ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: މޮރޮކޯ 0-0 ކްރޮއޭޝިއާ (ފުލްޓައިމް)

23 Nov 21:57

މެޗުގެ އުސްއަލިތައް:

  • މެޗަށް ކްރޮއޭޝިއާ ނުކުތީ އެންމެފަހުގެ ރަނަރަޕް ޓީމުގެގޮތުގައި
  • ފުރަތަމަ ކޮޅުގައި މޮރޮކޯގެ ނުރައްކާތެރިކަން ކޮންމެވެސް ވަރަކަށް ފެނުނު
  • މެދުތެރެއިން ރަނގަޅު ބޯޅަތަކަކަށް ދެޓީމުންވެސް މަސައްކަތް ކޮށް، ކްރޮއޭޝިއާ ކޮންޓްރޯލް ހޯދި
  • ހާފުގެ ފަހުކޮޅުގައި ކްރޮއޭޝިއާ ހަމަލާތައް އުފެއްދި
  • ޕެރިސިޗާއި މޮޑްރިޝްގެ ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށް
  • ވްލަސިޗް ޖެހި ބޯޅަ މަތަކުރީ މޮރޮކޯ ގޯލްކީޕަރު ބޯނޯ
  • ދެވަނަ ހާފުގެ ކުރީކޮޅުގައި މޮރޮކޯގެ ހަމަލާތައް ވަރަށް ބޮޑަށް ފާހަގަކުރެވުނު
  • ބޫފާލް ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ޑިފެންޑަރު ޑެޖާން ލޮވްރެން ބްލޮކް ކުރި
  • ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މަޒްރާވީ ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ލިވަކޮވިޗް މަތަކުރި
  • އޭގެ އިތުރުން ހަކީމީގެ ހިލޭ ޖެހުންވެސް ފެނުނީ ނުރައްކާކޮށް، މަތަކުރީ ލިވަކޮވިޗް
  • ފަހުވަގުތު ކްރޮއޭޝިއާއިން ގޯލަކަށް މަސައްކަތް ކުރި ނަމަވެސް މޮރޮކޯގެ ޑިފެންސް ފޫއަޅުވައެއް ނުލެވުނު
23 Nov 21:55

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ ކްރޮއޭޝިއާ އަދި މޮރޮކޯއަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.

23 Nov 21:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

23 Nov 21:49

'90 - ކްރޮއޭޝިއާ އިން އިތުރު ބަދަލެއް. މެރިސިޗްގެ ބަދަލުގައި ކުޅެން ނުކުތީ އޯސިޗް.

23 Nov 21:44
23 Nov 21:41

'81 - މޮރޮކޯ އިން ދެ ބަދަލެއް. އެން ނަސީރީ އާއި އޫނާހީގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުއްރައްޒާކް ހަމްދުﷲ އަދި އަބްދުލްހާމިދު ސަބީރީ.

23 Nov 21:39

'79 - ކްރޮއޭޝިއާ އިން ބަދަލެއް. ކޮވަސިޗްގެ ބަދަލުގައި ކުޅެން ނުކުތީ މާޖާ.

23 Nov 21:38

'78 - މޮޑްރިޗަށް ކުރި ފައުލަކާ ގުޅިގެން މޮރޮކޯގެ އަމްރަބާތަށް ރީނދޫ ކާޑެއް.

23 Nov 21:34
23 Nov 21:31

'71 - ކްރޮއޭޝިއާ ކެޕްޓަން މޮޑްރިޗްގެ ނުރައްކާތެރި ބޯޅައެއް. ހިލޭ ޖެހުމަކުން މޮޑްރިޗް ނަގައިދިން ބޯޅަ، މޮރޮކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރީ އެން ނަސީރީ.

23 Nov 21:25

'65 - މޮރޮކޯ އިން ބަދަލެއް. ސޮފިއާން ބުފާލްގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުއްސަމަދު އެޒަލްޒޫލީ.

