އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 17

އަބްދުﷲ ފާރޫގް ހަސަން

ނައިކޯޕޯލިސް ހަނގުރާމަ

(14 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

ނައިކޯޕޯލިސް ހަނގުރާމައިގެ ވާހަކަ ހުރިހައި މުއައްރިޚުންވެސް ލިޔުއްވައިފައިވަނީ ދާދިއެއްކަހަލަ ގޮތަކަށެވެ. އެ މުއައްރިޚުންގެ ތެރޭގައި ކްރިސްޓިއަން މުއައްރިޚުން ކަމުގައިވާ ކްރޭޒީއާއި ލޭންޕޫލުވެސް ހިމެނިވަޑައިގަންނަވައެވެ. އެވާހަކަތައް މިލިޔަނީ "ދައުލަތެ ޢުޘްމާނިއްޔާ" އިން ނަކަލުކޮށްގެންނެވެ. "ދައުލަތެ ޢުޘްމާނިއްޔާ" ގައި އެވާހަކަތައް ލިޔުއްވައިފައިވަނީ ކްރޭޒީއާއި ލޭންޕޫލަށް ޙަވާލާދެއްވައެވެ.

"23 ޛުލްޤަޢިދާ 798 (24 ސެޕްޓެމްބަރ 1396) ގައި ކައުންޓު ޑި ނެވާސް އިންނެވީ އޭނާގެ ފަރަންސޭސި އެކުވެރީންނާއެކު ފަރީއްކުޅުއްވާން ސުފުރާކޮޅުގައެވެ. ކުއްލިޔަކަށް އެބޭފުޅުންނަށް ލިބިވަޑައިގެންނެވީ ތުރުކިއޭ ލަޝްކަރު ވަރަށް ކައިރިޔަށް އަތުވެއްޖެ ޚަބަރެވެ. ހުރިހައި ބޭފުޅުން ވަގުތުން ތެދުވެވަޑައިގެންފިއެވެ. ހަނގުރާމައިގެ ހަތިޔާރު އަޅުއްވާން ފައްޓަވައިފިއެވެ. އެބޭފުޅުން ބޭނުންފުޅުވީ ކުޑަކޮށްވެސް ލަސްކޮށްނުލައްވައި ވަގުތުން ހަނގުރާމަ ފައްޓަވާށެވެ. ޢުޘްމާނީން ހަނގުރާމައިގެ އުސޫލު ގެންގުޅޭގޮތް ސިގަސްމަންޑު ދެނެވަޑައިގަންނަވައެވެ. ތުރުކިއޭއިން އަބަދުވެސް ލަޝްކަރުގެ ކުރިޔަށް ނެރޭނީ ރަސްމީ ލަޝްކަރުގައި ނުހިމެނޭ އަދި ތަރުތީބެއްވެސް ނެތް ހަނގުރާމަވެރީންތަކެކެވެ. އެއީ ދުޝްމިނުންގެ އެންމެފުރަތަމަ ޙަމަލައިގެ ބާރު ކަނޑުވައިލުމަށްޓަކައި ކުރިޔަށްނެރޭ ބައެކެވެ. ތުރުކިއޭއިންގެ ޙަޤީޤީ ލަޝްކަރު އޮންނާނީ ނުރަސްމީ ހަނގުރާމަވެރީންގެ ފަހަތުގައެވެ. އެހެންކަމުން ސިގަސްމަންޑު ފަރަންސޭސި ސިފައިންނަށް މަޝްވަރާ ދެއްވިއެވެ. ކުރިޔަށް އެތިބަ ޢާންމު ހަނގުރާމަވެރީންނާ ޙަމަލަދެއްވައި ތިޔަބޭފުޅުންގެ ބާރުފުޅު ބޭކާރު ނުކުރައްވާށެވެ. ފަރަންސޭސި ބައެއް ކޮމާންޑަރުން އެ މަޝްވަރާ ޤަބޫލުކުރެއްވިއެވެ. ނަމަވެސް ގިނަބޭފުޅުންނަށް ހީފުޅުވީ ސިގަސްމަންޑު އިސްވެ ޙަމަލަދެއްވަން ބޭނުންފުޅުވަނީ ކަމުގައެވެ. އެހެންކަމުން ފަރަންސޭސި ގެމަތައް ހަންގޭރީންގެ ފަހަތުގައި ބައިތިއްބަވާކަށެއް އެބޭފުޅުން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ސިގަސްމަންޑުގެ މަޝްވަރާ އަނބުރާ ރައްދުކުރައްވައިފިއެވެ. ސިގަސްމަންޑުގެ މަޝްވަރާއާ އެންމެބޮޑަށް ދެކޮޅުހެދީ ފަރަންސޭސީންގެ ޒުވާން ފަހުލަވާނުންނެވެ. އެބައިމީހުން އައިފޯރީގައި ތުރުކިއޭ ޤައިދީންތައްވެސް ޤަތުލުކޮށްލައިފިއެވެ. އެ ތުރުކިއޭއިންނަކީ މި ސިލްސިލާގެ އިބްތިދާއީ ފަތަޙަތަކުގައި މަސީޙީން އަމާންކަން ދޭނެކަމުގައި ވަޢުދުވުމުން ހަތިޔާރު ބެހެއްޓި ޤައިދީންނެވެ.

