ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ޑެންމާކު 0-0 ޓިއުނީޝިއާ (ފުލްޓައިމް)

23 Nov 00:59

މެޗުގެ އުސްއަލިތައް:

  • ފުރަތަމަ ކޮޅުގައި ޓިއުނީޝިއާ ރަނގަޅަށް ކުޅެ ހަމަލާތަކަށް މަސައްކަތް ކުރި
  • މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް ފެނުނީ މަދުން
  • ޑެންމާކަށް ހުސް ފުރުސަތެއް ތަނަވަސްކުރެވިފައި ނުވޭ
  • އޭރިއާ ބޭރުން ފޮނުވާލަން މަސައްކަތް ކުރި ބޯޅަތައްވެސް ނުރައްކާތެރިކޮށް ފެނިފައެއް ނުވޭ
  • ހާފުގެ ފަހުކޮޅުގައި ޓިއުނީޝިއާގެ ޖެބަލީއަށް ހުސް ފުރުސަތެއް ލިބި ނާކާމިޔާބުވި
  • ހާފުގެ ފަހު މިނެޓުގައި ޑެންމާކުގެ ޑިލައިނީއަށް އަނިޔާވެ ބާލަން ޖެހުނު
  • ދެވަނަ ހާފުގައިވެސް ހުސް ފުރުސަތުތައް ފެނުނީ މަދުން
  • ޑެންމާކުން ކުޅުން ރަނގަޅުކޮށް އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ޓިއުނީޝިއާ ކީޕަރު ޑަހްމަން
  • އެރިކްސަންގެ ބާރު ހަމަލާއާއި، ލިންޑްސްރޯމްގެ ހަމަލާވެސް މަތަކުރީ ޑަހްމަން
23 Nov 00:58

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ ޑެންމާކާއި ޓިއުނީޝިއާއަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

23 Nov 00:56

'90+5 - ކޯނަރެއްގެ ތެރެއިން ޑެންމާކަށް ޕެނަލްޓީއެއް ދޭން ޖެހޭތޯ ބެލުމަށް ރެފްރީ ވީއޭއާރް ބެލުމަށްފަހު ނިންމީ ޕެނަލްޓީއެއް ނޫން ކަމަށް.

23 Nov 00:55

'90+3 - ޑެންމާކުގެ ނުރައްކަލެއް. ޖެސްޕާ ލިންޑްސްޓްރޯމް ދުރުން ފޮނުވާލި ހަމަލާ، ޓިއުނީޝިއާގެ ކީޕަރު ޑަހްމަން ވަނީ މަތަކޮށްފަިއ.

23 Nov 00:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

23 Nov 00:49

'88 - ޓިއުނީޝިއާގެ އިތުރު ދެ ބަދަލެއް. ޑްރޭގާ އާއި ލައިޑޫނީގެ ބަދަލުގައި ކުޅެން ނުކުތީ ވަޖްދީ ކެޗްރީޑާ އާއި ފެރްޖާނީ ސަސީ.

23 Nov 00:46
23 Nov 00:46

'86 - މެތިއަސް ޔެންސަންއަށް ކުރި ފައުލަކާ ގުޅިގެން ޓިއުނީޝިއާގެ ކެނިސީއަށް ރީނދޫ ކާޑެއް.

23 Nov 00:42

'80 - ޓިއުނީޝިއާގެ ދެ ބަދަލެއް. އެމްސަކްނީގެ ބަދަލުގައި ނުކުތީ ޓަހާ ޔަސީން ކެނިސީ. އަދި ޖެބަލީގެ ބަދަލުގައި ކުޅެން ނުކުތީ ހަނިބަލް މެޖްބްރީ.

23 Nov 00:39

'78 - ސްލިޓީއަށް ކުރި ފައުލަކާ ގުޅިގެން ޑެންމާކުގެ މެތިއަސް ޔެންސަންއަށް ރީނދޫ ކާޑެއް.

23 Nov 00:37

'76 - ޑެންމާކުގެ ހަމަލާއެއް. މޭލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެތިއަސް ޔެންސަން ފޮނުވާލި ހަމަލާ، ޓިއުނީޝިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

23 Nov 00:36

ދެވަނަ ހާފުގެ ބޮޑުބައެއްގައި ނުރައްކާކޮށް ފެންނަނީ ޑެންމާކުން. އެޓީމުން އަންނަނީ ކުރިއަށް ޖެހި، ޓިއުނީޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން.

