އެއް ޖިންސުން ކައިވެނި ކުރުމާއި ގުޅުން ހިންގުމުގެ ނަތީޖާއަކީ މުޅި އިންސާނީ ނަސްލު ފުހެވިގެން ދިއުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމުގެ ނަމުގައި އިސްލާމް ދީން ހުއްދަ ނުކުރާ ވާހަކަތައް މި ދިވެހި މުޖުތަމައުގައި ދެކެވިގެން ނުވާނެ ކަމަށާއި އެހެނީ އިންސާނާއަށް ލިބިގެންވާ މިނިވަންކަމަކީ ވައިޖަހާފައި ފުއްޕާހަމެއް ދޫކޮށްލީމާ ދާ ބީދައިން އެއްވެސް ހިފެހެއްޓުމެއް، މިސްރާބެއް ނެތި އިންސާނާގެ ހިޔާލާއި ފިކުރު ބޭނުން ދިމާއަކަށް ދާން ދޫކޮށްލުމެއް ނޫން ކަމަށެވެ.
"ބަޔަކު އިންސާނީ ހައްގެއް ކަމަށް ކަނޑައަޅާ ކޮންމެ ކަމަކީ އިންސާނީ ހައްގެއް ނޫނެވެ. އެފަދަ ބައެއް ކަންކަމަކީ ފިކުރީ އަޅުވެތި ކަމެކެވެ. އެފަދަ ބައެއް ކަންކަމަކީ އަޅުވެތި ކަމެކެވެ. އިންސާނީ ހައްގުތަކަށް އަރައިގަތުމެވެ. ނުވަތަ އޭގެ ބައެއް ކަންކަމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ފާހިޝު އަމަލުތަކަށް ވުމުގެ އިތުރުން މުޅި އިންސާނީ ނަސްލު ފަނާކޮށްލާ ފަދަ އަނިޔާވެރި އަމަލެކެވެ. އާދޭހެވެ! އެއް ޖިންސުން ކައިވެނި ކުރުމާއި ގުޅުން ހިންގުމުގެ ނަތީޖާއަކީ މުޅި އިންސާނީ ނަސްލު މި ހަސްތީން ފުހެވިގެން ދިއުމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ނުބައި ކަންކަމަށް ހިތްވަރުދީ، ލަފާދީ، ބާރުއަޅައި އުޅޭ މީހުންނާއި އެކަންކަން މަނާކުރުމަށް މަސައްކަތް ނުކުރާ ބައެއްގެ މައްޗަށް ﷲގެ ކޯފާ އައުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށާއި އިއްފަތްތެރި އަބުރުވެރި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ އިސްލާމީ މުޖުތަމައުގެ އުފުރާދުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
"ނަމަވެސް އިސްލާމީ ގައުމެއްގައި ހުރުން އެކަށީގެން ނުވާ ކިތަންމެ ކަމެއް މިއަދު އަޅުގަނޑުމެންގެ މި އިސްލާމީ މުޖުތަމައުގައި ފެތުރެމުންދާ ކަމީ ހިތާމަހުރި ކަމެކެވެ. މިފަދަ ނުބައި ކަންކަމަށް ގޮވާލުމަކީ އިންސާނުންގެ ފިތުރަތާއި ޝަރީއަތުގެ ހުކުމުތަކާ ދެކޮޅަށް ނުކުމެ، ހިންގޭ ނުބައި ޖަރީމާއެއް ކަމުގައި މެނުވީ ނުވާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި އެއްވެސް ކަމެއް އިލާހީ ފިތުރަތާ ހިލާފަށް ހުއްދައެއް ނުކުރެވޭނެ ކަމަށެވެ. އެއީ ފަރުދަކަށް ވިޔަސް އަދި ޖަމާއަތަކަށް ވިޔަސް އެކަން އޮތް ގޮތް ކަމަށާއި އަދި އެއީ ފަރުދުންނާއި ޖަމާއަތުގެ މަސްލަހަތު ވެސް ހުރި ގޮތް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.