެއް ހަތަރު ހަމަލާ މަތަކުރީ ގޮންޑާ، ގުންޑޮގަންއާއި މުސިއާލާގެ ހަމަލާ ބޭރަށް ދިޔައީވެސް ދަނޑީގައި ޖެހިފައި
  • ޖަރުމަނަށް ދެވަނަ ގޯލެއް ނުޖެހުމުން ޖަޕާނުން މެޗަށް ވަންނަން މަސައްކަތް ކޮށް ނުރައްކާކުރި
  • އޮސާނާގެ ހަމަލާއެއް ނޯޔާ ފުރަތަމަ މަތަކުރި ނަމަވެސް އިރުކޮޅެއް ފަހުން ޖަޕާން ނަތީޖާ ހަމަހަމަކުރި
  • ރިޓްސޫ ޑޮއާން ފުރަތަމަ ގޯލު ޖެހިއިރު، ޖަޕާން އިރުކޮޅެއް ފަހުން ލީޑު ނެގީ އަސޫނާ ޖެހި ގޯލުން
24 Nov 01:00

މެޗުގެ ކުޅުން ނިންމާލައިފި. ފަހަތުން އަރައި ޖަރުމަން އަތުން ޖަޕާނަށް މޮޅެއް.

24 Nov 01:00

'90+8 - ޖަރުމަނަށް އިތުރު ފުރުސަތެއް. ކިމިޗް ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައިން ސޫލާ ފޮނުވާލި ހަމަލާ، ޖަޕާންގެ އެންޑޯ ވަނީ ބްލޮކްކޮށްފައި.

24 Nov 00:56

'90+4 - ޖަރުމަނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ގޮރެޓްޒްކާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ޖަޕާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

24 Nov 00:53

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ކުޅުން ދައްކައިފި

24 Nov 00:48

24 Nov 00:45

'83 - ޖަޕާނުން އިތުރު ގޯލެއް ޖަހައި، ލީޑު ހޯދައިފި. ކޯ އިޓަކޫރާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޓަކޫމާ އަސާނޯ.

24 Nov 00:42

'80 - ޖަރުމަނަށް ފުރުސަތެއް. ކިމިޗް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރުޑިގާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

24 Nov 00:40

'79 - ޖަރުމަނުން ދެ ބަދަލެއް. ހަވާޓްސް އާއި މުސިއާލާގެ ބަދަލުގައި ނިކްލަސް ފުލްކްރުގް އަދި މާރިއޯ ގޮޓްޒޭ.

24 Nov 00:38

'75 - ޖަޕާނުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ރިޓްސޫ ޑޮއާން. އޭނާ އެ ގޯލު ކާމިޔާބުކުރީ މިނަމީނޯ ފޮނުވާލި ހަމަލާއެއް ޖަރުމަން ކީޕަރު ނޯޔާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން.

24 Nov 00:36

'73 - ޖަޕާނަށް ރަނގަޅު ދެ ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އޮސާނޯ ފޮނުވާލި ހަމަލާ ކީޕަރު ނޯޔާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

24 Nov 00:33

'71 - ކައިރިކައިރީގައި ޖަރުމަނަށް ފުރުސަތުތަކެއް. ގްނަބްރީ ދިން ބޯޅައަކުން ގޮރެޓްޒްކާ ފޮނުވާލި ހަމަލާ ކީޕަރު ގޮންޑާ ވަނީ މަތަކޮށްފައި. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ގްނަބްރީ ފޮނުވާލި ހަމަލާ ވެސް ގޮންޑާ ވަނީ މަތަކޮށްފައި. އަދި ރާމް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގްނަބްރީ ބޮލުން ފޮނުވާލި ހަމަލާ އާއި ރީބައުންސް ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ވެސް ކީޕަރު ގޮންޑާ ވަނީ މަތަކޮށްފައި.

24 Nov 00:30

'69 - ޖަޕާނަށް ފުރުސަތެއް. ސަކާއީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮސާނޯ ފޮނުވާލި ހަމަލާ މިފަހަރުވެސް ޖަރުމަން ޑިފެންޑަރު ރުޑިގާ ވަނީ ބްލޮކްކޮށްފައި.

24 Nov 00:29

'67 - ޖަރުމަނުން ދެ ބަދަލެއް. މުލާ އާއި ގުންޑޮގާންގެ ބަދަލުގައި ކުޅެން ނުކުތީ ޖޮނަސް ހޮފްމަން އާއި ލިއޯން ގޮރެޓްޒްކާ.

24 Nov 00:28

'66 - ޕެނަލްޓީ އޭރިއާ ތެރެއިން އޮސާނޯ ފޮނުވާލި ހަމަލާ، ޖަރުމަނުގެ ޑިފެންޑަރު ރުޑިގާ ދިފާއުކޮށްފި.