23 Nov 00:34
23 Nov 00:33

'70 - ޑެންމާކަށް ރަނގަޅު ފުރުސަތެއް. އެރިކްސަން ނަގައިދިން ކޯނަރުގެ ތެރެއިން ލިބުނު ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެންޑަސަން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޓިއުނީޝިއާ ގޯލުގެ އަރިމަތީ ދަނޑިއަށް.

23 Nov 00:31

'68 - ޓިއުނީޝިއާގެ ކީޕަރު ޑަހްމަންގެ މޮޅު ސޭވްއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހަމަލާ، ކީޕަރު ޑަހްމަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

23 Nov 00:29

'67 - ޓިއުނީޝިއާ އިން ބަދަލެއް. ސްލިމާނޭގެ ބަދަލުގައި ކުޅެން ނުކުތީ ސްލިޓީ.

23 Nov 00:27

'65 - ޑެންމާކުން ތިން ބަދަލެއް. ކެޕްޓަން ކެޔާ އާއި ސްކޮވް އޮލްސަން އަދި ޑޮލްބާގްގެ ބަދަލުގައި ކުޅެން ނުކުތީ ގްރައޭންޖް ލިންސްޓްރޯމް އާއި މެތިއަސް ޔެންސަން އަދި އަންދްރޭސް ކޯނެލިއަސް. މިހާރު ޑެންމާކުގެ ބޭންޑް އަޅައިގެން ކުޅެނީ އެރިކްސަން.

23 Nov 00:22
23 Nov 00:21

'61 - ސްކޮވް އޮލްސަން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ޓިއުނީޝިއާ ޑިފެންޑަރު މެރިއާ ދިފާއުކޮށްފި.

23 Nov 00:20

'56 - ޑެންމާކަށް ފުރުސަތެއް. ޑެމްސްގާޑް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑޮލްބާގް ބޮލުން ފޮނުވާލި ހަމަލާގައި ބާރެއް ނެތް. އެ ބޯޅަ، ޓިއުނީޝިއާގެ ކީޕަރު ޑަހްމަން ވަނީ ފަސޭހަކަމާއެކު ހޯދާފައި.

23 Nov 00:17

'55 - ޑެންމާކްގެ ޑެމްސްގާޑް ފޮނުވާލި ހަމަލާ، ކީޕަރު ޑަހްމަން ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، ގޯލުގެ ތެރެއަށް އޮލްސަން ފޮނުވާލި ނަމަވެސް، ޑެމްސްގާޑް ހުރީ އޮފްސައިޑް މަގާމެއްގައި.

23 Nov 00:10

‘47 - ޓިއުނީޝިއާއަށް ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން އެމްސާކްނީ ބޮލުން ފޮނުވާލި ހަމަލާ ޑެންމާކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

23 Nov 00:07

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ފެށީ ޓިއުނީޝިއާ އިން.

22 Nov 23:52

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ފުރަތަމަ ކޮޅުގައި ޓިއުނީޝިއާ ރަނގަޅަށް ކުޅެ ހަމަލާތަކަށް މަސައްކަތް ކުރި
  • މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް ފެނުނީ މަދުން
  • ޑެންމާކަށް ހުސް ފުރުސަތެއް ތަނަވަސްކުރެވިފައި ނުވޭ
  • އޭރިއާ ބޭރުން ފޮނުވާލަން މަސައްކަތް ކުރި ބޯޅަތައްވެސް ނުރައްކާތެރިކޮށް ފެނިފައެއް ނުވޭ
  • ހާފުގެ ފަހުކޮޅުގައި ޓިއުނީޝިއާގެ ޖެބަލީއަށް ހުސް ފުރުސަތެއް ލިބި ނާކާމިޔާބުވި
  • ހާފުގެ ފަހު މިނެޓުގައި ޑެންމާކުގެ ޑިލައިނީއަށް އަނިޔާވެ ބާލަން ޖެހުނު
22 Nov 23:51
22 Nov 23:51

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

22 Nov 23:50

'45+3 - ހޮއިބިއާއަށް ޖެބަލީ ކުރި ފައުލަކާ ގުޅިގެން ޑެންމާކަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރެއަށް އެރިކްސަން ނަގައިދިން ނުރައްކާތެރި ބޯޅަ ދިފާއުކުރީ ޓިއުނީޝިއާ ޑިފެންޑަރު މެރިއާ.

