އިސްލާމީ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 14

އަބްދުﷲ ފާރޫގް ހަސަން

(17 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

ޢަރަބި ދައުލަތްތަކުންވަނީ الإخـــوان المسلـميــن ގެ މައްޗަށް ނިރުބަވެރިކަމުގެ ތުހުމަތުކޮށްފައެވެ. އެޖަމާޢަތުގެ ބާނީއަކީ إمـــام حـسن الــبنّــا އެވެ. މިސުރުގެ جـمــال عــبـدالـنّــاصـــر "އަހަރެމެންނަކީ ފިރުޢައުނުންގެ ދަރީންނޭ" ވިދާޅުވެ ނަޢުރާކުރައްވައި ފިރުޢައުނީ ތަހްޒީބާމެދު ފަޚުރުވެރިވާން މިސުރުމީހުންނަށް ދަސްކޮށްދެއްވާން ފެއްޓެވިއެވެ. އިޚްވާނުން އެކަމާދެކޮޅަށް އަޑުއުފުލުމުން އިޚްވާނުންގެ އިސް އެތައްބޭފުޅުންތަކަކަށް ދަންޖެއްސެވުމުގެ އަދަބު ދެއްވިއެވެ.

الإخـــوان المسلـميــن ގެ ތަޙްރީކަކީ ޞުލްޙަވެރި އިޞްލާޙީ ތަޙްރީކެކެވެ. އެތަޙްރީކަކީ 1948 ގައި ޢަރަބީންގެ ތެރެއިން އިސްރާއީލާ ދެކޮޅަށް ޖިހާދުކުރި ހަމައެކަނި ތަޙްރީކެވެ. މިސުރުން އިޚްވާނުން ނުހުއްޓުވިނަމަ އެމީހުން އިސްރާއީލުގެ މައްޗަށް ފަތަޙަ ހޯދުމުގެ އެކަށޭނަކަން އޮތެވެ. މިއަދު ގަލްފުގެ ޤައުމުތައްވަނީ އިސްރާއީލުގެ ޙަލީފުން ކަމުގައްޔާއި ރަޙުމަތްތެރީންކަމުގައި ވެފައެވެ. ފަލަސްޠީނުގެ މައްސަލައާމެދު ޙަޤީޤީ ޝައުޤުވެރިކަމެއްނެތެވެ. مسجــد الأقــصــــى މިނިވަންކުރުމުގެ މަސައްކަތް ހުއްޓައިލައިފިއެވެ. އެތަނެއްގައި މިޒަމާނުގެ އެންމެބޮޑު އިސްލާމީ ތަޙްރީކު ފެށުނު މިސުރުގައި جـمــال عــبـدالـنّــاصـــر ން ފެށިގެން حـسنِـى مـبــارك އާ ހަމަޔަށްވެސް އައީ ދީނާއި އަޚްލާޤާ ދެކޮޅަށް ކުރާ ބަޣާވަތް ސިލްސިލާވަމުންނެވެ. މިސުރުގެ ސަރުކާރު އޮންނަނީ ޢަސްކަރީންގެ މުށުތެރޭގައެވެ. ތުރުކިއޭގެ مـصطــفـــــى كــمــال ގެ ދައުރުގައި ތުރުކިއޭގެ ސަރުކާރު އޮންނަގޮތަށެވެ. ސަރުކާރު އޮންނަނީ ޢަސްކަރީ އޮފިސަރުންގެ ބާރުގެ ދަށުގައެވެ. މިސުރުގެ ޢަސްކަރީ އޮފިސަރުންކުރެ ގިނަބޭފުޅުންނަކީ އިސްލާމްދީން އަލުން އާރޯކޮށް ދިރުވުމުގެ ތަޙްރީކުތައް ބަރުދާސްތު ކުރެއްވޭ ބޭފުޅުންނެއްނޫނެވެ. މިސުރުގައި ޢަރަބި ބަހާރުގެ ތަޙްރީކު ފެށުމުން މިސުރުގެ ތާރީޚުގައި އެންމެފުރަތަމަ ފަހަރަށް މިނިވަން އިންތިޚާބެއް ބޭއްވުނެވެ. ވަރަށް ވަރުގަދަ ތާއީދަކާއެކު އިންތިޚާބު ކާމިޔާބުކުރީ އިޚްވާނުންގެ ސިޔާސީ ގޮފީންނެވެ. ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީންނެވެ. އެ ޕާޓީގެ ސަރުކާރުން ވަނީ މިސުރަށް އެންމެފުރަތަމަ އިސްލާމީ ދުސްތޫރު ހަދިޔާކޮށްފައެވެ. އެ ދުސްތޫރު ވަނީ ޢާންމު ރައްޔިތުންގެ ވަރަށްފުޅާ އަކްސަރިއްޔަތަކުން ފާސްވެފައެވެ. އެކަމަކު މިސުރުގެ އިންތިޒާމިއްޔާގެ އިސްފެމުސްވެރީންނާއި ބޮޑުނާއިބުން (އިސްފަނޑިޔާރުން) ނަކީ عــبـدالـنّــاصـــر އިން ފެށިގެން حـسنِـى مـبــارك އާ ހަމަޔަށް ދެމިގެންއައިސްފައިވާ ފާސިދުންގެ ބާކީއެވެ. މިސުރުގައި ތިބި ލާދީނީ ބައިބައިގަނޑުވެސް ތިބީ އިޚްވާނުންގެ މަޤްބޫލުކަމާމެދު ޙަސަދަވެރިވެފައެވެ. ނީހައިން ހިތްތައް ކަޅިވެފައެވެ. އަލަށް އުފެދުނު އިސްލާމީ ޖުމްހޫރީ ސަރުކާރު ވައްޓައިލާނެ ފުރުސަތަކަށް ބަލަބަލައެވެ. ނަތީޖާއަކީ މިސުރުގެ އިންތިޚާބީ ރައީސް محــمّـد المــــرسِــــى ބައިނަލްއަޤްވާމީ ކެހިވެރި ނުބައިރޭވުމެއްގެ ޝިކާރަޔަކަށް ހަދައިލެވުމެވެ. އެނުބައިރޭވުމުގެ ޙިއްސާދާރުންނަކީ ދުނިޔޭގެ ބޮޑެތި ބާރުތަކެވެ. ހަމައެކަނި ސަބަބަކީ محــمّـد المــــرسِــــى އަކީ އިޚްވާނީ ލީޑަރެއްކަމެވެ. މިސުރުގެ ކުރީގެ ވެރީން އިސްރާއީލާއެކު ސޮއިކުރައްވައިފައިވާ ހުރިހައި މުޢާހަދާތަކެއް مــــرسِــــى ބާޠިލުކޮށްލެއްވިކަމެވެ. ބޮޑެތި ބާރުތަކުގެ މަޤްޞަދަކީ މިސުރުގެ ކުރީގެ ސަރުކާރުތަކުން އިސްރާއީލަށް ދީފައިވާ ޢިނާޔަތްތަކަށް ނިމުމެއް އަޔަނުދިނުމެވެ. އެ ފިރުމުންތައް ދެމެހެއްޓުމެވެ.

