އެންމެ ފަހުން ނެރުނު އެޕަލް ކުންފުނީގެ އައިފޯން 14 ޕްލަސްގެ ވިޔަފާރި ދަށްވެ އުފެއްދުންތައް މަދުކުރަމުން އަންނަ ކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނިން މި ފޯނު ތައާރަފުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އައިފޯން 14 ޕުލަސް އަކީ ޕުރޯ މެކްސްއާއި ސައިޒްގެ ގޮތުން ގާތްގަނޑަކަށް އެއްވަރު ފޯނެކެވެ. އެހެން ނަމަވެސް 2 ކެމަރާ ހިމެނޭ މިފޯނު ގަންނާނެ މީހުން މަދުވެފައިވަނީ ޕުރޯ މެކްސް ގިނަ މީހުންނަށް މާ ބޮޑަށް ކަމުދާތީއެވެ.
އައިފޯން 14، ޕުލަސް އަކީ 899 ޑޮލަރަށް ވިއްކާ ފޯނެކެވެ. 14 ޕުރޯ މެކްސް ގެ އަގު ކުޑަތަންކޮޅެއް ބޮޑުވިޔަސް ގިނަ މީހުން ދެކޭ ގޮތުގައި އައިފޯން 14 ޕުލަސް ފޯނެއްގައި އެއްވެސް އާކަމެއް ނެތެވެ. ޕުރޯ މެކްސް ގައި 3 ކެމަރާ ހިމެނޭ އިރު މިހާރު ބާޒާރުގައި ލިބެންހުރި އެންމެ ބެޓެރީ ވަރުގަދަ ފޯނަކީ ވެސް އައިފޯން 14 ޕުލަސް އާއި ސައިޒުން އެއްވަރު 14 ޕުރޯ މެކްސް އެވެ. އެހެން ކަމުން ޗައިނާގައި އުފައްދަމުން އަންނަ ފޯނުތަކުގެ 70 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ އަދަދެއްގެ އުފެއްދުން މަދުކުރަން އަންގާފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
އައިފޯން 14 ޕުލަސް ފޯނުގެ ވިކޭ ވަރު މަދުވިޔަސް އެހެން ފްލެގްޝިޕް ފޯނުތަކާ އަޅައިބަލާއިރު އައިފޯން 14 ޕްރޯގެ މޮޑެލްތަކަށް ކަސްޓަމަރުންގެ މެދުގައި ވަރަށް ބޮޑު ޑިމާންޑެއް އެބައޮތެވެ. ޑޭޓާ ރިސާޗް ކުންފުނިން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ވާގޮތުން އައިފޯން ޕުރޯ މޮޑެލްގެ ވިޔަފާރި ވަރަށް ރަނގަޅެވެ. އެހެން ނަމަވެސް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ސްމާޓްފޯނު ޝިޕްމަންޓްތައް ދަށްވެފައިވަނީ ފޯނު ގަންނަ މީހުންގެ އަތުގައި ހަރަދު ކުރާނެ ފައިސާ މަދުވެފައިވާތީއެވެ. ދުނީޔޭގެ އިގްތިސާދު ދަށްވުމާ ގުޅިގެން ކުރިއަށް އޮތް ހަ މަސް ދުވަހު ވެސް މީހުން (ސޮޕިން) ވިޔަފާރި ތަކަށް ކުރާ ހޭދަ މަދުވެގެން ދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.