މުޙައްމަދު ޝަމްޢޫން
ގަތަރުގައި މިމަހު 20 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ވޯލްޑް ކަޕް 2022އަށް އިންގްލެންޑްސްގެ ރަސްމީ ސްކޮޑު އިއުލާން ކޮށްފިއެވެ.
އިންގްލެންޑްގެ ކޯޗު ސައުތުގޭޓް ދެންމެ އިއުލާންކުރި ސްކޮޑުގައި ފާހަގަކޮށްލެވޭ ހާއްސަ ނަންތަކަށް ބަލާއިރު، މިވަގުތު ފޯމުގައި ތިބި ކުޅުންތެރިންތަކެއް ހިމަނާފައިވެއެވެ. އެގޮތުން ލެސްޓާ ސިޓީގެ މިޑްފީލްޑަރު ޖޭމްސް މެޑިސަންއާއި ނިއުކާސަލްގެ ފޯވަޑް ކެލުމް ވިލްސަންގެ ނަންވެސް ސްކޮޑުން ފާހަގަވެފައިވެއެވެ. އަދި މާކަސް ރަޝްފޯޑުވެސް ސައުތުގޭޓް ވަނީ ސްކޮޑުގައި ހިމަނައިފައެވެ.
މެޑިސަން މިހާތަނަށް އިންގްލެންޑް ގައުމީ ސީނިއާ ޓީމަށް ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެއީ 2019 ވަނަ އަހަރު ކުޅުނު މެޗެކެވެ. ވިލްސަން މިހާތަނަށް ގައުމީ ޓީމަށް ކުޅެފައި ވަނީ ޖުމުލަ ހަތަރު މެޗެކެވެ. އެއީ 2018 ވަނަ އަހަރު ކުޅުނު މެޗަކާއި 2019 ވަނަ އަހަރު ކުޅުނު ތިން މެޗެކެވެ.
އޭގެ އިތުރުންވެސް އަނިޔާގައި ހުރި ކައިލް ވޯކާއަށް ސްކޮޑުން ޖާގަ ދީފައިވާ އިރު، ކެލްވިން ފިލިޕްސް އާއި ބެން ވައިޓް އަދި ކޯނޯ ގެލެގާއަށްވެސް ކޯޗު ސައުތުގޭޓް ވަނީ ސްކޮޑުން ފުރުސަތު ދީފައެވެ.
އިންގްލެންޑް ޓީމުން މިފަހަރު ފުރުސަތު ގެއްލުނު ބައެއް ތަރިންނަށް ބަލާއިރު، ރޯމާގެ ފޯވަޑް ޓެމީ އަބްރަހަމްއާއި ވެސްޓް ހަމްގެ ވިންގް، ޖެރަޑް ބޮވެން، އަދި ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޮމޭޒް ހިމެނެއެވެ. އޭގެ އިތުރުން ހިލޭ ޖެހުންތަކަށް ހާއްސަ ޖޭމްސް ވޯޑް-ޕްރޯސްއަށްވެސް މިފަހަރު އިންގްލެންޑް ސްކޮޑުން ފުރުސަތު ލިބިފައެއް ނުވެއެވެ.
އިންގްލެންޑުން މިފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވަނީ 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރު ތަށި އުފުލާލުމަށެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ގޮސްފައިވާ އިރު، މިދިޔަ އަހަރު ބޭއްވި ޔޫރޯގެ ފައިނަލްގައިވެސް އެޓީމުން ކުޅެފައިވެއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ އީރާނާއި އެމެރިކާ އަދި ވޭލްސްއެވެ.