މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ މެކްސިކޯ އަދި ޕޮލެންޑަށް ވެސް ގޯލެއް ނުޖެހި ދެޓީމު އެއްވަރުވެގެން.
'90+6 - ޕޮލެންޑްގެ ހަމަލާއެއް. ކްރިކޮވިއާކް ދުރުން ފޮނުވާލި ހަމަލާ، މެކްސިކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'90+4 - ޕޮލެންޑަށް ރަނގަޅު ފުރުސަތެއް. ލެވަންޑޯސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކަމިންސްކީ ފޮނުވާލި ހަމަލާ، މެކްސިކޯގެ ކީޕަރު އޮޗޮއާ ވަނީ މަތަކޮށްފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ކުޅުން ދައްކައިފި.
'88 - ޕޮލެންޑްގެ ބަދަލެއް. ޒިއެލިންސްކީގެ ބަދަލުގައި ކުޅެން ނުކުތީ އާކަޑިއުޒް މިލިކް.
'84 - މެކްސިކޯ އިން އިތުރު ބަދަލެއް. ވޭގާގެ ބަދަލުގައި ކުޅެން ނުކުތީ އުރިއެލް އަންޓޫނާ.
'81 - ޕޮލެންޑަށް ފުރުސަތެއް. ޒިއެލިންސްކީ ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކްރިކޮވިއާކް ފޮނުވާލި ހަމަލާ، މެކްސިކޯގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.
'80 - ޕެނަލްޓީ އޭރިއާ ބޭރުން ވޭގާ ފޮނުވާލި ބާރު ހަމަލާ، ޕޮލެންޑްގެ ގޯލާ އަމާޒެއް ނުވި.
'76 - ލޮޒާނޯއަށް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑްގެ ފްރެންކޯވްސްކީއަށް ރީނދޫ ކާޑެއް.
'72 - ޕޮލެންޑްގެ ބަދަލެއް. ޒިމާންސްކީގެ ބަދަލުގައި ކުޅެން ނުކުތީ ފްރެންކޯވްސްކީ.
'71 - މެކްސިކޯގެ ދެ ބަދަލެއް. މާޓިން އާއި ހެރޭރާގެ ބަދަލުގައި ކުޅެން ނުކުތީ ރައުލް ހިމޭނޭޒާއި ކާލޯސް ރޮޑްރިގޭޒް.
'68 - ވޭގާއަށް ޕޮލެންޑްގެ ކޭޝް ކުރި ފައުލަކާ ގުޅިގެން މެކްސިކޯއަށް ހިލޭ ޖެހުމެއް.
'66 - ޕެނަލްޓީ އޭރިއާ ބޭރުން މެކްސިކޯގެ ވޭގާ ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ގޯލާ އަމާޒެއް ނުވި.
'64 - މެކްސިކޯއަށް ރަނގަޅު ފުރުސަތެއް. އެޑްސަން އަލްވަރޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ހެންރީ މާޓިން ބޮލުން ފޮނުވާލި ހަމަލާ، ޕޮލެންޑް ކީޕަރު ސްޒެސްނީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'58 - ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ، މެކްސިކޯގެ ކީޕަރު އަދި ކެޕްޓަން ގިލޭމޯ އޮޗޮއާ މަތަކޮށްފި.
'56 - ޕެނަލްޓީ އޭރިއާ ތެރެއިން ލެވަންޑޯސްކީއަށް ފައުލުކޮށްފައިވުމުން މެކްސިކޯގެ ހެކްޓާ މޮރޭނޯއަށް ރީނދޫ ކާޑެއް.
ވީއާއާރަށް ބެލުމަށްފަހު ރެފްރީ، ޕޮލެންޑަށް ޕެނަލްޓީއެއް ދީފި.
'55 - މެކްސިކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީއަށް މެކްސިކޯގެ ހެކްޓާ މެރޯނޯ ފައުލަކޮށްފައިވޭތޯ ބެލުމަށް ރެފްރީ ވީއޭއާރުގެ އެހީ ހޯދަނީ.
'53 - މެކްސިކޯގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލޮޒާނޯ ފޮނުވާލި ހަމަލާ، ޕޮލެންޑުގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ދެވަނަ ހާފުުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
މެކްސިކޯ އިން ދަނީ ޕޮލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ނަގަމުން. ނަމަވެސް ޕޮލެންޑްގެ ޑިފެންޑަރުން ފެންނަނީ ވަރުގަދަކޮށް.
'45 - މެކްސިކޯއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މެކްސިކޯގެ ޖޯޖް ސަންޗޭޒް ފޮނުވާލި ހަމަލާ، ޕޮލެންޑް ކީޕަރު ސްޒެސްނީ ވަނީ މަތަކޮށްފައި.
'44 - މެކްސިކޯގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ވޭގާ ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'39 - މެކްސިކޯގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ލޮޒާނޯ، ދިން ބޯޅަ ގޯލު ކުރިމަތިން ޕޮލެންޑްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.
'33 - ވޭގާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ލޮޒާނޯއަށް ލިބުމުގެ ކުރިން ޕޮލެންޑް ކީޕަރު ސްޒެސްނީ ކުރިއަށް ނުކުމެ އެ ބޯޅަ ހޯދައިފި.
'29 - މެޗުގެ ފުރަތަމަ ރީނދޫ ކާޑު މެކްސިކޯގެ ސަންޗޭޒަށް.
'28 - މެކްސިކޯގެ ނުރައްކަލެއް. ޗާވޭޒް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގަލާޑޯ ނުރައްކާކުރުމުގެ ކުރިން ޕޮލެންޑް ކީޕަރު ސްޒެސްނީ ވަނީ ކުރިއަށް ނުކުމެ، އެ ބޯޅަ ދިފާއުކޮށްފައި.
'26 - މެކްސިކޯއަށް ރަނގަޅު ފުރުސަތެއް. ހެރޭރާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ވޭގާ ބޮލުން ފޮނުވާލި ހަމަލާ، ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
މެޗުގެ 20 މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ.
'17 - ކައުންޓާ އެޓޭކެއްގައި ކުރިއަށް ޖެހި، ޒެލެވްސްކީ ދިން ބޯޅަ މާ ބާރުވުމުން ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީއަށް ރަނގަޅަށް ކޮންޓްރޯލު ކުރެވޭ ގޮތެއް ނުވި.
މެކްސިކޯ އަދި ޕޮލެންޑުން ވެސް މަސައްކަތްކުރަމުން އަންނަނީ ކައުންޓާ އެޓޭކު ފުރުސަތުތަކުގައި ނުރައްކާކުރަން.
'8 - ޕޮލެންޑްގެ ހަމަލާއެއް. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީ ބޮލުން ފޮނުވާލި ހަމަލާ، މެކްސިކޯގެ ޖޯޖް ސަންޗޭޒް ގައިގައި ޖެހިފައި ވަނީ ބޭރުވެފައި.
'5 - މެކްސިކޯގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ލޮޒާނޯ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ވޭގާގެ ފައިގައި ރަނގަޅަށް ލައްވާލާ ގޮތް ވެފައެއް ނުވޭ.
މެޗުގެ ކުޅުން ފަށައިފި.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ދެވަނަ މެޗުގައި މެކްސިކޯއާއި ޕޮލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ އަދި ޕޮލެންޑްވެސް ކުޅޭ ފުރަތަމަ މެޗު. މެކްސިކޯގެ ވޯލްޑް ކަޕް ތާރީހަށް ބަލައިލާ އިރު، އެޓީމަކީ ފުރަތަމަ ވޯލްޑް ކަޕްގައިވެސް ކުޅުނު ޓީމެއް. އެ ވޯލްޑް ކަޕަށްފަހު މެކްސިކޯ އިން ދެން ވާދަކޮށްފައިވަނީ ވޯލްޑް ކަޕް 1950 ގައި. ނަމަވެސް 1970 ގެ ކުރިން ވޯލްޑް ކަޕުގައި މެކްސިކޯ އަށް އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވޭ. އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް 1970 ގައި މެކްސިކޯ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި. މެކްސިކޯއިން 1994 ގެ ވޯލްޑް ކަޕުން ފެށިގެން އައި ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ވާދަކޮށްފައިވޭ. އެ ހުރިހާ ވޯލްޑް ކަޕެއް ވެސް މެކްސިކޯ އިން ނިންމާލީ ގަދަ 16 އިން.