23 Nov 21:24

'64 - މޮރޮކޯގެ ނުރައްކާތެރި ހަމަލާއެއް. ހިލޭ ޖެހުމުން ޒިޔެޗް ޖައްސާލި ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން ހަކީމީ ފޮނުވާލި ބާރު ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.

23 Nov 21:23

'63 - އާމަލާއަށް ކޮރޮއޭޝިއާ ކެޕްޓަން މޮޑްރިޗް ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން މޮރޮކޯއަށް ހިލޭ ޖެހުމެއް.

23 Nov 21:19

'60 - މޮރޮކޯ އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން މަޒްރާވީގެ ބަދަލުގައި ކުޅެން ނުކުތީ އާތިޔަތަﷲ.

23 Nov 21:18
23 Nov 21:13

'53 - ކްރޮއޭޝިއާއަށް ރަނގަޅު ފުރުސަތެއް. މޮޑްރިޗް ނަގައިދިން ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލޮވްރެން ފޮނުވާލި ހަމަލާ، މޮރޮކޯގެ އަމްރަބާތު ވަނީ ދިފާއުކޮށްފައި.

23 Nov 21:12

'51 - މޮރޮކޯއަށް ރަނގަޅު ފުރުސަތެއް. ބޫފާލް ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ޑިފެންޑަރު ލޮވްރެން ވަނީ ބްލޮކްކޮށްފައި. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މަޒްރާވީ ބޮލުން ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.

23 Nov 21:04

ކްރޮއޭޝިއާ އިން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. ވްލަސިޗްގެ ބަދަލުގައި ކުޅެން ނުކުތީ މާރިއޯ ޕަސަލިޗް.

23 Nov 21:04

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ފެށީ ކްރޮއޭޝިއާ އިން.

23 Nov 20:51

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗަށް ކްރޮއޭޝިއާ ނުކުތީ އެންމެފަހުގެ ރަނަރަޕް ޓީމުގެގޮތުގައި
  • ފުރަތަމަ ކޮޅުގައި މޮރޮކޯގެ ނުރައްކާތެރިކަން ކޮންމެވެސް ވަރަކަށް ފެނުނު
  • މެދުތެރެއިން ރަނގަޅު ބޯޅަތަކަކަށް ދެޓީމުންވެސް މަސައްކަތް ކޮށް، ކްރޮއޭޝިއާ ކޮންޓްރޯލް ހޯދި
  • ހާފުގެ ފަހުކޮޅުގައި ކްރޮއޭޝިއާ ހަމަލާތައް އުފެއްދި
  • ޕެރިސިޗާއި މޮޑްރިޝްގެ ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށް
  • ވްލަސިޗް ޖެހި ބޯޅަ މަތަކުރީ މޮރޮކޯ ގޯލްކީޕަރު ބޯނޯ
23 Nov 20:49

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

23 Nov 20:48

'45+2 - ކްރޮއޭޝިއާގެ އިތުރު ހަމަލާއެއް. ވްލަސިޗް ފޮނުވާލި ހަމަލާ، އަގުއާޑް ބްލޮކްކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން މޮޑްރިޗް ފޮނުވާލި ހަމަލާ ދިޔައީ މޮރޮކޯ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

23 Nov 20:47

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

23 Nov 20:46

'45 - ކްރޮއޭޝިއާގެ ނުރައްކާތެރި ހަމަލާއެއް. ސޮސާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވްލަސިޗް ފޮނުވާލި ހަމަލާ، މޮރޮކޯގެ ކީޕަރު ބޫނޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

23 Nov 20:43

ޒިޔެޗް މިފަހަރުގެ ވޯލްޑް ކަޕަށް މޮރޮކޯއާއެކު ނުކުތީ މިދިޔަ އަހަރު ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށްފައި. އެފަހަރު ޒިޔެޗް ރިޓަޔާކުރަން ނިންމީ އޭރުގެ ކޯޗު ވާހިދު ހަލީލްހޮޒިޗްއާ ބޮޑެތި މައްސަލަތަކެއް ޖެހިގެން. ޒިޔެޗް އެ ނިންމުން ބަދަލުކުރީ މިހާރުގެ ކޯޗު ވަލީދު ރެގްރަގޫގެ އެދުމަށް.

