މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން.
'90+4 - ތިއޯ ހެނޭންޑޭޒަށް ކުރި ފައުލަކާ ގުޅިގެން އާރޮން މޯއީއަށް ރީނދޫ ކާޑެއް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ކުޅުން ދައްކައިފި.
'90 - ފްރާންސްގެ ނުރައްކަލެއް. ކޯނަރެއްގެ ތެރެއިން އިބްރާހިމާ ކޮނާޓޭ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'89 - ފްރާންސުން ދެ ބަދަލު. ބެންޖަމިން ޕަވާޑްގެ ބަދަލުގައި ޖޫލްސް ކޫންޑޭ. އަދި ޖިރޫގެ ބަދަލުގައި ކުޅެން ނުކުތީ މާކަސް ތުރާމް.
'85 - އޮސްޓްރޭލިއާ އިން އިތުރު ދެ ބަދަލު. އާވައިންގެ ބަދަލުގައި ބަކުސް އަދި އެޓްކިންސަންގެ ބަދަލުގައި ކުޅެން ނުކުތީ މިލޮސް ޑެގެނެކް.
'83 - ފްރާންސް ތަރި އެމްބާޕޭއަށް ހުސް ފުރުސަތެއް. ގްރީޒްމަން ދިން ރީތި ބޯޅަ، އޮސްޓްރޭލިއާގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި އެމްބާޕޭއަށް ކޮންޓްރޯލު ކުރެވޭ ގޮތް ވަނީ ނުވެފައި.
'80 - އޮސްޓްރޭލިއާގެ ޖެކްސަން އިރްވިންއަށް ރީނދޫ ކާޑެއް.
'77 - ފްރާންސުން ދެ ބަދަލެއް. ޗުއާމެނީގެ ބަދަލުގައި ޔޫސުފް ފޮފާނާ އަދި ޑެމްބެލޭގެ ބަދަލުގައި ކުޅެން ނުކުތީ ކިންގްސްލީ ކޮމާން.
'75 - އޮސްޓްރޭލިއާ އިން ދެ ބަދަލެއް. މެކްގްރީގެ ބަދަލުގައި އާވެރް މާބިލް. އަދި ގުޑްވިންގެ ބަދަލުގައި ކުޅެން ނުކުތީ ގަރަންގް ކުއޮލް.
'72 - ފްރާންސްގެ ހަތަރު ވަނަ ގޯލު. އެމްބާޕޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިން ޖިރޫ. މިއީ ގައުމީ ޖާޒީގައި އޭނާގެ 51 ވަނަ ގޯލު. އެ ގޯލާއެކު ފްރާންސަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ އޭނާ ވަނީ އަރައި ހަމަކޮށްފައި. ފްރާންސަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ލެޖެންޑް ތިއަރީ އޮންރީ ވެސް ވަނީ ގައުމީ ޖާޒީގައި 51 ގޯލު ކާމިޔާބުކޮށްފައި.
'68 - ފްރާންސުން ލީޑު ފުޅާކޮށްފި. ޑެމްބެލޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެމްބާޕޭ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.
'67 - ފްރާންސަށް ރަނގަޅު ފުރުސަތެއް. ހެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ގްރީޒްމަން ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާ ގޯލު ލައިންމަތިން އެޓީމުގެ ފުލްބެކް ބެހިޗް ވަނީ ދިފާއުކޮށްފައި.
'63 - ފްރާންސަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި ހަމަލާ މިފަހަރުވެސް އޮސްޓްރޭލިއާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'61 - ފްރާންސަށް ރަނގަޅު ފުރުސަތެއް. ޖިރޫ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި ހަމަލާ އޮސްޓްރޭލިއާގެ މެކްގްރީ ވަނީ ދިފާއުކޮށްފައި.
'56 - އޮސްޓްރޭލިއާ އިން ބަދަލެއް. މިޗެލް ޑޫކްގެ ބަދަލުގައި ކުޅެން ނުކުތީ ޖޭސަން ކަމިންގްސް.