"بــايـــزيــد خــــان އޭނާގެ ޚާއްޞަ ލަޝްކަރު މަޑުކުރެއްވީ ކުޑަތަންކޮޅެއް ދުރުގައެވެ. އެއަށްފަހު ތުރުކިއޭއިންގެ އާދައިގެމަތީން ކުރިޔަށް ފޮނުއްވީ ޢާންމު ހަނގުރާމަވެރީންތަކެވެ. އެބައިމީހުނަށް އެހީތެރިވެދިނުމަށްޓަކައި ޔެނިޗަރީ ސަވާރުންގެ ގެމައެއްވެސް ކުރިޔަށް ފޮނުއްވިއެވެ. ކުރީންވެސް ދެންނެވިފަދައިން ފަރަންސޭސީންގެ ޒުވާން ނައިޓުންނަކަށެއް ތުރުކިއޭއިންގެ ހަނގުރާމައިގެ ހޭޑިފޭޑިއެއް އެނގިވަޑައެއް ނުގަންނަވައެވެ. ޢުޘްމާނީންގެ ޙަޤީޤީ ލަޝްކަރު އޮންނާނީ ފަހަތުގައިކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އެބޭފުޅުންގެ ހިތްވަރުފުޅު ގަދަކަމުގެ ޖޯޝުގައި ސިގަސްމަންޑުގެ ވާހަކަފުޅުގެ އަޑެއް ނޭއްސެވިއެވެ. ފަރަންސޭސީން ފުރިހަމަ ބާރާއެކު ތުރުކިއޭއިންގެ އިސްލަޝްކަރާ ދިމާޔަށް އަރައިގެންފިއެވެ. ފަސޭހަކަމާއެކު އެމީހުން ބަލިކުރަމުން ކުރިޔަށް އަރައިގެން ހިނގައްޖެއެވެ. بــايـــزيــد خــــان ކުރިޔަށް ނެރުއްވައިފައިވާ ޔެނިޗަރީ ސިފައިންގެ ގެމަވެސް ފަޅައިލައިފައި ދިޔައީ ކުރިޔަށެވެ. ޒުވާން ފަރަންސޭސި ގެމަތައް އައިސްފައިތިބި ޖޯޝާއި ފޯރީގައި މާދުރަށް ކުރިޔަށްދިޔުމުގެ ސަބަބުން އެބައިމީހުނާ އިއްތިހާދީ ލަޝްކަރާ ވަނީ ގާތްގަނޑަކަށް ގުޅުންކެނޑިފައެވެ. ކުއްލިޔަކަށް އެބައިމީހުންނަށް ފެންނާންފެށީ بــايـــزيــد خــــان ގެ ސާޅީސްހާހުގެ މައްޗަށް އެކުލެވޭ ޚާއްޞަ ލަޝްކަރެކެވެ. بــايـــزيــد ގެ ޚާއްޞަ ލަޝްކަރު ފެނުމުން ފަރަންސޭސީންނަށް އެބައިމީހުންނަށް ހެދުނީ ވަރަށްބޮޑު ގޯހެއްކަން އިޙްސާސްކުރެވިއްޖެއެވެ. އަވަސްއަވަހަށް ފަހަތަށް ދެމިގަންނާން އުޅުނެވެ. އެކަމަކު މިހާރު އެކަންއޮތީ އެބައިމީހުންގެ އިޚްތިޔާރުން ބޭރުގައެވެ. އެބައިމީހުންގެ ކުރިމަތީގައިއޮތީ سلطـــان بــايـــزيــد ގެ ވަރުބަލިނުވެ ތާޒާކަމުގައިއޮތް ޚާއްޞަ ލަޝްކަރެވެ. ފަހަތަށް އެނބުރިލިއިރު އެމީހުން ވިއްސިވިހާލިކޮށްލި ތުރުކިއޭގެ ޢާންމު ހަނގުރާމަވެރީން އަލުން އިންތިޒާމުވެގެން އެބައިމީހުންގެ ފަހަތުން ދިމާކުރާން އަންނަނީއެވެ. ފަރަންސޭސީން ހައްޔަރުވީ ތުރުކިއޭއިންގެ ލަޝްކަރުގެ ދެދަތްގަނޑު ދޭތެރޭގައެވެ. ޖާނާއިގެން ފިލައިގެން ދެވޭނެގޮތެއް ނެތްކަން އެނގުމުން ފަރަންސޭސީން ނުހަނު ބިރުކުޑަކޮށްލައިފައި މަރަށްފުރާނަޔަށް ހަނގުރާމަކުރިއެވެ. ނަމަވެސް ފަރަންސޭސީންގެ ހަހާސް އަސްވާރުންގެ ތެރެއިން ތުރުކިއޭއިންގެ ކަނޑިތަކުގެ މިޔަދަށުން ސަލާމަތްވެގެން އިއްތިހާދީ ލަޝްކަރާ ހަމަޔަށް ދެވުނީ ހާލަކުން މީހަކަށެވެ. ގިނަމީހުން ތުރުކިއޭއިންގެ ކަނޑިތަކުން ޤަތުލުވީއެވެ. މަދުބަޔަކު ހައްޔަރުވެސްވިއެވެ.