23 Nov 20:40

'40 - ހަކީމީއަށް މޮޑްރިޗް ކުރި ފައުލަކާ ގުޅިގެން މޮރޮކޯއަށް ހިލޭ ޖެހުމެއް.

23 Nov 20:36
23 Nov 20:34

'34 - ކޮވަސިޗް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ވްލަސިޗްއަށް ލިބުމުގެ ކުރިން މޮރޮކޯ ޑިފެންޑަރު ރޯމަން ސައިސް ދިފާއުކޮށްފި.

23 Nov 20:32

ދެ ޓީމުން ވެސް ކުޅެމުންދަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން.

23 Nov 20:31

'31 - ޒިޔެޗް ދިން ބޯޅަ ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން މޮރޮކޯ ފޯވަޑް އެން ނަސީރީއަށް ލިބޭ ގޮތެއް ނުވި.

23 Nov 20:26
23 Nov 20:25

'25 - ޕެނަލްޓީ އޭރިއާ ތެރެއިން އެން ނަސީރީ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ޑިފެންޑަރު ޑެޖާން ލޮވްރެން ބްލޮކްކޮށްފި.

23 Nov 20:21

'22 - ޕެނަލްޓީ އޭރިއާ ތެރެއިން ވްލަސިޗް ނުރައްކާކުރުމުގެ ކުރިން މޮރޮކޯގެ ޑިފެންޑަރުން އެ ބޯޅަ ދިފާއުކޮށްފި.

23 Nov 20:18

'17 - ކްރޮއޭޝިއާގެ ހަމަލާއެއް. ކްރޮއޭޝިއާގެ ޕެރިސިޗް ދުރުން ފޮނުވާލި ހަމަލާ ދިޔައީ މޮރޮކޯ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

23 Nov 20:15

'14 - މޮޑްރިޗް ނަގައިދިން ހުރަސް، މޮރޮކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ކުޅުންތެރިޔަކަށް ލިބޭ ގޮތެއް ނުވި.

23 Nov 20:14

'13 - މޮރޮކޯގެ ހަމަލާއެއް. ހަކީމީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޒިޔެޗް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާ ޑިފެންޑަރު ލޮވްރެން ވަނީ ބްލޮކްކޮށްފައި.

23 Nov 20:11

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ދެޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

23 Nov 20:08
23 Nov 20:08

'7 - އަމަލާ ދިން ބޯޅަ ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން މޮރޮކޯގެ އެން ނެސީރީއަށް ލިބުމުގެ ކުރިން ކްރޮއޭޝިއާގެ ޑިފެންޑަރުން ދިފާއުކޮށްފި.

23 Nov 20:02

މެޗުގެ ކުޅުން ފަށައިފި، ކިކްއޯފް ކުރީ މޮރޮކޯ އިން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާއި މޮރޮކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ކްރޮއޭޝިއާ މިއަދުގެ މެޗަށް ނުކުންނަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމުގެ ގޮތުގައި. އެއީ އެގައުމުގެ ތާރިހުގައިވެސް ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ. ޑޭވާ ސުކާ ފަދަ ކުޅުންތެރިންނާއެކު ކްރޮއޭޝިއާއިން 1998 ވަނަ އަހަރު ކުޅުނު ފުރަތަމަ ވޯލްޑް ކަޕްގެ ތިންވަނަ އެޓީމުން ހޯދި ނަމަވެސް 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާނުގައި އޮތް ވޯލްޑް ކަޕުން އެޓީމު ކެޓީ ގްރޫޕް ސްޓޭޖުން. 2010 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފިކޭޝަނުން ކަޓައި އެ މުބާރާތުން ކްރޮއޭޝިއާއަށް ފުރުސަތުވެސް ލިބިފައެއް ނުވޭ. ކްރޮއޭޝިއާއިން އޭގެ ފަހުން ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް އެ މުބާރާތުންވެސް އަލްވަދާއު ކިޔާން ޖެހުނީ ގްރޫޕް ސްޓޭޖުން.

