މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މޮޅު އެކުއެޑޯއަށް.
ހޯސްޓް ގައުމު ގަތަރު ބަލިވަމުންދާތީ އެގައުމުގެ ބައެއް ސަޕޯޓަރުން މިވަގުތު ސްޓޭޑިއަމް ދޫކޮށް ދާތަން ފެނިގެން އެބަދޭ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'90 - އެކުއެޑޯގެ ދެ ބަދަލެއް. ކައިސޭޑޯގެ ބަދަލުގައި ކުޅެން ނުކުތީ އެލަން ފްރެންކޯ. އަދި އެސްޓްރާޑާގެ ބަދަލުގައި ކުޅެން ނުކުތީ ކެވިން ރޮޑްރިގޭޒް.
'86 - ގަތަރުގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މުހައްމަދު މުންތާރީ ފޮނުވާލި ބާރު ހަމަލާ އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'78 - އެކުއެޑޯގެ ޕްލާޓާއަށް ކުރި ފައުލަކާ ގުޅިގެން ގަތަރުގެ އަކްރަމް އަފީފަށް ރީނދޫ ކާޑެއް.
'76 - އެކުއެޑޯގެ ދެ ގޯލު ކާމިޔާބުކޮށްދިން ކެޕްޓަން އެނާ ވެލެންސިއާއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ދަނޑުން ފާބައިފި. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ހޯސޭ ސިފުއެންޓޭސް.
'75 - ގަތަރުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އަކްރަމް އަފީފް ފޮނުވާލި ހަމަލާ، އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'71 - ގަތަރުން ދެ ބަދަލެއް. ކެޕްޓަން ހަސަން އަލް ހޭޑޯސްގެ ބަދަލުގައި މުހައްމަދު ވާދް. އަދި އަލްމޮއެޒް އަލީގެ ބަދަލުގައި މުހައްމަދު މުންތާރީ.
'68 - އެކުއެޑޯ އިން ބަދަލެއް. އިބާރާގެ ބަދަލުގައި ކުޅެން ނުކުތީ ޖެރެމީ ސަރްމިއެންޓޯ.
ދެވަނަ ހާފުގައި ގަތަރުގެ ކުޅުން ރަނގަޅު. އެޓީމުން އަންނަނީ އެކުއެޑޯގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކުރަމުން.
'62 - ގަތަރުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޕެޑްރޯ މިގޭލް ބޮލުން ފޮނުވާލި ހަމަލާ އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'61 - ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން އެކުއެޑޯގެ އެންޖެލޯ ޕްރެސިއާޑޯ ފަރުވާ ހޯދަނީ.
'56 - ގަތަރުގެ އަކްރަމް އަފީފަށް ކުރި ފައުލަކާ ގުޅިގެން އެކުއެޑޯގެ ޖެގްސަން މެންޑޭޒަށް ރީނދޫ ކާޑެއް.
'55 - އެކުއެޑޯގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އެކުއެޑޯގެ އިބާރާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގަތަރުގެ ކީޕަރު ސާދް އަލް ޝީބް.
'53 - އެކުއެޑޯގެ ނުރައްކާތެރި ހުރަހެއް. ޕްލާޓާ ނަގައިދިން ހުރަސް، ގަތަރުގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރި އެސްޓްރާޑާއަށް ލިބޭ ގޮތް ވަނީ ނުވެފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އެކުއެޑޯ އިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމުނު އިރު، 2-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ އެކުއެޑޯ. އެކުއެޑޯގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އެނާ ވެލެންސިއާ.
45+5' ގަތަރުގެ އަލްމޮއެޒްއަށް ހުސް ފުރުސަތެއް. ހުރަހަކުން ލިބުނު ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އަލްމޮއެޒް ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
ގަތަރުން އަންނަނީ ކައުންޓާ އެޓޭކް ފުރުސަތުތަކުގައި ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން. ނަމަވެސް ގަތަރަށް އެފަދަ ގިނަ ފުރުސަތުތަކެއް ނުލިބޭ.