ރައީސް محــمّـد المــــرسِــــى ވަނީ މިސުރާއި ފަލަސްޠީނުގެ ސަރަޙައްދުވެސް ހުޅުއްވައިލައްވައިފައެވެ. އޭގެސަބަބުން ފަލަސްޠީނު މީހުންގެ އުނދަގޫތަކަށް ލުޔެއް ލިބުނެވެ. محــمّـد المــــرسِــــى ގެ ފިޔަވަޅުތަކަކީ ތުރުކިއޭއަށްވެސް ހިތްހަމަޖެހުމެއް ލިބުނުކަމެކެވެ. مــــرسِــــى އަށް ވެރިކަމުގައި ދެމިހުންނެވުނުނަމަ ތުރުކިއޭގެ ރައީސް އުރްދުޣާނާ ގުޅިވަޑައިގެން ފަލަސްޠީނުގެ މައްސަލަ ޙައްލުކުރެއްވީހެވެ. مــــرسِــــى އާއި އުރުދުޣާނުގެ އަތުގުޅައިލެއްވުމުގެ ޒަރީޢާއިން ސޫރިޔާގައި بـشّـــار ގެ ލޭއޮހޮރުއްވެވުންވެސް ނިމުމަކަށް ގެންނެވުނީހެވެ. އެހެންކަމުން އިސްރާއީލުގެ ބެލެނިވެރީންކަމުގައިވާ ބޮޑެތި ބާރުތަކަށް ލޮލުފިޔަ ނުޖެހުނީއެވެ.

މިސުރުގެ އިސްލާމީ ސަރުކާރު ދެކޮޅަށް ބޮޑެތި ބާރުތަކުން ރާވައިލި ނުބައި ރޭވުމުގައި ބައިވެރިވެ އެކަމަށް އަތްބާރުއަޅައިދީ ފައިސާ ޚަރަދުކުރީ ގަލްފުގެ ޢަރަބިޤައުމުތަކުންނެވެ. އެއީ ނަމުގައި އިސްލާމީ ޤައުމުތަކެވެ. މާތްވެގެންވާ ދެޙަރަމުގެ ޚާދިމުންނެވެ. އިސްލާމީ ޤައުމުތަކާ ދެކޮޅަށް އެމެރިކާއިން ހިންގާ ކޮންމެ ޖަރީމާއެއްގެ ޚަރަދު ހޯދަނީ މުއްސަނދި އިސްލާމީ ޤައުމުތަކުންނެވެ. ޙަޤީޤަތަކީ ޢަރަބި ވެރީންނާ އިސްލާމީވަންތަކަމާ ދުރުތިމާގެކަމެއްވެސް ނުހުންނަކަމެވެ. އެޤައުމުތަކުގެ ސިޔާސީ ނިޒާމުވެސް ވެރިކަން ހިންގާ ތަންފީޒީ ނިޒާމުވެސް އިޤްތިޞާދީ ނިޒާމުވެސް އެތައްގޮތަކުން އިސްލާމީ ނިޒާމާ ފުށުއަރައެވެ. ވަޑިފަތިވެއެވެ. އެނިޒާމުތަކަކީ ޣައިރުއިސްލާމީ ނިޒާމުތަކެކެވެ. ބޮޑެތި ބާރުތަކުގެ ރަވައްޔާ އަބަދުވެސް ހުންނަނީ މިގޮތަށެވެ.

ބޮޑެތި ބާރުތަކުން ދަޢުވާކުރާގޮތުގައި އެބައިމީހުންނަކީ ޖުމްހޫރިއްޔަތުގެ ޙަވާލުދާރުންނެވެ. ބެލެނިވެރީންނެވެ. ޖުމްހޫރިއްޔަތަކީ އެބައިމީހުންގެ ގާތުގައި އެންމެ ލޮބުވެތި ނިޒާމެވެ. އެކަމަކު މިސުރުގައި الإخـــوان المسلـميــن، އަލްޖަޒާއިރުގައި އިސްލާމިކް ސެލްވޭޝަން ފްރަންޓުން، ފަލަސްޠީނުގައި ޙަމާސް ޖަމާޢަތުން އިންތިޚާބު