އިމާދު ލަތީފު
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް ލިޒް ޓްރަސް ކެމްޕޭނު ކުރެއްވީ ފިކުރާއި ޚިޔާލާއި ހުނަރުގެ ގޮތުން އަދި ޝަޚުސުގެ ހަރުދަނާކަމުގެ ގޮތުން އެކަމަނާއަކީ ދެވަނަ މާގްރެޓް ތެޗަރ ކަމަށް ސިފަ ކުރައްވަމުންނެވެ. މާގްރެޓް ތެޗަރ އަކީ 1979 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރެވެ. އިނގިރޭސިވިލާތުގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. ވިހިވަނަ ސައްތައިގެ ތެރޭގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކީވެސް ތެޗަރ އެވެ. އަދި އެއީ 1975 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާ ހަމަޔަށް ކޮންޒަރވެޓިވް ޕާޓީގެ ލީޑަރެވެ. އެކަމަނާގެ ޝަޚުސިއްޔަތަށް ނިސްބަތްކޮށްފައި ގިނަބަޔަކު މުޚާތަބު ކުރަނީވެސް "ދަގަނޑު އަންހެނާ" ގެ ނަމުންނެވެ.
ދެވަނަ މާގްރެޓް ތެޗަރ ކަމަށް ވަކާލާތު ކުރެއްވި ލިޒް ޓްރަސް އާޚިރުގައި ވެގެންދިޔައީ އިނގިރޭސިވިލާތުގެ މުޅި ތާރީޚުންވެސް ފެނިފައިވާ އެންމެ ބަލިކަށި ބޮޑުވަޒީރު ކަމުގައެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވިތާ އެންމެ 44 ދުވަސްފަހުން މިދިޔަ ބުރާސްފަތި ދުވަހު އެކަމަނާ ވަނީ އިސްތިއުފާ އިއުލާން ކުރައްވައިފައެވެ. މަގާމުގައި ހިފަހައްޓައި ނުލެވިގެންނެވެ. ޒައާމަތުގެ ދޯދިޔާކަމުންނެވެ. ބަހާއި އަމަލު ދިމާނުކުރެވިގެންނެވެ. އެކަމަކު އައު ބޭފުޅަކު ކޮންޒަރވެޓިވް ޕާޓީގެ ޒައާމަތާ ހަވާލުވެވަޑައިގަތުމާ ހަމަޔަށް ވަގުތީގޮތުން ބޮޑުވަޒީރު ކަމުގައި ދެމިހުންނަވާނެއެވެ. ކޮންމެއަކަސް ތާރީޚުގައި ލިޒް ޓްރަސްގެ ނަން ލިޔެވިގެންދާނީ އެންމެ ކުރު މުއްދަތެއްގައި ވެރިކަން ކުރެއްވި ބޮޑުވަޒީރުގެ ގޮތުގައެވެ. މިހާތަނަށް އެ ލަގަބު އޮތީ އެންމެ 119 ދުވަހަށް ބޮޑުވަޒީރުކަން ކުރެއްވި ޖޯޖް ކޭނިންގއަށެވެ. ދައުރު ކުރުވީ 1827 ވަނަ އަހަރުގެ އޮގަސްޓް މަހު ޓީބީ ބަލީގައި އޭނާ އަވަހާރަވުމުންނެވެ.
ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އައު ބޮޑުވަޒީރަކު މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. އެހެންވީމާ ޖޯޖް ކޭނިންގެ ރިކޯޑު ކޮންމެ ގޮތެއްވިޔަސް މިފަހަރު ނިމުމަކަށް އަންނާނެއެވެ. އައު ރިކޯޑުގެ ވެރިޔަކީ ލިޒް ޓްރަސްކަމަށް ވާނެއެވެ. ލީޑަރެއްގެ ބަލިކަށިކަމާއި ނިކަމެތި ކަމާއި މަގާމު ގެއްލުނު ގޮތުގެ ވާހަކައިން އެންމެ ގިނައިން މިސާލުޖެހޭ ލީޑަރުކަމަށްވެސް ވާނެއެވެ. އޮކްޓޫބަރ ވިހި ވަނަ ދުވަހު ލިޒް ޓްރަސްގެ އިސްތިއުފާ އެކަމަނާ އިއުލާންކުރެއްވިއިރު މަގާމުގައި ހުންނަވާތާވީ އެންމެ 44 ދުވަހެވެ. އޭގެތެރެއިންވެސް ވަރަށް ބޮޑުބައެއް ހޭދަވީ ޗުއްޓީގައެވެ. ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން ސަރުކާރު ބަންދުކުރަންޖެހުމުގެ ސަބަބުންނެވެ. ދެވަނަ ދަގަނޑު އަންހެނާ ކަމަށް ދައުވާ ކުރެއްވި ޓްރަސް މިވީ އެއްވެސް ހަރުދަނާކަމެއް ނެތް ފީއިލޮށްޓަށެވެ.