މިހާރު ސްކޯއަކީ، ގަތަރު 0-2 އެކުއެޑޯ
'36 - އެކުއެޑޯގެ އެނާ ވެލެންސިއާއަށް ކުރި ފައުލަކާ ގުޅިގެން ގަތަރުގެ ކަރިމް ބޫޑިއާފްއަށް ރީނދޫ ކާޑެއް.
'31 - އެކުއެޑޯ އިން ލީޑު ފުޅާކޮށްފި. އެކުއެޑޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން އެނާ ވެލެންސިއާ. އޭނާ އެ ގޯލު ކާމިޔާބުކުރީ އެންޖެލޯ ޕްރިސިއާޑޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން. އެ ހަމަލާ އަމާޒުވީ ގަތަރު ގޯލުގެ ތިރީ ކަނަކަށް.
'29 - ގަތަރުގެ ޕެޑްރޯއަށް ކުރި ފައުލަކާ ގުޅިގެން އެކުއެޑޯގެ ކައިސޭޑޯއަށް ރީނދޫ ކާޑެއް.
'21 - އެކުއެޑޯގެ އެނާ ވެލެންސިއާއަށް ކުރި ފައުލަކާ ގުޅިގެން ގަތަރުގެ އަލްމޮއެޒް އަލީއަށް ރީނދޫ ކާޑެއް.
'19 - އެކުއެޑޯގެ ނުރައްކަލެއް. އެސްޓުޕިނާން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އެކުއެޑޯގެ އެސްޓްރާޑާ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
'16 - އެކުއެޑޯ އިން ލީޑު ނަގައިފި. ގޯލު ޖަހައިދިނީ އެޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކެޕްޓަން އެނާ ވެލެންސިއާ.
'15 - ޕެނަލްޓީ އޭރިއާ ތެރެއިން އެކުއެޑޯ ކެޕްޓަން އެނާ ވެލެންސިއާއަށް ގަތަރުގެ ކީޕަރު ސާދް އަލް ޝީބް ކުރި ފައުލަކާ ގުޅިގެން އެކުއެޑޯއަށް ޕެނަލްޓީއެއް. އަދި ކީޕަރަށް ރީނދޫ ކާޑެއް.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ނުރައްކާކޮށް ފެންނަނީ އެކުއެޑޯ. ގަތަރުން ފެންނަނީ ޑިފެންސަށް އިސްކަންދޭ ތަން.
'10 - އެނާ ވެލެންސިއާއަށް ކުރި ފައުލަކާ ގުޅިގެން އެކުއެޑޯއަށް ހިލޭ ޖެހުމެއް. އެސްޓުޕިނާން ފޮނުވާލި އެ ހިލޭ ޖެހުމުން ބޭނުމެއް ނުހިފުނު.
އެނާ ވެލެންސިއާ ގޯލު ޖެހި އިރު، އޮފްސައިޑު މަގާމެއްގައި ހުރިތޯ ބަލައި، އޭނާ އޮފްސައިޑުގައި ހުރި ކަމަށް ނިންމައިފި.
'3 - އެކުއެޑޯ އިން ގޯލު ޖަހައިފި. ހިލޭ ޖެހުމެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އެ ގޯލު ޖަހައިދިނީ އެކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ގަތަރުން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ގަތަރު ވޯލްޑް ކަޕް ފެށިގެންދަނީ ހޯސްޓް ގަތަރުން އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުން. ގަތަރު ނުކުންނަނީ ފުރަތަމަ ވޯލްޑް ކަޕަށް. މިއީ ގަތަރަށް ތާރީހީ ވަގުތު ކޮޅެއް. ގަތަރަކީ އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަން ޓީމް.
އެކުއެޑޯ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 2002 ވަނަ އަހަރު. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދިޔަ. އެއީ ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ. ތިން ވޯލްޑް ކަޕެއްގައި މިހާތަނަށް ވާދަކުރި އެކުއެޑޯ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގައި ކުޅުނު.