سلطـــان بــايـــزيــد خــــان ސިގަސްމަންޑާ ކަނޑިޔާކަނޑިއަޅުއްވަން ލަޝްކަރާއިގެން ކުރިޔަށް ވަޑައިގެންނެވީ އެހައިތަނުންނެވެ. بــايـــزيــد ގެ ލަޝްކަރު ފެނުމާއެކު ދެނަކާދެނެއްނެތެވެ. އިއްތިހާދީންގެ ލަޝްކަރުގެ ދެފަރާތުގެ ދެއަރިމަތީގެ ގެމަތައް ފިލައިގެން ހިނގައްޖެއެވެ. ޝައްކެއްނެތެވެ. ލަޝްކަރުގެ މެދުތެރޭގެ ސިފައިން ފުރިހަމަޔަށް ސާބިތުވެތިބެ ހިތްވަރާއެކު ހަނގުރާމަކުރިއެވެ. ލަޝްކަރުގެ މެދުތެރޭގައިތިބީ ހަންގޭރީއާއި ބަވޭރިއާއާއި ސްޓައިރިޔާގެ ސިފައިންނެވެ. އެބައިމީހުންގެ ކޮމާންޑަރަކީ ޚުދު ސިގަސްމަންޑެވެ. އެކަމަކު ހަނގުރާމަ ދެމިއޮތީ ތިންގަޑިޔެއްހައިއިރުއެވެ. އިއްތިހާދީން ނުހަނު ލަދުވެތިގޮތަކަށް ބަލިވެއްޖެއެވެ. އެބައިމީހުންގެ އެތަކެއްހާސް ސިފައިން ޤަތުލުވެއްޖެއެވެ. ދިހަހާސް ސިފައިން ހައްޔަރުވެއްޖެއެވެ. ސިގަސްމަންޑު ހިމެނިވަޑައިގެންނެވީ ނަގޫނަގައިފައި ފިލައިގެންދިޔަ މަދުމީސްކޮޅުގެ ތެރޭގައެވެ."

مــــولانــا أكــبــــــر خــــان نجــيب آبــادى ލިޔުއްވައިފައިވެއެވެ.