ކާމިޔާބުކުރުމުން ބޮޑެތި ބާރުތަކުގެ ވެރީންގެ މޭފުޅުން ނަގާންފެށި ދިލައިގެ ވޭނުން އެބޭފުޅުންނަކަށް އިންނަވާކަށެއް އޮންނަވާކަށެއް ލިބިވަޑައެއްނުގެންނެވިއެވެ. މިސުރާއި ފަލަސްޠީނާއި އަލްޖަޒާއިރުގެ ސަރުކާރު ޤަބޫލުކުރައްވަން އިންކާރު ކުރައްވައިފިއެވެ. މިސުރުގެ ފަސާދަވެފައިވާ ސިވިލް ސަރވިސްއާއި ބޭދީނީ ފަނޑިޔާރުގެ ބޮޑެތިބާރުތަކުގެ ނުބައި ރޭވުމަށް އެހީތެރިވެދިނެވެ. مــــرسِــــى ގެ ކުރީން މިސުރުގައި ތިއްބެވީ ހައްތާވެސް ގޮށްމުށުބާރުގެ ރައީސުންނެވެ. އެކަކުވެސް އެރައީސުންގެ އަމުރުފުޅަކަށް އިންކާރެއް ނުކުރެއެވެ. އެކަމަކު ރައީސް مــــرسِــــى ގެ އަމުރުފުޅުތަކަށް ގޮންޖަހާން ފަށައިގަތެވެ. އެންމެފަހުން عــبـــدالــفـتّــاح السّـيـــســى މެދުވެރިކޮށް މިސުރުގައި ޢަސްކަރީ ބަޣާވަތެއް އުފައްދައިލިއެވެ. مــــرسِــــى ޖަލަށްލުމަށްފަހު سـيـــســى ތަޚްތުގައި ވަޑުވައިފިއެވެ.


މިނުބައި ރޭވުން ކާމިޔާބުކުރެއްވުމުގައި ގަލްފުގެ ޤައުމުތަކުގެ ފުރިހަމަ އެއްބާރުލުން عــبـــدالــفـتّــاح السّـيـــســى އަށް ލިބިވަޑައިގެންނެވިއެވެ. ސަޢޫދީއާއި އެމިރޭޓުން އެތަކެއް ބިލިޔަން ޑޮލަރު ދިނެވެ. ސީސީގެ ކުރިފުޅުމަތީގައި އެ ދެޤައުމުގެ ޚަޒާނާ އަނގަމަތިކޮށްލިއެވެ. މިސުރުގެ އިސްލާމީ ފިކުރުގެ މީހުންނަށް މިސުރުގެ ލާދީނީ ސަރުކާރުތަކުގެ ސިލްސިލާއަށް ނިމުމެއް ގެނެވުނީ އެތަކެއް ދަހަރުތަކެއްގެ ޤުރްބާނީއަށްފަހުގައެވެ. ނުހަނުގިނަ އުނދަގުލާއި ތުރާތައް އުފުލުމަށްފަހުގައެވެ. އެކަމަކު ކުރީންވެސް ދެންނެވިފަދައިން ދުނިޔޭގެ ބޮޑެތި ބާރުތަކަކަށް އެ އިންޤިލާބު ބަރުދާސްތެއް ނުކުރެވުނެވެ. ދުރުހިލޭ ޣައިރުމުސްލިމުންގެ ވާހަކަ އެއްފަރާތުގައި ބާއްވަމާ ހިންގަވާށެވެ. حــــــرمــيــــــن شــــريــفــيـــــن އަށް ނިސްބަތްވުމުގެ ޝަރަފު ލިބިފައިވާ ޤައުމަށްވެސް އެ އިންޤިލާބު ބަލައެއް ނުގަނެވުނެވެ. މިސުރުގެ އިސްލާމީ އިންޤިލާބާ ދެކޮޅު ހުރިހައި ޙަރަކާތެއް ހިންގައި ބެލެހެއްޓީ މިސުރުގައިހުރި