ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ އާ ޖާޒީ ސެޓު އާންމުކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިހާރު ނޭޕާލުގައި ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު އާ ޖާޒީ ފެނިގެން ދާނެ ކަމަށެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ ޖާޒީއެއް ކަނޑައެޅުމަށް ބީއެމްއެލް އިން ވަނީ އާންމުންނަށް ހުޅުވާލައިގެން ހާއްސަ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ފުރުސަތުގައި 100 ޖާޒީގެ ހިޔާލު ބީއެމްއެލްއަށް ހުށަހަޅާފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. އޭގެ ތެރެއިން ފައިނަލްވީ ޕްރޮޑަކްޓް ޑިޒައިނަރެއް ކަމަށްވާ ޝާޒިފް އާދަމް އެ މުބާރާތަށް ހުށަހެޅި ސެޓެވެ.
ބީއެމްއެލްއަށް ދިން އިންޓަވިއުއެއްގައި ޝާޒިފް ބުނީ ރަތް ޖާޒީ އަށް ހިޔާލު ލިބިފައިވަނީ "ރެޑް ސްނެޕާސް" އިން ކަމަށެވެ.
"ވަރަށް ބޮޑަށް އިވޭނެ ކޮމެންޓޭޓާސް ކިޔާ އަޑު، ދަ ރެޑް ސްނެޕާސް އާ އޮން ދަ ފީލްޑް އޭ. އެއީ އަސްލު މެއިން އިންސްޕިރޭޝަން އަކީ ރަތް ޖާޒީ ޑިޒައިންކުރިއިރު. ރަތް ޖާޒީން ފެންނާނީ ހަމަ ރެޑް ސްނެޕާއެއްގެ ހުންނަ ހުޅުނބުތައް،" ޝާޒިފް ބުންޏެވެ.
ނޫ ޖާޒީ ޑިޒައިން ކުރިއިރު ހިޔާލު ނަގާފައިވަނީ މުޅި ރާއްޖެ ވަށާލެވިފައިވާ މާ ކަނޑަށް ކަމަށާއި ޖާޒީން ފެންނާނީ ރާޅުތައް ފަދަ ޑިޒައިނެއް ކަމަށްވެސް ޝާޒިފް ފާހަގަކުރިއެވެ.
ބީއެމްއެލްއަކީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ އޮފިޝަލް ސްޕޮންސަރެވެ. ގައުމީ ޓީމުގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސާފައިވަނީ 2017 ވަނަ އަހަރުގައެވެ.
ސާފް ޗެމްޕިއަންޗިޕްގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމް މިއަދު ނުކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ.