ދުނިޔެ

ޗާގޯސްގެ މައްޗަށް މޮރިޝަސްއިން ދައުވާކުރަނީ ކީއްވެ؟

އިމާދު ލަތީފު

2

ޗާގޯސްއަކީ އައްޑުއަތޮޅުގެ ދެކުނުން އިންޑިޔާކަނޑުގެ މެދުތެރޭގައިވާ އަތޮޅުތަކެކެވެ. ޖުމްލަ ފަސް އަތޮޅެއްގެ މައްޗަށް އެކުލެވޭ އެކިވަރުވަރުގެ ފަސްދޮޅަހަކަށް ރަށެވެ. އެތާގެ އެކި އަތޮޅުތަކަށާއި އެކި ރަށްރަށަށް ކިޔާ ތަފާތު ނަންތަކެއް ހުރެއެވެ. އެންމެ ބޮޑު ރަށަށް ކިޔަނީ ޑިއޭގޯގާސިއާއެވެ. އެރަށަށް ދިވެހިން ކިޔައި އުޅޭނަމަކީ ފޯޅަވައްސެވެ. މިހާރު އެއީ އެމެރިކާގެ ވަރަށް ވަރުގަދަ އަސްކަރީ މަރުކަޒެކެވެ. މިހުރިހައި ރަށްރަށާއި އަތޮޅުތައް އެއްކޮށްލައިގެން އިހުޒަމާނުގައި ދިވެހިން އެރަށްތަކަށް ކިޔަނީ ފެހެންދީބެވެ. ޑިއޭގޯގާސިއާ ހިމެނޭ އަތޮޅަށް ކިޔަނީވެސް ޑިއޭގޯގާސިއާއެވެ. އަނެއް ހަތަރު އަތޮޅަކީ މޯސްބީ އަތޮޅާއި ސޮލަމަން އަތޮޅު، އެގްމަންޓް އަތޮޅު އަދި ޗާގޯސްބޭންކް އަތޮޅެވެ. ފަހުން ބުނެވުނު ދެ އަތޮޅުގައި ރަށްރަށް ހުރީ ތަބައީ އަތޮޅުތަކާ ޚިލާފަށް ވަރަށް ދުރުދުރުގައި ވަކިވަކިންނެވެ.

ކުރިން މިދެންނެވި އަތޮޅުތަކުގެ އިތުރަށްވެސް ގެނބިފައިވާ ނުވަތަ ފެނުގެ އަޑީގައިވާ ހަތް އަތޮޅެއްވެއެވެ. އެއީ ސޮލްވިކޮރެސީސް ބޭންކް އަތޮޅު، ވިކްޓަރީ ބޭންކް އަތޮޅު، ކައުވިން ބޭންކް އަތޮޅު، ޕިޓް ބޭންކް އަތޮޅު، ގޭންޖަސް ބޭންކް އަތޮޅު، ވައިޓް ބޭންކް އަތޮޅު އަދި ސެންޗޫރިއަން ބޭންކް އަތޮޅެވެ. މިހުރިހާ އަތޮޅުތަކެއް އެއްކޮށްލީމާ ކަނޑުގެ ސަރަހައްދު ހިމަނައިގެން ޗާގޯސްގެ ބޮޑުމިނަކީ ގާތްގަޑަކަށް ހަލައްކަ އަކަކިލޯމީޓަރެވެ. އެކަމަކު ހިކިފަސްތަނުގެ ބޮޑުމިން އެންމެ ފަސްދޮޅަސް އަކަކިލޯމީޓަރެވެ. މި ރަށްތަކާއި މި ސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާކުރަނީ ދެ ގައުމަކުންނެވެ. އެއީ އިނގިރޭސިވިލާތާއި މޮރިޝަސްއެވެ. މި ދެ ގައުމަކީވެސް ޗާގޯސްގެ އަތޮޅުތަކާ ނުހަނު ދުރުގައިވާ ގައުމުތަކެކެވެ. އެންމެ ގާތުގައި އޮތީ ދިވެހިރާއްޖެއެވެ.

ހަގީގަތުގައި ދިވެހިރާއްޖެއާވެސް އެހާއެހާ ކައިރިއެއް ނޫނެވެ. ޗާގޯސްގެ އެންމެ އުތުރުގައި ދިވެހިރާއްޖެއާ އެންމެ ގާތުގައި އޮތީ މޯސްބީ އަތޮޅާއި ސޮލަމަން އަތޮޅެވެ. ދިވެހިރާއްޖޭގެ އައްޑުއަތޮޅާއި މިދެންނެވި ދެއަތޮޅުގެ ދުރުމިނަކީ ގާތްގަޑަކަށް 518 ކިލޯމީޓަރެވެ. މިއީ ގާތްގަނޑަކަށް ބަލާނަމަ، ކ. އަތޮޅުގެ ދެކުނު ބިތުން ފެށިގެން އައްޑޫސިޓީ ގަމާއި ދެމެދުގެ ދުރުމިނެވެ. އެއީ 280 ނޯޓިކަލް މޭލެވެ. ކޮންމެ ގައުމެއްގެ ސިޔާދަތީ ހައްގު ލިބިގެންވާ އޭރިއާއިން ފެށިގެން އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ނުވަތަ އީއީޒެޑަށް 200 ނޯޓިކަލް މޭލު ނެގީމާ ޗާގޯސްއާއި ދިވެހިރާއްޖޭގެ އީއީޒެޑް ފުށުއަރައެވެ. އެއީ މިދޭތެރޭގައި 400 ނޯޓިކަލް މޭލު ހަމަނުވާތީއެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ޗާގޯސް އާއި ދިވެހިރާއްޖޭގެ ދުރުމިނަކީ 280 ނޯޓިކަލް މޭލުކަމަށް ވުމުންނެވެ. އީއީޒެޑްގެ މި މައްސަލަޔަކީ ދިވެހިރާއްޖެއިން ހައްލެއް ހޯދާންޖެހިފައި އޮތް މައްސަލައެކެވެ.