ސަޢޫދީ އެމްބަސީންނެވެ. އަލަށް ބިންގާއެޅުނު އިސްލާމީ ސަރުކާރު ވައްޓައިލުމުގެ މަސައްކަތަށް ގަލްފުގެ ހުރިހައި ޤައުމުތަކަކުންވެސް ފައިސާ ޚަރަދުކުރިއެވެ. ކުވައިތާއި، އެމިރޭޓާއި ސަޢޫދީ ސަރުކާރުން މިހާރު ކަނޑައަޅައިފައިވަނީ އިޚްވާނުންނަކީ ނިރުބަވެރި ޖަމާޢަތެއް ކަމުގައެވެ. ކަންމިހެންހުރިއިރު ގަލްފުގެ މިފަދަ ޤައުމުތަކުގެ ސަރުކާރުތަކަށާއި ސަޢޫދީ ސަރުކާރަށް އިސްލާމީ ސަރުކާރުތަކެކޭ ކިޔޭނީ ކޮންދުލަކުންތޯއެވެ؟ ކޮންހަމައަކުންތޯއެވެ؟

މިސުރާއި ގަލްފުގެ ޤައުމުތަކުން އިޚްވާނުންނަށްފަހު ނިރުބަވެރިކަމުގެ ތުހުމަތު އަޅުވައިފައިވާ އިސްލާމީ ޖަމާޢަތަކީ ޙަމާސް ޖަމާޢަތެވެ. އެޖަމާޢަތުގެ ފުރިހަމަ ނަމަކީ "ޙަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ" އެވެ. شــيــخ أحـمـديــاســيـــن 1987 ގައި ޙަމާސް އުފެއްދެވީ އިޚްވާނުންގެ ޙަރަކާތްތެރި މެމްބަރުންކޮޅެއްގެ ތާއީދާއެކުގައެވެ. އިސްރާއީލުގެ ސަރުކާރުން އެބައިމީހުންގެ އެންމެ ނުރައްކައުތެރި ދުޝްމިނެއްކަމުގައި ދެކެނީ ޙަމާސް ޖަމާޢަތެވެ. އެޖަމާޢަތުން އިސްރާއީލް ޤަބޫލެއް ނުކުރެއެވެ. އެޖަމާޢަތުގެ މުހިންމަތަކީ ފަލަސްޠީނުގެ ޖިހާދެވެ. ފަލަސްޠީނުގެ އިންތިފާޟާއަކީ ޙަމާސްގެ ފަށައިގަތުމުގެ ޙަރަކާތެކެވެ. އިންތިފާޟާގައި ޙަމާސުންވަނީ އިސްރާއީލާ ދެކޮޅަށް ގާއުކާކުދީންގެ އެތަކެއްހާސް ކުދީންނެއް ނެރެފައެވެ. އެއީ އިސްރާއީލާ ދެކޮޅުހެދުމުގެ ވަރަށްބޮޑު ޙަރަކާތެކެވެ. ޙަމާސްގެ އެންމެބޮޑު މަޤްޞަދަކީ ފަލަސްޠީނު މިނިވަންކުރުމެވެ. ސިހްޔޫނީ ތަދުބީރުތަކާ ކުރިމަތިލުމެވެ. ޙަމާސަކީ ޚާލިޞް އިސްލާމީ ޙަރަކާތެކެވެ. ފަލަސްޠީނުގައި 2006މ. ގައި ބޭއްވި އިންތިޚާބުގައި ޣައްޒާގެ ޤާނޫނުހަދާ މަޖިލީހުގެ ވަރަށް ތަނަވަސް އަކްސަރިއްޔަތެއްހޯދީ ޙަމާސެވެ. إسـمــعــيــل هــنــيــة ގެ ރިޔާސަތުގައި ޙަމާސުން ސަރުކާރެއް އުފެއްދިއެވެ. އެމެރިކާއާއި އިސްރާއީލުން ގެންގުޅޭ ނިރުބަވެރީންގެ ލިސްޓުގެ އެންމެކުރީގައި އޮންނަނީ ޙަމާސްގެ ނަމެވެ. ހިތާމަޔަކީ ގަލްފުގެ ޤައުމުތަކުން އެމެރިކާއާއި އިސްރާއީލުގެ އަވާގައިޖެހި ޙަމާސަކީވެސް ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ލޭބަލްކުރިކަމެވެ. ޣައްޒާގައި އޮންނަނީ ޙަމާސުގެ ވެރިކަމެވެ. އެކަމާހުރެ ޣައްޒާގެ ވިހިލައްކަ މީހުންގެ އާބާދީއަށް ފެނާއި ކަރަންޓު ރަނގަޅަށް ނުލިބޭތާ އެތައްއަހަރެއް ވެއްޖެއެވެ. ދުވާލެއްގެ މައްޗަށް ފެން ލިބެނީ ކުޑަކުޑަ އިރުކޮޅަކުއެވެ. ލިބެނީވެސް ވަރަށް މަދުންނެވެ. ފާޚާނާތައް ފްލަޝްކޮށްލެވޭވަރުވެސް ނުވެއެވެ. އާބާދީގެ އެންމެންގެ ކަރުހިއްކުން ފިލުވޭވަރަށްވެސް ފެނެއް ނުލިބެއެވެ. އެންމެ ފެންފުޅިޔެއް އެތެރެކުރާންވެސް އިސްރާއީލް ސިފައިންގެ އަމުރު ހޯދާންޖެހެއެވެ. ޣައްޒާގެ ވިހިލައްކަ މީހުންގެ އާބާދީ ދިރިއުޅެނީ އިންތިހާދަރަޖައިގެ ދަތިޙާލުގައެވެ. އެބައިމީހުން ތިބެނީ އަސާސީ ޙައްޤުތަކުންވެސް މަޙްރޫމުކުރެވިފައެވެ. އެކަމަކުވެސް އެބައިމީހުންގެ ކިބައިގައި މިނިވަންކަމުގެ ރޫޙާއި ޝައުޤުވަނީ ހިތާއި ސިކުނޑީގައި ބިންވަޅު ނެގިފައެވެ.

މިސުރުންވަނީ ޣައްޒާއަށް ވަދެވޭ ހުރިހައި މަގުތަކެއް ބަންދުކޮށްފައެވެ. އެންމެފުރަތަމަ އެކަންކުރެއްވީ حـسنِـى مـبــارك އެވެ. ޣައްޒާގެ ރައްޔިތުންނަށް ދިރިއުޅެން ބޭނުންވާ ތަކެތި ހޯދޭންއޮތީ މިސުރު މަގުންނެވެ. އެހެންކަމުން މިސުރުން ރަފަހުގެ މަގު ބަންދުކޮށްލުމަކީ ޣައްޒާގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު އަނިޔާއެކެވެ. محــمّـد المــــرسِــــى މިސުރުގެ ރައީސްކަމުގެ ހުވާކުރެއްވުމާއެކު ރަފަހުގެ މަގު ހުޅުއްވައިލެއްވިއެވެ. އެމަގުގައި ލައިފައިވާ ތަޅު ކީހައިލެއްވީ محــمّـد المــــرسِــــى ގެ އަތްޕުޅުންނެވެ. ޤަޠަރުން ފޮނުވާ ކާބޯތަކެތި ޣައްޒާއަށް ލިބެނީ އެމަގުންނެވެ. ނަމަވެސް عــبـــدالــفـتّــاح السّـيـــســى އަށް ބާރު ލިބިވަޑައިގެންނެވުމާއެކު އަނެއްކާވެސް އެމަގުގައި ބޮޑުތަޅު އަޅުއްވައިފިއެވެ. ޣައްޒާ ބަންދުކޮށްލައްވައިފިއެވެ. މިހާރު ޣައްޒާއަކީ ހުޅުވިފައިވާ ބޮޑު ޖަލެއްގެ ނަމޫނާއެކެވެ.