"سلطـــان بــايـــزيــد خــــان ޢީސާއީންގެ ރާޅުޖަހަޖަހައިއޮތް މާސިންގާ ކަނޑެއްކަހަލަ ލަޝްކަރަށް ވަރުގަދަ ޙަމަލައެއް ދެއްވިއެވެ. އެ ލަޝްކަރުއޮތީ ލޮލުކޮޅަށް އޮބައިލާ ހިސާބަށް މައިދާނުގައި ފެތުރިފައެވެ. އޮނުދަނޑެއް ފަދައިންނެވެ. މުސްލިމުން ޙަމަލަދިނީ ޢީސާއީންގެ ހޮވައިލެވިފައިވާ ތަޖްރިބާކާރު ސިފައިންނަށާއި އޮފިސަރުންނަށް ކުރީން ހިތަށްވެސް ގެނެވިފައި ނުވާފަދަ ހިތްވަރާއި ޖޯޝާއި ފޯރިއާއެކުގައެވެ. ނުހަނު ޙައްޤު ގޮތުގައި ބުނެވިދާނެއެވެ. بــايـــزيــد خــــان ޔިލްދިރިމްގެ ލަޝްކަރަކީ އެކަތައިގެ ގުރުޒެކެވެ. އެގުރުޒުންވަނީ އެތަކެއް މޭލަށް ފެތުރިފައިހުރި ވެލީގެ ފާރުތައް އެގުރުޒުގެ ވަރުގަދަ އެތިއެތިފަހަރުން ކުދިކުދިކޮށް ވެއްޔާ މޮޑެލައިފައެވެ. ބަވޭރިޔާއާއި ސްޓައިރިޔާއާއި ހަންގޭރީގެ ލަޝްކަރުތައް ސާބިތުވެތިބެ މުސްލިމުންނާ މުޤާބަލާކުރިއެވެ. ނަމަވެސް އެބައިމީހުންވަނީ ކެކުރިއާއި މުޅާގޮނޑިތަކެއް ފަދައިން މުސްލިމުންގެ ތޫނު ކަނޑިތަކުން ކޮށައިލައި ލެޔާއި ވެއްޔާއި ހިރަފުހާ އެއްކޮށްލައިފައެވެ. އެގޮތުން މައިދާނުގައި ސާބިތުވެތިބި ބަޔަކުވަނީ ކަނޑިތަކުގެ ސުވާތަކަކަށްވެފައެވެ. ފިލައިގެންދާން އުޅުނު މީހުންކުރެ މަދުބަޔަކަށް ޖާނާއިގެން ސަލާމަތްވެގެން ދެވުނެވެ. ދެން ތިބިމީހުންވަނީ ފާތިޙު ލަޝްކަރުގެ އަސީރުންކަމުގައިވެ ތިމާމެންގެ ވުޖޫދާމެދު އަބަދަށްޓަކައި ހިތާމަކުރާން ޖެހިފައެވެ. ކޮންމެއަކަސް ވަރަށް އަވަހަށް ހަނގުރާމަ ނިމިއްޖެއެވެ."

"سلطـــان بــايـــزيــد خــــان ނައިކޯޕޯލިސްގެ މައިދާނުގައި ނުހަނު ނިކަމެތިގޮތެއްގައި ބަލިކޮށްލެއްވި ޢީސާއީ ލަޝްކަރަކީ ހަނގުރާމަވެރި ލަޝްކަރެއްގެ ވަރުގަދަކަމާމެދު ބެލެވޭ ހުރިހައި ނަޒަރަކުން ބަލާއިރުވެސް އިންތިހާދަރަޖައިގެ ގަދަފަދަ ލަޝްކަރެކެވެ. އެންމެމޮޅު ހަތިޔާރުތަކުން ހަތިޔާރު އަޅައިގެންތިބި ލަޝްކަރެކެވެ. އޭގެކުރީން ޢީސާއީންނަކަށް އެއްވެސް މައިދާނަކަށް އެވަރުގެ ވަރުގަދަ ބާރެއް ޖަމާކުރެވިފައެއް ނުވެއެވެ. ހަންގޭރީގެ ރަސްގެފާނު ސިގަސްމަންޑަށް އޭނާގެ ޖާނު ސަލާމަތްކުރައްވައިގެން ފިލައިވަޑައިގެންނެވުނު ކަމުގައިވިޔަސް ފްރާންސާއި އޮސްޓްރިޔާއާއި، އިޓަލީއާއި، ހަންގޭރީއާއި އެނޫންވެސް ޔޫރަޕުގެ ރަސްރަސްކަމުގެ ޕްރިންސުންނާއި ނަވާބުންނާއި ކޮމާންޑަރ އިން ޗީފުންކުރެ ގިނަޢަދަދެއްގެ ބޭފުޅުންވަނީ ހައްޔަރުކުރެވިފައެވެ. ބައެއް ބޭފުޅުންވަނީ މައިދާނުގައި ޤަތުލުވެފައެވެ. ނައިކޯޕޯލިސްގެ މިވަރުގަދަ ހަނގުރާމައިގައި ޢީސާއީންގެ ދޮޅުލައްކައެއްހައި ސިފައިންވަނީ ޤަތުލުވެފައެވެ." (ޞަފުޙާ: 343)

