ރިޕޯޓް

އެނަމާ ކާރިސާއަށް 15 އަހަރު، ތިނަދޫގެ ހަޔާތުގައި އެންމެ ހިތާމަވެރި އެއްދުވަސް

މުހައްމަދު އައުޒަމް

ދިވެހި ތާރީހުގައި ކަނޑުމަތީގައި މިހާތަނަށް ހިނގައިދިޔަ އެންމެ ހިތާމަވެރި ކާރިސާ، އެނަމާ ކާރިސާއަށް 15 އަހަރުވީ އިރު އަދިވެސް ހީވަނީ އިއްޔެ ވީ ކަމެއް ހެންނެވެ. 2004 ވަނަ އަހަރުގެ މާޗް މަހުގެ 17 ވީ ބުދަ ދުވަހު މުޅިގައުމަށް ލިބިގެން ދިޔައީ ހިތާމައިން ފުރިގެންވާ ހަބަރެކެވެ. އެނަމާ ބޯޓުގެ ހާދިސާއާ ގުޅިގެން ގދ. ތިނަދޫ ހުރިހާ ރައްޔިތުން އެރޭ ރޮއްވައިލި އެވެ. މުޅި ގައުމަށް ވެސް އެއީ ހިތާމަވެރި ދުވަހެކެވެ.

ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއް ބެލުމަށްފަހު 122 މީހުންނާއެކު ފުރައިގެން ތިނަދުއަށް ދަތުރުކުރި އެނަމާ ބޯޓުގެ އެ ދަތުރަކީ އެތައް ބައެއްގެ ހަޔާތް ބަދަލު ކޮށްލި ހިތާމަވެރި ހާދިސާއެކެވެ. އެނަމާ ބޯޓުގެ ދަތުރު ފެށި އިރު ބޯޓަށް އެއްވެސް މައްސަލައެއް ދިމާވެފައިވާ ކަމަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. ނަމަވެސް ބައިގަޑިއެއްހާއިރު ފަހުން ބޯޓުގެ އިންޖީނު ހުއްޓުނެވެ. އިންޖީނަށް ދިމާވި މައްސަލަ ބެލުމަށްފަހު ފިލްޓަރު ބަދަލުކޮށް އަނެއްކާވެސް ދަތުރު ފެށިއެވެ. އެރޭ 08:30 ހާއިރު ހުރިހާކަމެއް ބަދަލުވެގެން ދިޔައީ އެނަމާ ބޯޓާ 40 ވަރަކަށް ފޫޓު ދުރުން ދަތުރުކުރި "އަރުތަ" މަސްދޯނީގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ބަންޑުން ޖަހައިލުމުންނެވެ. ނަމަވެސް އެވަރުގެ ރާޅަކުން ބޯޓު ބަންޑުން ޖަހާލާނެކަމާއި މެދު ގިނަ ބަޔަކު އަދިވެސް ސުވާލު އުފައްދައެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލި އިރު އެބޯޓުގައި މުދަލަކަށް ހުރީ ކައްކާ ގޭސް ހުސްކުރި 88 ފުޅިއާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރިފުޅިއެވެ. ބޯޓުން ދަތުރުކުރަމުން ދިޔަ 122 މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ބޯޓުގެ މަތީގައެވެ. ބޯޓު ބަންޑުންޖަހަލީ ގިނަ ބަޔަކު ބޯޓުގެ މަތީގައި ތިބުމުން ކަމަށް ބައެއްފަރާތްތަކުން ގަބޫލުކުރެއެވެ.

އެނަމާ ބޯޓަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ "އަރުތަ" ދޯނިންނެވެ. އެއީވެސް ތިނަދުއަށް ނިސްބަތްވާ ދޯންޏެކެވެ. ދެން އެސަރަހައްދުން ދިޔައީ ގއ. ދާންދޫ "މިޔަރެން" ދޯންޏެވެ. އެހީއަށް އެދި ކަނޑުމަތީގައި ރޮއެ ރޮއެ ތިބި މީހުންނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދީ "މިޔަރެން" ދޯނި ދިޔައީ އެ ދޯނީގައި 12 ޓަނު މަސް ހުރިކަމަށްބުނެ މަސްކިރަން ކޫއްޑޫއަށެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލި ހަދިސާގައި 24 މީހުން މަރުވިއެވެ. އަދި މިހާތަނަށް ވެސް ދެމީހަކު ފެނިފައެއް ނުވެއެވެ. އެނަމާ ކާރިސާގައި އެއް އާއިލާއެއްގެ ގިނަ ބަޔަކުވެސް ވަނީ މަރުވެފައެވެ. އެއްރަށަކުން އެކާރިސާގައި އެތައް ބަޔަކު މިދުނިޔެ ދޫކޮށް ދިޔައީއެވެ. "މިޔަރެން" ދޯނިން އެހީތެރިކަން ފޯރުކޮށްދިންނަމަ މަރުވި މީހުންގެ އަދަދު މަދުކުރެވޭނެއެވެ.

ދިވެހީންނަކީ ކަނޑުގެ އަހުލުވެރީން ކަމަށް ގަބޫލުކުރިޔަސް، މިއަދުވެސް ކަނޑުމައްޗަށް ފަރިތަ ނޫން މީހުން ދިވެހީންގެ ތެރޭގައި މަދެއް ނޫނެވެ. މިހާރަށް ބަލާ ނަމަ ފަތަން އެނގޭ މީހުންނަށް ވުރެ ފަތަން ނޭނގޭ މީހުން ގިނަ ވުމަކީ ވެސް ވެދާނެ ކަމެކެވެ. ވަކީން ޚާއްސަކޮށް އަލަށް އުފަންވެ ހެދިބޮޑުވަމުން އަންނަ ކުދީންނަށް ރަނގަޅަށް ފަތަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރެވެނީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ.

ކަނޑުމަތީގައި ހިނގާ މި ފަދަ ހާދިސާތަކުން ސަލާމަތްވުމަށާއި އެހެން މީހުންނަށް އެހީތެރިވުމަށް ދިވެހީންގެ ގާބިލުކަން އިތުރުކުރާން ޖެހެ އެވެ. މި ފަދަ ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތްވުމަށް އަމަލުކުރުން އެންމެ އެދެވޭ ގޮތްތައް ކޮންމެ ދިވެއްސަކަށް ވެސް އެނގެން ޖެހެ އެވެ. ކަނޑުމަތީގައި ނުރައްކަލެއް ހިނގައިފި ނަމަ، ޕެނިކް ވުމުގެ ބަދަލުގައި ސަލާމަތާ ދިމާއަށް މަސައްކަތްކުރުމުގެ ވިސްނުން ގެނެވޭނެ ފަދަ ތަމްރީނުތައް ކޮންމެ ދިވެއްސަކަށް ވެސް ލިބެން ޖެހެ އެވެ. ދިވެހީންގެ ދިރިއުޅުމުގެ ވެށީގެ 99 ޕަސެންޓަށް ވުރެ ބޮޑީ ކަނޑުގެ ސަރަހައްދުކަމުން، ކަނޑުމަތީގެ ހާދިސާތައް އަބަދުމެ ހިނގަމުންދާނެ އެވެ.