މުޙައްމަދު ޝަމްޢޫން
ހަތަރު ވޯލްޑް ކަޕެއް ކާމިޔާބު ކޮށްފައިވާ ޖަރުމަނީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އެންމެފަހުން 2014 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕް ނެގި ނެގުމާއި، އެގައުމުގެ ފުޓުބޯޅަ ސިސްޓަމުގެ ކާމިޔާބުކަމަކީ ޖަރުމަނުގެ ކާމިޔާބީގެ ހެކިތަކެވެ. އަބަދުވެސް ތަރިން އުފެއްދުމުގެ ނިޒާމެއް ޖަރުމަނުން ގާއިމު ކޮށްފައިވާ އިރު، އެޓީމުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ 2018ގެ ހިތި ތަޖުރިބާ ހަނދާން ނައްތާލުމަށެވެ.
މިއަހަރުގެ ކުރިން 2018 ވަނަ އަހަރު ރަޝިއާގެ މޮސްކޯގައި ބޭއްވި ވޯލްޑް ކަޕަށް ޗެމްޕިއަން ޓީމުގެ ގޮތުގައި ނުކުތް ޖަރުމަނު ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުންނެވެ. ޗެމްޕިއަނުންގެ ބަދުނަސީބު އެޓީމާ އަރައި ހަމަކުރީއެވެ. ޓެކްނިކަލް ނަޒަރަކުން އެއީ ބަދުނަސީބެއް ނޫނެވެ. އެއީ ޖީލެއްގެ ނިމުމެވެ. އެއީ ޖޮކިމް ލޯވް ގެނެސްދިން ރަން ޖީލެއްގެ ނިމުމަށް ބެލެވިދާނެއެވެ. އެ ޓީމަށް ބަދަލުތަކެއް ގެންނަން ޖަރުމަނުގެ ފުޓުބޯޅައަށް މަޖުބޫރުވި ހިސާބަކީވެސް އެއީއެވެ. ޖަރުމަނުގެ ފުޓުބޯޅަ ރޭވިފައި އޮންނަނީ އަބަދުވެސް އެ އުސޫލުންނެވެ. ޖީލަކަށް ޒަމާންވެއްޖެކަން އެނގޭ ހިސާބަކީ އަނެއް ޖީލެއްގެ ފެށުން ގެންނާނެ ހިސާބެވެ.
ހާންސީ ފްލިކް މިފަހަރު ޖަރުމަނާއެކު ވޯލްޑް ކަޕަށް ނުކުންނާނީ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއަށް މުސްތަގުބަލުގެ ތަރިން ލައިގެންނެވެ. ހާއްސަކޮށް ޖަރުމަނުގެ ސްކޮޑުގައި ހިމެނުނު ޔޫސުފާ މޯކޯކޯއަކީ މިފަހަރު ވޯލްޑް ކަޕްގައި ފެންނާނެ އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އޭނާގެ އުމުރަކީ އެންމެ 18 އަހަރެވެ. އެ ސްކޮޑާއެކު ފްލިކް މިރޭގެ ފުރަތަމަ މެޗަށް ހުރީ އުންމީދެއްގައެވެ.
"ތަމްރީނުތަކުގެ ތަފާތު ފުރަތަމަ މެޗުންވެސް ފެންނާނެ. ފިޒިކަލީ ފިޓް ޖަރުމެއް ފެނުމަކީ ތަފާތު ޖަރުމަނެއް ފެންނާނެ ކަމެއް ކަމަށް ގަބޫލުކުރަން. މުބާރާތުގައި ވާދަކުރަން އެންމެ މުހިއްމު ކަމަކީ އެއީ. އެކަން އަހަރެން ޔަގީންކުރަން،" ފްލިކް ބުންޏެވެ.
ފްލިކްގެ މެންޓާލިޓީއަކީ ފިޒިކަލީ ފިޓް ޓީމެއްގެ މެންޓާލިޓީކަން ކުރިންވެސް ވަނީ ފެނިފައެވެ. ބަޔާންއާއެކު ޓްރެބަލް ނެގި ފްލިކް، ބަޔާންގައި ގެންގުޅުނު އެންމެ މުހިއްމު ރެސިޕީއަކީވެސް އާދަޔާހިލާފަށް ރަނގަޅު ފިޓްނަސްގައި ކުޅުންތެރިން ބޭތިއްބުމެވެ.
ނޫސްވެރިންގެ ބައްދަލުގައި، ޖަރުމަނަށް މިފަހަރު ވޯލްޑް ކަޕަށް އޮތް ޓާގެޓަކީ ކޮބައިތޯ ފްލިކް ކުރެން އެހުމުން އޭނާގެ ޖަވާބަކަށްވީ ތަށި ކަމަށެވެ.
"ގްރޫޕުގެ ވަރުގަދަކަން އެނގޭ. އެހެން ނަމަވެސް ވަރަށް ޕޮޒިޓިވްކޮށް ތިބެން ޖެހޭނީ. އަހަރެމެންގެ ޓާގެޓަކީ ތަށި. މިދިޔަ ދުވަސްތަކުގައިވެސް ރަނގަޅު ތަމްރީނުތަކެއް ކުރިއަށް ގެންދެވުނު. ޓީމު އޮތީ ތައްޔާރަށް. ސާނޭއަށް މެޗު ގެއްލޭނެ. އެއީ ވަރަށް މުހިއްމު ކުޅުންތެރިއެއްވެސްމެ. ސާނޭ ފިޓްވާނީ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުން،" ފްލިކް ބުންޏެވެ.
ޖަރުމަނު ހިމެނެނީ ވޯލްޑް ކަޕްގެ ގްރޫޕް އީގައެވެ. އެ ގްރޫޕުގައި ޖަރުމަނާއި ޖަޕާންގެ އިތުރުން ދެން ހިމެނެނީ ސްޕެއިނާއި ކޮސްޓަ ރީކާއެވެ. ޖަރުމަނުން ޖަޕާނާ ދެކޮޅަށް ނުކުންނަ މެޗު މިއަދު އިރުއޮއްސި 6:00 ގައި އޮންނަ އިރު، ޖަޕާން ކޯޗު ހަޖިމޭ މޮރިޔަސޫ ބުނީ އޭޝިއާގެ ސަޕޯޓަރުންނާއެކު ޖަރުމަނު ބަލިކުރެވޭނެ ކަމަށެވެ.