ޓުވިޓާގެ ޑިރެކްޓަރުންގެ ބޯޑު އުވާލައިފިއެވެ. އެެހެން ކަމުން މިހާރު އެކުންފުނީގެ ޑިރެކްޓަރަކަށްވެސް އަދި ވަގުތީ ސީއީއޯއަކަށްވެސް ހުރީ ހަމައެކަނި އެލޮން މަސްކްއެވެ. ޓުވިޓާގެ ހުުރިހާ ބޯޑު މެންބަރުން ވަކިކޮށްފައިވާއިރު، ޓުވިޓާގެ މަތީފަޑީގައި ތިބި ހުރިހާ ބޮޑުންވެސް ވަނީ ފުރަތަމަ ދުވަހު ވަކިކޮށް ގެއަށް ފޮނުވާލައިފައެވެ. މިދިޔަ ބުރާސްފަތިދުވަހު މާސްކް 44 ބިލިއަން ޑޮލަރު (38 ބިލިއަން ޕައުންޑް) އަށް އެ ކުންފުނި ގަތުމުގެ މަރުހަލާ ނިމުމާ އެކު ބޯޑުގެ ޗެއާމަން ބްރެޓް ޓޭލާގެ އިތުރުން ޗީފް އެގްޒެކެޓިވް ޕަރަގް އަގްރަވާލް؛ އާއި އެކު ޖުމުލަ ނުވަ ޑިރެކްޓަރުން ހިމެނޭ ބޯޑު މިވަނީ އުވާލާފައެވެ.
އެތައް މިލިއަން ޓުވީޓެއް ކޮންމެ ދުވަހަކު ކުރަމުން އަންނައިރު އެ ކޮންޓެންޓް މުރާޖައާކުރާނެ ކައުންސިލެއް އުފައްދަވާނެ ކަމަށްވެސް އެލޮން މަސްކުވަނީ އިއުލާން ކުރައްވައިފައެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރައްވާނެ ކަމަށާއި ކުރިން ބްލޮކް ކޮށްފައިވާ ބައެއް ޓުވީޓާ އެކައުންޓަ ތައް (ހާއްސަކޮށް އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް) އެނބުރި ޕްލެޓްފޯމަށް އައުމުގެ ހުއްދަ ދީފާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ގިނަ ރިޕޯޓްތައް ބުނާ ގޮތުގައި ޓުވީޓާ ބްލޫގެ އަގު 5 ޑޮލަރުން މަހަކު 20 ޑޮލަރަށްް ބޮޑުކުރުމަށް ރާވާފައިވާއިރު، ވެރިފައިޑް ޔޫޒަރުންނަށް ބްލޫ ޓިކް ބޭނުން ކުރުމާއި ނުކުރުމަށް 90 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓުވީޓާއިން އެ ޕްލޭންތަކާ ބެހޭ ގޮތުން އެއްޗެއް ނުބުނި ނަމަވެސް ވެރިފިކޭޝަނާ ބެހޭ ގޮތުން ޕްލެޓްފޯމްގެ ޔޫޒަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާސްކް ވިދާޅުވީ "މުޅި ވެރިފިކޭޝަން ޕްރޮސެސް މިވަގުތު މުރާޖާ ކުރަމުން އަންނަ" ކަމަށެވެ.
މިހާރު ވެރިފިކޭޝަން ސިސްޓަމަކީ ސަރުކާރުގެ ފަރާތްތަކާއި ކުޅިވަރު ތަރީންނާއި މުނިފޫހިފިލުވުމުގެ ފަރާތްތަކާއި ނޫސްވެރީންނާއި ބޮޑެތި ބްރޭންޑްތަކާއި ޖަމިއްޔާތައް ހިމެނޭ ގޮތަށް ޕްލެޓްފޯމްގައި ސައްހަ އަދި ނުފޫޒުގަދަ ޔޫޒަރުން ދެނެގަތުމަށް އެހީތެރިވެދޭ ސިސްޓަމެކެވެ. އެއީ އެކައުންޓެއް ފުރިހަމަވާން ޖެހޭ ކަމެއް – މާނައަކީ އެމީހުންގެ ނަމާއި ތަސްވީރާއި ޔަގީން ކުރެވިފައިވާ އީމެއިލް އެޑްރެހެއް ނުވަތަ ފޯނު ނަންބަރެއް ހުރުމާއި، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެކްޓިވް ވެފައިވުމާއި، ޓުވީޓާގެ ގަވާއިދުތަކަށް ތަބާވުމުގެ ރެކޯޑެއް އޮންނަން ޖެހޭނެއެވެ.
މިދިޔަ ހަފުތާގައި 44 ބިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރި ނިންމުމަށްފަހު މާސްކް ކުންފުންޏާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ޓުވީޓާގެ އޮއިވަރު ގަދަވެ މަސްހަރު ފޯރިގަދަ ވެފައިވާ މި މައްސަލާގައި އެކި މީހުން އެކި ވާހަކަ އަންނަނީ ދައްކަމުންނެވެ. އެލޮން މާސްކް ގަބޫލުކުރައްވާ ގޮތުގައި މިނިވަންކަމާއި އެކު ހިޔާލުފާޅުކުރުން އޮންނަންވާނީ ހުޅުވާލެވިފައެވެ. އެހެން ނަމަވެސް މި ބަދަލާއި އެކު ބައެއްފަރާތަކުން ދެކޭ ގޮތުގައި ޓުވީޓާ ނަހަމަ ގޮތުގައި ބޭނުން ކުރެވި ޓުވީޓުތައް ބެލުމުގެ ބައި މާބޮޑަށް ލުއިވެދާނެތީ ކަންބޮޑުވުންވެސް ވަނީ އުފެދިފައެވެ.