22 Nov 23:49

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

22 Nov 23:46

'45 - ޑެންމާކުން ބަދަލެއް. އަނިޔާއާކާ ގުޅިގެން ތޯމަސް ޑެލޭނީގެ ބަދަލުގައި ކުޅެން ނުކުތީ މިކެލް ޑެމްސްގާޑް.

22 Nov 23:44

'42 - ޓިއުނީޝިއާއަށް ރަނގަޅު ފުރުސަތެއް. އެމްސާކްނީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖެބާލީ ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި. ޖެބާލީ މަސައްކަތްކުރީ ޝްމައިކަލްގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން.

22 Nov 23:42
22 Nov 23:40

'39 - ޓިއުނީޝިއާއަށް ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލިބުނު ފުރުސަތަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލައިޑޫނީ ފޮނުވާލި ބާރު ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

22 Nov 23:35

މެޗުގެ ކުރީކޮޅުގައި ޑެންމާކަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، މިހާރު އެޓީމުން އަންނަނީ ކުރިއަށް ޖެހި ޓިއުނީޝިއާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން.

22 Nov 23:34
22 Nov 23:34

'33 - ޑެންމާކްގެ ހަަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެންމާކް މިޑްފީލްޑަރު ހޮއިބިއާ ފޮނުވާލި ހަމަލާ، އަމާޒުވީ ޓިއުނީޝިއާގެ ކީޕަރު ޑަހްމެންއާ ދިމާއަށް.

22 Nov 23:33

'32 - ޓިއުނީޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޓިއުނީޝިއާގެ ޑްރޭގާ ނުރައްކާކުރުމުގެ ކުރިން ޑެންމާކް މިޑްފީލްޑަރު ހޮއިބިއާ ވަނީ އެ ބޯޅަ ދިފާއުކޮށްފައި.

22 Nov 23:32

'31 - ޑެންމާކް ކެޕްޓަން ކެޔާ ރީތި ބޯޅައެއް ދިން ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން އޮލްސަން ނުރައްކާ ކުރުމުގެ ކުރިން ޓިއުނީޝިއާގެ ޑިފެންޑަރު އަބްދީ އެ ބޯޅަ ދިފާއުކޮށްފި.

22 Nov 23:30

މެޗުގެ ފޯކަސް އަމާޒުވެފައިވާ ކުޅުންތެރިޔަކީ އެރިކްސަން

  • އެރިކްސަންއަކީ ޑެންމާކަށް އެންމެ މުހިއްމު ކުޅުންތެރިޔާ
  • އޭނާއަށް މެޗުގެ ފޯކަސް އަމާޒުވެފައިވަނީ ޔޫރޯ 2020ގައި ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން
  • އެވަގުތު ކޮޅަކީ ދުނިޔެ "ޝޮކް" އަކަށް ދިޔަ ވަގުތު ކޮޅެއް
  • އެ ވަގުތު ކޮޅަށްފަހު ހިތަށް އައިސީޑީއެއް ލައްވައި، އެރިކްސަން މިދިޔަ އޯގަސްޓް މަހު އެނބުރި އިޓަލީގެ އިންޓައަށް ދިޔަ
  • ނަމަވެސް، އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަންއަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވި
  • އެރިކްސަންގެ އެއްބަސްވުން އިންޓައިން އުވާލާފައިވާ އިރު، އޭނާ ވަނީ ފިޓްނަސް ހިފެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކޮށްފައި
  • އެރިކްސަން އަލުން ކުޅެން ނުކުތީ މިދިޔަ ސީޒަނުގެ ފަހު ބަޔަށް ބްރެންޓްފޯޑަށް ގޮސް
  • އެރިކްސަން ވަނީ ކްލަބަށް މުހިއްމު ކުޅުމެއް ދައްކައި، ގައުމީ ޓީމުގެ ސްކޮޑުންވެސް އަލުން ޖާގަ ހޯދައިފައި
  • މިހާރު ރަނގަޅު ފޯމެއްގައި އެރިކްސަން ކުޅެމުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑަށް
  • ވޯލްޑް ކަޕަށް އޭނާ ކުރީ ތަފާތު ދަތުރެއް
22 Nov 23:26

'24 - ލަޑޫނީއަށް ކުރި ފައުލަކާ ގުޅިގެން ޑެންމާކުގެ ރަސްމުސް ކްރިސްޓެންސެންއަށް ރީނދޫ ކާޑެއް.

