ޔުމްނާ މައުމޫން

ވޯލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗަރގެ އަށްވަނަ ބައްދަލުވުމުގައި މިނިސްޓަރު ޔުމްނާ ބައިވެރިވެވަޑައިގެންފި

ޝަހީދާ އަބްދުﷲ ސައީދު

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އާޓްސް ކައުންސިލްސް އެންޑް ކަލްޗާ އެޖެންސީސް (އިފަކާ) އިން މެލޭޝިޔާގެ ކުއަލަ ލަމްޕޫރުގައި ބާއްވާ ވޯލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗަރގެ އަށްވަނަ ބައްދަލުވުމުގައި އާޓްސް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު ޔުމްނާ ބައިވެރިވެވަޑައިގެންފިއެވެ.

އާޓްސް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިމަހުގެ 12 އިން 14 ގެ ނިޔަލަށް ކުރިއަށްދާ މިބައްދަލުވުމުގައި 81 ގައުމަކުން 432 މަންދޫބަކު ބައިވެރިވެއެވެ.

ސަމިޓްގެ މައިގަނޑު ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ''ހުޅުވިފައިވާ ވިސްނުމަކުން، ސަގާފަތާއި އިލްމާއި ބަދަލު'' އެވެ.

ހެރިޓޭޖުން ބުނީ މިއަހަރުގެ ސަމިޓްގައި ސަގާފަތާއި ފަންނުވެރިކަމުގެ ދާއިރާގެ ދިރާސާތައް ކުރައްވައި އަދި ސިޔާސަތުތައް ކަނޑައަޅުއްވާ ބޭފުޅުންނާއި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

މި ސަމިޓުގައި ސަގާފަތާއި ފަންނުވެރިކަން ކުރިއެރުވޭނެ ފަހުގެ ގޮތްތަކާއިމެދު މަޝްވަރާކޮށް އަމަލީ ގޮތުން އެކަންކުރެވޭނެ ގޮތްތައް ދެނެގަނެ، އެމަސައްކަތުގައި އެކި ގައުމުތަކުން އަމަލުކުރަމުންދާ ގޮތް ހިއްސާކުރާނެ ކަމަށް ހެރިޓޭޖުން މައުލޫމާތު ދެއެވެ.

އަދި ވޯލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗަރގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނެއްގައި ސަގާފަތާ ބެހޭ އިދާރާތަކާއި އެއިދާރާތަކާ ގުޅުންހުރި ތަފާތު އެކި ފަރާތްތައް އެއްތަންވެ މަޝްވަރާކުރެވޭނެއެވެ.

ސަމިޓުގައި ބައިވެރިވުމުގެ ސަބަބުން އެދާއިރާއިން ރާއްޖެ އާއި އެހެނިހެން ގައުމުތަކާއި އިތުރަށް ގުޅުން ބަދަހިވެ، ދިވެހިންނަށް އެ ދާއިރާއިން ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓަރު ޔުމްނާގެ މިދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކުރާމް އާއި ޑިރެކްޓަރު ޖެނެރަލް ހައްވާ ނަޒުލާ ބައިވެރިވެވަޑައިގެންނެވިއެވެ.