ގާސިމް އިބްރާހިމް

ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ސުޕްރީމް ކޯޓުން މައްސަލަ ނިމިދާނެ ކަމަށް އަޅުގަނޑުގެ ހިތެއް ނުބުނޭ: ގާސިމް

މުހައްމަދު އައުޒަމް

ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ނިމިދާނެ ކަމަށް އޭނާގެ ހިތް ނުބުނާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ. ދިގުރަށަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚަބަކީ ޕީޕީއެމް ވެރިކަމުގައި އޮވެގެން އެޕާޓީގެ ސަރުކާރުން ބޭނުންވާ ބަޔަކު އިލެކްޝަންސް ކޮމިޝަނަށް އައްޔަންކޮށްގެން ބޭއްވި އިންތިޚާބެއް ކަމަށެވެ. އަދި އެ އިންތިޚަބު ބާއްވާފައި ވަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށް ގާސިމް ވިދާޅުވިއެވެ.

އިންތިޚާބުގައި މައްސަލައެއް ނެތް ކަމަށާއި ރައީސް ޔާމީން އެއުޅުއްވަނީ ބަލި ގަބޫލުނުކުރެވިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.

''މިއަދު މިގޮތށް ދިމާވީމަ އަނެއްކާވެސް އެކަން ގަބޫލުކުރެވިގެން، ތިމަންނާއަކީ ފަސޭހައިން ބަލި ގަބޫލުކުރާނެ މީހެއް ނޫނޭ ވިދާޅުވެފަ އޮވެފާމެ އަނެއްކާ މިގޮތަށް މި ޖައްސަނީ ދިވެހި ރައްޔިތުންނަށް ދުއްތުރާލެއް ނޫންބާއޭ އަޅުގަނޑުގެ ހިތަށް އަރަނީ. އަޅުގަނޑަށް ކަށަވަރު މިއީ ދުއްތުރާލެއް ނޫން އެހެން އެއްވެސް އެއްޗެއް ނޫންކަން،'' ގާސިމް ވިދާޅުވިއެވެ.

މާޔޫސްނުވެ ގާނޫނީ ހަމަތަކުގެ މަތީގައި ތިބުމަށް ދިވެހި ރައްޔިތުންނަށް ގާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމް އިން ކުރިން ބަލިގަބޫލުކުރިގޮތުގެމަތީގައި ދެމިތިބުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ.

''ހަމަކަށަވަރުންވެސް ވޯޓުގެ ނަތީޖާ އެއޮތީ ވަރަށް އިންސާފުވެރިކޮށް ކަން މުޅި އޮބްޒާވަރުންނާއި މުޅި ހުރިހާ އެންމެން އެއޮތީ ގަބޫލުކޮށްފަ،'' ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކަފުޅުގައި އޭނާގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ގާސިމް ވިދާޅުވީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން އޭނާއަށް ވުރެ ބޮޑު ތާއީދެއް އައިޝާ ހޯއްދަވާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެކި މީހުން އައިޝާއާ ގުޅޭގޮތުން އެކި ވާހަކަތައް ދެއްކެނި ނަމަވެސް އެކަމާ ފަރުވާލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

''އޭގެ ހެކި އެބަފެނޭ ސޯޝަލް މީޑިއާގައި ޗުކުޗުކު ލައްވައި ދެތިން މީހަކު އުޅޭ. އެކަމަކު އަޅުގަނޑުގެ އަނބި ކަމަނާގެ ވާހަކައިގައި ވިދާޅުވަނީ ތިމަންނަ ކަހިރު ވަކެކޭވެސް ހިތަށް ނާރައޭ. އެހެންވީމަ އަޅުގަނޑުވެސް މިހުރީ އެގޮތަށް. ވަރަށް އިޚްލާސްތެރިކަމާއެކު މި ދަންނަވަނީ ކޮންމެ އެއްޗެއް ކޮންމެ ވާހަކައެއް ދެއްކިޔަސް ހަގީގަތް ވާނީ ހަގީގަތަށޭ. ރުޅިއަޔަސް އަދި ކުޅިއަޔަސް، އަދި ފޮނިވިޔަސް ލޮނުވިޔަސް، ހަގީގަތް އޮންނާނީ އަބަދުވެސް ހަގީގަތަށް. އެހެންވީމަ އެއީ އަޅުގަނޑުމެން މާބޮޑަށް ޖެހިލުންވާ ކަމެއް ނޫން،'' ގާސިމް ވިދާޅުވިއެވެ.