ޗާގޯސްގެ އަތޮޅުތައް މިހައިތަނަށް ބެލެވެމުންއައީ އިނގިރޭސިވިލާތަށް ނިސްބަތްވާ ސަރަހައްދެއްގެ ގޮތުގައެވެ. ކިޔަނީވެސް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީސް މިހެންނެވެ. ބައިނަލްއަގުވާމީ ފޯރަމްތަކުގައި މިކަމަށް ޗެލެންޖުކޮށް ޗާގޯސްގެ މައްޗަށް ދައުވާކުރަމުން އައީ މޮރިޝަސްއިންނެވެ. މޮރިޝަސް އާއި ޗާގޯސްގެ ދުރުމިނަކީ 2200 ކިލޯމީޓަރެވެ. ބައިނަލްއަގުވާމީ ކޯޓުތަކުން މި މައްސަލައިގައި ބުރަވަނީ މޮރިޝަސްގެ ދައުވާއަށެވެ. އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއާއި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީސްގެ ރައުޔަކީ އަދި ނިންމުމަކީ އެއީ މޮރިޝަސްގެ ތަނެއް ކަމުގައެވެ. އިނގިރޭސިންނާ ބެހުމެއް ނެތް ތަނެއް ކަމުގައެވެ. އަދި އދ.ގެ އާއްމު މަޖިލީހުން 2021 ވަނަ އަހަރު ފާސްކޮށްފައިވާ ގަރާރުގައި ބުނަނީވެސް އެހެންނެވެ.

ޗާގޯސްގެ ރަށްތައް ގިނަވިޔަސް އަދި ސަރަހައްދު ބޮޑަސް، ޑިއޭގޯގާރސިއާއޭ ކިޔުނު ރަށްފިޔަވައި އެހެން އެއްވެސް ރަށެއްގައި އެއްވެސް ބަޔަކު މިހާރު ދިރިނޫޅެއެވެ. އެތާގައި ދިރިއުޅުނު އެންމެން އިނގިރޭސިވިލާތުން ވަނީ 1971 ވަނަ އަހަރު ފައްސައިލައިފައެވެ. އެމީހުންނަށް ކިޔަނީ ޗާގޯސިއަނުންނެވެ. މާނަޔަކީ ޗާގޯސްގެ އަހުލުވެރިންނެވެ. އެންމެ ގިނަބަޔަކު ގޮސް އަލުން ވަޒަންވެރިވީ މޮރިޝަސްގައެވެ. ބައެއް މީހުން ސީޝެލްސްއާއި އިނގިރޭސިވިލާތުގައެވެ. އޭގެފަހުން ޑިއޭގޯގާރސިޔާގައި ތިބެނީ އެމެރިކާއާއި އިނގިރޭސި ސިފައިންނެވެ. ދެން އެމީހުންނާ ކޮންޓްރެކްޓް ކުރެވިފައިވާ މަދަނީ ބައެއް މުވައްޒަފުންނެވެ. ޖުމްލަ ގާތްގަނޑަކަށް ތިންހާހެވެ. އެހުރިހާ މީހުންވެސް ގާއިމުވެގެން ތިބެނީ ޑިއޭގޯގާރސިއާގައެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުގައެވެ.

މޮރިޝަސްގެ ދައުވާ ސައްހަކަމަށް ދުނިޔެއިން ބަލައިގަތުމުގެ ސިއްރަކީ ކޮބައިބާވައެވެ. އެމީހުން ބުރަވަނީ ވަރަށް އަސާސީ ނުގުތާއަކަށެވެ. މޮރިޝަސްއަކީ ކުރިން ފަރަންސޭސީންގެ ކޮލޮނީއެކެވެ. ޗާގޯސްއަކީވެސް ފަރަންސޭސީންގެ ބާރު އޮތްތަނެކެވެ. އެތަން ބެލެހެއްޓީ މޮރިޝަސްގެ އިދާރީ އޮނިގަނޑުގެ ތެރެެއިންނެވެ. އެހެންނަމަވެސް 1814 ވަނަ އަހަރު ފްރާންސާއި އިނގިރޭސިވިލާތުން ސޮއިކުރި ޕެރިސް އަހުދުނާމާއަށްފަހު މޮރިޝަސްއާއެކު ޗާގޯސްގެ ކޮންޓްރޯލްވެސް އިނގިރޭސިވިލާތަށް ވަނީ ދޫކޮށްލައިފައެވެ. އިނގިރޭސިން ޗާގޯސް ބަލަހައްޓަމުން އައީ މޮރިޝަސްގެ ވިޔުގައިގެ ތެރެެއިންނެވެ. އެކަމަކު 1968 ވަނަ އަހަރު މޮރިޝަސްއަށް މިނިވަންކަންދިނީ ޗާގޯސް ވަކިކޮށް އިނގިރޭސީންގެ ތަނެއްކަމަށް ނިންމައިފައެވެ. އެހިސާބުން ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ދައުވާ ފެށުނީއެވެ.