ލުއި ރިޕޯޓް

އެއްފަޔާއިއެކުވެސް ކުޑަކުޑަ ޝަވަން މިދައްކަނީ ގައުމީ ނަމޫނާއެއް، މަންމަގެ އޮތީ ބާކީނުކުރުމަށް އެދި ގައުމީ މެސެޖެއް!

މުޙައްމަދު ޝަމްޢޫން

އިއްޔެއިންސުރެ ދައުރުވަމުން އަންނަ ވީޑިއޯތަކެއްގެ އިތުރުން ފޮޓޯތަކަކަށް ރާއްޖޭގެ ސަމާލުކަން ހުއްޓިއްޖެއެވެ. ފޮޓޯގައި ފެންނަ ކުއްޖާގެ ހިތްވަރުން މުޅި ގައުމު އާޝޯހު ކޮށްލައިފިވެސް މެއެވެ. އަހަރެމެންގެ "އެކްސްކިއުޒް"އަކީ ކޮބައިތޯ ހިތާހިތާ ސުވާލު ކޮށްލެވުނީ ނުކެޅަދުންތެރިކަން ހުރި ނަމަވެސް، އަހުމަދު ޝަވަން މުހައްމަދު ދެއްކި ސާބިތު ހިތްވަރަށެވެ. މަންޒަރަކީ ފުޓުބޯޅައިގެ ސާދާ މަންޒަރެއް ނަމަވެސް، ޝަވަންގެ ހިތްވަރު އޮތީ ދަނޑުމަތީގައި އެކަންޏެއްވެސް ނޫނެވެ. މުޅި ދިރިއުޅުމުގައިވެސް އޭނާއަކީ "ހީރޯ"އެކެވެ. ހެޔޮކޮށް ވިސްނުމުގެ ނަމޫނާއެކެވެ.

އުމުރުން އެންމެ ހަތް އަހަރުގެ ޝަވަންއަށް މިއީ ގްރޭޑް އެކެއްގެ އަހަރެވެ. ފޮޓޯތަކުގައި އޭނާ ނުކުމެހުރީ ހދ. މަކުނުދޫ ސްކޫލްގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތަށެވެ. ތަމްސީލުކުރީ ދުވެލި ހައުސްއެވެ. ޖާޒީގައި 41 ނަންބަރު ޖަހައިލައި ޝަވަން ދަނޑުމަތީގައި ކުޅުމުގައި ފުރިހަމައަށް ބައިވެރިވެއެވެ. އެއީ އެހެން ކުދިން ފަދައިން ހިނގައިބިނގައިވެ ނޫޅެވުނު ކަމުގައި ވިޔަސް ހެވެވެ. ކުރަން ދިމާކުރި ކަމެއް ޝަވަން ކުރަނީ ނުހަނު ޔަގީންކަމާއެކުގައެވެ.

"ޝަވަން މިފަހަރު އަދި އެދިޔައީ ގްރޭޑް އެކަކަށް. އެހިސާބުން އޭނާ އަމިއްލައަށް ބޭނުންވެގެން، އެކަން ވާނެކަމުގެ ޔަގީންކަން އޮވެގެން މުބާރާތުގައި ކުޅެން ނުކުތީ. ޝަވަންއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ނަމަވެސް އެއްވެސް ކަމަކަށް މަޑު ޖެހޭނެ ކުއްޖެއް ނޫން. ގޭތެރޭގައިވެސް ފުޓުބޯޅަ ކުޅެ، އާންމު އެހެން އެންމެންނަށް ދޫނުކޮށް އުޅެމުންދާނީ. އެހެންވެ އިތުބާރު އޮވެގެން ކުރާ ކޮންމެ ކަމަކަށް ފުރުސަތު ދެން. އެކަހަލަ ކަންކަން މަނަލެއް ނުކުރަން،" ޝަވަންގެ މަންމަ، އުމުރުން 26 އަހަރުގެ އައިޝަތު ވިޝާ "ވަން" އަށް ބުންޏެވެ.

ޝަވަންއަށް ދިމާވެފައިވާ ނުކުޅެދުންތެރިކަމަކީ އޭނާ އުފަންވިއިރުވެސް ހުރި ކަމެކެވެ. އޭނާގެ ހަޔާތް އެކުގައި ހޭދަކުރަން ޖެހިފައި ވަނީ އެގޮތުގައި ނަމަވެސް، ކަންކަމުގައި އެންމެ ތަންފުކެއްވެސް ފަހަކަށް ނުޖެހެއެވެ. އެއީ އެތައް ބައެއްގެ އެހީތެރިކަމަކާވެސް އެކުގައި ޝަވަން ހޯދި ހިތްވަރެކެވެ. މަންމައާއި ބައްޕައެވެ. މުޅި އާއިލާގެ އިތުރުން މުޅި ހދ. މަކުނުދޫއެވެ. ސްކޫލުގެ ހުރިހާ ޓީޗަރުންނާއި އެކުގައި ކިޔަވާ، އެކުވެރި ދަރިވަރުންވެސް މެއެވެ.

