މުޙައްމަދު ޝަމްޢޫން
ސޯޝަލް މީޑިއަގައި ވައިރަލްވި މަންޒަރަކާއެކު އުމުރުން އެންމެ ހަތް އަހަރުގެ އަހުމަދު ޝަވަން މުހައްމަދުގެ މުޅި ދިރިއުޅުން ބަދަލުވެއްޖެއެވެ. އެއްފައި ނެތް ނަމަވެސް ހިތްވަރާއެކު ފުޓުބޯޅަ ކުޅުމަށް ޝަވަން ދެއްކި ހިތްވަރުން މުޅި ގައުމު އޭނާއަށް ސެލިއުޓް ކޮށްފިއެވެ. އެތައް ބަޔަކަށް އޭނާއަކީ "ހީރޯ"އެކެވެ. "އިންސްޕިރޭޝަން"އެކެވެ. ޝަވަންގެ ހިތްވަރު މުޅި ރާއްޖެއަށް ދައްކުވައިދިނީ ހދ. މަކުނުދޫ ސްކޫލުގެ އިންޓަ ހައުސް މުބާރާތުގެ ވީޑިއޯއަކުންނެވެ.
ޝަވަންގެ ވާހަކައަށް ޖެހިލަމާ ހިނގާށެވެ: މީގެ ހަފުތާއެއްހާ ދުވަސްކުރިން ވައިރަލް ވި ވީޑިއޯގައި ފެނިގެން ދިޔައީ ޖާޒީގައި 41 ނަންބަރު ޖަހައިގެން ޝަވަން ދަނޑުމަތީގައި ހިތްވަރާއެކު ކުޅުނު މަންޒަރެކެވެ. އެހެން ކުދިން ފަދައިން ހިނގައިބިނގައިވެ ނޫޅެވުނު ކަމުގައި ވިޔަސް، ޝަވަން ދެއްކި ހިތްވަރުން އެކަން ސަރުކާރާއި ވުޒާރާތަކުގެ ސަމާލުކަމަށް އައެވެ. އެ ސަމާލުކަމާއެކު އެންސްޕާއިންނާއި ހެލްތު މިނިސްޓްރީންނާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީވެސް ޝަވަންގެ މަންމަ އައިޝަތު ވިޝާ ކުރެން ޝަވަންގެ މައުލޫމާތު އޮޅުން ފިލުވިއެވެ.
ޝަވަންއަށް މަސްނޫއީ ފަޔެއް ޖަހަން އެންސްޕާއިން އެހީވާން ނިންމައި، އެކަމަށް މިހާރު ލިޔުންތައްވެސް ފޮނުވައިފިއެވެ.
ޝަވަންއަށް ދިމާވެފައިވާ ނުކުޅެދުންތެރިކަމަކީ އޭނާ އުފަންވިއިރުވެސް ހުރި ކަމެކެވެ. ޝަވަންއަކީ ޕްރީ މެޗުއާ ކުއްޖެކެވެ. އެއީ ޝަވަންގެ ވާހަކައެވެ. ވީޑިއޯ އާންމުވީ އިރުވެސް ޝަވަންގެ ދިރިއުޅުމަށް ކުއްލި ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް އޭނާގެ އާއިލާއިންވެސް ހީއެއް ނުކުރެއެވެ. އެހެން ނަމަވެސް ހީނުކޮށް ތިއްބައި އައްޑޫ މައިލޯ ސިޓީ ފުޓުބޯޅަ ކްލަބުންވެސް ޝަވަންއަށް ހާއްސަ ދައުވަތެއްދީ، އައްޑުއަށްވެސް ގެންގޮސްފިއެވެ.
މައިލޯ ސިޓީން މިހާރު ކުޅެމުން އަންނަ އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕަށް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ވެސް އެ ކްލަބާއެކު ހުރި ވަގުތަކަށް މިވަގުތު ވެފައި އޮތް އިރު، އެ ކްލަބުގައި ކުރިން ގައުމީ ޖާޒީގައި ވިދާލި ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ހިމެނެއެވެ. ޝަވަންއަށް އައްޑޫން ރަތް ދޫލައިގެ މަރުހަބާއެއް މައިލޯ ސިޓީން ކީ ދަގަނޑޭއާވެސް އެކުގައެވެ.
އައްޑޫ ޝަރަފުއްދީން ސްކޫލުގެ ހާއްސަ ދައުވަތަކަށް އެ ސްކޫލަށްވެސް ޝަވަން ޒިޔާރަތެއް ކުރިއެވެ. ދަގަނޑޭ ޝަވަން އުރާލައިގެން ސްކޫލުގެ ކުދިންނާ ބައްދަލުކުރިވި މަންޒަރުންވެސް ހިތްތައް އުފަލުން ފުރުވައިލިއެވެ. ޝަރަފުއްދީން ސްކޫލުން ބުނެފައި ވަނީ ޝަވަން ސްކޫލަށް ޒިޔާރަތްކުރުންވީ ހުރިހާ ކުދިންނަށް ލިބުނު އާދަޔާ ހިލާފު ހިތްވަރަކަށް ކަމަށެވެ. ޝަވަންއަށް ޝަރަފުއްދީން ސްކޫލުން ކުރީ އިހުތިރާމުގެ ސެލިއުޓެކެވެ.