ގަލްފުގެ ޤައުމުތަކުގެ ރަޙުމްކުޑަ ވެރީންގެ ކިބައިގައި އިސްލާމީ އަޚްލާޤިއްޔާތުގެ ކަންފުޅެއްވެސް ނުހުރެއެވެ. އެބޭފުޅުންނަކީ ބޮޑެތި ބާރުތަކުގެ ހޭމަތަކެކެވެ. އިސްލާމްދީނުގެ ދުޝްމިނުން ޙަމާސާ ޢަދާވާތްތެރިވެގެންއުޅެނީ ޙަމާސްގެ އެންމެއިސް މަޤްޞަދަކީ ފަލަސްޠީނު މިނިވަންކުރުން ކަމުގައިވާތީއެވެ. ހައިރާންވެ އަންތަރީހެއް ނުވާނެތޯއެވެ. އިސްރާއީލުން ބައިރޫތުގައި މުސްލިމުންގެ ޤަތުލުޢާންމެއް ހިންގުމުން އެއީ ނިރުބަވެރިކަމަކަށް ނުވިއެވެ. އެކަމަކު ޙަމާސުން ޣައްޒާގައި ފަލަސްޠީނު މީހުންނާއި އެބައިމީހުންގެ ޙައްޤުތައް ޙިމާޔަތްކުރާތީ ޙަމާސަކީ ޙައްދުފަހަނަޅައިފައިވާ ނިރުބަވެރި ޖަމާޢަތެކެވެ. އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން އިސްލާމީ އުންމަތާމެދު ދެކެނީ އެއުރެންގެ ޝިކާރަބިމެއް ކަމުގައެވެ. އިސްލާމީ ޤައުމުތަކާއި ޢަރަބި ޤައުމުތަކަކީ ހުޅަނގާއި އެމެރިކާގެ މަސީޙީންގެ ކުރިމަތީގައި ސަޙަރާގެ ފުއްލާތަކެކެވެ. އެފުއްލާތައް ތިބެނީވެސް ޝިކާރަކުރެވޭން ތައްޔާރުވެގެންނެވެ. އިސްލާމީ ޤައުމުތަކުގައި ހޭލުންތެރިކަން އުފެއްދުމާއި މަސީޙީންގެ ވަޙްޝީ އަނިޔާތަކާ ކުރިމަތިލާން ތައްޔާރުކުރުވުމަކީ އަފޫރުއްބަ ނިރުބަވެރިކަމެވެ. އިނގިރޭސިވިލާތާއި ޖަރުމަނުވިލާތްފަދަ ޔޫރަޕުގެ ޤައުމުތަކުގައި މުސްލިމުންގެ މިސްކިތްތަކަށާއި ޤަބުރުސްތާނުތަކަކަށް ޙަމަލަދިނުމަކީ ޢާންމު ކަމެކެވެ. މުސްލިމުން ރުޅިއެރުވުމަށްޓަކައި މިސްކިތްތަކަށާއި ޤަބުރުސްތާނުތަކަށް އޫރުމަސްކޮށައިފައި އުކުމަކީ މަސީޙީން ހިތްއުފާކޮށްލާން ކުޅޭކުޅިވަރެކެވެ. އެކަމަކު މިހިރީއަކީ ނިރުބަވެރިކަމުގެ ވާހަކަދައްކާ ތަންތާނގައި ދައްކައިއުޅޭ ވާހަކަތަކެއް ނޫނެވެ.

