ރޯހިދު ޝެޓީގެ ޑިރެކްޓޮރިއަލް ވެންޗާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމު ސޫރްޔަވަންޝީ ރިލީސް ކުރުން 2020އަށް ހަަމަޖައްސައިފައިވާއިރު ފިލްމު ރިލީސް ކުރާ ތާރީހު ހަމަޖެއްސީ ސަލްމާން ޚާން އާއި ވާހަކަ ދައްކާފައި ކަމަށް ދެކެވޭ ވާހަކަތައް ފިލްމުގެ ބަތަލު އަކްޝޭ ކުމާރު ދޮގު ކޮށްފިއެވެ.
އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް އީދާ ދިމާކޮށް ސަލްމާނަކީ ފިލްމު ނެރޭ ތަރިއެއް ކަމުން އަޑުތައް ފެތުރިފައިވަނީ އީދުގައި ފިލްމު ރިލީސް ކުރުން ހަމަޖެއްސުމުގެ ކުރިން އަކްޝޭ ސަލްމާނަށް ގުޅާފައި އެދުވަސްވަރު ބްލޮކް ކުރިކަމަށެވެ.
ނަމަވެސް ފިލްމު ކޭސަރީގެ އިންޓަވިއު ތެރޭގައި އަކްޝޭ ވަނީ ސަލްމާނަށް ގުޅިކަމަށް ދެކެވޭ ވާހަކަ ދޮގު ކޮށް، ފިލްމުގެ ތާރީހު ހަމަޖެއްސި އިރު ސަލްމާނާ މަޝްވަރާކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.
މީގެ އިތުރުން މީޑިއާ ތަކުން ފިލްމުތަކުގެ ކާމިޔާބީތައް ކޮމްޕެއާ ކުރުން ހުއްޓާލައި އެންމެނަށް ފުރުސަތު ދޭން ޖެހޭ ކަމަށްވެސް އަކްޝޭ ވަނީ ބުނެފައެވެ. އަކްޝޭ އިތުރަށް ބުނީ ފިލްމު އިންޑަސްޓްރީ އަކީ އެންމެންގެ ތަނެއް ކަމަށާއި އެންމެ މުހިއްމު ކަމަކީ އިންޑަސްޓްރީގައި "ސަވައިވް" ވުން ކަމަށެވެ.
ފިލްމު ސޫރްޔަވަންޝީ ގައި އަކްޝޭ ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ. މީގެ ކުރިން ރޯހިތު ޝެޓީ ވަނީ ފުލުހުންނަށް ހާއްސަކޮށް ސިންގްހަމް އާއި ސިމްބާ ގެ ނަމުގައި ދެ ފިލްމު ނެރެފައެވެ.