22 Nov 23:25

'23 - ކައުންޓާ އެޓޭކެއްގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ޓިއުނީޝިއާގެ ފޯވަޑް ޖެބާލީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ޑެންމާކުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

22 Nov 23:24

'21 - ޕެނަލްޓީ އޭރިއާ ބޭރުން ޑެންމާކުގެ އެންޑަސަން ފޮނުވާލި ހަމަލާގައި ބާރެއް ނެތް. އެ ބޯޅަ ޓިއުނީޝިއާގެ ކީޕަރު ޑަހްމެން ވަނީ ފަސޭހަކަމާއެކު ހޯދާފައި.

22 Nov 23:21

'20 - މޭލާ ނަގައިދިން ހުރަސް، ޕަނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ޓިއުނީޝިއާ ޑިފެންޑަރު އަބްދީ ދިފާއުކޮށްފި.

22 Nov 23:19

މެޗުގައި ޑެންމާކަށް އަދި ރަނގަޅު ކުޅުމެއް ނުދެއްކޭ. ޓިއުނީޝިއާގެ ޑިފެންސް ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށް.

22 Nov 23:14

މެޗުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިމިގެންދާ އިރު، އެޓޭކުގައި ނުރައްކާކޮށް ފެންނަނީ ޓިއުނީޝިއާ.

22 Nov 23:14

'11 - ޓިއުނީޝިއާގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މުހައްމަދު ޑްރޭގާ ފޮނުވާލި ބާރު ހަމަލާ، މިފަހަރުވެސް ބްލޮކްވެފައިވަނީ ޑެންމާކް ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސަން ގައިގައި ޖެހި.

22 Nov 23:06

'7 - ޓިއުނީޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން އެމްސަކްނީ ފޮނުވާލި ހަމަލާ، ޑެންމާކްގެ ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސެންގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

22 Nov 23:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޑެންމާކުން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ޓިއުނީޝިއާއާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ޓިއުނީޝިއާ މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވޭ. އޭގެ އިތުރުން އެފްރިކާ ކަޕް އޮފް ނޭޝަންސްގައި 20 ފަހަރު އަދި އެފްރިކާ ނޭޝަންސް ޗެމްޕިއަންޝިޕްގައި ދެ ފަހަރަކު ވާދަކޮށްފައިވޭ. ޓިއުނީޝިއާ އިން ވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސް 2004 އަދި އެފްރިކާ ނޭޝަންސް ޗެމްޕިއަންޝިޕް 2011 ގެ ޗެމްޕިއަންކަން ހޯދައިފައި. ޓިއުނީޝިއާ އިން ވާދަކުރި ފަސް ވޯލްޑް ކަޕު ވެސް ނިންމާލީ ގްރޫޕު ސްޓޭޖުން. ނަމަވެސް އެއިން ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ޓިއުނީޝިއާ އިން ރަނގަޅު ފައިޓެއް ދީފައިވޭ.

ޑެންމާކުގެ ފުރަތަމަ ވޯލްޑް ކަޕަކީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕް. އެ ވޯލްޑް ކަޕުގެ ގްރޫޕު ސްޓޭޖުގައި ޑެންމާކުން ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައި. އެއަށްފަހު ކުޅުނު ދެ ވޯލްޑް ކަޕުން ފުރުސަތު ނުލިބުނު ޑެންމާކުން ދެން ވާދަކޮށްފައިވަނީ ވޯލްޑް ކަޕް 1998 ގައި. އެއީ ޑެންމާކުގެ އެންމެ ކާމިޔާބު ވޯލްޑް ކަޕް. ވޯލްޑް ކަޕް 2002 އާއި ވޯލްޑް ކަޕް 2018 ގެ ގަދަ 16 އަށް ޑެންމާކު ދަތުރުކުރި އިރު, ވޯލްޑް ކަޕް 2010 ނިންމާލީ ގްރޫޕު ސްޓޭޖުން. ވޯލްޑް ކަޕް 2006 އާއި 2014 އަށް ޑެންމާކް ކޮލިފައިވެފައެއް ނުވޭ. ޑެންމާކަކީ ޔޫރޯ 2020 ގެ ސެމީގައި ކުޅުނު ޓީމެއް.