'55 - ޑެމްބެލޭއަށް ކުރި ފައުލަކާ ގުޅިގެން އޮސްޓްރޭލިއާގެ މިޗެލް ޑޫކްއަށް ރީނދޫ ކާޑެއް.
'50 - ފްރާންސްގެ ނުރައްކާތެރި ހަމަލާއެއް. ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖިރޫ ފޮނުވާލި އޯވަހެޑް، އޮސްޓްރޭލިއާ ގޯލާ އަމާޒުވެފައެއް ނުވޭ.
'50 - ފްރާންސްގެ ހަމަލާއެއް. ޕެނަލްޓީ އާރިއާ ބޭރުން އޮރެލިއާން ޗުއާމެނީ ފޮނުވާލި ބާރު ހަމަލާ، އޮސްޓްރޭލިއާގެ ޑިފެންޑަރުން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ފެށީ އޮސްޓްރޭލިއާ އިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން.
'45+2 - އޮސްޓްރޭލިއާގެ ނުރައްކަލެއް. ހުރަހަކުން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖެކްސަން އިރްވިން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑިއަށް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.
'45 - ފްރާންސަށް ހުސް ފުރުސަތެއް. ގްރީޒްމަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، އެމްބާޕޭ ފޮނުވާލި ހަމަލާ ދިޔައީ އޮސްޓްރޭލިއާ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
'43 - ފްރާންސަށް އިތުރު ފުރުސަތެއް. އެމްބާޕޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގްރީޒްމަން ފޮނުވާލި ހަމަލާގައި ބާރެއް ނެތް. އެ ބޯޅަ ދިޔައީ އޮސްޓްރޭލިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'40 - ފްރާންސަށް ފުރުސަތެއް. އެމްބާޕޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ޑެމްބެލޭ ފޮނުވާލި ހަމަލާ އޮސްޓްރޭލިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'37 - ފްރާންސަށް ރަނގަޅު ފުރުސަތެއް. ޑެމްބެލޭ ނަގައިދިން ހުރަހަކުން އެމްބާޕޭ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ޑިފެންޑަރެއް ގައިގައި ޖެހި ބްލޮކްވުމާއެކު ލިބުނު ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖިރޫ ފޮނުވާލި ހަމަލާ ދިޔައީ އޮސްޓްރޭލިއާގެ ގޯލާ އަމާޒުނުވެ ބޭރަށް.
'32 - ފްރާންސުން ލީޑު ހޯދައިފި. ރާބިއޯ ދިން ބޯޅައަކުން އޮސްޓްރޭލިއާގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އޮލިވިއާ ޖިރޫ. މިއީ ފްރާންސްގެ ގައުމީ ޖާޒީގައި އޭނާ ޖެހި 50 ވަނަ ގޯލު.
'29 - ލީޑު ހޯދުމަށް ފްރާންސަށް ރަނގަޅު ފުރުސަތެއް. އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އޮލިވިއާ ޖިރޫ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'26 - ފްރާންސުން ނަތީޖާ ހަމަހަމަކޮށްފި. ތިއޯ ހެނޭންޑޭޒް ނަގައިދިން ހުރަހަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޑްރިއެން ރަބިއޯ. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން. މިއީ ފްރާންސްގެ ޖާޒީގައި އޭނާ ޖެހި ތިންވަނަ ގޯލު.
އޮސްޓްރޭލިއާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް އެމްބާޕޭ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އޭނާއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި.
'22 - އޮސްޓްރޭލިއާގެ ނުރައްކާތެރި ހަމަލާއެއް. ތިއޯ ހެނާންޑޭޒް އަތުން ގެއްލުނު ބޯޅައަކުން މިޗެލް ޑޫކް ދުރުން ފޮނުވާލި ބާރު ހަމަލާ، ފްރާންސް ގޯލު ދަނޑިކައިރިން ބޭރަށް.