24 Nov 00:24
24 Nov 00:22

'59 - ޖަރުމަންގެ ނުރައްކާތެރި ހަމަލާއެއް. މުސިއާލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގުންޑޮގާން ފޮނުވާލި ހަމަލާ އަމާޒުވީ ޖަޕާން ގޯލުގެ އަރިމަތީ ދަނޑިއަށް.

24 Nov 00:19

'57 - ޖަޕާނުގެ ދެ ބަދަލެއް. ނަގަޓޯމޯ އަދި މައޭޑާގެ ބަދަލުގައި ކުޅެން ނުކުތީ ކައޮރޫ މިޓޯމާ އަދި ޓަކޫމާ އަސާނޯ.

24 Nov 00:18

'56 - ރާމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހަވާޓްސް ނުރައްކާކުރުމުގެ ކުރިން ޖަޕާން ކީޕަރު ގޮންޑާ ވަނީ ހުރަސް އަޅާފައި.

24 Nov 00:14
24 Nov 00:13

'51 - ޖަރުމަނަށް ރަނގަޅު ފުރުސަތެއް. ޖަޕާނުގެ ހަތަރު ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން މުސިއާލާ ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

24 Nov 00:10

'48 - ޖަރުމަންގެ ނުރައްކަލެއް. މުލާ ދިން ބޯޅައަކުން ގްނަބްރީ އަރިމަތިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޖަޕާން ގޯލުގެ ހުރަސްދަނޑިއަށް.

24 Nov 00:09

ޖަޕާނުން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. ކޫބޯގެ ބަދަލުގައި ކުޅެން ނުކުތީ ފުލްބެކް ޓެކެހީރޯ ޓޮމިޔާސޫ.

24 Nov 00:07

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

23 Nov 23:54

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ޖަރުމަނުން މެޗު ފެށީ ވަރުގަދަކޮށް
  • އެޓީމުން ކުރިއަށް ޖެހި އެޓޭކް ކުރީ ޑިފެންސް ވެސް ވަރަށް ބޮޑަށް ކުރިއަށް ޖައްސައިގެން
  • ހާފުގެ ހަމައެކަނި ގޯލު ފެނުނީ ގުންޑޮގަންގެ ޕެނަލްޓީއަކުން
  • އެ ޕެނަލްޓީއަކީ ރާމްއަށް ޖަޕާން ކީޕަރު ގޮންޑާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެއް
  • ޕެނަލްޓީ ޖަހައިދިނީ ގުންޑޮގަން
  • މުސިއާލާއާއި ހަވާޓްސްއަށް އިތުރު ފުރުސަތައް ލިބި ކާމިޔާބެއް ނުވި
23 Nov 23:53
23 Nov 23:52

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮވެގެން.

23 Nov 23:52

'45+4 - ޖަރުމަނަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ކިމިޗް ފޮނުވާލި ހަމަލާ ޖަޕާނުގެ ކީޕަރު ގޮންޑާ ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅަ ލިބުމާއެކު ގްނަބްރީ ދިން ބޯޅައަކުން ކައި ހަވާޓްސް، ޖަޕާނުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރަށް ބަލައި ރެފްރީ ނިންމީ ހަވާޓްސް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.

23 Nov 23:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

23 Nov 23:45

'45 - ޖަރުމަނަށް އިތުރު ފުރުސަތެއް. ސޫލާ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މުސިއާލާ ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

23 Nov 23:42

'42 - ޖަރުމަންގެ ހަމަލާއެއް. މުލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކިމިޗް ފޮނުވާލި ހަމަލާ، ޖަޕާނުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

23 Nov 23:39

'38 - މުސިއާލާގެ ހަމަލާ ޖަރުމަންގެ ޑިފެންޑަރުން ބްލޮކްކޮށްފި. ޖަރުމަނަށް ބޯޅަ ލިބުމާއެކު ޖަޕާންގެ ގިނަ ކުޅުންތެރިންތަކެއް ޑިފެންސަށް ފައިބާކަން ފާހަގަކޮށްލެވޭ،

23 Nov 23:33

'33 - ޖަރުމަނުން ލީޑު ހޯދައިފި. ޖަރުމަންގެ ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އިލްކާއީ ގުންޑޮގަން.

23 Nov 23:33

'32 - ޕެނަލްޓީ އޭރިއާ ތެރެއިން ރާމްއަށް ޖަޕާން ކީޕަރު ގޮންޑާ ކުރި ފައުލަކާ ގުޅިގެން ޖަރުމަނަށް ޕެނަލްޓީއެއް.