މިއީ ހުޅަނގުގެ ޤައުމުތަކާއި އިސްރާއީލުން ތަރައްޤީގެ ބޮންތި އަތުލުމެވެ. އިސްލާމާއި ހުޅަނގުވަންތަކަމާ ދެމެދު ހިނގަމުންދާ އަރައިރުންތަކުގައި ޢަރަބި ޤައުމުތަކުން އަބަދުވެސް އަރަނީ ހުޅަނގުގެ ކޮޅަށެވެ. އެމެރިކާގެ މުގޯއްޔަށެވެ. އިސްރާއީލުގެ އައްތަވާޅިއަށެވެ. އެމެރިކާއިން ބަޔަކާމެދު ނިރުބަވެރީންނޭ ބުނެފިކަމުގައިވާނަމަ ޢަރަބި ޤައުމުތަކުގެ ސުލްޠާނުންނާއި އަމީރުން ތިއްބަވަނީ އެބަޔަކީ ނިރުބަވެރީންކަމުގައި ހާސްފަހަރު ވިދާޅުވާން ތައްޔާރަށެވެ. ހުޅަނގުގެ މީހުން ހުއްދަނޫން މަންފާ ހޯދައި މުސްލިމުންގެ ލޭބޮއި މުސްލިމުންނަށް އަނިޔާކުރަމުންދާއިރު ޢަރަބި ޤައުމުތަކަކުން އަނިޔާލިބޭ ފަރާތްތަކަކާ ބައިވެރިޔެއް ނުވެއެވެ. އަދި ކީއްތޯއެވެ. އެހީތެރިވެދީ އެއްބާރުލުންދެނީ އަނިޔާވެރީންނަށެވެ. ބައިތުލްމަޤްދިސް މުސްލިމުންގެ އަތުން ބީވުމަކީ މިހާރު ޢަރަބީން ހިތާމަކުރާކަމެއް ނޫނެވެ. މުސްލިމުންގެ ފުރަތަމަ ޤިބުލަ އަލުން ހޯދުމުގެ މަޝްރޫޢެއްނެތެވެ. މުސްލިމުންކުރެ ބަޔަކު އެކަމުގެ ވިސްނުމެއް ގެންގުޅެފިކަމުގައިވާނަމަ އެބަޔަކީ ނިރުބަވެރީންނެވެ. އެމެރިކާ ފަތުވާއަކީ އެއީކަމުގައިވާތީއެވެ.

ޢަރަބީންގެ އުޒުރަކީ އެބައިމީހުންނަށް ސައިންސާއި ފަންނިއްޔާތުގެ ބާރުލިބިފައި ނުވުމެވެ. ސުވާލަކީ ޢަރަބި ޤައުމުތަކުން ދުރާލައި ބުއްދިވެރި މަޝްރޫޢުތަކެއް ނުރޭވީ ކީއްވެގެންހެއްޔެވެ. ޤުދުރަތުން އެބައިމީހުންގެ ފައިތިލަތަކުގެ ދަށުގައި ހިންގަވައިދެއްވައިފައި ކަޅުރަނުގެ މާކަނޑުން ލިބޭހައި ޑޮލަރުތަކުން އިންޑަސްޓްރިއަލް އިންޤިލާބަކަށް މަގުފަހިކުރުމުގެ ރޭވުންތައް ނުރޭވީ ކީއްވެގެންހެއްޔެވެ. ޙަޤީޤީ ބާރަކީ ޢަޒުމާއި ސާބިތުކަމާއެކު ކުރިޔަށް ފިޔަވަޅު އެޅުމެވެ. ވިއެޓްނާމާއި ކިއުބާއަކީ ސައިންސާއި ފަންނިއްޔާތުގައި އެމެރިކާއަށްވުރެ ކުރިއަރައިފައިތިބި ޤައުމުތަކެއް ނޫނެވެ. އެކަމަކު އެ ދެޤައުމުންވަނީ އެމެރިކާގެ ދަތްތައް ބުރިކޮށްލައިފައެވެ. އެ ދެޤައުމުގައި އެޅި އެމެރިކާގެ އުކުނުތައް ފިލުވައިލައިފައެވެ. އެބައިމީހުންގެ ވަރުގަދަ ޢަޒުމާއި ސާބިތުކަމުގެ ބާރުގައެވެ. ޢަރަބި ވެރީންގެ ހިތްޕުޅުތަކުގައި މުސްލިމުންގެ އެންމެފުރަތަމަ ޤިބުލަ މިނިވަންކުރެއްވުމުގެ ގަސްދެއްނެތީއެވެ. އެހެންވީއިރު ޢަރަބި ސަރުކާރުތަކާއި އެސަރުކާރުތަކުގެ އަމީރުންނާއި ރަސްރަސްކަލުންގެ އިސްތަށިފުޅުގައި ނާޤާބިލުކަމުގެ އިލްޒާމު ނާޅުވާންވީ ކީއްވެގެންތޯއެވެ؟

(ނުނިމޭ)