(މިތާނގައި ޚާއްޞަގޮތެއްގައި ފާހަގަކުރާންޖެހެއެވެ. ސާވިޔާގެ ރަސްގެފާނު ޝާހު ސްޓެފެންގެ ލަޝްކަރުވަނީ މިހަނގުރާމައިގައި سلطـــان بــايـــزيــد خــــان ގެ ޙިމާޔަތުގައި ހަނގުރާމަކޮށްފައެވެ. އެއީ ތުރުކިއޭއިންނަށް ލިބުނު ވަރަށްބޮޑު މަދަދެކެވެ.)

سلطـــان بــايـــزيــد خــــان ހަނގުރާމަ ނިމުމުން ހަނގުރާމައިގެ މައިދާނަށް ވަޑައިގެން ޤަތުލުވެފައިތިބި މީހުންތަކަށް ބައްލަވައިލެއްވިއެވެ. ހިސާބެއްނެތްހައި ގިނަ ޢީސާއީންނާއެކު ސުމާރެއްނެތްހައި ގިނަ ތުރުކިއޭއިންވެސް ޤަތުލުވެފައި ތިއްބެވެ. سلطـــان بــايـــزيــد އަށް އެމަންޒަރު ފެނިވަޑައިގެންނެވުމުން ފިޠުރީގޮތުންވެސް ވަރަށްބޮޑަށް ހިތްޕުޅު ދަތިވިއެވެ. ޢީސާއީންވަނީ މި ސިލްސިލާގެ އިބްތިދާއީ ހަނގުރާމަތަކުގައި ހައްޔަރުކުރެވުނު ތުރުކިޔޭއިންވެސް މި ހަނގުރާމައިގެ ތެރޭގައި ޤަތުލުކޮށްފައެވެ. މިދެންނެވި ތުރުކިޔޭއިންނަކީ ޢީސާއީން އެބައިމީހުންގެ ފުރާނަ ސަލާމަތްކޮށްދޭނެކަމުގައި ވަޢުދުވުމުން ހަތިޔާރު ބެހެއްޓި މީހުންނެވެ. ޢީސާއީން އެބައިމީހުންގެ ވަޢުދާ ޚިލާފުވެ އެ އަސީރުން ޤަތުލުކުރީއެވެ. سلطـــان بــايـــزيــد އަށް އެކަން އެނގިވަޑައިގެންނެވުމުން ހިތާމަފުޅު ވަކީންބޮޑުވިއެވެ. ކޯފާގެ އަލިފާން ހިތްޕުޅުގައި ހުޅުފަޅައިގެން ހިނގައްޖެއެވެ. بــايـــزيــد އަށް ލިބިވަޑައިގެންނެވި ނުތަނަވަސްކަމާއި ހިތާމަފުޅުގައި ގަސްދުކުރެއްވީ ޢީސާއީ ޤައިދީންގެ ކިބައިން ތުރުކިއޭއިންގެ ލޭގެ ބަދަލުހިއްޕަވާށެވެ. ޢީސާއީ ޤައިދީންގެ ދިހަހާސް މީހުންކުރެ ގިނަމީހުން ވިދިގެންއައިދުވަހު ޤަތުލުކޮށްލެއްވިއެވެ. ޤައިދީންގެ ބަޔަކު މުސްލިމު ސިފައިންގެ މެދުގައި ބައްސަވައިދެއްވިއެވެ. ހަނގުރާމައިގެ މައިދާނުގައި އެޤައިދީއަކު ހައްޔަރުކުރި މީހަކަށް އެޤައިދީއަކު ދެއްވީއެވެ. ޢިބްރަތެއްގެގޮތުން ޔޫރަޕުގެ ދައުލަތްތަކުގައި އިޝްތިހާރުކުރައްވަންވެސް ޤައިދީންގެ އެއްބަޔަކު ފޮނުއްވިއެވެ.