23 Nov 23:29

'29 - ޖަރުމަނަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ގުންޑޮގަން މިފަހަރު ފޮނުވާލި ހަމަލާ، ޖަޕާން ޑިފެންޑަރު ޔޮޝީޑާ ވަނީ ބްލޮކްކޮށްފައި.

23 Nov 23:29

'28 - ޖަރުމަންގެ ނުރައްކަލެއް. ގްނަބްރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖަރުމަން މިޑްފީލްޑަރު ގުންޑޮގަން ފޮނުވާލި ބާރު ހަމަލާ، ގޮންޑޯ ވަނީ މަތަކޮށްފައި.

23 Nov 23:26
މިއީ ޖަރުމަނުގެ 20 ވަނަ ވޯލްޑް ކަޕް. އެންމެ ފަހުން ވޯލްޑް ކަޕަކުން ޖަރުމަން ފެނިފައި ނުވަނީ، ވޯލްޑް ކަޕް 1950 ގައި. އެ ވޯލްޑް ކަޕުން 2018 ފިޔަވައި ހުރިހާ މުބާރާތެއްގެ ނޮކްއައުޓް ބުރަށް ޖަރުމަން ދަތުރުކޮށްފައިވޭ. ޖަރުމަނުން ވޯލްޑް ކަޕް 2018 ނިންމާލީ ގްރޫޕުގެ ފުލުގައި އޮވެ.
23 Nov 23:21

'21 - ޖަރުމަނުގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކިމިޗް ފޮނުވާލި ބާރު ހަމަލާ، ޖަޕާނުގެ ކީޕަރު ގޮންޑާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

23 Nov 23:20
ވޯލްޑް ކަޕް 1998 އިން ފެށިގެން ޖަޕާނުން އަންނަނީ ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ވާދަކުރަމުން.
23 Nov 23:18

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ ޖަރުމަނުން. އެޓޭކުގައި ވެސް ނުރައްކާކޮށް ފެންނަނީ ޖަރުމަން.

23 Nov 23:17
23 Nov 23:17

'17 - ޖަރުމަނަށް ރަނގަޅު ފުރުސަތެއް. ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

23 Nov 23:16

'16 - ކައި ހަވާޓްސް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ޖަޕާނުުގެ އިޓަކޫރާ ދިފާއުކޮށްފި.

23 Nov 23:12

ޖަޕާނާއި ޖަރުމަނުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • ޖަޕާނާއި ޖަރުމަނު މީގެ ކުރިން ހަތަރު މެޗެއްގައި ކުރިމަތިލާފައިވޭ
  • އޭގެ ތެރެއިން ދެފަހަރަކީ ޖަރުމަނު، ވެސްޓް ޖަރުމަނުގެ ގޮތުގައި އޮތްއިރު ކުޅުނު ދެމެޗު
  • ވެސްޓް ޖަރުމަނުގެ ގޮތުގައި އޮވެ ޖަރުމަނުން ޖަޕާނާ ވާދަކުރީ 1963 އަދި 1968 ވަނަ އަހަރު
  • އޭގެ ތެރެއިން ފުރަތަމަ މެޗު އެއްވަރުވީ 1-1 އިން އަނެއް މެޗު ޖަރުމަނުން ކާމިޔާބުކުރީ 1-0 އިން
  • އޭގެ ފަހުން ދެން ކުޅުނީ އެކުވެރިކަމުގެ ދެމެޗު، އެ ދެމެޗަކީ 2004 އަދި 2006 ވަނަ އަހަރު ކުޅުނު ދެމެޗު
  • ފުރަތަމަ މެޗު ޖަރުމަނުން 3-0 އިން ކާމިޔާބުކުރި، ދެވަނަ މެޗުވީ 2-2 އިން އެއްވަރު
  • މިއީ ވާދަވެރި މުބާރާތެއްގައި ޖަޕާނާއި ޖަރުމަނު ވާދަކުރާ ފުރަތަމަ މެޗު
23 Nov 23:08

'8 - ޖަޕާނުގެ ކައުންޓާ އެޓޭކެއް. ގުންޑޮގަން އަތުން ބޯޅަ ގެއްލުމާއެކު ޖަޕާނުގެ މިޑްފީލްޑުން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖަޕާން ފޯވަޑް މައޭޑާ، ޖަރުމަނުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

23 Nov 23:06

މެޗުގެ ފުރަތަމަ ފަސް މިނެޓުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެއް. ޖަޕާނުން ވެސް އަންނަނީ ޖަރުމަނުގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން.