އެންމެފަހުގެ ޗެމްޕިއަން ފްރާންސަށް މި ވޯލްޑް ކަޕަށް ނުކުތްއިރު ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަތައް.
ވޯލްޑް ކަޕަށް ތައްޔާރުވާން ފެށިތަނުން މެދުތެރެ ގެއްލުނު. އެންގޯލޯ ކަންޓޭއާއި ޕައުލް ޕޮގްބާގެ ޕާޓްނާޝިޕްވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕަކަށް ނުގެންދޭ. ދެން އަނިޔާ ދިމާވާން ފެށީ ސްކޮޑު ނެގި ފަހުން. ޕްރިންސަލް ކިމްޕެންބޭގެ އިތުރުން ފޯމުގައި ހުރި ޒުވާން ފޯވަޑް ކްރިސްޓޮފާ އެންކުންކޫއަށް ތަމްރީނުތަކުގައި އަނިޔާވި އިރު، ވޯލްޑް ކަޕަށް އެންމެ ދުވަހެއް އޮއްވައި ދެން އަނިޔާވީ ބެލޮންޑީ ހޯދި ކަރިމް ބެންޒެމާއަށް.
'13 - ފްރާންސްގެ ލޫކަސް ހެނާންޑާޒަށް އަނިޔާވެގެން ބަދަލެއް. ލޫކަސް ހެނާންޑޭޒްގެ ބަދަލުގައި ކުޅެން ނުކުތީ އޭނާގެ ކޮއްކޮ ތިއޯ ހެނާންޑޭޒް.
ގުޑްވިން ޖެހި ގޯލަކީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ޖެހި އެންމެ އަވަސް ގޯލު.
'9 - އޮސްޓްރޭލިއާ އިން ލީޑު ހޯދައިފި. މެތިއު ލެކީ ދިން ބޯޅައަކުން އޮސްޓްރޭލިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރެއިގް ގުޑްވިން. އޭނާއަށް ބޯޅަ ލިބުނު އިރު، ޕެނަލްޓީ އޭރިއާ ތެރޭ ހުރީ ވަރަށް ހުސްކޮށް.
'5 - އޮސްޓްރޭލިއާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، އެމްބާޕޭ ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް، އޭނާ އަތުން ވަނީ ބޯޅަ ގެއްލިފައި.
'2 - ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ބޭރުން ފްރާންސްގެ ޑެމްބޭލޭ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ޑިފެންޑަރުން ބްލޮކްކޮށްފި.
މެޗުގެ ކުޅުން ފަށައިފި.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގެ ދެވަނަ މެޗުގައި ފްރާންސާއި އޮސްޓްރޭލިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ފްރާންސަކީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން. އެޓީމުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނަނީ މޭމަތީގައި ޗެމްޕިއަން ބެޖު ޖަހައި، އެ ބެޖު ދިފާއުކުރުމަށް. ވޯލްޑް ކަޕްގެ ތާރީހުވެސް ބުރަވަނީ ފްރާންސް ކޮޅަށް. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށްޓަކީ ފްރާންސްގެ ދެވަނަ ވޯލްޑް ކަޕް ތަށި. ފްރާންސުން ވޯލްޑް ކަޕްގެ ތަށި ފުރަތަމަ ހޯދީ 1998 ވަނަ އަހަރު. ޒުވާން ތަރިންތަކަކާއެކު 1994 ވަނަ އަހަރު ވޯލްޑް ކަޕަށް ގޮސް، އެ މުބާރާތް ގެއްލުނު ނަމަވެސް ޒުވާން ކުޅުންތެރިންގެ ގޮތުގައި އަރައިގެން އައި ޒައިނުއްދީން ޒިދާން، ތިއަރީ އޮންރީގެ އިތުރުން ޑޭވިޑް ޓްރެޒެގޭ އަދި ލިލިއަމް ތުރާމް ފަދަ ކުޅުންތެރިންނާއެކު ފްރާންސުން 1998 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރި
އަނެއްކޮޅުން ނުކުންނަ އޮސްޓްރޭލިއާއަށް މިއީ ހަތްވަނަ ވޯލްޑް ކަޕް. އެޓީމު ފުރަތަމަ ފެނިގެންދިޔައީ ވެސްޓް ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް 1974 ގައި. އޭގެ ފަހުން އިންތިޒާރަކަށްފަހު އޮސްޓްރޭލިއާ ދެން ފެނިގެންދިޔައީ ވޯލްޑް ކަޕް 2006 ގައި. އެއަށްފަހު ކޮންމެ ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާ ފެނިގެންދޭ.