ކައުންޓް ޑި ނެވާސް އާއި އޭނާގެ ސައްބީސް ބައިވެރީން (ޝެހެޒާދާއިންނާއި ނަވާބުންނާއި ބޮޑެތި އަމީރުން) ޤަތުލުކުރުމުން އިސްތިސްނާ ކުރެއްވިއެވެ. އެބޭފުޅުން ދޫކޮށްލެއްވީ ގާތްގަނޑަކަށް އެއްއަހަރު ފަހުންނެވެ. ފްރާންސުން އެބޭފުޅުންގެ ފިދުޔައިގެ ފައިސާ ފޮނުވުމުންނެވެ.

ހިތްވަރުފުޅު ގަދަކަމުގެ މިސާލެއްކަމުގައިވާ ތާރީޚީ ތަޤްރީރެއް

އެޑްވަޑް ކްރޭޒީއާއި ލޭންޕޫލާއި އަދިވެސް އެތައް މުއައްރިޚުންނެއްވަނީ سلطـــان بــايـــزيــد ޔިލްދިރިމް ފަރަންސޭސި އަމީރުންގެ ކުރިފުޅުމަތީގައި ކުރެއްވި ހިތްވަރުފުޅުގަދަ ތާރީޚީ ތަޤްރީރު ނަކަލުކުރައްވައިފައެވެ.

ކައުންޓް ޑި ނެވާސްއާއި އޭނާގެ އަރިހުގައި ހައްޔަރުވި ފަރަންސޭސި އަމީރުން سلطـــان بــايـــزيــد ގެ ހެޔޮފުޅުކަމާއި އޯގާވެރިކަމަށް ޝުކުރު އަދާކުރައްވަން އޭނާގެ އަރިހަށް ވަޑައިގެންނެވުމުން سلطـــان بــايـــزيــد އެބޭފުޅުންނަށް ރަށަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވުމަށްފަހު ތަރުޖަމާނަކު މެދުވެރިކުރައްވައި ވިދާޅުވެއެވެ.

"ޖޯންއެވެ! އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. މަނިކުފާނަކީ މަނިކުފާނުގެ ޤައުމުގެ ވަރަށްބޮޑު ލޯޑަކީމުއެވެ. ބާރުފުޅުހުރި ޕްރިންސަކީމުއެވެ. ރަސްކަލެއްގެ ދަރިކަލަކީމުއެވެ. މަނިކުފާނަކީ އަދި ވަރަށް ޒުވާން ބޭފުޅަކީމުއެވެ. މަނިކުފާނުގެ ޢުމުރުފުޅުގައި އުންމީދީ އެތައް އަހަރުތަކެއް އަދި ބާކީ އެބައޮތެވެ. މީހުން މަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމު އެޅުވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަހަރުގެ ހަނގުރާމައިގެ މައިދާނުގައި މަނިކުފާނު ބަލިފުޅުވުމުންނެވެ. މަނިކުފާނު އެބަދުނާމާއި ނާކާމިޔާބުގެ ހުތުރު ލައްގަނޑު ފިލުވައިލައްވައި މަނިކުފާނުގެ ޢިއްޒަތާއި ރީތި ނަންފުޅު އަލުން ވިދުވައިލައްވަން ބޭނުންފުޅުވާނެއެވެ. އެހެންކަމުން އަޅުގަނޑަށް ހަނގުރާމައިގެ ދަޢުވަތު ދެއްވާށެވެ. އަޅުގަނޑާ ހަނގުރާމަޔަށް ވަޑައިގަންނަވާށެވެ. މިފަހަރު ތިޔައެއްކުރެއްވި ލަޝްކަރަށްވުރެ ބޮޑު އަދި ބާރުގަދަ ލަޝްކަރެއް އެއްކުރައްވައިގެންނެވެ. އަޅުގަނޑު ތިޔަބޭފުޅުންދެކެ ބިރުގަންނަނަމަ އަޅުގަނޑާ ދެކޮޅަށް ހަތިޔާރު ނުނަންގަވާނެކަމަށް ތިޔަބޭފުޅުންލައްވައި ހުވާކުރުވީމުހެވެ. ތިޔަބޭފުޅުންގެ މުޤައްދަސް އިންޖީލާއި އެނޫންވެސް މުޤައްދަސް ތަކެތި ގަންދެއްވައެވެ. އެކަމަކު ނޫނެކެވެ. އަޅުގަނޑު އެހެންނަކުން ނުހަދާނަމެވެ. އަޅުގަނޑު އުފާވާނީ މަނިކުފާނުގެ ޤައުމަށް ވަޑައިގެންފައި އަލުން ލަޝްކަރު އެއްކުރައްވައިގެން އަޅުގަނޑާ ހަނގުރާމަޔަށް ވަޑައިގެންނެވުމުންނެވެ. ތިޔަބޭފުޅުންނަށް އަޅުގަނޑު ފެނިވަޑައިގަންނަވާނީ ހަނގުރާމައިގެ މައިދާނުގައި ތިޔަބޭފުޅުންނާ ކުރިމަތިލާން ތައްޔާރުވެގެން ހުއްޓައެވެ. ތިޔަބޭފުޅުން ބޭނުންފުޅުކަމުގައިވާނަމަ އަޅުގަނޑު މިދެއްކި ވާހަކަ އަލުން ތަކުރާރުކޮށްދޭނަމެވެ. އެހެނީ ތިޔަބޭފުޅުންނަށް އަބަދުވެސް އަޅުގަނޑު ފެނިވަޑައިގަންނަވާނީ ޢަސްކަރީ ޙަރަކާތްތަކަށާއި އަޅުގަނޑުގެ ފުތޫޙާތުގެ ދާއިރާ އިތުރަށް ފުޅާކުރާން ތައްޔާރަށް ހުއްޓައެވެ."

