ސުޕްރީމް ކޯޓް

ސުޕްރީމު ކޯޓަށް ވަންނަން ގިނަ ބަޔަކު ކިޔުހަދައިފި

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ދުސްތުރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 1:30 ގައި ސުޕްރީމް ކޯޓުގައި ބާއްވާ އިރު، ޝަރީއަތް އަޑުއެހުމަށް ވަނުމަށް ޓަކައި ގިނަ ބަޔަކު ކިޔު ހަދައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޝަރީއަތް އަޑު އެހުމަށް ޓަކައި، ސުޕްރީމް ކޯޓަށް ވަނުމަށް ޓަކައި ނަންނޯޓު ކުރަން ފަށަން ހަމަޖައްސާފައި ވަނީ މެންދުރު 12:00 ގަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމަށެވެ. ވަރަށް ގިނަ ބަޔަކު މި ޝަރީއަތުގެ މަޖިލިސް އަޑު އަހަން ނުވަތަ ބަލަން ބޭނުންވާނެތީ، ގިނަ ބަޔަކަށް ވަދޭ ތަނެއްގައި ޝަރީއަތް ކުރިޔަށް ގެންދިއުމަށް ޝޯޝިއަލް މީޑިއާގައި އަންނަނީ ގޮވައިލަމުންނެވެ. އަދި މީޑިއާ އިން ލައިވް ކުރުމަށް އެދި ވެސް އަންނަނީ ގޮވައިލަމުންނެވެ.

ސުޕްރީމު ކޯޓުގެ ޝަރީއަތުގެ މަޖިލީސްތައް ކުރިޔަށް ގެންދާ މާލަމަށް ބަލާ އިރު އެތަނަށް ވަދެވޭނީ ވަރަށް މަދު ބަޔަކަށެވެ. މި މައްސަލައަށް ޖަވާބުދާރީވާ ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނާއި މައްސަލަ ހުށަހަލުއްވާ ފަރާތް ކަމަށްވާ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަދެވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން ގުޅިފައިވާ އިއްތިހާދުގެ ފަރާތުން ވެސް ގިނަ ބޭފުޅުންތަކެއް ވަނީ މި މައްސަލައަށް ތަދައްޚުލް ވެފަ އެވެ.

އެހެން ކަމުން މިއަދުގެ ޝަރީއަތުގެ މަޖިލިސް އަޑުއެހުމަށް މާގިނަ އާއްމު ރައްޔިތުންނަށް ވަދެވޭނެ ކަމަށް ނުބެލެ އެވެ.