އެ މަންޒަރުތަކަށްފަހު އިއްޔެ ފެނުނީ އެއަށްވުރެވެސް ތަފާތު މަންޒަރެކެވެ. މައިލޯ ސިޓީ އެފްސީން ކުޑަކުދިންނަށް ހާއްސަކޮށް ޝަވަންއާއެކު ހާއްސަ އިވެންޓެއް ރާވައި، ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްވެސް ގެންދިޔައެވެ. ދަގަނޑޭއާއި ބޮންޑާ ޝަވަން އުރާލައިގެން ގެންގޮސް، އޭނާއާއެކު ކުޅެ ހެދި މަންޒަރުވީ ޝަވަންގެ މަންމައަށްވެސް އުފާވެރިކަމުގެ ތަފާތު މަންޒަރަކަށެވެ.
"މިގޮތަށް މިކަން ވާތީ ވަރަށް އުފާވޭ. ޝަވަން ހުރީ ވަރަށް ބޮޑަށް އުފާވެފަ. ހަޔާތުގައިވެސް ޝަވަންއަށް އައި އެންމެ ބޮޑު އުފާވެރިކަން މިއީ. އަދި އެ ދިމާވީ ދަގަނޑޭއާ. އާންމުކޮށް ދެން ޓީވީ ބަލައި ނޫޅުނަސް ޝަވަން އެކަހަލަ ކަންކަމުގަ ވަރަށް އުފާވާނެ، ދަގަނޑޭއާ ދިމާވުމުން ޝަވަން ހުރީ ވަރަށް އުފާވެފަ. ހަމަ ހަގީގަތުގަވެސް އަޅުގަނޑަށްވެސް ކުރެވުނީ ވަރަށް އުފާވެރި އިހުސާސެއް،" ޝަވަންގެ މަންމަ ވިޝާ، އައްޑޫގައި ހުރެ "ވަން"އަށް ބުންޏެވެ.
އެ މަންޒަރުތަކުން އެތައް ބައެއްގެ ހިތްތަކަށް އުފާވެރިކަން ވެރިވާނެއެވެ. އެ މަންޒަރުން ދައްކުވައިދެނީ ފުޓުބޯޅައިގެ އިހުތިރާމެވެ. ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރަކަށްވުރެ ބޮޑަށް، އިހުތިރާމުގެ ތަފާތު މަންޒަރުތައް ދައްކުވައިދޭ ކުޅިވަރެއް ކަމެވެ. ޝަވަންގެ މަންމަގެ އޮތީ ހަމަ ކުރިންވެސް ދިން މެސެޖެވެ. ބާކީ ނުކުރުމަށް ދޭ މެސެޖެކެވެ.
"އަބަދުވެސް ބުނަން ބޭނުންވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާކީ ނުކުރާށޭ. އެ ކުދިން ދެކޭނެ ހުވަފެންތަކަކަށް އެންމެންވެސް މަސައްކަތް ކޮށްދޭށޭ. އެކަމަށް އެކިއެކި ފަރާތްތަކުން ކުރާ މަސައްކަތް ފުރިހަމައަށް ކޮށްދޭށޭ ބުނަން ބޭނުންވަނީ. މިއީ ތަފާތު ތަޖުރިބާއެއް،" ޝަވަންގެ މަންމަ ވިޝާ ބުންޏެވެ.
ވިޝާގެ ނަޒަރުގައި މި ފުރުސަތަކީ އުފާވެރިކަމުގެ ފުރުސަތެކެވެ. ޝަވަންގެ ހަޔާތަށް އައި ކުއްލި ބަދަލާއެކު އެތައް ބަޔަކަށް ޝުކުރުވެސް އަދާކުރަން ވިޝާ ބޭނުންވެއެވެ.
"މަކުނުދޫ ސްކޫލަށާއި، މިނިސްޓްރީތަކަށާއި، އަބަދުވެސް ސަޕޯޓިވްވާ ފެމެލީއަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އޭގެ އިތުރުން ޝަވަންއަށް ހެޔޮ ހިތުން ލޯބިދޭ އެންމެނަށް ޝުކުރު އަދާކުރަން ބޭނުންވޭ،" ވިޝާ ބުންޏެވެ.
މައިލޯ އިން ދެއްކި ތަފާތު މަންޒަރާއެކު ޝަވަންގެ މޫނަށް ގެނުވި ހިނިތުންވުމަކީ އަގު ނުކުރޭވެ ހިނިތުންވުމެކެވެ. އެއީ ނުކުޅެދުންތެރިކަމަކީ ބާކީވާން ޖެހޭނެ ކަމެއް ނޫންކަމުގެ ވަރުގަދަ މެސެޖެކެވެ. ދަގަނޑޭއާއި ބޮންޑާ ފަދަ ލެޖެންޑުން ދެއްކީ ނަމޫނާ މިސާލެކެވެ. ޝުކުރު ހައްގު މަންޒަރަކަށް ސެލިއުޓެވެ.