ކްރޭޒީ ލިޔުއްވައިފައިވެއެވެ. ކައުންޓާއި އޭނާގެ އެކުވެރީން سلطـــان بــايـــزيــد ގެ ވާހަކަފުޅު ހިތްޕުޅުގައި ބިންވަޅު ނެންގެވިއެވެ. سلطـــان އަވަހާރަވެއްޖައުމަށްދާންދެން އެވާހަކަފުޅު ހަނދުމަފުޅު ނައްތައެއް ނުލައްވައެވެ. (ޞަފުޙާ: 43)

أكــبــــــر شــاه خــــان ލިޔުއްވައިފައިވެއެވެ. سلطـــان بــايـــزيــد خــــان ކައުންޓާއި އޭނާގެ އެކުވެރީންގެ އަރިހުގައި އިތުރަށް ވިދާޅުވިއެވެ. "ތިޔަބޭފުޅުންވަނީ ނުޙައްޤުން އަޅުގަނޑުގެ ރަށަށް ޙަމަލަދެއްވުމުގެ ތަކުލީފު އުފުއްލަވައިފައެވެ. އަޅުގަނޑު މިހިރީ ހަންގޭރީއާއި، އޮސްޓްރިޔާއާއި އިޓަލީވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް ފަތަޙަކުރާން ވަރުގަދަޔަށް ޢަޒުމު ކަނޑައަޅައިގެންނެވެ. އަޅުގަނޑުގެ އެދުމަކީ އިޓަލީގެ ރޯމަށްގޮސް ސެއިންޓް ޕީޓަރސްގެ ޤުރްބާންގާހުގައި އަޅުގަނޑުގެ އަހަށް މުގުމިރުސް ކާންދިނުމެވެ. އެހެންކަމުން މީގެފަހުން އަޅުގަނޑާ ތިޔަބޭފުޅުންނާ ބައްދަލުވާނީ ޚުދު ތިޔަބޭފުޅުންގެ ޤައުމުތަކުންނެވެ. "އެޑްވަޑް ކްރޭޒީ ވިދާޅުވާގޮތުގައި މިއީ سلطـــان بــايـــزيــد خــــان ވަރަށް ޢާންމުކޮށް ވިދާޅުވެއުޅުއްވާ ބޮޑާފުޅުކަމުގެ ބަސްފުޅެކެވެ. އިޓަލީ ފަތަޙަކުރައްވައި ރޯމުގެ ސެއިންޓް ޕީޓަރސްގެ ޤުރްބާންގާހުގައި އޭނާގެ އަސްކޮޅަށް މުގުމިރުސް ކާންދެއްވުމަކީ އޭނާގެ ހުވަފެންފުޅެކެވެ." (ޞަފުޙާ: 43)

(ނުނިމޭ)