އުމުރު: 26 އަހަރު
ކްލަބު: ހެލަސް ވެރޯނާ
ޔޫތު ކެރިއަރުގައި ވެސް ޖަރުމަނުގެ ޝާލްކޭ ފަދަ ޓީމުތަކަށް ކުޅުނު އެޓޭކިން މިޑްފީލްޑަރު ހުރޫސްޓިޗްގެ ސީނިއާ ކްލަބު ކެރިއަރު ފެށީ 2015 ވަނަ އަހަރު ނެދަލެންޑްސްގެ ގްރޯނިނެން އިން. އެއަށްފަހު އޭނާ ވަނީ 2020 ވަނަ އަހަރު ޖަރުމަން ބުންޑަލްސްލީގާގެ އެއިންޓްރެކްޓް ފްރެންކްފާޓްއަށް ސޮއިކޮށްފައި. އޭނާ ވަނީ އެ ކްލަބާއެކު މިދިޔަ ސީޒަނުގެ ޔޫރަޕާ ލީގު ކާމިޔާބުކޮށްފައި. މިސީޒަނުގައި ހުރޫސްޓިޗް ކުޅެމުން އަންނަނީ އިޓަލީގެ ހެލަސް ވެރޯނާއަށް. އޮސްޓްރޭލިއާ ސީނިއާ ގައުމީ ޓީމަށް 2017 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ހުރޫސްޓިޗް ވަނީ 19 މެޗުން ތިން ގޯލު ކާމިޔާބުކޮށްދީފައި.
އުމުރު: 23 އަހަރު
ކްލަބު: ޕީއެސްޖީ، ފްރާންސް
ކިލިއަން އެމްބާޕޭއަކީ ފުޓުބޯޅައިގެ ނުރައްކާތެރި ފޯވަޑެކެވެ. ގޯލު ޖެހުމުގެ ހުނަރުގެ އިތުރުން އެމްބާޕޭގެ ނުރައްކާ ބޮޑީ ބާރު ދުވެލީގެ ސަބަބުން. ކޮށްޓައި ނެއްޓުމަށް ހާއްސަ އެމްބާޕޭ ޒުވާން އުމުރު ހޭދަކުރީ ފްރާންސްގެ މޮނާކޯގައެވެ. އެކްލަބާއެކު ކްލަބު ކެރިއަރު ފެށި އެމްބާޕޭ އުމުރުން އެންމެ 18 އަހަރުގައި ލީގު ކާމިޔާބުކުރި. އެ އުމުރުގައި އެމްބާޕޭ ޗެމްޕިއަންސް ލީގުގައިވެސް ވިދާލި. ވިދުން ގަދަވެ، ޕީއެސްޖީން އޭނާ ގެންދިޔައީ 180 މިލިއަން ޔޫރޯގެ އަގުހުރި ޓްރާންސްފާއެއްގައި. ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު އެމްބާޕޭއަކީ 2017 ވަނަ އަހަރު ގޯލްޑަން ބޯއީ. އުމުރުން 19 އަހަރު އެމްބާޕޭ ފްރާންސާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދީ ފައިނަލްގައި ގޯލު ޖަހައިގެން.