މެކްސިކޯގައި 1970 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި މޮރޮކޯ ވާދަކުރި. އެއަށްފަހު މެދުކެނޑުމަކަށްފަހު 1986 ވަނަ އަހަރު ވޯލްޑް ކަޕަށް ގޮސް މޮރޮކޯ ވިދާލި. އިންގްލެންޑާއި، ޕޮލެންޑް އަދި ޕޯޗުގަލްއާ އެއް ގްރޫޕެއްގައި ކުޅެ، ގްރޫޕުގެ އެއްވަނަ ހޯދި. އެއީ އެފްރިކާ ގައުމެއް ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ. އެފަހަރު ގަދަ 16 ގައި ވެސްޓް ޖާމަނީ އަތުން ބަލިވި މޮރޮކޯއަށް އޭގެ ފަހުން ދެން ވާދަކުރެވުނީ 1994،1998 އަދި އެންމެފަހުން 2018ގެ ވޯލްޑް ކަޕްގައި.

ދެޓީމުގެ ތަރިންވެސް ޔޫރަޕްގެ އެންމެ އުހުގައި

ކްރޮއޭޝިއާ - ލޫކާ މޮޑްރިޗް

އުމުރު: 37 އަހަރު
ކްލަބު: ރެއާލް މެޑްރިޑް

ކްރޮއޭޝިއާގެ ތަރިއަކީ 2018 ވަނަ އަހަރުގެ ބެލޮންޑިއޯ ކާމިޔާބުކުރި ލޫކާ މޮޑްރިޗް. ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކްލަބު ރެއާލް މެޑްރިޑްގެ މެދެތެރޭގައިވެސް މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ޖާދުވީ މިޑްފީލްޑަރެއް. މޮޑްރިޗަކީ ކްރޮއޭޝިއާގެ ކެޕްޓަންވެސް މެ. މިހާތަނަށް 154 މެޗު ގައުމީ ޓީމަށް ކުޅެފައިވާ މޮޑްރިޗަކީ ދުނިޔޭގައިވެސް ހުރި އެންމެ ކުޅަދާނަ، އެންމެ ހިތްގައިމު ކުޅުމެއް ކުޅޭ އެއް މިޑްފީލްޑަރު. މި ވޯލްޑް ކަޕަކީ މޮޑްރިޗްގެ ފަހު ވޯލްޑް ކަޕަށް ވުން ގާތް.

މޮރޮކޯ - އަޝްރަފް ހަކީމީ

އުމުރު: 23 އަހަރު
ކްލަބު: ޕީއެސްޖީ

ޒުވާން ހުނަވެރި ފުލްބެކް، އަޝްރަފު ހަކީމީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ސައިޑް ބެކް. ޑިފެންސިވް ހުނަރުގެ އިތުރުން، އެޓޭކިންގައިވެސް ހަކީމީގެ ހުނަރު ވަރަށް ބޮޑަށް ފާހަގަވޭ. ހާއްސަކޮށް ހިލޭ ޖެހުންތަކާއި ސެޓް ޕްލޭތަކުގައި ހަކީމީއަކީ ވަރަށް ނުރައްކާތެރި ކުޅުންތެރިއެއް. ރެއާލް މެޑްރިޑުން ފެށި ހަކީމީ ވަނީ އެކްލަބާއެކު ޗެމްޕިއަންސް ލީގުވެސް ހޯދާފައި. އޭގެފަހުން ބްރޫޝިއާ ޑޯޓުމަންޑަށް ކުޅުނު ހަކީމީ އިންޓަ މިލާނާއެކު ސެރެއާ އޭވެސް ކާމިޔާބުކުރި. އޭގެ ފަހުން ބޮޑު އަގުގައި ދެން ދިޔައީ ޕީއެސްޖީއަށް. ހަކީމީ ވަނީ މޮރޮކޯ ސީނިއާ ޓީމަށް 53 މެޗު ކުޅެފައި.