23 Nov 23:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޖަރުމަނުން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ފުރަތަމަ މެޗުގައި ޖަރުމަނާއި ޖަޕާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ހަތަރު ވޯލްޑް ކަޕެއް ކާމިޔާބު ކޮށްފައިވާ ޖަރުމަނީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ޓީމު. އެންމެފަހުން 2014 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕް ނެގި ނެގުމާއި، އެގައުމުގެ ފުޓުބޯޅަ ސިސްޓަމުގެ ކާމިޔާބުކަމަކީ ޖަރުމަނުގެ ކާމިޔާބީގެ ހެކިތައް. އަބަދުވެސް ތަރިން އުފެއްދުމުގެ ނިޒާމެއް ޖަރުމަނުން ގާއިމު ކޮށްފައިވާ އިރު، އެޓީމުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ 2018ގެ ހިތި ތަޖުރިބާ ހަނދާން ނައްތާލުމަށް. މިއަހަރުގެ ކުރިން 2018 ވަނަ އަހަރު ރަޝިއާގެ މޮސްކޯގައި ބޭއްވި ވޯލްޑް ކަޕަށް ޗެމްޕިއަން ޓީމުގެ ގޮތުގައި ނުކުތް ޖަރުމަނު ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުން.

އެންމެފަހުގެ ހަތް ވޯލްޑް ކަޕުގައިވެސް ޖަޕާނުން އޭޝިއާ ތަމްސީލު ކޮށްފައިވޭ. އެގައުމުން ވަނީ ހަތަރު ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށް ރެކޯޑު ހަދާފައި. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން އެންމެފަހުން ރަޝިއާގައި ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ޖަޕާނު ދަތުރު ކުރި.

ކޯޗުންނަށް ކަޅިއެއް

ޖަޕާން - ހަޖިމޭ މޮރިޔަސޫ

އުމުރު: 54 އަހަރު

ޖަޕާނުގެ ގައުމީ ޓީމަށްވެސް ކުރިން ކުޅެފައިވާ ހަޖިމޭ މޮރިޔަސޫއަކީ ފުޓުބޯޅަ އާއިލާއެއްގެ ކޯޗެއް. ހަޖިމޭ މިޑްފީލްޑަރެއްގެ ގޮތުގައި ކްލަބު ކެރިއަރު އެއްކޮށް ކަހަލަ ގޮތަކަށް ހޭދަކުރީ ސަންފްރެސޭ ހީރޯޝީމާގައި. އެ ކްލަބަށް އޭނާ ވަނީ 14 އަހަރު ދުވަހުން 250 އަށްވުރެ ގިނަ މެޗު ކުޅެދީފައި. ކުޅުންތެރިއެއްގެ ގޮތުގައި ހަޖިމޭ މަޝްހޫރު ނޫން ނަމަވެސް އޭނާ ވަނީ ގައުމީ ޓީމަށްވެސް 35 މެޗު ކުޅެފައި.

2012 ވަނަ އަހަރު ކޯޗިން ކެރިއަރަށް ނުކުމެ ހަޖިމޭ ފުރަތަމަ މަސައްކަތް ކުރީ އޭނާގެ ކްލަބު ސަންފްރެސޭ ހީރޯޝީމާގައި. އެ ކްލަބާއެކު 2017 ވަނަ އަހަރާ ހަމައަށް މަސައްކަތް ކޮށް ދެން ހަވާލުވީ ގައުމީ ޒުވާން އަދި ސީނިއާ ޓީމާ. މިހާރުވެސް ހަޖިމޭ ހުރީ އެ ދެ މަގާމުގައި.

ހާންސީ ފްލިކް

އުމުރު: 57 އަހަރު

ހާންސީ ފްލިކަކީ ޖަރުމަނުގެ ގައުމީ ޓީމު ދަންނަ ކޯޗެއް. އެޓީމަށް އާ މޫނެއްވެސް ނޫން. ކުޅުންތެރިއެއްގެ ގޮތުގައި މިޑްފީލްޑަރަކަށް ބަޔާން މިއުނިކަށްވެސް މެޗުތަކެއް ކުޅެދިން ފްލިކަކީ 2006-2014 އިން ޖަރުމަނުގެ ކޯޗުކަމުގައި ޔޮކިމް ލޯގެ އެސިސްޓެންޓް. އޭގެ ފަހުން ބަޔާން މިއުނިކްގައި ނިކޯ ކޮވަކްގެ އެސިސްޓެންޓަކަށްވެސް ފްލިކް ހުރުމަށްފަހު، އެ ކްލަބުގެ ކޯޗުކަމާ ހަވާލުވެ، ޖަރުމަނު ލީގާއި ޗެމްޕިއަންސް ލީގު އަދި ޖަރުމަނު ކަޕް ނަގައި ޓްރެބަލް ފުރިހަމަ ކުރި. ފްލިކް ޖަރުމަނާ ހަވާލުވީ މިދިޔަ އަހަރު.