ޕީޕީއެމް

ޕްރޮގްރެސިވް ކޮންގްރެސް އިން އެމެރިކާގެ ސަފީރާ ބައްދަލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލައިނާ ބީ ޓެޕްލިޓްޒްއާއި ޕްރޮގްރެސިވް ކޮންގްރެސްއިން ބައްދަލުކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި އެބައްދަލުވުމުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޕީއެންސީގެ ވަގުތީ ނައިބު ރައީސް މުހައްމަދު ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އަހުމަދު ޝިޔާމް ވިދާޅުވީ މިބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުގައި ބަހައްޓާފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، އެމަނިކުފާނު، ވާނުވާގައި ބަހައްޓާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށެވެ.

އަދި ރައީސް ޔާމީން ވާނުވާގައި ބެހެއްޓުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް ގާނޫނީ ގޮތުން ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރުގައި ބަހައްޓަނީ ސިޔާސީ ގޮތުންކަމަށް ވިދާޅުވެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީސް އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށާއި ޕީޕީއެމް އަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާކަންވެސް ސަފީރަށް ދެންނެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން ދެންނެވި ކަންކަން ބަލާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.