"ޝަވަންއަކީ ޕްރީ މެޗުއާ ބޭބީއެއް. ވިހޭއިރުވެސް ދިމާވެފައިހުރި ގޮތް އެއީ. އެ ހާލަތު ދިމާވި ނަމަވެސް، އަމިއްލައަށް ލައިފްގެ ކަންކަމުގަ ކެރިގެން ކުރިމަތިލާނެ. ވަރަށް ހިތްވަރާއެކު ޕޮޒިޓިވްކޮށް ވިސްނައި އެހެން ކުދިންވެސް ކުރާ ހުރިހާ ކަމެއްގައި ބަރާބަރަށް ބައިވެރިވެގެން ގުޅިގެން އުޅޭނީވެސް. ޝަވަންއަށް އެންމެންވެސް އަސްލު ވަރަށް ވަރަށް ސަޕޯޓިވް. ކްލާސް ކުދިންވެސް، ޓީޗަރުންވެސް، އަދި ރަށުގެ ހުރިިހާ އެންމެންވެސް ވަރަށް ބޮޑަށް ޝަވަން ސަޕޯޓިވްވާން. އެއީ ޝަވަންގެ ހިތްވަރަކީ،" ޝަވަންގެ މަންމަ، މަކުނުދޫ ފީރޯޒްގޭ ވިޝާ ބުންޏެވެ.

ހިތްވަރު ގަދަވާނެ. ކޮންމެ ކަމެއްވެސް ކުރަން ބޭނުންވާނެ. ކުރަން ބޭނުންކަމެއް ވެއްޖެއްޔާ އެކަން ހާސިލުވެސްކުރާނެ. ޕްރީ ސްކޫލްގައިވެސް ސްޕޯޓްސް މީޓްގައިވެސް ބައިވެރިވާނެ. އެ ފުރުސަތު ދޭތީ އަސްލު އެންމެ އުފާވަނީ. އެފުރުސަތު ދިނުމަކީ އެންމެ މުހިއްމު ކަންތައް،
ވިޝާ

ޝަވަން ދެއްކި މަންޒަރަކީ ހިތްވަރު ހޯދަން ނަލަ މަންޒަރެކެވެ. އެ ފޮޓޯއިން އެތައް ބައެއްގެ ހިތަށް ފިނިކަން ގެނުވައިފިއެވެ. އެ ހިތްވަރަށް ސާބަހާއި އައްސަރިބަހެވެ. ޝަވަންގެ މަންމަ ވިޝާގެ އޮތީ އެންމެ މެސެޖެކެވެ. އެއީ ބައިވެރިކުރުމަށް މުޅި ރާއްޖެއަށް އޭނާ ދޭން ބޭނުންވާ މެސެޖެކެވެ.

"ވަރަށް ގިނަ ރަށްރަށުންވެސް، ވަރަށް ގިނަ ސްކޫލްތަކާއި އެކިއެކި ތަންތަނުންވެސް މިކަހަލަ ކުދިން ބާކީ ކޮށްލައިފައި ތިބޭ މަންޒަރު ފެނޭ. ނުވާނެތީ ބައިވެރި ނުކޮށްފައި ހުންނަތަން. އެއީ އަސްލު ވަރަށް އުނދަގޫ މަންޒަރެއް. އެއީ ބެލެނިވެރިއެއްގެ ހައިސިއްޔުތުން ހިތުގައި ޖެހޭ ކަމެއް. ހުންނަ ގޮތަކަށް ނުބަލައި ބައިވެރިކުރުވަން ޖެހޭ. ފުރުސަތު ދޭން ޖެހޭ. އެއީ ވަރަށް ބޮޑަށް ހުރިހާ އެންމެންނަށްވެސް ދޭން ބޭނުންވާ މެސެޖެއް،" ވިޝާ ބުންޏެވެ.

ޝަވަންގެ މަންޒަރަށް ދާއިރާގެ މެންބަރުގެ ކަޅިވެސް ހުއްޓުނެވެ. މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ސޯޝަލް މީޑިއާގައި ވިދާޅުވީ އުއްމީދަކީ ޝާވަން އަށް އާޓިފިޝިއަލް ފައެއް ޖެހޭނެ ގޮތް ވީހާވެސް އަވަހަކަށް ވެގެންދިޔުން ކަމަށެވެ. އެކަން ވާނެކަމުގެ އުންމީދުވެސް އެބައޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަވަންއަކީ ނަމޫނާ ދަރިވަރެކެވެ. އެތައް ބައެއްގެ ދިރިއުޅުމަށް ހިތްވަރު ގެނެސްދޭ ކުއްޖެކެވެ. ނަމޫނާ މަންޒަރުން ދައްކުވައިދެނީ ހަޔާތުގެ ތަކުލީފުތަކަށް ގޮން ޖަހައި، ހާސިލުކުރަންވީ ކަންތަކަށް ފޯކަސް ކުރަންވި ގޮތުގެ އަގުހުރި ފިލާވަޅެކެވެ. ކެރުމާއި، ރަނގަޅު ވިސްނުމެއްގައި ހަޔާތް އުފާކުރެވޭނެ އެތައް ގޮތެއް ހޯދިދާނެކަމެވެ. ޝަވަންއަކީ ހީރޯއެއްކަން ޔަގީނެވެ.