ޕޮލެންޑުން މިރޭ ނުކުންނާނީ އެގައުމުގެ ނުވަ ވަނަ ވޯލްޑް ކަޕަށް. ވޯލްޑް ކަޕުގައި ޕޮލެންޑްގެ އެންމެ ބޮޑު ކާމިޔާބަކީ ވޯލްޑް ކަޕް 1974 އަދި 1982 ގައި ލޯ މެޑަލް ހޯދުން. އެ ޖީލު ވެގެންގޮސްފައިވަނީ ޕޮލެންޑް ފުޓުބޯޅައިގެ ރަން ޖީލަކަށް. ވޯލްޑް ކަޕް 1974 ގައި ޕޮލެންޑުން ތިންވަނަ ހޯދީ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި 1-0ގެ ނަތީޖާއަކުން ބްރެޒިލް ބަލިކޮށްގެން. އަދި ވޯލްޑް ކަޕް 1982 ގައި ޕޮލެންޑުން ތިންވަނަ ހޯދީ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ފްރާންސް ބަލިކޮށްގެން.
ޕޮލެންޑް ވަނީ އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގައި ވެސް ވާދަކޮށްފައި. ވޯލްޑް ކަޕް 2018 ޕޮލެންޑުން ނިންމާލީ ގްރޫޕު ސްޓޭޖުން.
އުމުރު: 34 އަހަރު
ކްލަބު: ބާސެލޯނާ
ލަވަންޑޯސްކީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. މިދިޔަ ދެ އަހަރު ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ލެވަންޑޯސްކީ. ބަޔާން މިއުނިކް ދޫކޮށް މިސީޒަނުގައި ބާސެލޯނާއާ ގުޅުނު ލެވަންޑޯސްކީ ވަނީ ގައުމީ ޖާޒީގައި މިހާތަނަށް 134 މެޗު ކުޅެ، ރެކޯޑު 76 ގޯލު ޖަހައިފައި. ލެވަންޑޮސްކީ ވަނީ ޕޮލެންޑާއެކު 2012 ވަނަ އަހަރުގެ ޔޫރޯއާއި 2016 ވަނަ އަހަރު ޔޫރޯ އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2020 ވަނަ އަހަރުގެ ޔޫރޯގައި ވެސް ކުޅެފައި. އޭނާގެ ކެރިއަރުގައި މިހާތަނަށް ވޯލްޑް ކަޕްގައި ގޯލެއް ޖަހައިފައެއް ނުވޭ.
އުމުރު: 27 އަހަރު
ކްލަބު: ނަޕޯލީ
ވޯލްޑް ކަޕް 2018 ގައި ވިދާލި ލޮޒާނޯއަކީ މިވަގުތު މެކްސިކޯގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ. މެކްސިކޯ ގައުމީ ޓީމަށް 2016 އިން ފެށިގެން ކުޅެމުން އަންނަ ފޯވަޑް މިހާތަނަށް ކުޅުނު 59 މެޗުން 16 ގޯލު ވަނީ ޖަހައިފައި. ވަރުގަދަ ފޯމެއްގައި އޮތް އިޓަލީގެ ނަޕޯލީގެ ވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ލޮޒާނޯ. ނަޕޯލީއާ 2019 ގައި ގުޅުމުގެ ކުރިން އޭނާ ވަނީ ނެދަލެންޑްސްގެ ޕީއެސްވީގައި ވެސް ވިދާލައިފައި. ކްލަބު ކެރިއަރުގައި އޭނާ މިހާތަނަށް ވަނީ 80 އަށްވުރެ ގިނަ ގޯލު ޖަހައިފައި.