އުމުރުފުޅުން 47 އަހަރުވީ ޓްރަސްގެ ވެއްޓުން އަވަސްވީފަދައިން އެކަމަނާގެ އެރުންވެސް އަވަހެވެ. ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ ގާނޫނުހަދާ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބުވެ ވަޑައިގެންނެވިތާ ބާރަ އަހަރު ފަހުންނެވެ. ސިޔާސީ މައިދާނުގައި ތަޖުރިބާމަދު ޒުވާނެކެވެ. އެހެންވީމާ ކަމަށްވެސް ވެދާނެއެވެ. ބޮޑުވަޒީރުގެ ގޮތުގައި ހުންނަވައިގެން ނިންމެވި ކޮންމެ ނިންމެވުމެއްވެސް އޭގެ އަނެއް ދުވަހު ގެންދެވީ ބަދަލު ކުރައްވަމުންނެވެ. އެނބުރޭ ވަހުތާނެކޭ އެއްގޮތެވެ. ޓްރަސްގެ އަވަސް ވެއްޓުމަކީ އިނގިރޭސިވިލާތުގެ ފަހުގެ ތާރީޚުން އޭގެ އެހެން މިސާލެއްވެސް ދެއްކެންނެތް ކަހަލަ އަވަސް ވެއްޓުމެކެވެ. ޓްރަސްގެ ވެއްޓުމާއެކު އިނގިރޭސި ލީޑަރޝިޕް މިވަނީ ޔޫރަޕުގެ ބޮޑު ޖޯކުކަމަށްވެސް ވެފައެވެ. އެންމެ ދެމަހުގެ ތެރޭގައި ފެންނާން އެއުޅެނީ ތިންވަނަ ބޮޑުވަޒީރެވެ.
އިނގިރޭސިވިލާތުގެ ދިގުވެގެންވާ ބަރުލަމާނީ ހަޔާތުގައި 56 ބޭފުޅުން މިހާތަނަށް ބޮޑުވަޒީރުކަން ކުރައްވާފައިވާއިރު މަގާމުގައި އެއްއަހަރު ހަމަނުކުރެވުނު ބޭފުޅުންގެ އަދަދު ގިނައެއް ނޫނެވެ. ވަރަށްވެސް މަދެވެ. މި ލިސްޓަށް ނަޒަރު ހިންގައިލާއިރު ވައިސްކައުންޓް ގޮޑެރިޗަށް މަގާމުގައި ހުންނެވުނީ 144 ދުވަހަށެވެ. ބޯނަރ ލޯ ހުންނެވީ 211 ދުވަހަށެވެ. ފަހުގެ ތާރީޚެއްގައި އަހަރެއްވެސް ހަމަނުކުރެވުނު ބޮޑުވަޒީރަކީ އެލެކް ޑަގްލަސް ހޯމެވެ. އޭނާއަށް 1963 ވަނަ އަހަރު މަގާމު ގެއްލުނީ އަހަރު ހަމަވުމުގެ ދެދުވަސް ކުރިންނެވެ. މަގާމުގައި ހޭދަކުރެއްވުނީ 363 ދުވަހެވެ. ލިޒް ޓްރަސްގެ ކުރިން މަގާމުގައި ހުންނެވި ބޮރިސް ޖޮންސަނަށް ވެރިކަމުގައި ހޭދަކުރެއްވުނީ ތިން އަހަރާއި 44 ދުވަހެވެ. އެހެންވީމާ އޭނާވެސް ޓްރަސްއަށްވުރެ އިތުރަށް ބަރާބަރު ތިން އަހަރު މަގާމުގައި ހުންނެވިއެވެ.
އަވަހަށް މަގާމު ގެއްލުނު ބޮޑުވަޒީރުންގެ ވާހަކަ ދައްކައިފައި ނިންމައިލުމުގެ ކުރިން އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންނަށް ބަލައިލުންވެސް މުހިއްމެވެ. މުޅިއެކު 9 ބޭފުޅަކު މަގާމުގައި 10 އަހަރު ހޭދަކުރެއްވިއެވެ. މާގްރެޓް ތެޗަރ އަކީ އޭގެތެރެއިން ބޭފުޅެކެވެ. އެކަމަނާގެ ވާހަކަ އިސްވެ ބަޔާންކުރެވިއްޖެއެވެ. އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވީ ޖުމްލަ އެކާވީސް އަހަރު މަގާމުގައި ހޭދަކުރެއްވި ރޮބަޓް ވޮލްޕޯލެވެ. މަގާމުގައި ވިހި އަހަރު ނުވަތަ އެއަށްވުރެ ގިނަދުވަސް ހޭދަކުރެއްވުނު ހަމައެކަނި ބޮޑުވަޒީރަކީ އޭނާއެވެ. އެކަމަކު އެއީ މީގެ 280 އަހަރު ކުރިންނެވެ. އޭނާގެ ބޮޑުވަޒީރުކަން ނިމުނުއިރު ގާޒީ ހަސަން ތާޖުއްދީނު ދިވެހި ތާރީޚު ލިޔުއްވުމުގެ މަސައްކަތް ފައްޓަވައިގެން އުޅުއްވަނީއެވެ.